އޭއެފްސީ ކަޕުގެ މޮޅު ގޯލު ހޮވުމުގެ ބްރެކެޓް ޗެލެންޖް ކާމިޔާބު ކުރުމަކީ ދިވެހިރާއްޖެ އާއި ދިވެހި ފުޓުބޯޅައަށް ލިބުނު ވަރަށް ރީތި ނަމެއް ކަމަށް އެ ޗެލެންޖު ކާމިޔާބު ކުރި އަލީ އަޝްފާގު (ދަގަނޑޭ) ބުނެފިއެވެ.
އޭއެފްސީ ކަޕުގައި ޖަހާފައިވާ ފާހަގަކޮށްލެވޭ ގޯލްތަކުގެ މެދުގައި އޭއެފްސީން ނަގާ ޕޯލު ދަގަނޑޭ ކާމިޔާބު ކުރީ ހޮންކޮންގުގެ ޗަން ސިއު ކީއާ ވާދަކޮށްގެންނެވެ. އެގޮތުން ދަގަނޑޭ ފައިނަލް ކާމިޔާބު ކުރީ 89.14 ޕަސެންޓް ވޯޓުގެ ބޮޑު ތަފާތަކުންނެވެ.
ޗެލެންޖު ކާމިޔާބުވުމާ ގުޅިގެން އަޝްފާގު ސޯސަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވަނީ އޭއެފްސީ ބްރެކެޓް ޗެލެންޖް ކާމިޔާބު ކުރުމަށް އޭނާ އަށް ވޯޓު ލުމުގަ އާއި ވޯޓު އިތުރު ކޮށްދެއްވުމަށް އެބޭފުޅެއްގެ އަގުހުރި ވަގުތު ހޭދަ ކުރެއްވި އެންމެހައި ފަރާތްތަކަށް ފަށްފަށުން ޝުކުރު ދަންނަވާފައެވެ.
”މިއީ ދިވެހިރާއްޖެ އާއި ދިވެހި ފުޓުބޯޅައަށް ލިބުނު ވަރަށް ރީތި ނަމެއް! އާބާދީގެ ގޮތުން ބޮޑެތި ޤައުމުތައް ފަހަތަށް ޖައްސައިލުމަށްފަހު މިއަދު ދިވެހި ރައްޔިތުން މުޅި ދުނިޔެއަށް ސާބިތުކޮށްމިދިނީ ދިވެހިންނަކީ މީސްކޮޅު ކިތަންމެ މަދު ނަމަވެސް ޤައުމީ ކަންކަމުގައި ފަހަތަށް ޖެހޭނެ ބައެއް ނޫންކަން!“ އަޝްފާގު ބުންޏެވެ.
ބްރެކެޓް ޗެލެންޖްގައި ހިމަނާފައިވާ ދަގަނޑޭގެ ގޯލަކީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ނިއު ރޭޑިއަންޓަށް ކުޅެ އިންޑޮނީޝިއާގެ ޕާސިބޯ ކޮޅަށް އޭނާ ޖެހި ގޯލެވެ. އެގޮތުން އޭނާ މި ގޯލު ކާމިޔާބުކުރި ގިނަ ކުޅުންތެރިންތަކެއްގެ ގައިން ނައްޓާލުމަށްފަހުއެވެ.
ބްރެކެޓް ޗެލެންޖުގައި ދިވެހި ސަޕޯޓަރުންގެ ފަރާތުން ލިބުނު ސަޕޯޓަށް ދަގަނޑޭ ވަނީ މީގެކުރިން ޝުކުރު އަދާކޮށްފައެވެ. އަދި ގައުމަށް ރީތި ނަން ހޯދައި ދިނުމަށް ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަކީ ޤައުމީ ވާޖިބެއްގެ ގޮތުގައި އަބަދުވެސް ދެކޭނެ ކަމަށް ދަގަނޑޭ ވަނީ ބުނެފައެވެ.

