ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހި ހާރިޖިއްޔާއަށް ކާމިޔާބު، ގުޅުންތައް ބަދަހި ދެ އަހަރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ
ޝެއާރކޮށްލާ ކަހަލަދޯ؟

ނިމިދިޔަ ރިޔާސީ އިންތިޚާބަށްފަހު އަލަށް ވެރިކަމަށް ހޮވުނު އޭރުގެ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ) ގެ ކޯލިޝަން ސަރުކާރު އެކުލަވާލެވުމާއެކު ކުރިމަތިވެގެންދިޔަ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދިވެހިރާއްޖެ ދުނިޔޭގެ ސަފުން ބާކީކޮށް ބިކަކޮށްލާފައި އޮތްއޮތުމެވެ. ދިވެހިރާއްޖޭގެ ނަން ކިލަނބުކޮށްލައި، ދިވެހިން ބައިނަލްއަޤްވާމީ ސަފުން ބާކީވެފައި އޮތަނުދީ އައު ސަރުކާރުން ވޭތުވެދިޔަ ދެ އަހަރު ދުވަސްތެރޭ ކުރި ބުރަ މަސައްކަތުން މިއަދު ރާއްޖެ އަނބުރާ ބައިނަލްއަޤްވާމީ މައިދާނަށް ވަނީ ނެރެދީފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިޙުގެ ސަރުކާރުން އެންމެ ފުރަތަމަ ދުވަހުން ފެށިގެން ގެންގުޅުނު ހާރިޖީ ސިޔާސަތަކީ ބޭރު ޤައުމުތަކާއި ވީހާވެސް ގުޅުން ބަދަހިކުރުމެވެ. ސަރުކާރުން ދެކެމުން އައި ތަރައްޤީގެ ނާރެހަކީ ބަދަހިކަމުގެ ގުޅުންތަކުގެ ތެރެއިން ދިވެހީންނަށް ފަހި ފުރުސަތުތަކެއް ހޯދަދިނުމެވެ. ކުޑަކުޑަ ޖަޒީރާ މި ރާއްޖޭގެ އިޤްތިޞޯދުގެ ބޮޑު ބައެއް އިމްޕޯޓަށް ބަރޯސާވެފައިވާއިރު، ލާން ބޭނުންކުރާ އަންނައުނުން ފެށިގެން ކާޑަށް ދަންދެން އެތެރެކުރަނީ ބޭރު ޤައުމުތަކުންނެވެ.

ބޭރު ޤައުމުތަކާއެކު އޮތް ގުޅުން ހީނަރުވެ ދިވެހިން ބައިނަލްއަޤްވާމީ ސަފުން ބާކީކޮށްލި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ދިވެހިންނަށް ގެއްލުންވި އެތައް ނިންމުމެއް އެމޭރުން ނިންމާފައެވެ. އެގޮތުން ޤަތަރާއި އީރާން ފަދަ ޤައުމުތަކާއެކު އޮތް އެންމެހާ ގުޅުންތައް ކަނޑާލުމަށް ނިންމައި، އެކަން ފަހުރުވެރިވެ ދައްކާ ހެދިއެވެ. ކޮމަންވެލްތުން ވަކިވެ އެޖަމިއްޔާއަށް ބަދުބަސް ރައްދުކުރިއެވެ. ހަގީގަތަކީ އެކަމުން އާއްމު ދިވެހި ރައްޔިތު މީހާއަށްވީ ގެއްލުމަކީ މުއްސަނދި މަހުޖަނަށާއި ސިޔާސީ ވަޒީފާއިން މުސާރަ ނަގާ މީހަކަށް އޭގެ ނަތީޖާ ވަޒަންކުރެވޭނެ ޢަމަލެއް ނޫންކަމެވެ. ޤަތަރު ސަރުކާރުގެ އެހީގައި ހުޅުމާލޭގައި އަޅަން ނިންމައި، ޑިޒައިންވެސް ފައިނަލްކޮށް އާއްމުކުރި އިންޓަރނޭޝަނަލް ފުޓްބޯޅަ ސްޓޭޑިމް ގެއްލުނީއެވެ. ކޮމަންވެލްތު ޤައުމުތަކަށް އެކި ދާއިރާތަކުން ފަންނީއެހީ އާއި ތަމްރީނު ހޯދަދިނުމުގެ އިތުރުން އެކި މަޝްރޫޢުތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އައި އައުންވެސް ނިމުމަކަށް އައީއެވެ. އާދައިގެ ފަންތީގެ އާއިލާތަކަށް ނިސްބަތްވާ އަހަރެމެންގެ ތޫނުފިލި ކުދިންނަށް ކުރިން ލިބެމުންއައި ސްކޮލަރޝިޕްގެ ފުރުސަތުތައްވެސް ބަންދުވީއެވެ.

ދިވެހިރާއްޖޭގެ ތަސައްވުރު ބޭރުދުނިޔޭގައި ރަނގަޅުކޮށްދީ ދިވެހިރާއްޖެއާއި ބޭރު ދުނިޔެއާއި އޮތް ނުތަނަވަސްކަމުގެ ހައްލަކަށްވީ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުގެ ސަރުކާރުގެ ހާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދެވެ. އެމަނިކުފާނު މަޤާމާއި ޙަވާލުވެވަޑައިގެން އެންމެ އިސްކަމެއް ދެއްވައިގެން ކުރައްވަމުންގެންދެވި މަސައްކަތަކީ ދުރާއި ގާތުން އެންމެހާ ޤައުމުތަކާއި ރާއްޖެއާއި މެދު އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ މަސައްކަތެވެ. އިދިކޮޅު ފަރާތްތަކުން އެތައް ގޯނާއަކާއި ފުރައްސާރައަކަށް ރައްދު ދެއްވީ ހިނިތުންވުމާއެކުގައެވެ. އެންމެ ގާތުގައި އޮތް ސްރީލަންކާ އަދި އިންޑިޔާއާއެކުވެސް އޮތް ގުޅުން ބަދަހިކޮށްދީ، ބޭސްފަރުވާގެ އިތުރުން އެހެނިހެން ޒަރޫރީ ގިނަ ބޭނުންތަކަށް އިންޑިޔާއަށް ދާ ދިވެހިންނަށް ލުއި ގޮތްތައް ހޯދަދެއްވީވެސް އެމަނިކުފާނުގެ މިންނެތް މަސައްކަތްޕުޅުންނެވެ.

ސަރުކާރުގެ ފުރަތަމަ އަހަރުގެ ތެރޭގައި މިނިސްޓަރު ޝާހިދު ވަނީ 81 ގައުމެއްގެ އިސްވެރިންނާ ބައްދަލު ކުރައްވައިފަ އެވެ. އޭގެތެރޭގައި 11 ގައުމެއްގެ ރައީސުންނާއި 13 ގައުމެއްގެ ބޮޑުވަޒީރުންވެސް ހިމެނިވަޑައިގަންނަވައެވެ. މިބައްދަލުވުންތަކުގެ ތެރެއިން ގިނަ ޤައުމުތަކަކުން ދިވެހިންނަށް ވިސާގެ ލުއިތައް ހޯދަދިނުމާއި ބޭސްފަރުވާގެ އިތުރުން ލާމެހިފައިވާ ބައިނަލްއަޤްވާމީ ދުނިޔޭގެ ވިޔަފާރީގެ އެތައް ފުރުސަތެއް ދިވެހިންނަށް ހުޅުވިގެންގޮސްފައިވެއެވެ. ދިވެހިން އެންމެ ގިނައިން ދަތުރުކުރާ ޤައުމުތަކުން ފެށިގެންގޮސް ދިވެހިންގެ ދޫތަކަށް ފަރިތަނޫން ނަންނަން ދީފައިވާ ޤައުމުތަކުންވެސް ދިވެހިންނަށް ޙާއްސަ ލުއިތައް ތަޢާރަފުކުރުމަކީ މިރާއްޖޭގެ ތަސައްވުރު ބޭރު ދުނިޔޭގައި ރަނގަޅުވެއްޖެ ކަމަށް ދަލީލުދޭ ކަންކަމެވެ. ރާއްޖެއާއި ގާތުން ދުރަށް ބަލާނަމަ، ސްރީލަންކާއިން 90 ދުވަހުގެ އޮން-އެރައިވަލް ވިސާ ދިވެހިންނަށް ލިބޭނެ ގޮތް ހަމަޖެހިގެންދިޔަ އިރު، ޓޫރިޒަމާއި ބޭސްފަރުވާ އާއި ވިޔަފާރިއާގުޅޭ ދަތުރުތަކަށް ދިވެހީންނަށް ކޮންމެ ހަ މަސްދުވަހަކުން 90 ދުވަހަށް، ވިސާއާ ނުލައި އެގައުމަށް ދެވޭނެ ގޮތް ވަނީ ހަމަޖައްސައިދީފަ އެވެ. މީގެ އިތުރުން ކުރިން ވިސާ ނެގުމަކާ ނުލައި ޔޫއޭއީ، ރަޝިޔާ، ތައިލެންޑް، މޮރުކޯއަށް، ދިވެހިންނަށް ދަތުރު ކުރެވޭ ގޮތްވެސް ހަމަޖެހިގެން ގޮސްފައިވަނީ މިސަރުކާރުގެ ހަރުދަނާ ހާރިޖީ ސިޔާސަތުގެ ދަށުންނެވެ.

އަވަށްޓެރި ޤައުމުތަކާއެކު އޮތް ޒަމާންވީ ގާތް ގުޅުމަށް ހީނަރު އަންނަފަދަ މޭރުމުން ބަސްމަގު ގެންގުޅެ، ވަގުތީ ސިޔާސީ ފައިދާއަށް ޤާއިމްކުރެވިގެންދިޔަ ހާރިޖީ މަދު ގުޅުމަކުން ޤައުމުގެ ދަރަނިވެރި ކުރުވި ކުރީގެ ރައީސް ޔާމީނުގެ ސަރުކާރުން ވަނީ ޤައުމަށް ފުން އަނދަވަޅަކަށް ވައްޓާލާފައެވެ. ކޮންމެ ކަމެއް ޖެހުނަސް އެންމެ އަވަހަށް ދިވެހިރާއްޖެއާއި ދިވެހީންނަށް މަދަދުވެރި އިންޑިޔާ ސަރުކާރާއިމެދު އޭރުގެ ސަރުކާރުން ޢަމަލުކުރި އިހާނެތިކަމާއެކުވެސް ސަރުކާރު ބަދަލުވެގެން އައުމާއެކު ގާތުން މަސައްކަތް ދިވެހިންނަށް ބޭނުންވާ ދާއިރާތަކުން އެހީތެރިވެދޭނެކަން އެޤައުމުން ހާމަކޮށްދިނީ ހާރިޖިއްޔާއިން އެޤައުމާއިމެދު ބެހެއްޓެވި ހާއްސަ ޝައުގުވެރިކަމުގެ ތެރެއިންކަން ޔަގީނެވެ.

ހާރިޖީ ސިޔާސަތުގައި ތަފާތު ކުރުމެއްނެތި ދިވެހިންނަށް އެންމެ ފަހި ފުރުސަތުތައް ހޯދަދިނުމަށް އެކި ޤައުމުތަކާއެކު ބަދަހިކުރަމުންދިޔަ ގުޅުންތަކުގެ ހަގީގީ މަންފާ ދިވެހިންނަށް ފެނިގެންއައީ ކޯވިޑްގެ ބަލިމަޑުކަން ދުނިޔެއަށް ދިމާވި ހިނދު ބައިނަލްއަޤްވާމީ މުޖުތަމައުން ދިވެހިރާއްޖެއަށް ވެދިން އެހީތެރިކަމުންކަން ޔަގީނެވެ. މުޅި ދުނިޔެއަށް ކުރިމަތިވި މި ނުތަނަވަސް އަދި ދަތި ޙާލަތުގައިވެސް ޤައުމުތަކުން ދިވެހިރާއްޖެއަށް ކެނޑިނޭޅި އެހީތައް ހޯދެއްވުމަށް އެންމެ ބުރަ މަސައްކަތެއް ކުރަމުން ގެންދިޔައީ ދިވެހި ހާރިޖިއްޔާއިންނެވެ. ކޯވިޑް 19ގެ ބަލިމަޑުކަން ފެތުރި ޤައުމުތަކުގެ ބޯޑަރު ބަންދުކުރުމާއިއެކު ބޭރު ޤައުމުތަކުގައި ދިރިއުޅެމުންދާ ދިވެހީންނާއި އެކި ބޭނުންތަކަށް އެކިއެކި ބޭރު ޤައުމުތަކަށް ގޮސް އެނބުރި ރާއްޖެ ނާދެވި ހާލުގައިޖެހިފައި ތިބި އެތައް ދިވެހިންނެއްގެ ޙާލުބެލުމުގެ އިތުރުން އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން 24 ގަޑިއިރު ފޯރުކޮށްދެމުންދިޔައީ ބޭރު ޤައުމުތަކާއެކު ގާއިމުކުރެވުނު ހާއްސަ ގުޅުންތަކުގެ ތެރެއިންކަން ކަށަވަރެވެ.

އިންޑިޔާ – ޗައިނާގެ ކޯޅުންގަނޑުގެ ތެރެއަށް ނުވަދެ އެދެޤައުމާއެކު އެއްހަމައެއްގައި ތަފާތުކުރުމެއްނެތި ގުޅުންބަދަހިކުރުމުގެ ނަތީޖާއަކަށްވީ ދިވެހިރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެޤައުމުގެ ދެމެދުގައި ވާދަވެރިކަން އުފެދިގެން ދިއުމާއެކު އެކަމުން ދިވެހީންނަށް އިތުރު ފުރުސަތުތަކާއި އެހީތެރިކަން ލިބިގެންއައި ކަމަކަށެވެ. މިފަހުން ދިވެހީންނަށް ލިބުނު އެންމެ ބޮޑު އެއް ފަޚުރަކީ އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ ރާއްޖެއަށް ކުރެއްވި ދަތުރުފުޅެވެ. ޕޮމްޕެއޯގެ އެ ދަތުރުފުޅަކީ 1992 ވަނަ އަހަރު އެމެރިކާގެ އޭރުގެ ސެކެޓްރީ އޮފް ސްޓޭޓް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ އެފަންތީގެ ބޭފުޅަކު ރާއްޖެއަށް ރަސްމީ ދަތުރެއް ކުރެއްވި ފުރަތަމަ ފަހަރެވެ. މި ދަތުރުފުޅުން ރަމްޒުކޮށްދޭ އެއްކަމަކީ ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހިރާއްޖެ އަލުން ފައިތިލަ ސާބިތުކޮށްފައިވާކަމެވެ.

ސަރުކާރުން މިދިޔަ ފެބްރުއަރީ މަހު ވަނީ ދިވެހިރާއްޖެ ކޮމަންވެލްތުގެ މެމބަރު ޤައުމަކަށް ހަދައިދީފައެވެ. މިއީ ރަމްޒީ ގުޅުމެއް ނޫންކަން އެނގެނީ ކޮމަންވެލްތު ގޭމްސް ފަދަ މުބާރާތްތަކުގައި ދިވެހި އެތުލީޓުންނަށް ފުރުޞަތުތައް ފަހިވެގެންދިއުމުގެ އިތުރުން އެފަރާތްތަކަށް ބޭނުންވާ ތަމްރީނުގެ ފުރުޞަތުތައް ލިބިދިނުމުގައިވެސް އެޖަމިއްޔާގެ ހިއްސާ އޮތް މިންވަރު ބޮޑުކަމުންނެވެ. ކޮމަންވެލްތުގެ ތެރެއިން ދިވެހިންނަށް ލިބިދޭ އިތުރު ފުރުޞަތުތަކުގެ ތެރޭގައި 40 ޤައުމަކަށް އޮން-އެރައިވަލް ވިސާ ލިބުމާއި ކޮންމެ އަހަރަކުވެސް އެތައް ދާއިރާއަކުން މަތީ ތަޢުލީމުގެ ކޯސްތަކާއި ސްކޮލަރޝިޕްތައް ލިބިގެންދިއުމެވެ.

މިފަދަ އެތައް ފުރުސަތުތަކެއް ހޯދަދިނުމުގައި ދިވެހި ހާރިޖިއްޔާއިން ގެންގުޅޭ ތަފާތުކުރުމެއްނެތް، އެކުވެރި ސިޔާސަތުގެ ހަޤީޤީ މަންފާ ދިވެހިންނަށް ކުރިޔަށްހުރި އަހަރުތަކުގައިވެސް ލިބިގެންދިއުމަކީ ދިވެހީންގެ މުސްތަޤުބަލު އުޖާލާކޮށްދިނުމަށް ކޮށްދެވޭ އަގުހުރި ޚިދުމަތެއްކަން ޔަގީނެވެ. ސަރުކާރުން ރައްޔިތުންނާއިމެދު އޯގާތެރިވުމަކީ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފަހިކޮށްދިނުމަށް އަބަދުހެން މަސައްކަތްކޮށްދިނުމާއެކު ރައްޔިތުން އެދޭ ހެޔޮމަގުން ކުރިޔަށްދިއުމަށް މަގުކޮށައިދީ، އެކަމުގައި ސާބިތުވެ ތިބުމެވެ. ބާކީވެ ބިކަވެފައި އޮތް ރާއްޖެއަށް އާރޯކަން ހޯދަދިން ދެ އަހަރުގެ ބުރަ މަސައްކަތުގެ ފޮނިކަން ރައްޔިތުންނަށް މިއަދު ދަނީ ލިބެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: