މަސްތުވާތަކެތީގެ ވަބާގައި ޖެހޭ އަންހެނުންނާއި ކުޑަކުދިންގެ އަދަދު އިތުރުވަމުންދާކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު އައިޝާ މިހެން ވިދާޅުވީ ޔޫ.އެސް ޑިޕާޓުމެންޓް އޮފް ސްޓޭޓް ބިއުރޯ އޮފް އިންޓަރނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާޒްއާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އަދި ނޭޝަނަލް ޑްރަގް އޭޖެންސީ ގުޅިގެން މިއަދު ކުރިއަށް ގެންދިޔަ ”ޕްލޭސްހޯލްޑަރ ފޮރ މޯލްޑިވްސް މެޑިކޭޝަން އެސިސްޓެޑް ޓްރީޓްމަންޓް (އެމް.އޭ.ޓީ) ބްރީފިންގ“ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ މި މައްސަލަ ޙައްލުކުރުމަށް މިހާރު ވެސް ގިނަ ފިޔަވަޅުތަކެއް އެޅިފައިވާކަމަށެވެ. އަދި އެ ކަމުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހެނީ އެ ފަދަ ފަރާތްތަކަށް ބޭނުންވާ ފަރުވާދީ، ރިހެބިލިޓޭޝަނާއި ރީއިންޓަގްރޭޝަންގެ ތެރެއިން އަލުން އަނބުރާ މުޖުތަމަޢަށް ނެރުމަށް ތަފާތު ގިނަ ޕްރޮގްރާމްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުން ލިބެން ހުރުން ކަމަށެވެ.
ކޮވިޑް ގެ ސަބަބުން ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމަށް މިނިސްޓްރީން ޚާއްޞަ ސަމާލުކަމެއް ދެއްވި ކަމަށާއި، އެ ގޮތުން އެ ފަރާތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކުރެވުނު ބަޔަކީ މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެގޮތުން އެ މީހުންނަށް ބޭނުންވާ ކާނާއާއި ބޯހިޔާވަހިކަމާއި، އަވަސް ފަރުވާގެ ތެރެއިން މެޑިކަލް ޑިޓޮކްސިފިކޭޝަން ދެވުނުކަމަށް މިނިސްޓަރު އައިޝާ ވިދާޅުވިއެވެ.

