ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވައްކަންކުރާ ވާހަކަ ދައްކަން މިޖެހެނީ ވެސް ސޯޝަލް މީޑިއާގައި!

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ހިދުމަތްތައް/ ފޮޓޯ: އެމްޕީއެލް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އާއި ގުޅިގެން މުޅި މާލެ ފުރަބަންދުކޮށް ރައްޔިތުންނަށް ތިބެންޖެހުނީ ގޭގައި ހައްޔަރުވެގެންނެވެ. ތަނެއްދޮރެއް ދޮރާއްޓެއް އެނގޭ ގޮތެއްނެތެވެ. ގައުމުގެ ހާލަތެއް ގައުމު ކުރިއަށްދާ މިސްރާބެއްގެ އިޝާރާތެއް ނެތެވެ. އެންމެވެސް ހީކޮށްގެން ތިބީ އިޚުލާސްތެރި ސަރުކާރަކުން ރައްޔިތުންގެ ޙައްޤުގައި، މިހާލަތުން އަރައިގަންނަން މަސައްކަތްތަކެއް ކުރަނީ ކަމަށެވެ. ނަމަވެސް ކުރެވުނީ ކުށް ހީތަކެއް ކަމާއި ރައްޔިތުން ގޭގައި ހައްޔަރުކޮށް އަތް ދޮންނަން އަންގާފައި، އެހެން ބަޔަކު ދައުލަތުގެ މާލިއްޔަތު ދޮވެލަމުންދާކަން އެނގުނީ ބޭރު ތެރެއަށް ނުކުމެ ހޭލަމޭލަ ވާނެ ގޮތެއް ވުމުންނެވެ. ދައުލަތުގެ މާލިއްޔަތުން ފައިސާ ބޮޑިވަރުތައް ކިހިލި ޖަހައިލައިގެން ގެންދިޔަކަން ސާފުވީ މާފަހުންނެވެ.

ކޮވިޑް-19 އާއި ގުޅިގެން ރައްޔިތުން ގެއަށް ވައްދާފައި މިދިޔަ 10 ވަރަކަށް މަސްދުވަހުގެ ތެރޭގައި ފުރަބަންދުކޮށްފައި އޮތްއިރު އެމްޕީއެލްގެ އޮޕަރޭޝަންސް ހިންގި މުއްދަތުގެ ތެރޭގައި ކުންފުނިން ކޮށްފައިވާ ބައެއް މުއާމަލާތްތަކުގައި ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާކަން މިވަނީ ފަޅާ އަރާފައެވެ. ނޫނެކެވެ. ފަޅާ އަރުވާލީއެވެ. މިފަހަރު ޓްވީޓަރގައެވެ. އެމްޕީއެލް އިން ހިންގި 8 މިލިއަން ރުފިޔާގެ ވައްކަން ޓްވީޓާގައި ހިއްސާކުރީ އެކުންފުނީގެ ޗެއާމަންއެވެ. އެކަންކުރީ އެހެން ގޮތަކަށް ކުރިއެރުމެއް ނުލިބި އެކަމަށް ފިޔަވަޅެއްވެސް އެޅޭނެ ގޮތެއް ނެތުމުންނެވެ.

ވައްކަމާ ކޮރަޕްޝަން އާއި ކަންތައް ފަޅާއަރުވަން މިޖެހެނީ ޓްވީޓުންނެވެ. މިކަންކަން ހުއްޓުވަން މުއައްސަސާތަކާއި ރިޕޯޓިން ޕޯޓަލް ހުންނަނީ ނަމަކަށެވެ. މިގޮތަށް މި ހާބޮޑެތި ވައްކަން ފަޅާއަރުމުން ފިޔަވަޅު އަޅަނީ މަޖުބޫރު ވެގެންނެވެ. އެކަން އެމްޕީއެލްގެ ނޫސް ބަޔާނުންވެސް އެނގެއެވެ. އެމީހަކާ އެމީހެކެވެ. މިފަހަރުގެ ވައްކަމުގައި ބައިވެރިވެފައި މިވަނީ ދެ ކުންފުންޏެއްގެ ބައެކެވެ. ވައްކަންކުރީ ތެޔޮ ވިއްކުމުގައެވެ. މިފަހަރުވެސް ނަންވާނީ ކުރީ މެންބަރު ރިޔާޒް ރަޝީދު ތޯއްޗެކެވެ. ވަކިބަޔަކަށް ފޫޅުކަނޑައި ޒާތްޒާތުގެ ވާހަކަ ދެއްކުމެއްނެތެވެ. އެންމެންވެސް މިކުރަނީ އެއް ކަމެއްކެވެ. އަތްފޯރާ ހިސާބަށް އައިސްފިނަމަ ކޮންމެ ބަޔަކަށްވެސް ވައްކަން އެބަކުރެވެއެވެ.

ބޮޑެތި ވައްކަންތައް މި ކުރަނީ އޮފީސް ތަކުގައި އުޅޭ ސިޔާސީ ބޮޑުންނާ އެމީހުންނާ ގުޅޭ ނެޓް ވޯކް ތަކުންނެވެ. އެކަހަލަ ބައިވަރު މައްސަލަ ތައް އުޅޭނެ އެވެ. އޮފީސްތަކުގަ އުޅޭ ވެރީންގެ މައްސަލައެއް ނުބެލޭނެ އެވެ. އެކަން ބަލަން ޖެހޭނީ އެހެން މުވައްސަސާ އަކުންނެވެ. އެމްޕީއެލް ބޯޑްމެމްބަރުގެން ގެ ތެރޭގައި ހިމެނޭ ގިނަމީހުންނަކީ މި ބޯޑުގައި ތިބެގެން އެކުންފުނި ރަގަޅުކުރުމަށް ގާބިލް ބައެއްނޫނެވެ. އެ ސަބަބާއިހުރެ އެތަނުގެ ވެރިން ބަދަލުކުރަން ވެސް ސަރުކާރުން ވިސްނުން ގެންގުޅުނެވެ. ނަމަވެސް ނުފޫޒްގަދަ ބަޔަކާހުރެ އެކަން ހުއްޓާލީ އެވެ.

ދެން މި ގައުމު ކުރިއަރާނެ ގޮތެއް ނުވިސްނެއެވެ. ވައްކަންކޮއްފައި އެމީހުންގެ ތެރޭގައި އެކަކު އަނެކަކާއި ނަގޫ ގޮށް ޖެހުނީއެވެ. ކޮރަޕްޝަން ގެ މައްސަލަތަކަކީ ސީރިއަސްކޮށް ބަލާނެ މައްސަލަތަކެއް ކަމަށް ބުނަންވީ ޗެއާމަން ޓްވީޓް ކުރުމުން ރައްޔިތުން ރަތަށް އަރާނެކަން އެގުމަކުންނޫނެވެ. މިފަދަ ކަމަކާއި ދެކޮޅުހެދި ބޯޑް މެންބަރުންގެ ތެދުވެރިކަމާ މެދު ޝައްކުއުފެދިއްޖެއެވެ. މައްސަލަ ތަހުގީގުކުރާއިރު ޒީރޯ ޓޮލަރެންސް ޕޮލިސީގެ ދަށުން އެ މެންބަރުން އެކަހެރި ކުރުމަކީ މުހިންމު ކަމެކެވެ. މީހަކު ޓުވީޓް ކުރީމަ 12 ގަޑިއިރުފަހުން ބަޔާންނެރި، ވައްކަން ކުރީމަ ބޯޑުން ނެގި ވޯޓުގައި 4 މެންބަރުން ވޯޓް ނުދިނުމަކީ ބޮޑު ޖޯކެކެވެ. ދެންވެސް މިބުނަނީ ވަރަށް ސީރިއަސްކޮށް ކަރަޕުޝަން ބަލާ ކޮންޕެނީއެއް ކަމަށެވެ. ވޯޓް ނުދިން ބޯޑް މެންބަރުންގެ ނަން ހާމަ ކުރުމާއިއެކުމެ ވަގުތުން، ވަގުތައް، ވަކިކުރެވެންޏާ ބޭކާރު ވާހަކަ ދައްކާނެކަމެއް ނެތެވެ.

ޓްވީޓް ކުރުމަކުން އެމްޕީއެލްގެ ޗެއާމަނަށް ސަލާމަތެއް ނެތެވެ. އައިއެމް ސޮރީ އޭ ބުނުމަކުން ނުނިމޭނެ އެވެ. ފެންފޮދަކާއި ނުލާ 8 މިލިއަން ދިރުވާލުމަކީ ކުޑަކަމެއް ނޫނެވެ. ތަޅުދަނޑި ދީ ތަޅު ބަދަލު ކުރާ ސަރުކާރެއްގައި ހައްޤު ބަޔާން ކުރެވޭނީ މިކަހަލަ ގޮތަކަށެވެ. ނޫނީ ފަހު ދުވަހު ތި ހުރިހާކަމެއް ނިކަމެތި މީހާގެ ބޮލަށްޖަހާ އެމީހެއްގެ ފޫކޮޅުން ހަންދަމާވަރު ކުރާނެއެވެ. ޒީރޯ ޓްލެރެންސްގެ މާނައަކީ އެކި މީޙުންނަށް އެކި ގޮތް ހަދާދިނުމަށްވެ ނިމިއްޖެއެވެ.

ޒީރޯ ޓޮލަރެންސް އަކީ އެއީ ހަމައެކަނި ނަމެކެވެ. ސަރުކާރުގެ ތެރޭގައި ކުރާވައްކަން މިހާރު މާގިނައެވެ. ވައްކަން ނުކުރާ ހަމަ އެއްމެ ދާއިރާއެއްވެސް ސަރުކާރުތެރޭގައިނެތޭ ބުނެވޭ ވަރަށް ވައްކަން ވަނީ ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ ތެރޭގައި އާމުވެފައެވެ އެކަންކަމާއި ދެކޮޅުހަދާ އެއިން ތަނެއްގެ މުވައްޒަފަކު އެވާހަކަ ދައްކައިފިނަމަ އެމީހަކަށް އެތައް ބިރެއްދައްކައި އެތައް ފިއްތުންތަކެއް ކުރިމަތިކުރުވައި ވަޒީފާއިންވެސް ވަކިކުރެއެވެ. އެކަމަކު ވައްކަންކުރާ މީހާ ވަކިކުރާކަށް ނުކެރެއެވެ. އެކަން ފަޅާއަރުވާލަންވެސް މިޖެހެނީ ސޯޝަލް މީޑިއާގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: