ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުޖުރިމުން މިނިވަންކުރަން ދައްކާ ޤާނޫނީ ބާގަނޑު!

ފޮޓޯ: ޕްރިޒަންސް މީޑިއާ - މިދިޔަ އަހަރު މާފުށީ ޖަލުގައި ހިނގައިދިޔަ ހަމަނުޖެހުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ ކަންބޮޑުވުން އަބަދުވެސް އޮންނަ އެއް ކަމަކީ ޖިނާޢީ ބޮޑެތި ކުށްތައްކޮށް ޖަލަށްލެވޭ ނުވަތަ އެނޫންވެސް އަދަބެއްދެވޭ ބޮޑެތި މުޖުރިމުން ފަސޭހަކަމާއެކު މިނިވަންވެގެންދާ ވާހަކައެވެ. ކާއްސަކޮށް އޭރަކު އޮންނަ ސަރުކާރަކުން އެކަންކުރަން ބޭނުންނަމަ ދައްކާ ބާގަނޑުތަކުގެ ވާހަކައެވެ. މިސަރުކާރު ވެރިކަމަށް އައުމާއެކު ކުޑަ އަންހެން ކުއްޖަކާއެކު ބަދައަހުލާގީ އަމަލު ހިންގިކަން ސާބިތުވެ 10 އަހަރަށް ޖަލަށް ލާފައިވާ، އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) ގެ އަދަބު ލުއިކޮށްދީ މިނިވަން ކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވެވިއެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އަށް ވެސް މައާފްކޮށްދެވޭ ކުށަކަށް ނުވާ އިރު، ރައީސް އޮފީހުން ބުނާ ގޮތުގައި، އިއްބެގެ އަދަބު ލުއިކޮށްދޭން 2016 ގައި ކްލިމެންސީ ބޯޑުން ލަފާ ދީފައި އޮތީމާ، އަދަބު ލުއިކޮށްދެއްވަން ރައީސަށް އޮންނަ ބާރުގެ ދަށުން އެ ގޮތަށް އަމަލުކުރެއްވީ އެވެ. 2016 މިތަނުގައި އައުމުން އިތުރަށް އެހެންވާހަކައެއްވެސް ބަޔާންކޮށްލާނަމެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން ނިންމަވާފައި އޮތީ ކްލިމެންސީ ބޯޑުގެ ލަފަޔަށް އަމަލު ނުކުރައްވާށެވެ. އިއްބެ އަށް އެކަން އަންގައި ރައީސް އޮފީހުން 2016 ގައި ފޮނުވި ސިޓީން އެނގޭ ގޮތުގައި އެ ބޯޑުގެ ލަފަޔަކީ ހުކުމުން ތިން މަސް ދުވަސް ބޭއްވުމަށް ފަހު ބާކީ އޮތް މުއްދަތު ޝަރުތާ އެކު ލުއިކޮށްދިނުމެވެ.

ސަތާރަ އަހަރުގެ ކުއްޖަކާ ބަދުއަޚުލާގީ އަމަލު ހިންގިކަން ސާބިތުވެ 2013 ގައި 10 އަހަރަށް ޖަލަށް ލާފައިވާ އިއްބެ ފަހުން އެ ކުއްޖާއާ ކައިވެނިކޮށް ދަރިއަކު ލިބިފައި ހުއްޓަސް، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ކުށުން އޭނާ ބަރީއަވާނެ ގޮތެއް ނޯންނާނެކަން ސޯޝަލް ގިނަ ބަޔަކު ބުނަމުންދިޔައެވެ. އޭގެ ތެރޭގައި ޤާނޫނީ ވަކީލުންވެސް ހިމެނެއެވެ. ސަބަބަކީ އެފަދަ ކުށްކުށަކީ މާފު ދެވޭނެ ކުށްތަކެއް ނޫން ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވުމެވެ. މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނު 5 ވަނަ މާއްދާގައި އެކަން ވަރަށް ސާފުކޮށް އެގެން އެބައޮތެވެ.

ޤާނޫނުގައި އެހެން ލިޔެފައި އޮތީ ރިހޭ ފައި މައްޗަށް ފޮއި ވެއްޓޭހެނެވެ. ސަބަބަކީ ހަމަ އެ ޤާނޫނުގެ 29 ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް މާގަދަ ބާރެއް ނެންގެވެނީއެވެ. ޖިނާއީ ކުށުގެ ހުކުމް އިއްވާފައިވާ މީހަކަށް އިންސާނިއްޔަތުކަމުގެ ނަޒަރަކުން ބަލައި، ރައީސުލްޖުމްހޫރިއްޔާގެ އިސްނެގުމުގައި އޭނާގެ އަދަބު ލުއިކޮށްދިނުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވެއެވެ. އެހެންކަމުން ޤާނޫނަކުން މާފު ނުދެވޭ ކުށްތައް ލުއިކޮށްލަނީއެވެ. ނަތީޖާއެއްގެ ގޮތުން 25 އަހަރަށް ޖަލުގައި ހުންނަ މީހާގެ ހުކުމް ތިން ދުވަސް ފަހުން މިނިވަންވާ ގޮތަށް ބަދަލުކޮށްލަނީއެވެ.

ކުރިން ބަޔާން މިކުރީ މިސަރުކާރު އައިފަހުން ފާހަގަވެފައި އެއް ކަމެކެވެ. ދެން ދެވަނަ ކަމަކަށް ބަލާލާނަމެވެ. މަސްތުވާ ތަކެތީގެ ހާލަތު މިގައުމުގާ މިހާރު ގޮސްފަ އޮތް މިންވަރަކީ ދިވެހިން ލައްވާ މަސައަކަތެއް ކުރުވާފައި މުސާރައިގެ ގޮތުގައި މަސްތުވާ ތަކެތި ދޭންޖެހޭ ހިސާބަށް ދިޔުމެވެ. މާނަޔަކީ ގައުމު މިއޮތީ ހަލާކުވެ ބޮއްސުން ލާފައެވެ. މަސްތުވާ ތަކެތީގެ ފަހަތުގައި އޮތީ ވައްކަން ކުރުމެވެ. ގޯތި ގެދޮރުގެ ރައްކާތެރިކަން ކަށަވަރެއްނޫނެވެ. ރަށްރަށުގައި ރައްޔިތުން ނުނިދާ ގޭދޮށުގައި ފާރަޔަށް ހޭލާ ތިބެން ޖެހިއްޖެއެވެ.

މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްނުވެ ގައުމުގެ ޒުވާންޖީލު އޮޔާ ދަމުންދާ ވަގުތެއްގައި 25 ކިލޯ އެތެރެކޮށް ވިއްކާ ފައިދާނަގަމުން ދިޔަ މީހަކު ގާނޫނުގަ ހުންނަ ބާގަނޑުތަށް ބޭނުންކޮއްގެން ޖަލުގައި ތިން އަހަރުކޮއްފަ ދޫކޮއްލުމަކީ ގާނޫނުގެ ނާޖާއިޒް ފައިދާ ނެގުމެވެ. މީގެން މީހަކަށް ހުކުމެއް އަންނަނީ ހާހަކުން ފަހަރަކުއެވެ. ރައީސް އިބްރާހިމް ސޯލިހަށް ގައުމު އޮތް ހާލަތު ރަނގަޅަށް އެނގޭނެއެވެ. ޖަލަކީ އަދަބު ދިނުމުގެ އިތުރުން އެފަދަ ކުށްކުރާ މީހުންނަށް ހުރި އުގޫބާތް އެހެން މީހުންނަށް ދައްކާ މުޖުތަމައަށް ފިލާވަޅެއް ނުވަތަ ‘ޑިޓަރެންސް’ އެކެވެ. ތިގޮތަށް ރަގަޅު ވެގެން ކިތައްމެ ބަޔަކު ދޫވެ އަނެއްކާވެސް އެކަމުގެ ތެރެއަށްވަދެ މުޅި މުޖުތަމައުގެ އުދަގުލަކަށް ވެއެވެ.

މި ސަރުކާރުން މޮޅު ވާހަކަ ދައްކާފަ ޑުރަގް ޑީލަރުން މިނިވަންކޮށް އާދައިގެ ކުށްތަކުގައި ޙުކުމް ކުރެވިފައިވާ ނިކަމެތި މީހާ ޙުކުމް ތަންފީޒުކޮށް ނިމެންދެން ޖަލުގައި ބަހައްޓައިގެން ތިޔަ އަނިޔާ ދޭއިރު އެމީހުންގެ ޙުކުމް މަޢާފުކޮށް އެމީޙުންގެ އާއިލާތަކުގެ ކައިރިއަށް ގެއަށް ނުފޮނުވާ ބައިތިއްބައިގެން ތިދޭ އަނިޔާއަށް ދުވަހަކުވެސް މަޢާފު ނުލިބޭނެކަން ހަނދާންކުރައްވާށެވެ. މައްސަލައަކީ ތިޔަ ބާގަނޑުން ވެސް ނިކަމެތި މީހާއަށް ދެމިނުގަނެވޭކަމެވެ. ބާރުހުރި “ގަދަފަދަ” މީހުން ނެރެންވީމަ ބާގަނޑުގެ ބޭނުންކުރެވެއެވެ. ނިކަމެތި މީހާ ކިތަންމެ ރަނގަޅަށް އުޅުނަސް ބާގަނޑުން ނެރެވޭ ގޮތެއް ނެތެވެ. ސަރުކާރުގެ އިޚްލާސްތެރިކަން ވަރަށްވެސް ސާފެވެ.

މައާފުދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގައިވެސް މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ މީހުނަކަށް މާފެއް ނުދެވެއެވެ. ނަމަވެސް އެއްކަލަ ބާގަނޑުގެ ބޭނުންކޮށްގެން އެމީހުން މިނިވަންކުރުމުގެ ފުރުސަތު އޮވެއެވެ. ޤާނޫނުތައް ދޯހަޅިވަނީ ފެންވަރެއް ނެތް ޤާނޫނޭ މިކިޔާ އެއްވެސް އެއްޗެއް ނުދަންނަ, އިސްލާމްދީނަށް ލޯބި ނުކުރާ ދެއުޅިއެއް ނުވާ މީހުން ޤާނޫނު ހަދާ މަޖިލީހަށް ހޮވާފައި ތިބީމައެވެ. އޭގެ ޒިންމާ ނަގަންޖެހޭނީ ހަމަ ރައްޔިތުންނެވެ. ކަނު ކަމާއެކު ޕާޓީއަށް ސަޕޯރޓް ކުރުން ހުއްޓަން ޖެހެއެވެ. ކޮންމެ ސަރުކާރެއްގެވެސް ހާލަކީ މިއެވެ. ބޮޑެތި މުޖުރިމުން ހޯދާ ފައިސާ އިން ވެރިކަމަށް އަންނަން ކެމްޕެއިން ކުރަން ފައިސާ ދެއެވެ. މެންބަރުން ކެމްޕެއިނަށް ފައިސާ ދެއެވެ. ހަގީގަތަކީ އެޔެވެ. ދެން އެފަދަ މީހުން ޖަލުގަ ބައިތިއްބާނެ ގޮތެއް ބުނެދީބަލާށެވެ. ދެން ރައްޔިތުންނަށް ދަޅަ ދައްކަން ރާއްޖެއިން ޑްރަގު ނައްތާލަން މަސައްކަތްކުރަމޭ ކޮންމެ ސަރުކާރަކުންވެސް ބުނުމުން ރައްޔިތުން ތިބޭނީ ގުބޯ ހެދިފައެވެ.

މިސަރުކާރު އުޅޭ ގޮތުން ބޯފަޅައިގެން ދާ ވަރުވާކަމަށް ރައްޔިތުން ކިޔަންފަށައިފިއެވެ. ލަދުން ތެތް ގޯނި ބޮލުގައި އަޅައިގެން އުޅޭ މީހުންވެސް މަދެއް ނޫނެވެ. ރިހާކުރާ ކޮފީ ފުޅިއާއި ބާ ޓިނު ނެގުން ފަދަ ކުދިކުދި މައްސަލަތަކުގައި ޖަލަށް ހުކުމް ކުރާ މީހުން ތިން ހަތަރު އަހަރަށް ޖަލަށްލިޔަސް މާފެއް ނުލިބެއެވެ. ޢެކަމަކު ޑްރަގް ވިޔަފާރިކުރާ މީހުން 25 އަހަރަށް ޖަލަށްލާ، 3 އަހަރު ނުވަނީސް މާފު ދީގެން މިނިވަންވެއެވެ. މިއީ ވަރަށް ހެޔޮފުޅު ސަރުކާރެކެވެ. ތިލަފަތާއި ޖެހުނީމަ ކުށްވެރިން ޖަލު ހުކުމާއެކު ގޭގައި ތިބެވެއެވެ. މަސްތުވާ ތަކެތީގެ ވިޔަފާރިއާ މުއްސަނދިންގެ ޖީބުން މަންފާ ހޯދާމީހުންނަށްވެސް މި ސަރުކާރުގެ ތިލަފަތުން މަންފާކުރާ ދައުރަކަށް މިއޮތީ އިރުއަރާފައެވެ.

މިގައުމުގައި މަސްތުވާތަކެއް ހުޅުވުނު ދޮރުތައް ބަންދުކޮށް ކޮންޓްރޯލް ކުރުމަށް ދޭ އިސްކަން މިހިރަ ފެންނަނީއެވެ. ދުނިޔޭގެ ބައެއް ގައުމުތަކުގައި މަސްތުވާތަކެތި ޓްރެފިކް ކުރުމަކީ މަރުގެ އަދަބު ދޭ ކުށެކެވެ. މިގައުމުގައި، އަފޫ އާއްމުން ދޫކުރާ އާދައިގެ ކުށެކެވެ. ގޯހެއްނޫނެވެ. ނެރެދެވޭނީ އެބަޔަކާ ގުޅުންހުރި ބައެކެވެ. ވެރިކަމުގެ ބަދަލުގައި ކުރަނީ އަނިޔާވެރިކަމެވެ.  ސަރުކާރުން މިނިވަންކުރަން މިހިފީ ދިވެހި އެތައް ޒުވާނުނެއްގެ ދިރިއުޅުން ދުއްވާލި މީހެކެވެ. އެ ޒުވާނުންގެ ދިރިއުޅުން 25 އަހަރުގެ ހަތަރު ބައިކުޅަ އެއްބަޔަކުން ރަނގަޅެއްނުވެއެވެ. ރަނގަޅުވާ މީހުން މުޖުތަމަޢުއަށް ނެރެން އެއީ ކުރަންޖެހޭ ކަމެކެވެ. އެކަމަކު މިކަމަށް ހައްދެއްވެސް އޮންނަންޖެހެއެވެ.

ކިތަންމެ ނުބައިކަމެއްކޮށްފަވެސް އިމާމަކަށް ވެލީމައި ދޫކުރާ އުސޫލު އޮންނަންޏާ އަނިޔާލިބޭ މީހުންނަކަށް ދުވަހަކުވެސް އިންސާފެއް ނުލިބޭނެއެވެ. 25 އަހަރުގެ ޖަލުހުކުމެއް ތިޔަގޮތަށް ލުއި ކުރެވިދާނެކަމަށް ގަބޫލެއް ނުކުރެވެއެވެ. ލުޔެއް ދޭއިރު ކުރި ކުށަށް ބަލަންޖެހެހެއެވެ. ޑްރަގު އެތެރެކޮށް ވިއްކާ މީހުންނަކީ އެންމެ ނުރައްކާތެރި ކުއްވެރިންނެވެ. ކުޑަކުދިން ދައްކާ ކަހަލަ ބަހަނާ ދައްކާފައި ބޮޑު ކުށްވެރިޔަކު ތިޔަ ދޫކޮށްލީއެވެ. ރައްޔިތުން ގަޔަށް ބަޑިޖަހާ މެރިޔަސް މާރަނގަޅުވާނެއެވެ. ތިފަދަ މުޖުރިމުންގެ ސަބަބުން އެތައް ކުދިންނެއް ޒުވާން އުމުރުގަ ހަލާކުވެގެން އެދަނީއެވެ. މައިންނާއި، ބަފައިންނާއި، މުޅި މުޖުތަމައުވެސް އެވަބާގައި ޖެހިފައިތިބި ޒުވާން ކުދިން ފެނި ލޮރުން ކަރުނައަޅަމުންދާއިރު މަސްތުވާތަކެތި ވިއްކާ މީހުން ދޫކޮށްލަން ހެޔޮނުވާނެއެވެ.

ފުލުހުންނާ މީޑިއާ ގުޅިގެން ކުރިއަށްގެންދިޔަ އޮޕަރޭޝަންތަކުގެ ރިޕޯޓްތައް ކިޔާލާއިރު ތިގޮތަށް ރިހެބިލިޓޭޓްވެފައި ތިބި އެތަށް ބަޔަކު އަނެއްކާވެސް އެކަމުގެ ތެރެއަށް ވަދެފައިވަނިކޮށް ދެކެފީމެވެ.  ސިސްޓަމް ފެއިލްވެ މުއައްސަސާތައް މިހާރު މަސައްކަތް ކުރަމުން މިދަނީ ނުފޫޒެއްގެ ދަށުގައެވެ. ހަމަ ކޮންމެވެސް ޕްރެޝަރަކާ ހެދި ދޫކޮށްލީއެވެ. މިގައުމައް 100 ކިލޯގެ މަސްތުވާ ތަކެތި ގެނެސްފައިވެސް ޖަލައްގޮސް މުދިމަކަށް ހުރެލާފައި ތިމަންދެން އިސްލާހުވީއޭ ބުނެލީމާ އެނިމުނީއެވެ. ރާއްޖޭގައި ހައްދުން ނެއްޓިފައިއޮތް މަސްތުވާ ތަކެއްޗާއި ވައްކަމުގެ ވަބާއިން މުޖުތަމައު ސަލާމަތް ކޮށްދޭށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: