މިއަހަރު ދުނިޔެއަށް ކުރިމަތިވި ދަތި ހާލަތުގެ ސަބަބުން، ސެންޓްރަލް އެމަޖެންސީ ފަންޑް (ސަރފް) ގެ އެހީތެރިކަމަށް ދުނިޔެ ބޭނުންވާ މިންވަރު ވަނީ އިތުރުވެފައި ކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އދގެ ސެންޓްރަލް އިމަރޖަންސީ ރެސްޕޯންސް ފަންޑް (ސަރފް) ގެ މިއަހަރުގެ ހައި-ލެވެލް ޕްލެޖިންގ، ”އަ ފަންޑް ފޮރ އޯލް، ބައި އޯލް“މި ޝިއާރުގެ ދަށުން ވަރޗުއަލްކޮށް ބޭއްވި އިވެންޓްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ކޮވިޑް-19 ގެސަބަބުން ދުނިޔެ އަށް ކުރިމަތިވި ގޮން ޖެހުންތަކާއި އެކު، ކުރިންވެސް ހުރި ހަމަނުޖެހުންތަކާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގެއްލުމުގެ މިންވަރު ވަނީ އެތައް ގުނައަކަށް ބޮޑުވެފައި ކަމަށެވެ.
ޝާހިދު ވިދާޅުވީ ކޮވިޑް-19 ގެސަބަބުން ތަރައްގީވަމުންދާ ޤައުމުތަކަށް ދިމާވާ ނުރައްކާތެރި ގޮންޖެހުންތަކުގެ އަސަރު އެންމެ ރަނގަޅަށް އެނގޭ އެއްބަޔަކީ ދިވެހިރާއްޖެ ކަމަށެވެ. އަދި މިހާލަތުން އަރައިގަތުމަށް ފަހުވެސް، ގިނަ ދުވަސްތަކެއް ވަންދެން އެ ގޮންޖެހުންތައް ގައުމަށް ކުރިމަތިވާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ސެންޓްރަލް އެމަޖެންސީ ފަންޑުގެ ފަރާތުން ފޯރުކޮށްދެއްވި އެހީގެ ސަބަބުން ކޮވިޑް19ގެ ހާލަތުންނާއި، އިންސާނިއްޔަތަށް ކުރިމަތިވެފައިވާ ނުރައްކާތަކުން އަރައިގަތުމުގައި މުހިންމު ކުރިއެރުންތަކެއް ލިބިގެން ދިޔަ ކަމަށާއި ކޮވިޑް-19 ފަދަ ބާރަށް ފެތުރިގެންދާ ވަބާއަކުން ރައްކާތެރިވުމަށް ފުރަތަމަ ދުވަހު ޚަރަދު ކުރެވޭ 1 މިލިއަން ޑޮލަރުގެ ސަބަބުން އޭގެ 100 ދުވަސް ފަހުން އަތުވެދާނެ ބިލިއަން ޑޮލަރުގެ ޚަރަދުތަކުން ސަލާމަތްކޮށްދޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ ކޮވިޑް19 އަށާއި، ފެންބޮޑުވުމާއި، ފެނަށް ޖެހުން ފަދަ ގުދުރަތީ ހާދިސާތަކުން އަރާގަތުމަށް ސެންޓްރަލް އެމަޖެންސީ ފަންޑުން ވެދިން އެހީތަކުގެ ސަބަބުން، އެކަންކަމުން އިންސާނިއްޔަތަށް ކުރާ އަސަރުވަނީ އެތައް ގުނައަކުން ކުޑަކުރެވިފައި ކަމަށެވެ.
އދ ގެ އެޖެންސީތަކަށް ފަންޑް ހަމަ ޖެއްސުމުގައި ސެންޓްރަލް އެމަޖެންސީ ފަންޑުން ގެންގުޅެފައިވަނީ ވަރަށް ޚަރުދަނާ އުސޫލުތަކެއް ކަމަށާއި ނިކަމެތި އާބާދީތަކަށާއި، އަދި ފަންޑު ލިބުމަށް ދަތި އިންސާނީ ހައްޤުތަކާއި ގުޅުންހުރި ދާއިރާތަކަށް އެހީ ފޯރުކޮށް ދިނުމުގައި ސެންޓްރަލް އެމަޖެންސީ ފަންޑުން ކެނޑިނޭޅި ކުރެއްވި މަސައްކަތުގެ އަގު ދިވެހިރާއްޖެއިން ވަޒަންކުރާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވި ގޮތުގައި މިފަދަ ހާދިސާތަކުން އެންމެ ބޮޑު އަސަރެއް ކުރަނީ ވަސީލަތްތައް މަދު ގައުމުތަކަށެވެ. މި ޤައުމުތަކަށް ސެންޓްރަލް އެމަޖެންސީ ފަންޑުން ވެދެއްވި އެހީއަށާއި، އަދި އެހީ ފޯރުކޮށް ދިނުމުގައި އަންހެނުންނާއި ކުޑަކުދިންނަށް އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި މެދު ބެހެއްޓެވި ހާއްސަ ސަމާލުކަމަށްޓަކައި ދިވެހި ރާއްޖެއިން ސެންޓްރަލް އެމަޖެންސީ ފަންޑަށް ޝުކުރު އަދާކުރާ ކަމަށް ޝާހިދު ވިދާޅުވިއެވެ.
”ނިކަމެތި އާބާދީތަކަށާއި، އަދި ފަންޑު ލިބުމަށް ދަތި އިންސާނީ ހައްޤުތަކާއި ގުޅުންހުރި ދާއިރާތަކަށް އެހީ ފޯރުކޮށް ދިނުމުގައި ސެންޓްރަލް އެމަޖެންސީ ފަންޑުން ކެނޑިނޭޅި ކުރެއްވި މަސައްކަތުގެ އަގު ދިވެހިރާއްޖެއިން ވަޒަންކުރަން. މިފަދަ ހާދިސާތަކުން އެންމެ ބޮޑު އަސަރެއް ކުރަނީ ވަސީލަތްތައް މަދު ގައުމުތަކަށް. މި ޤައުމުތަކަށް ސެންޓްރަލް އެމަޖެންސީ ފަންޑުން ވެދެއްވި އެހީއަށާއި، އަދި އެހީ ފޯރުކޮށް ދިނުމުގައި އަންހެނުންނާއި ކުޑަކުދިންނަށް އަދި ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި މެދު ބެހެއްޓެވި ހާއްސަ ސަމާލުކަމަށްޓަކައި ދިވެހި ރާއްޖެއިން ސެންޓްރަލް އެމަޖެންސީ ފަންޑަށް ޝުކުރު އަދާކުރަން“ ޝާހިދު
އިންސާނީ އެހީ ފޯރުކޮށްދިނުމުގައި އަވަސް އަދި ހަރުދަނާ ނިޒާމެއް ޤާއިމްކުރުމުގެ ބޭނުމުގައި ސެންޓްރަލް އިމަރޖަންސީ ރެސްޕޯންސް ފަންޑް އެކުލަވާލުމާށް ނިންމީ 2005 ވަނަ އަހަރު އދގެ ޢާއްމު މަޖިލީހުންނެވެ. 2006 ވަނަ އަހަރު މި ފަންޑް ޤާއިމްކުރެވުނު ފަހުން 100 އަށްވުރެ ގިނަ ޤައުމުތަކަށް 5.5 ބިލިއަން އެމެރިކާ ޑޮލަރުގެ އެހީ މި ފަންޑުން ފޯރުކޮށްދީފައިވެއެވެ.

