ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ޖުމްލަ 86 ކެންޑިޑޭޓަކު ނަން އަނބުރާ ގެންގޮސްފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް މިއަދު ވިދާޅުވީ އިއްޔެގެ ނިޔަލަށް އެމްޑީޕީގެ ފަރާތުން ކައުންސިލަށް އިންތިހާބަށް ކުރިމަތިލާން ނިންމި 21 ކެންޑިޑޭޓަކާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރަން ނިންމި 20 ފަރާތެއް ނަން އަނބުރާ ގެންގޮސްފައިވާ ކަމަށެވެ.
އަދި އިދިކޮޅު ޕީޕީއެމް އިން ކައުންސިލަށް ކުރިމަތިލާން ނިންމި 10 ކެންޑިޑޭޓަކާއި، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރަން ނިންމި ދެ ފަރާތެއް ނަން އަނބުރާ ގެންގޮސްފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.
އަދި މީގެގ އިތުރުން ކައުންސިލަށް އިންތިހާބަށް ޖޭޕީން ކުރިމަތިލާން ނިންމި ހަ ފަރާތަކުން ނަން އަނބުރާ ގެންގޮސްފައިވާއިރު، އަމިއްލަ ގޮތުން ކައުންސިލް އިންތިހާބުގައި ވާދަކުރަން ނިންމި 22 ފަރާތަކުން ނަން އަނބުރާ ގެންގޮސްފައިވާ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.
އަދި އަމިއްލަ ގޮތުން އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ވާދަކުރަން ނިންމި 5 ފަރާތެއް ވެސް ނަން އަނބުރާ ވަނީ ގެންގޮސްފައެވެ..

