ކުޑަދަރިފުޅަށް އަޅައިލުމާއި ލޯބި ދިނުމާއި، ރައްކާތެރިކަމާއެކު ބެލެހެއްޓުމަކީ މައިންބަފައިންގެ ވަރަށް ބޮޑު ޒިއްމާއަކާއި ވާޖިބެކެވެ. ކުޑަކުދިންގެ ޙައްޤުތަކަށް ރައްކާތެރި ނުވުމަކީ ބޮޑު ކުށެކެވެ. އެ ކުދިންނަށް ލިބިގެންވާ ޙައްޤުތައް ނިގުޅައި ގަތުމުގެ ސަބަބުން މުސްތަޤްބަލް މުޅީން ބަނަވެގެން ދެއެވެ.
ކުޑަކުދިންނަށް ތަފާތު ވައްތަރުގެ އަނިޔާ ލިބެއެވެ. މި ކަމުގެ ޒިއްމާ އުފުލަން ޖެހޭނީ މައިންބަފައިންނާއި ކުޑަކުދިން ޙިމާޔަތް ކުރަންޖެހޭ ފަރާތްތަކުންނެވެ. ގިނަ ފަހަރަށް ކުޑަކުދިންނަށް އަނިޔާ ދެނީ އެ ކުދިން ޙިމާޔަތްކޮށް ބަލަހައްޓަން ޖެހޭ ފަރާތް ކަމުގައިވާ މައިންބަފައިންނެވެ. ނުވަތަ ތިމާގެ މީހުންނާއި ރަޙުމަތްތެރިންނެވެ. ނުދަންނަ މީހުންގެ ފަރާތުން އަނިޔާ ލިބެނީ ވަރަށް މަދުންނެވެ. ،ިއީ ބަޔަކަށް ގަބޫލު ނުކުރެވުނަސް ހަމަ ހަގީގަތެވެ. ކުޑަކުދިންނަށް ޖިންސީ އަނިޔާ ލިބެއެވެ. އެކުދިން އެ ވޭނުގައި މުޅި އުމުރު ހޭދަކުރާންޖެހެއެވެ. ކުއްޖާ މުޅިރަށަށް ފަޟީޙަތް ވެއެވެ. މީހުން ދެކޭގޮތް ވަރަށް ތަފާތެވެ. މިކަމުގައި އެ ކުއްޖާގެ ކުށަކީ ކޮބައިހެއްޔެވެ؟
ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށްޓަކައި 1990 އިން ފެށިގެން ގާނޫނެއް ވުޖޫދު ކުރެވިފައި އޮތެވެ. ނަމަވެސް އެ ގާނޫނުން ކުޑަކުދިންނަށް ލިބުނު ހަމަ އެއްވެސް ރައްކާތެރި ކަމެއް ނެތެވެ. އަނިޔާ ދިޔައީ އެއް ދުވަހުން އަނެއް ދުވަހަށް އިތުރުވަމުންނެވެ. އަނިޔާތައް އޮތީ ބޮޑު ސިއްރެއްގެ ގޮތުގައެވެ. ނަމަވެސް ކުރިން އަމަލު ކުރަމުން ދިޔަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު އުވާލާ މިހާރު ވަނީ އައު ގާނޫނެއް ވުޖޫދު ކުރެވިފައެވެ. ކުޑަކުދިންގެ ހައްގިތައް ރައްކާތެރި ކުރުމުގެ އައު ގާނޫނެއް ވުޖޫދު ކުރެވުނީ 2019 ވަނަ އަހަރުގެ ތެރޭގައެވެ.
ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ އައު ގާނޫނަކީ ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގޮތުން ކުޑަކުދިންނަށް ލިބިގެންވާ ހައްގުތަކާއި، އެކުދިންނާ މަތިކުރެވިގެންވާ ޒިންމާތަކާއި، ކުޑަކުދިންނާ ގުޅޭގޮތުން އާއިލާއާއި، ޖަމާއަތާއި، ދައުލަތާއި އެހެނިހެން ފަރާތްތަކުގެ މައްޗަށް އޮތް ޒިންމާއާއި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމާގުޅޭ އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.
ގާނޫނުގެ މަގުސަދަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި ކުޑަކުދިންގެ ހައްގުތަކާބެހޭ ބައިނަލްއަގްވާމީ މުއާހަދާއަށް ރިއާޔަތްކޮށް، ދިވެހިރާއްޖޭގައި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކޮށްދީ، ކަށަވަރުކޮށްދިނުމާއި، ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމުގައާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގައި އާއިލާއާއި، މައިންބަފައިންނާއި، ބެލެނިވެރިންނާއި، މުޖުތަމައާއި، ދައުލަތާއި އެހެނިހެން ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި، އިޖްތިމާއީ ރައްކާތެރިކަމާއި އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެކުދިންގެ އާއިލާތަކަށް އެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމަށް މަގުފަހިކޮށްދިނުމަކީ ވެސް ގާނޫނުގެ މަގުސަދެކެވެ.
މީގެއިތުރުން ކުޑަކުދިންނަށް އަޅާލުމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ގައުމީ ނިޒާމެއް ގާއިމުކޮށް، އެހީތެރިކަން ބޭނުންވާ ކުދިންނަށާއި އެކުދިންގެ އާއިލާތަކަށް އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދިނުމާއި، ދައުލަތުގެ ބެލުމުގެ ދަށަށް ކުޑަކުދިން ގެންދިޔުމާއި، ކުޑަކުދިން ފޮސްޓަރކުރުމާބެހޭ އުސޫލުތައް ކަނޑައެޅުމާއި، ކުޑަކުދިންނަށް އަޅާނުލާ ފަރާތްތަކާއި އެކުދިންނާމެދު އިހުމާލުވާ ފަރާތްތަކާއި، އެކުދިންނަށް އިހާނެތިކޮށް ހިތާ ފަރާތްތަކާއި އެކުދިންނަށް ގޯނާކުރާ ފަރާތްތަކާއި، އެކުދިންގެ ކިބައިން ނާޖާއިޒު ފައިދާ ހޯދާ ފަރާތްތަކާމެދު ފިޔަވަޅުއެޅުމާއި، މިނޫންވެސް ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ އަމަލުތައް ކުރާ ފަރާތްތަކާމެދު ކުށް ކަނޑައަޅާ ގާނޫނުގެ ދަށުން ޖިނާއީ ދައުވާކުރުން ނުވަތަ ގާނޫނުގެ ދަށުން ހަދާ ގަވާއިދުގެ ދަށުން އިދާރީ ފިޔަވަޅުއެޅަކީ ވެސް ގާނޫނުގެ މަގުސަދެކެވެ.
ގާނޫނުގައި ބުނެފައިވާ ގޮތުގައި ކުއްޖާގެ ނުވަތަ ކުއްޖާގެ ބެލެނިވެރިއެއްގެ ނަސްލަށް، ނުވަތަ ކުލައަށް، ނުވަތަ ޖިންސަށް، ނުވަތަ ބަހަށް، ނުވަތަ ސިޔާސީ ނުވަތަ އެނޫންވެސް ވިސްނުމަކަށް، ނުވަތަ އުފަންވީ ގައުމަށް، ނުވަތަ ނިސްބަތްވާ އާއިލާއަށް، ނުވަތަ އުފަންވީ ރަށަށް، ނުވަތަ ނިސްބަތްވާ އިޖްތިމާއީ މަރުކަޒަށް، ނުވަތަ އެއިން ފަރާތެއްގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމަކަށް، ނުވަތަ މާލީ ފުދުންތެރިކަމަށް، ނުވަތަ އެނޫންވެސް ކަމަކަށް ބިނާކޮށް، އެއްވެސް ކުއްޖަކާމެދު ތަފާތުކޮށްގެންނުވާނެއެވެ.
ހަމައެހެންމެ ކުއްޖާގެ ބެލެނިވެރިއެއް ނުވަތަ އާއިލާގެ މެންބަރެއް ނިސްބަތްވާ ހާލަތަކަށް ބިނާކޮށް ނުވަތަ އެއިން ފަރާތަކުން ހިންގާ ހަރަކާތަކާ ގުޅިގެން ނުވަތަ ފާޅުކުރާ ހިޔާލަކާ ގުޅިގެން ނުވަތަ ގެންގުޅޭ ފިކުރަކާ ގުޅިގެން އެކުއްޖާއާމެދު ތަފާތުކޮށްގެންނުވާނެއެވެ.
ކޮންމެއަކަސް ހަގީގަތަކީ ގާނޫނުގައި ކިތަންމެ ގިނަ ވާހަކަތަކެއް ވެސް ލިޔެވިދާނެއެވެ. ނަމަވެސް ހަގީގަތަކީ ގާނޫނު ތަންފީޒް ނުކުރެވޭ ކަމެވެ. އެންމެން ވެސް ގަބޫލު ކުރާ ގޮތުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ ދަށުދަރަޖައިގެ ހަޑި މުޑުދާރު ޢަމަލެކެވެ. ކުޑަކުދިންނަށް ޖިސްމާނީ އަނިޔާ ކުރެއެވެ. ހިތަށް ވެސް ނުގެނެވޭފަދަ ބޮޑެތި ޢަމަލުތައް ހިންގައެވެ. ދިރިއުޅުމުގެ ޙައްޤު ނިގުޅައިގަނެއެވެ. ބުއްދި ފަސްކުރުވައެވެ. އަނގުނުތައް ބިންދައިލައެވެ. ހަންގަނޑު ފިއްސާލައެވެ. ތެކުމާއި، ވިކުމާއި، ކޮށްޕައި ވައްޓައިލުމަކީ ޢާއްމުކޮށް ކުރާ ކަންތަކެވެ. ކުޑަކުދިންގެ ކުރިމަގު އުޖާލާކުރެވޭނީ ހުރިހާ ފަރާތްތަކެއް ގުޅިގެން ވާޖިބު އަދާކުރުމަށް ތައްޔާރު ވީމައެވެ. ކުޑަކުދިންގެ މަޢުސޫމްކަން ވިސްނުނީމައެވެ.

