ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިމާވެށީގެ ރޮނގުން ޚިދުމަތްތެރި ދެ އަހަރު ދުވަސް

އައްޑުއަތޮޅާއި ފުވައްމުލައް، ބަޔޮސްފިއާ ރިޒާވްއެއްގެ ގޮތުގައި ކަނޑައަޅައިފި
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ދަޢުލަތުގެ މައްޗަށް ލާޒިމްކުރާ ކަންކަމުގެ ތެރޭގައި ތިމާވެށި ހިމާޔަތްކުރުން ހިމެނެއެވެ. އެ ގޮތުން ދިވެހިރާއްޖޭގެ ޤުދުރަތީ ތިމާވެށްޓާއި، ދިރޭތަކެތީގެ މުއްސަނދިކަމާއި، ޤުދުރަތީ ވަސީލަތްތަކާއި، ރީތިކަން މިހާރުގެ ޖީލުތަކާއި އަންނަންއޮތް ޖީލުތަކުގެ މަންފާއަށް ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދައުލަތުގެ އަސާސީ ވާޖިބެއް ކަމުގައި ޤާނޫނު އަސާސީގައި ކަޅާއި ހުދުން ވަނީ ލިޔެވިފައެވެ. މި މުހިއްމު މަސައްކަތް ކުރުމުގެ ބޮޑު ޒިންމާ ހަވާލުވެފައި ވަނީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓާއެވެ.

ތިމާވެށި ހިމާޔަތްކުރުމަށް ތިމާވެއްޓާ ބެހޭ ވުޒާރާއަށް އޮތް ޒިންމާ ކުޑައެއް ނޫނެވެ. ކަމާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތައް ވުޖޫދުކޮށް، ތިމާވެށީގެ އެންމެހައި މައްސަލަތައް ޙައްލުކުރުމަށް މަގުފަހިކޮށްދިނުމުގެ އިތުރުން ތިމާވެށީގެ ކަންކަން މޮނިޓަރ ކުރަމުން ގެންދިއުމަކީ އެ ވުޒާރާގެ ޒިންމާއެކެވެ. ދުނިޔޭގެ އެހެނިހެން ކުރިއަރާފައިވާ ޤައުމުތަކުގައި ވެސް ވެށި ހިމާޔަތް ކުރުމުގައި ގެންގުޅޭ އަސާސްތަކުގައި ހިފައިގެން ނޫނީ ދިވެހިރާއްޖެއަށް ވެސް މިކަމުގައި ކުޅިފަސް ހޯދޭނެއެކޭ ބުނެވޭކަށް ނެތެވެ.

ފަތްތޫރައިގެ 135 ވަނަ ޢަދަދުގައި ‘ތިމާވެށި ރައްކާތެރިކުރުން – އެންމެންގެ މަސްއޫލިއްޔަތު،’ މި ސުރުޚީގެ ދަށުން އިބްރާހީމް ރަޝީދު މޫސާ ލިޔުއްވާފައިވެއެވެ.

“އިންސާނާއަށް މިއަދު ވަނީ ވެށީގެ މައްސަލައިގެ ނާޒުކުކަމާއި ނުރައްކާތެރިކަން އެނގި އިޙްސާސް ކުރެވިފައެވެ. އިންސާނުންނަށް މިވެށި ސަލާމަތްކުރެވޭނީ، މާތްﷲ އަންގަވާފައިވާ އުޞޫލުތަކާ އެއްގޮތަށް ޢަމަލުކުރެވިގެންނެވެ. ވެށްޓާއެކު މުޢާމަލާތު ކުރުމުގައި އަޚްލާޤީ ވަސީލަތްތަކާއި އެއްގޮތަށް ޢަމަލުކުރެވިގެންނެވެ. ވެށި ރައްކާތެރިކުރުމަކީ އެންމެންގެ މަސްއޫލިއްޔަތެއްކަން އެނގި އެކަމަށްޓަކައި މަސައްކަތް ކުރެވިގެންނެވެ.”

ތިމާގެ ފަރާތުން ވެށްޓަށް ކުރާ އަސަރު ކުޑަކުރުމަކީ ފަރުދީ ޒިންމާއެއް ކަމުގައި ދެކިގެން މެނުވީ ތިމާވެށި ހިމާޔަތްކުރުމުގައި ކުރި ހޯދޭކަށް ނެތެވެ. ދުވާލެއްގެ މައްޗަށް ތިމާ އުފައްދާ ކުނީގެ ނިސްބަތް މަދުކުރަންޖެހެއެވެ. އެކަން ހާސިލުކުރެވޭނީ އެއް ފަހަރު ބޭނުންކުރުމަށްފަހު އުކައިލާ ޒާތުގެ އުފެއްދުންތައް ގެންގުޅޭ ނިސްބަތް މަދުކޮށްގެންނެވެ. ތިމާވެއްޓާއި ރައްޓެހި އާދަތައް ވެސް އަށަގަންނުވައިގެންނެވެ.

ޕްލާސްޓިކަށް ނޫނެކޭ ބުނުމުގެ ތާރީޚީ ފިޔަވަޅު

އ.ދ.ގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރައްވަމުން މިދިޔަ އަހަރު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހު، ދިވެހިރާއްޖެއިން 2023 ވަނަ އަހަރުގެ ކުރިން ސިންގަލް-ޔޫސް (އެއްފަހަރު ބޭނުންކުރުމަށްފަހު އުކައިލާ ޒާތުގެ) ޕްލާސްޓިކް ފޭސްއައުޓް ކުރާނެކަން ނުވަތަ އެތެރެކުރުމާއި ބޭނުންކުރުން ހުއްޓައިލާނެކަން ޢިއުލާން ކުރުމާއެކު، އެކަން ޙާޞިލްކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ތިމާވެއްޓާ ބެހޭ ވުޒާރާއިން ދަނީ ރާވާ ހިންގަމުންނެވެ.

މި ހިނގާ ނޮވެންބަރު މަހުގެ ތެރޭގައި ސަރުކަރުން ވަނީ، އެ ކަމަށް ޚާއްޞަކޮށްފައިވާ ޕްލޭނަށް އަމަލުކުރަން ނިންމާފައެވެ. އެހެންކަމުން ކުރިއަށް އޮތް އަހަރުތަކަކީ، ތިމާވެށި ހިމާޔަތްކުރުމުގެ ދާއިރާއިން ދިވެހިރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދާނެ، އަދި ކާމިޔާބީ ލިބޭނެ އަހަރުތަކެއްގެ ގޮތުގައި ސިފަކުރެވެއެވެ. އަދި، އަންނާން އޮތް ޖީލުތަކަށް، ރާއްޖޭގެ ޤުދުރަތީ ރީތި ތިމާވެށި، ސަލާމަތްތެރިކަމާއި ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް އެޅި މި ފިޔަވަޅަކީ، ފަހުގެ ތާރީޚެއްގައި ދުނިޔޭގެ މަދު ޤައުމަކުން މެނުވީ އަޅާފައިނުވާ ފަދަ ފިޔަވަޅެކެވެ. ގައިމުކަމަކީ، މިއީ ތާރީޚީ ނިންމުމެއް ކަމެވެ. އަދި، އަޅުގަނޑުމެންގެ ކުރިއަށް އޮތް ޖީލުތަކުން ޝުކުރުވެރިވާނެ ނިންމުމެކެވެ. އަދި، އެހެން ޤައުމުތަކުން ނަމޫނާއެއްގެ ގޮތުގައި ދެކެން ޖެހޭ ފިޔަވަޅެކެވެ.

ތިމާވެށި ހިމާޔަތްކުރުމުގައި ނަމޫނާ

ތިމާވެށީގެ ދާއިރާއިން މި ފަހުން ހާސިލުކުރެވިފައިވާ ބައެއް ކަންކަމަށް ބަލައިލާއިރު، މި އަހަރުގެ ތެރޭގައި ތިމާވެއްޓާ ބެހޭ ވުޒާރާއާއި، އެ ވުޒާރާއާ އެކުގައި މަސައްކަތްކޮށްފައިވާ އެތަކެއް މަދަނީ ޖަމުޢިއްޔާތަކެއްގެ އެހީތެރިކަމާއެކު، އައްޑޫ ސިޓީއާއި ފުވައްމުލަކަކީ ޔުނެސްކޯ ބަޔޮސްފިއަރ ރިޒަރވް އެއްގެ ގޮތުގައި މި ވަނީ ކަނޑައެޅިފައެވެ. އެއާއެކު އެ ކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށްޓަކައި ބޭނުންވާނެ ޤާނޫނީ އިލްތިޒާމުތައް ވެސް ހަމަޖައްސާފައިވެއެވެ. މި ސަރުކާރު އައިފަހުން އެކަނި ވެސް ދިވެހިރާއްޖޭގެ 24 ސަރަޙައްދެއް ތިމާވެށީގެ ޤާނޫނުގެ ދަށުން މިހާރު ވަނީ ހިމާޔަތްކޮށްފައެވެ.

ތިމާވެއްޓާ ބެހޭ ވުޒާރާއިން ހިންގަމުންދާ ބޮޑެތި މަޝްރޫޢުތަކުގެ ތެރެއިން، ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙުކޮށް، އެ ޚިދުމަތް ސްޓޭންޑަޑައިޒް ކުރުން ފާހަގަކޮށްލެވެއެވެ. މިފަދަ އަނެއް މަސައްކަތަކީ ދިވެހިރާއްޖޭގެ މަލްޓި ހެޒާރޑް ރިސްކް އެޓްލާސް އިފްތިތާޙުކޮށް، އޭގެ އެހީގައި ތަރައްޤީގެ އެކި މަޝްރޫޢުތަކާ ބެހޭ ނިންމުންތައް ނިންމުމުގައި، ދިރާސާތަކުގެ އަލީގައި ގޮތްނިންމުމަށް އެހީތެރިވުމާއެކު، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުންނާއި، ޤުދުރަތީ އެކިއެކި ކާރިސާތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި މާލީ އެހީދޭ ފަރާތްތަކުން ފޯރުކޮށްދޭ އެހީ އެންމެ އެދެވޭ ގޮތުގައި ބޭނުން ކުރެވިގެންދާނެ ކަމުގެ ޔަޤީންކަން އެފަރާތްތަކަށް ހޯދަދިނުމެވެ.

މީގެއިތުރުން، ވެށި ތަޣައްޔަރުކުރާ މާއްދާތައް ޖައްވަށް ދޫކުރުން މަދުކުރުމަށް މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓެންސަސް ދެޓް ޑިޕްލީޓް ދި އޯޒޯން ލޭޔަރގެ ކިގާލީ އެމެންޑްމަންޓާއި އެއްގޮތްވާގޮތުގެ މަތިން އޯޒޯން ފަށަލައަށް ގެއްލުންދޭ ހައިޑްރޯފްލޯރޯކާބަންސް (އެޗް.އެފް.ސީ) ރާއްޖޭގައި ބޭނުންކުރާ މިންވަރު މަދުކުރުމަށްޓަކައި ފިނިކުރާ ނިޒާމުތަކުގައި ބޭނުންކުރާ މިފަދަ މާއްދާތައް ފޭސް އައުޓު ކުރުމަށް ނުވަތަ ބޭނުންކުރާ މިންވަރު މަދުކޮށް ހުއްޓައިލުމަށް ބޭނުންވާ ޤާނޫނީ އެންމެހައި އިންތިޒާމުތައް ހަމަޖެއްސުމާއި އެ ކަން ރެގިއުލޭޓްކުރުމުގެ މަސައްކަތް ވެސް ތިމާވެއްޓާ ބެހޭ ވުޒާރާއިން ދަނީ ކުރަމުންނެވެ.

ކުނި ބެލެހެއްޓުމާއި ތަޣައްޔަރުކުރުން ހުއްޓުވުން

ދިވެހިރާއްޖޭގެ ކުދި ޖަޒީރާ އެކަހެރި ރަށްތަކަކީ ވަޞީލަތް މަދު، ބެލެހެއްޓުން ދަތި، ގިނަ ޚިދުމަތްތަކެއް ޤާއިމްވެފައި ނެތް ރަށްތަކެކެވެ. މި ރަށްތަކުގައި ކުންޏަކީ ތުރާލެކެވެ. މި ރަށްތަކަކީ ކުނި މެނޭޖްކުރުމުގެ މަސައްކަތަށް އަހަރަކު އެތައް މިލިއަނެއް ހޭދަކޮށްގެން ނުފުދުނު ރަށްތަކެކެވެ. ތިމާވެއްޓާ ބެހޭ ވުޒާރާގެ މެންޑޭޓުގެ ތެރޭގައި ހިމެނިގެން ފިޔަވަހިތަކަކަށް ބަހާލައިގެން މިހާރު ވެސް އެކި ރަށްރަށުގައި ކުރަމުން އަންނަ ކުނި ބެލެހެއްޓުމުގެ މަސައްކަތަކީ ބުރަ ބޮޑު މަސައްކަތެކެވެ. މީގެ ކުރިން ލޭންޑްފިލް ކޮށްގެން ބަލަހައްޓަމުން އައި ކުނީގެ މައްސަލައަށް މިހާރު ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ ރާއްޖެ ފަދަ ބިމުގެ ޖާގައިގެ ގޮތުން ދަތި ޤައުމުތަކަށް ނަމޫނާ ނިޒާމެއް ކަމުގައިވާ ވޭސްޓް ޓު އެނަރޖީ ނުވަތަ ކުނިން ހަކަތަ އުފެއްދުމުގެ ނިޒާމެކެވެ.

މި މަސައްކަތް ހަރުދަނާކުރުމަށް ރ. ވަންދޫގައި އަޖުމަބެލުމަށް ފެށި ކުނި ބެލެހެއްޓުމުގެ މަސައްކަތް ކާމިޔާބުކޮށް، އެ ރަށުގައި ޤާއިމުކޮށްފައިވާ ރީޖަނަލް ވޭސްޓް މޭނޭޖްމަންޓް ފެސިލިޓީގެ އެހީގައި އެ ސަރަޙައްދުގެ ކުނީގެ މައްސަލައަށް އެދެވޭ ބަދަލުތަކެއް ދަނީ އަންނަމުންނެވެ. މުސްތަޤުބަލުގައި މިފަދަ ނިޒާމުތަކުން ރާއްޖޭގެ އެހެން ސަރަޙައްދުތަކުގައި ވެސް ތުރާލަކަށްވެފައިވާ ކުނި ބެލެހެއްޓުމާއެކު، އެކަމުން ނަފާ ހޯދިގެންދިއުމަކީ އެދެވޭ ބަދަލަކަށް ވެގެންދާނެވެ.

ކުނީގެ މައްސަލައަށް ދިގު ރާސްތާގައި ތިމާވެއްޓާ ބެހޭ ވުޒާރާއިން ގެންގުޅޭ ވިސްނުމަކީ “ތްރީ އާރް” ފޯމިއުލާއެވެ. އެއީ ރިޑިއުސް (މަދުކުރުން)، ރީޔޫސް (އަލުން ބޭނުންކުރުން) އަދި ރީސައިކަލް (އުކާލާތަކެތި ބޭނުން ހިފޭނެހެން ބަދަލު) ކުރުމުގެ ވިސްނުމެވެ. ނަމަވެސް ޤަބޫލުކުރަންޖެހޭ ހަޤީގަތަކީ ކުނީގެ މައްސަލައަކީ ދެ ތިން ދުވަހުން ހައްލު ހޯދޭ ވަރަށްވުރެ ބޮޑު މައްސަލައެއް ކަމެވެ. ޤާނޫނުތަކަކާއި ޤަވާއިދުތައް ހެދިދާނެއެވެ. އެހެނަސް މައްސަލައެއް ހައްލުކުރަން ބޭނުންވާނަމަ އެކަމުގެ ދެކޮޅު ބަލައި، އެކަމާ ގުޅުންހުރި އެންމެހައި އާފާތުތަކުގެ ފެށުމަށް ރުޖޫޢަވާން ޖެހެއެވެ.

ވުޒާރާ ހަރުދަނާކޮށް ރައްޔިތުންނާއި ގާތުން ޚިދުމަތް ދިނުމަށް

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީ.ޕީ.އޭ) މިނިވަންކުރުމަކީ މިސަރުކާރުގެ އެއް ވަޢުދެވެ. އީ.ޕީ.އޭ.އަށް މިނިވަންކަމާއެކު ހަރަކާތްތެރިވެވޭނެ މާޙައުލެއް ޤާއިމުކޮށްދިނުމުގެ ގޮތުން ސަރުކާރުން ވަނީ މީގެ ކުރިން ޓޫރިޒަމް މިނިސްޓްރީގެ ދަށުގައި ހުރި އީ.ޕީ.އޭ.ގެ ބާރުތައް އެ އިދާރާއަށް ރުޖޫޢަކޮށް، 11 އަހަރުވީ އީ.ޕީ.އޭ.ގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ގަވަރނިންގ ބޯޑެއް ވެސް އެކުލަވައިލާފައެވެ. މި ބޯޑުގައި ތިމާވެށްޓާ ގުޅުންހުރި ދާއިރާތަކުން މަތީ ތަޢުލީމު ޙާޞިލްކޮށްފައިވާ ފަރާތްތައް ހިމަނާފައިވެއެވެ.

ސަރުކާރުގެ މުހިއްމު އެއް ސިޔާސަތަކީ މާލެއާއި އަތޮޅުތަކުގެ މެދުގައި ޒަމާނުއްސުރެއޮތް ފަރަގުތައް ނައްތާލުމަށް މަސައްކަތްކުރުމެވެ. އެގޮތުން ސަރުކާރުން ވަނީ މާލެއާއި އަތޮޅުތަކުގެ މެދުގައި އެތައް ޒަމާނެއް ވަންދެން ތަފާތުކުރަމުން އައި ކަރަންޓުގެ ޓެރިފްގެ ފަރަގު ނައްތާލާފައެވެ. އަދި މިހާރު ވަނީ މާލެއާއި އަތޮޅުތަކުގައި އެއްހަމައެއްގައި ކަރަންޓުގެ އަގު ގެންގުޅުމުގެ އިންތިޒާމު ހަމަޖައްސާ، އެ އުޞޫލުން ޢަމަލުކުރަން ފަށާފައެވެ. މުޅި ރާއްޖޭގައި ކަރަންޓުގެ އަގު އެއް ހަމައަކަށް ގެނެސް، މޯލްޑިވްސް އެނަރޖީ އޮތޯރިޓީގެ ދަށުން، ދިވެހިރާއްޖޭގައި ދެވޭ ކަރަންޓުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މީގެ އިތުރުން ސްމާރޓް މީޓަރިންގއަށް ބަދަލުކުރުމާއި ކަރަންޓުގެ އިސްރާފު ކުރުން ކުޑަކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ހިތްވަރުދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތް ފާހަގަކޮށްލެވެއެވެ.

މި ސަރުކާރުން އެ ދަނީ ތިމާވެށީގެ ހިމާޔަތުގައި މަސައްކަތް ކުރަމުންނެވެ. ކަން ކުރަންވީ ގޮތުގެ މިސާލު ދައްކަމުންނެވެ. ދުނިޔޭގެ އެހެން ޤައުމުތަކަށް ފިލާވަޅު ނަގައިދެމުން، ނަމޫނާ ދައްކަމުންނެވެ. ދެން އޮތީ ފަރުދީ ޒިންމާއެވެ. އެއް ފަހަރު ބޭނުންކޮށްފައި އުކައިލާ ޒާތުގެ ޕްލާސްޓިކަށް ނޫނެކޭ ބުނަން އާދަކުރާށެވެ. ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ވިޔަފާރި ކުރަން ދާއިރު ފޮތި ކޮތަޅެއް ގެންދަން އާދަކުރާށެވެ. ވީ ވަރަކުން، ކުނި އުފެދޭ މިންވަރު މަދު ކުރާށެވެ. ތިމާވެށީގެ ދާއިރާއިން ވެސް ޚިދުމަތްތެރި މި ސަރުކާރުގެ ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، އެ ކމުގައި އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭށެވެ. ތިމާ ކުރާ ކުޑަކުޑަ ކަމަކުން ވެސް، ބޮޑެތި އަސަރުތަކެއް ކުރާނެކަން ޔަޤީނެވެ. ތިމާގެ މައިންބަފައިންނާއި، ކާބަފައިން ޢަމަލު ކުރި ގޮތުން ނަމޫނާ ލިބިގެންނެވެ. ތިމާއާއި، ތިމާގެ ޢާއިލާއާއި، ތިޔަ ޢާއިލާގެ ކުރިމަގަށް ވިސްނައިލާފައެވެ. ދަރީންނާއި، ދަރީންގެ ދަރީންގެ މުސްތަޤުބަލަށްޓަކައެވެ. އެ މީހުންނަށް، މި ރީތި ރާއްޖޭގެ އެންމެ ފުރިހަމަ ސިފަތައް ރައްކާތެރިކަމާއެކު ރައްދުކޮށްދޭށޭވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: