ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިކަމުގެ ވަރަށް މިނިވަން ޖައްވެއް މިހާރު އެބައޮތް: ރައީސް

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވ
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިކަމުގެ ވަރަށް މިނިވަން ޖައްވެއް މިހާރު އެބައޮތް  ކަމަށާއި ރާއްޖޭގައި މިހާރު މިއޮތީ ވާދަވެރި ނޫސްވެރިކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

2019 އަހަރުގެ ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ހަފްލާގައި ވަރޗުއަލްކޮށް ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވިދާޅުވީ މީގެ ދެއަހަރު ކުރިން ދިވެހި ނޫސްވެރިކަން އޮތް ޙާލަތު، އަދި ދިވެހި ޤައުމު އޮތް ޙާލަތުވެސް، އެއްވެސް ނޫސްވެރިއަކު ހަނދުމަނުނެތޭނެ ކަމަށެވެ. އަދި އެއްވެސް ނޫސްވެރިއަކު، އަދި ދިވެހި އެއްވެސް ރައްޔިތަކުވެސް، އެނބުރި އެދުވަސް ދެކެން ބޭނުންނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ މީގެ ދެ އަހަރު ކުރިން، މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަންގެ މައިގަނޑު މަސައްކަތަކަށްވެފައި އޮތީ، ނޫސްވެރިންނާ ދެކޮޅަށް ހުށަހެޅޭ ޝަކުވާތައް ބަލައި، ނޫސްވެރިންނާއި ނޫސް އިދާރާތައް ކުށްވެރިކޮށް ފިޔަވަޅު އެޅުންކަމަށްވިޔަސް މިއަދު އެ ޘަޤާފަތް މުޅިން ބަދަލުވެއްޖެ ކަމަށެވެ.

ނޫސްވެރިކަމަށް އަލަށް ނުކުންނަ ނޫސްވެރިން، ނޫސްވެރިއެއްގެ ހައިސިއްޔަތުން ގަލަމުގެ ދޯރި ނަގަންވާނީ، އޭގެ ތުނޑުން ތިމާ ލިޔާނީ، ބިނާކުރަނިވި ލިޔުމެއްތޯ ނުވަތަ ފަނާކުރަނިވި ލިޔުމެއްތޯ ކަނޑައެޅުމަށްފަހުގައި ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ޒަމާނީ ޑިމޮކްރެސީގެ ހަމަތައް ޤަބޫލުކުރާގޮތުން، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރު ކަމަށެވެ. އަދި ނޫސްވެރިން ފަތުރާ ޚަބަރާއި މަޢުލޫމާތުން، މުޖުތަމަޢަށް ފޯރާ އަސަރާއި ނުފޫޒަށް ބަލާއިރުވެސް، މިއީ ޙަޤީޤަތުގައި ވަރަށް ބޮޑު ތެދެއްކަން ޤަބޫލުކުރެވޭ ކަމަށްވެސް އަމިނިކުފާނު ވިދާޅުވިއެވެ.

ނޫސްވެރިންގެ ކޮނޑުގައި ވަރަށް މަތިވެރި ޤައުމީ ޒިންމާއެއްވެސް އެޅިގެންދާނެކަން ޤަބޫލުކުރަންޖެހޭ ކަމަށާއި މިޒަމާނުގެ ނޫސްވެރިކަމަކީ، މުޖުތަމަޢުގެ ކަންކަން ބޭނުން މިސްރާބަކަށް ބަދަލުކޮށްލުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ވަސީލަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

”އަޅުގަނޑު ޤަބޫލުކުރަނީ، މީގެ ދެއަހަރު ކުރިން ދިވެހި ނޫސްވެރިކަން އޮތް ޙާލަތު، އަދި ދިވެހި ޤައުމު އޮތް ޙާލަތުވެސް، ތިޔައިން އެއްވެސް ބޭފުޅަކު ހަނދުމަފުޅުނުނެތޭނެ ކަމަށް. އަދި ތިޔައިން އެއްވެސް ނޫސްވެރިއަކު، އަދި ދިވެހި އެއްވެސް ރައްޔިތަކުވެސް، އެނބުރި އެދުވަސް ދެކެން ބޭނުންނުވާނެ ކަމަށް. މީގެ ދެ އަހަރު ކުރިން، މިކައުންސިލްގެވެސް، އަދި ބްރޯޑްކާސްޓިންގ ކޮމިޝަންގެވެސް މައިގަނޑު މަސައްކަތަކަށްވެފައި އޮތީ، ނޫސްވެރިންނާ ދެކޮޅަށް ހުށަހެޅޭ ޝަކުވާތައް ބަލައި، ނޫސްވެރިންނާއި ނޫސް އިދާރާތައް ކުށްވެރިކޮށް ފިޔަވަޅު އެޅުން“ ރައީސް

އޭގެ އިތުރުން ރައީސް ވިދާޅުވީ ނޫސްވެރިކަމަކީ އިންފޮމޭޝަން ޓެކްނޯލޮޖީގެ އޮއިވަރުގައި ވަރަށް ހަލުވިކަމާއެކު، މުޖުތަމަޢަށް ފެތުރިގަންނަ އެއްޗެއް ކަމަށާއި ނޫސްވެރިޔާގެ އަތުން، ނޫސްވެރިކަމުގެ ޙަޤީޤީ ލަގަން ދޫވެއްޖެނަމަ، ނޫސްވެރިކަމުން މުޖުތަމަޢަށް ލިބެންޖެހޭ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑުވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ނޫސްވެރިކަމުގެ ދާއިރާ މާފުޅާވެއްޖެއެވެ. އަދި ނޫސްވެރިންގެ ޒިންމާވެސް މާބޮޑު ވެއްޖެ ކަމަށާއި އެއިރަކު ހުރި އިޖުތިމާޢީ ބޮޑެތި މައްސަލަތައް ޙައްލުކުރަން މަސައްކަތްކުރުމަކީވެސް، ނޫސްވެރިންގެ ޒިންމާއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މަސްތުވާތަކެތީގެ މައްސަލަތަކާއި، ހަރުކަށި ފިކުރުގެ މައްސަލައަކީވެސް ޙައްލު ހޯދަންޖެހިފައިވާ އިޖުތިމާޢީ ބޮޑެތި މައްސަލަތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނޫސްވެރިކަމުގެ މިފަދަ ޙަފްލާއެއް ކުރިއަށްދާއިރު، ގެއްލުވައިލާފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާނާއި، އަނިޔާވެރިގޮތަކަށް މަރައިލި ޔާމީން ރަޝީދުގެ ހަނދާންތައް އާވަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި  އެ ދެ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް، ހުއްޓައެއްނުލާ ކަމަށާއި އެއީ، އުނދަގޫ މަސައްކަތެއް. ނަމަވެސް، އެ މަސައްކަތް ނުހުއްޓި ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: