އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ތެރެއިން އިތުރު 15 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ސިޔާސީ ޕާޓީތަކުންނާއި އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރުމަށް 2435 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ. އޭގެ ތެރެއިން މިއަދާ ހަމައަށް 83 ކެންޑިޑޭޓަކު ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
އީސީ އިން ބުނެފައިވަނީ މިފަހަރު ނަން އަނބުރާ ގެންދިޔަ ކެނޑިޑޭޓުންގެ ތެރެއިން ފަސް ކެންޑިޑޭޓުންނަކީ ކައުންސިލު އިންތިހާބުގެ އަންހެނުންނަށް ހާއްސަ ގޮނޑިއަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ކަމަށެވެ. އަދި 8 ކެންޑިޑޭޓުންނަކީ ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނަށް ވާއިރު ބާކީ ދެ ކެނޑިޑޭޓުންނަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ކުރިމަތިލާފައިވާ ދެ ކެންޑިޑޭޓުން ކަމަށް އީސީއިން ބުނެ އެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ ހާއްސަ ގާނޫނު 2020ގެ ތިންވަނަ މާއްދާގެ (ށ) ދަށުން، ކެންޑިޑޭޓުންގެ ނަން އަނބުރާ ގެންދިއުމުގެ ފުރުސަތު ހުޅުވާލީ ޖުލައި މަހުގެ 23 ވަނަ ދުވަހުއެވެ.
ނަން އަނބުރާ ގެންދިއުމަށް ބޭނުންވާނަމަ އެކަމަށް އެދި ހުށަހަޅާނީ ”ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގެ ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމަށް އެދޭ ފޯމު“ އިން ކަމަށް އީސީން ބުނެއެވެ.
މިއަހަރުގެ އޭޕްރީލް މަހު ބާއްވަން ހަމަޖެއްސި ކައުންސިލް އިންތިހާބު މިހާރު ބޭއްވުމަށް ނިންމާފައިވަނީ އަަންނަ އަހަރުގެ ކުރީކޮޅުއެވެ.

