ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިދުމަތްތައް ލާމަރުކަޒު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން މިހާރު މިވަނީ ގަބޫލުކުރެވިފައި: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިދުމަތްތައް ލާމަރުކަޒު ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަން މިހާރު މިވަނީ ގަބޫލުކުރެވިފައިކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ލ އަތޮޅުގެ ރަށްތަކަސް ކުރައްވަމުން ގެންދަވާ ޚާއްސަ ދަތުރުފުޅުގައި ލ. ގަމަށް ވަޑައިގެން އެރަށުގެ ތިން މަޝްރޫއެއް ވަނީ އިފްތިތާހުކޮށްފައެވެ. އެއީ ގަމު ރީޖަނަލް ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ތަރައްޤީކުރުމުގެ ގޮތުން މި ގެނެވޭ މުހިންމު ބަދަލުތަކާއި، ގަމު މަރުކަޒީ އިންޖީނުގޭގެ ޚިދުމަތާއި ގަމު ބޯޅަދަނޑެވެ.

މިމަޝްރޫއުތައް އިފްތިތާހުކޮށްދެއްވައި، ވާހަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، މިއަދު ފެށުނު ސީޓީ ސްކޭންގެ ޚިދުމަތަކީ، ހޮސްޕިޓަލް، ޓާޝަރީ ފެންވަރަށް ގެންދިޔުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން އިތުރުކުރެވުނު މުހިންމު ޚިދުމަތެއް ކަމަށެވެ. މީގެ ސަބަބުން މި ޚިދުމަތް ހޯދަން މާލެއަށް ނުގޮސް، ރަށުގައި ތިބެގެން ނުވަތަ ލ އަތޮޅުން، ޚިދުމަތް ހޯދުމުގެ ފުރުސަތު މިސަރަޙައްދުގެ ރައްޔިތުންނަށް ފަހިކޮށްދެވިފައިވާ ކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން، އޯޕީޑީއަށް އިތުރުކުރި ކޮޓަރިތައްވެސް މިހާރު ނިމި ބޭނުންކުރަން ތައްޔާރުވެފައި ކަމަށާއި ޑިޖިޓަލް އެކްސްރޭއާއި، މެމޮގްރާމާއި، ދަތުގެ ފަރުވާއަށާއި، ފިޒިއޯތެރަޕީއަށް ބޭނުންވާ ސާމާނާއި، ލެބޯޓެރީ ސާމާނުވެސް މިހާރު ހޮސްޕިޓަލަށް ގެނެވިފައިކަމަަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެ މެޝިންތައް އިންސްޓޯލްކޮށް، ވަރަށް އަވަހަށް ޚިދުމަތް ދޭން ފެށިގެން ދާނެކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ. އަދި ހޮސްޕިޓަލަށް ބޭނުންވާ ސްޕެޝަލައިޒްޑް ޑޮކްޓަރުންނާއި، ސިއްހީ ހިދުމަތްތެރިން ހޯދުމުގެ މަސައްކަތް، ހެލްތު މިނިސްޓްރީގެ ފަރާތުން ކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މިއިން ކޮންމެ ބަދަލަކާއެކު އުފެދިގެން އަންނަނީ ވަޒީފާގެ އެތައް ފުރުސަތުތައް ކަމަށާއި ދާއިރާއިން މަތީ ތަޢުލީމު ޙާޞިލުކުރަމުން ގެންދާ ދަރިވަރުން، ރަށާއި އަތޮޅުގައި ތިބެގެން ވަޒީފާ އަދާކުރުމުގެ ތަނަވަސް ފުރުސަތުތަކެއް އުފެދިގެން ދާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ސިއްހީ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް ލާމަރުކަޒު ކުރުމަށް، މީގެ ދެ އަހަރު ކުރިން ފެށިގެން ކުރަމުން އަންނަ މަސައްކަތްތަކަށް ރައްޔިތުންގެ އިތުބާރު ލިބި، އަތޮޅުތަކުގެ ހޮސްޕިޓަލްތަކުން ޚިދުމަތް ހޯދާ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އަދި ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން، މާލެ ފުރަބަންދުކުރަން ޖެހުމުން، ޚިދުމަތްތައް ލާމަރުކަޒު ކުރުމުގެ މުހިންމުކަން ފެނިއްޖެކަމަށާއި އަދި މިއީ ކޮންމެހެން ކުރަންޖެހިފައި އޮތް ކަމެއްކަމަށް މިހާރު މިވަނީ ގަބޫލުކުރެވިފައިކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ، ރައްޔިތުންނަށް ތަކުލީފަކަށްނުވެ، ރައްޔިތުންނާ ވީހާވެސް ގާތުން ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ލިބޭނެގޮތްތައް ހޯދައިދިނުންކަމަށް ރައީސްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ. ގަމު ހޮސްޕިޓަލް ތަރައްޤީކުރުމުގެ މަޝްރޫޢުގައި ހިމެނޭ، އައު އިމާރާތުގެ މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ފެށޭނެކަމަށާއި އެއިމާރާތް ނިމި، ޓާޝަރީ ފެންވަރަށް ޚިދުމަތް ދޭން ފެށުމާއެކު، މި ސަރަޙައްދުގެ ސިއްހީ ޚިދުމަތަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުން  ތަރައްގީކުރުމަށް ނިންމާފައިވާ ކެންސަރ ހޮސްޕިޓަލުގެ މަސައްކަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ، އެހޮސްޕިޓަލް، ލ. އަތޮޅު ގަމުގައި އެޅުންކަމަށެވެ. އަދި މި ހޮސްޕިޓަލަކީ އިންޑިއާގެ އެހީގެ ދަށުގައި އަޅާ ހޮސްޕިޓަލެއްކަމުން، މިއާބެހޭ ލިޔެކިޔުންތައް، މީގެ ދެ ދުވަސް ކުރިން އިންޑިއާ ސަރުކާރާ ހިއްސާކޮށްފައިވާނެކަމަށް ވިދާޅުވިއެވެ. އަދި ލަސްތަކެއްނުވެ އެކަމާބެހޭ ނިންމުންތައް ނިންމި، ގަމުގައި އެހޮސްޕިޓަލް އަމަލީގޮތުން އެޅުމުގެ މަސައްކަތް، މި އަންނަ އަހަރުން ފެށިގެންދާނެކަން ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: