ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ކުރިމަތީގައި އެންމެން ވެސް ޖެހޭނީ ކުޑަކަކޫ މައްޗަށް ތިރިވާން!

އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް އެމްޑީޕީގެ އިވެންޓެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި އަލަށް އަމަލު ކުރަން ފެށި ފެހި ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުތަކުގެ ތެރެއިން އެންމެ ބޮޑު ކާމިޔާބީއެއް ނުވަތަ ރައްޔިތުންގެ އެންމެ ބޮޑު ތާއީދެއް ލިބިގެން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅަކީ 2018 ވަނަ އަހަރުގެ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުއެވެ. ހަމައެހެންމެ އައު ގާނޫނުއަސާސީގެ ދަށުން މިހާތަނަށް ރާއްޖޭގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުތަކަށް ބަލާއިރު ވެސް އެންމެ ބޮޑު ކާމިޔާބީއެއް ހޯދި ޕާޓީ އަކީ ނުވަތަ މެމްބަރުންނަކީ 2019 ވަނަ އަހަރު އިންތިހާބުވި އެމްޑީޕީގެ މަޖިލިސް މެމްބަރުންކަން އެއީ އެންމެން ވެސް ގަބޫލު ކުރާ ހަގީގަތެކެވެ.

ރިޔާސީ އިންތިހާބަށް އެމްޑީޕީން ނިކުތީ “ޖަޒީރާ ރާއްޖެ” މޮޓޯއާއިއެކުގައެވެ. އަދި ރައްޔިތުންގެ މަޖިލީޙުގެ އިންތިހާބުގައި އެމްޑީޕީ އިން ނިކުތީ “އެޖެންޑާ 19” މޮޓޯއާއިއެކުގައެވެ. އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުން ގަބޫލުކުރާ ގޮތުގައި  “އެޖެންޑާ 19” އަކީ އެޕާޓީން ނުހަނު ބުރަ މަސައްކަތްކޮށް ރައްޔިތުންގެ ރުހުން ހޯދާފައިވާ ނަމެކެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެޕާޓީން ކުރުމަށް ކަނޑައަޅާފައިވާ މަސައްކަތްތައް ވެސް ކުރުމަށް ހަމަޖެހިފައިވަނީ އެޖެންޑާ 19 ގެ ދަށުންނެވެ. އެގޮތުން  މިނިވަންކަމާއި، އިންސާފުގެ ވާހަކައާއި ހަމަހަމަކަމުގެ ވާހަކައަކީ އެޖެންޑާ 19 އިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދޭނެ ކަމަށް ވައުދުވެފައިވާ ކަންތައްތަކެވެ.

ސުވާލަކީ ރައްޔިތުންނަށް ވިއްކެވި އެޖެންޑާ19 ގައި ހިމެނޭ ކަމަށް ވިދާޅުވި އިސްލާހުތަކާއި މެދު މިއަދު ފުންކޮށް ވިސްނާލުމުން އެ އިސްލާހުތައް މިއަދު އެބޭފުޅުންނަށް މާނަ ކުރެއްވެނީ ނުވަތަ ފެނި ވަޑައިގަންނަވަނީ ހަމަ ރަނގަޅަށްތޯ ނުވަތަ ރައްޔިތުންނަށް އަޑު އިވުނު ގޮތް ގޯސްވެ އެޖެންޑާ މާނަ ކުރުމުގައި ރައްޔިތުންނަށް އޮޅުމެއް އަރައިގެން އުޅެނީތޯ މިއަދު މިވަނީ ސުވާލު އުފެދިފައެވެ. އެހެން މި ދެންނެވީ އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ބަސް މަގާއި ނިންމުންތައް މިއަދު ހުރި ގޮތުންނެވެ. ބައެއް ކަންކަން ފާހަގަކޮށްލާނަމެވެ.

“އެޖެންޑާ 19” ނަމުގައި އެމްޑީޕީން 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމި ކަރުދާހުގެ އެންމެ ކުރީގައި އޮތީ ޝަރުއީ ދާއިރާ އިސްލާހު ކުރުމެވެ. އެގޮތުން އެމްޑީޕީން ހުށަހަޅަނީ ފަނޑިޔާރުންނަށް ފާރަވެރިވެ، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑު ބެލެހެއްޓުމަށް އޮތް ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާ ގޮތަށާއި، އެކުލަވާލާ ގޮތަށް ބަދަލު ގެނައުމެވެ. ފަނޑިޔާރުންގެ ޒާތީ މަޞްލަޙަތާއި ތައައްސުބުން އެއްކިބާވެފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނެއް ޤާއިމުކުރުމެވެ.

މީގެ އިތުރުން ކޯޓުތަކުން މައްސަލަތައް ނިންމުމުގައި ޝަރުޢީ ދާއިރާއިން ވަކި ފަރާތަކަށް ބުރަވާ ކަމަށާއި، ކޮރަޕްޝަނާއި ސިޔާސީ ނުފޫޒުގައި އެފަރާތްތައް ޖެހިފައިވާ ކަމުގެ ތުހުމަތުގެ އިނގިލި އެ ދާއިރާއަށް ދިއްކުރެވެމުން އަންނައިރު، ޤާނޫނުތައް މި ފަދަ ޝަރުޢީ ނިޒާމަކުން ތަންފީޒުކުރަމުން ގެންދިއުމަކީ ވެސް ދިވެހި ރާއްޖޭގައި ޑިމޮކްރެސީ ހަރުދަނާ ކުރުމަށް ދިމާވާ ގޮންޖެހުން ތަކެއް ކަމަށް އެޖެންޑާ 19 ގައި ވަނީ ބުނެފައެވެ. އަދި އަދުލު އިންސާފުގެ ދާއިރާއަށް ކުރިމަތި ވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ފުރިހަމަ އަދި ހަރުދަނާ ޤާނޫނީ އޮނިގަނޑެއް ނެތުން ކަމާއި، މިހާރު ޢަމަލުކުރެވެމުން އަންނަ ޤާނޫނީ އޮނިގަނޑުގައި ފުށުއެރުން ތަކަކާއި ފޫނުބެއްދޭ ކަންތައްތަކެއް ހުރިކަން ފާހަގަ ކޮށްފައިވެއެވެ.

އެމްޑީޕީގެ އެޖެންޑާ19 ގައި ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ވާހަކަ ފަށުވި އިބާރާތްތަކުން ލިޔެފައިވީނަމަވެސް ހަގީގަތަކީ މިއަދާއި ހަމައަށް އެއިން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމެވެ. ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ބަދަލުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ކުރި މަސައްކަތަކީ ކޯޓުތަކުގެ ފަނޑިޔާރުންނަށް އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ކުރިމަތީގައި ކުޑަކަކޫ ޖައްސަން މަޖުބޫރު ކުރުވުމެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ކުރިމަތީގައި ކުޑަކަކޫ ނުޖެހި ނުވަތަ ނުޖަހާ ފަނޑިޔާރެއްނަމަ ޖެހުނީ ނުވަތަ ޖެހެނީ މަގާމުން އިސްތިއުފާ ދޭށެވެ. ޖޭއެސްސީ އެކުލެވިގެންވާ ގޮތް އިސްލާހު ކުރުމުގެ ބަދަލުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ކުރި މަސައްކަތަކީ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ފުރިހަމަ ނުފޫޒާއި ބާރު ފޯރާނެ ގޮތަށް ޖޭއެސްސީގެ ގާނޫނު އިސްލާހު ކުރުމެވެ. އެންމެ މަގުސަދެެއްގައެވެ. ފަނޑިޔާރުން އަދި މުޅީ ޝަރުއީ ދާއިރާ އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ކުރިމަތީގައި ކުޑަކަކޫ ޖަހަން މަޖުބޫރު ކުރުވުމަށެވެ. އެކަން ވަރަށް ފުރިހަމައަށް އެމްޑީޕީގެ ޕީޖީ ގުރޫޕުން ދަނީ ކުރަމުންނެވެ.

ދެން އޮތީ ވަޒީރުންގެ ވާހަކައާއި ކުންފުނިތަކުގެ އިސްވެރިންގެ ވާހަކައެވެ. އެމްޑީޕީގެ ޕީޖީ ގުރޫޕާއި ނުވަތަ ޕީޖީ ގުރޫޕުގެ ނުފޫޒް ގަދަ މެމްބަރުންނާއި ގާތް ގުޅުން އޮންނަ ވަޒީރުން އަދި ކުންފުނިތަކުގެ އިސްވެރިން އެމްޑީޕީގެ ޕީޖީ ގުރޫޕަށް ވަރަށް ކަމުދާނެއެވެ. އެއިން އެއްވެސް މީހަކު ކުރާ ގޯސް އެއްވެސް ކަމެއް ނުފެންނާނެއެވެ. އޭގެ ހެއްކަކީ ކުރީގެ ހެލްތް މިނިސްޓަރ އަބްދުﷲ އަމީންއެވެ. އަމީންގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެވުނުއިރު ޕީޖީ ގުރޫޕްގެ ފުރިހަމަ އިތުބާރު އަމީންއަށް އޮތެވެ. މަގާމުން ވަކި ކުރާކަށް ނުފެނުނެވެ. ފަހަރުގައި ވެންޓިލޭޓަރުން އަމީންއަށް ލިބުނު މަންފާއިން ބައެއް ޕީޖީ ގުރޫޕުގެ ބައެއް މެމްބަރުންނަށް ލިބުނީ ކަމަށް ވެސް ވެދާނެއެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕްގެ އިންސާފާއި ހަމަހަމަކަން އެއީ ބަޔަކަށް ބުނެދޭން ދަތި އަޖައިބެއް ކަހަލަ ނިންމުންތަކެކެވެ. ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އާއި ގުޅޭގޮތުން އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރުން ދައްކަވަމުން ގެންދަވާ ވާހަކަތަކާއި ނިންމާފައިވާ ނިންމުންތަކުން އެކަން އެނގިގެން ދާނެއެވެ. އިމްރާން އަބްދުﷲ އަކީ ބަޣާވާތް ކުރި ބޭފުޅެއް ކަމަށާއި އިމްރާން އަކީ ހޯމް މިނިސްޓަރުގެ މަގާމަށް ކުފޫ ހަމަވާ ބޭފުޅެއް ނޫންކަމަށް ވާހަކަ ދެއްކެވި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެންބަރުން މަދެއްނޫނެވެ. ނަމަވެސް އިމްރާން އެމްޑީޕީގެ ޕީޖީ ގްރޫޕަށާއި ރައީސް ނަޝީދަށް ސަނާ ވިދާޅުވާން ފެށި ހިސާބުން އިމްރާން އަކީ އެޖެންޑާ19 ގެ ވަޢުދުތައް ރަނުންރަނަށް ފުއްދެވުމަށް މަސައްކަތްކުރައްވާ ވަޒީރެއްގެ ގޮތުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުން ތައްގަނޑު ޖެހިއެވެ.

ރައްޔިތުންގެ ނުރުހުމާއި ރުޅިވެރިކަން ވަޒީރަކަށް ކިތަންމެ ވަރަކަށް އޮތަސް އެމްޑީޕީގެ ޕީޖީ ގުރޫޕަށް ފަރުވާލެއް ނެތެވެ. އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި ގުޅިގެން މިނިސްޓަރ އިމްރާން ދެއްކެވި ވާހަކަފުޅަކަާއި ގުޅިގެން މިނިސްޓަރ އިމްރާންގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުނު ވަގުތުވެސް އެކަން އެމްޑީޕީގެ ޕީޖީ ގުރޫޕަށް އެއްވެސް މައްސަލައަކަށް ނުވިއެވެ. އިމްރާން އަށް ދަޢުވަތު ލިބިވަޑައިގަތީ އެމްޑީޕީ އާއި ގުޅިވަޑައިގަތުމަށެވެ. އިމްރާން އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ކުރެވި އެވާހަކަ ދެކެވުނު ނަމަވެސް އެމްޑީޕީގެ ޕީޖީ ގުރޫޕުން އެކަން ނުބެލިއެވެ. އެވާހަކަވެސް ނުދެއްކިއެވެ. ހަމަ ހަގީގަތުގައި ވެސް އެޖެންޑާ19 ވަރަށް ތަފާތެވެ. އަދި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ނިންމުންތައް މާބޮޑަށްވެސް ތަފާތެވެ.

އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ފާޑުކިޔުން އަމާޒުވާ ބައެއް އެހެން ވަޒީރުންނަށް ބަލާލާނަމެވެ. ޔޫތް މިނިސްޓަރ އަހުމަދު މަހްލޫފް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ލީޑަރ އަލީ އާޒިމްގެ އެންގެވުންތަކާއި އަދި ޕީޖީ ގުރޫޕްގެ އެންގެވުންތަކަށް ތަބާނުވުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު މަހުލޫފް ވެފައިވަނީ އެމްޑީޕީގެ އެޖެންޑާ19 ހަގީގަތަކަށް ހެދުމަށް މަސައްކަތް ނުކުރައްވާ ގާނޫނަށް ތަބާނުވާ އަމިއްލަ މަސްލަހަތު އިސްކޮށްގެން މަސައްކަތްކުރައްވާ ވަޒީރެއްގެ ގޮތުގައެވެ. މަހްލޫފް މަގާމުން ދުރުކުރުމަށް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ތެރޭގައި މިއަދުވެސް ގިނަ މަސައްކަތްތަކެއް ކުރެވެއެވެ. އަދި ޕީޖީ ގުރޫޕްގެ ތެރެއިން މަހްލޫފަށް ކުރިމަތިކުރުވާ ފިއްތުންތައްވެސް އެއްދުވަހުން އަނެއްދުވަހަށް ދަނީ އިތުރުވަމުންނެވެ. ގާނޫނަށް ބަދަލު ގެނެސްގެން މަހްލޫފްގެ ބާރުތައް ކަނޑުވާލުމަށް ވެސް މަސައްކަތް ކުރަނީއެވެ. މިހެންގޮސް އެތައް ކަމެކެވެ. މިކަން ކަމުން ސަލާމަތް ވުމަށް މަހްލޫފް ކުރައްވަން ޖެހޭނީ ހަމަ އެންމެ ކަމެކެވެ. އެމްޕީގެ ޕީޖީ ގުރޫޕްގެ ކުރިމަތީގައި ކުޑަކަކޫ މައްޗަށް ތިރިވާން ވީއެވެ. އޭރުން މަހްލޫފްވެސް އޯކޭ ވާނެއެވެ.

ދެން އޮތީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލް އާއި ކޮމިއުނިކޭޝަން މިނިސްޓަރ މަލީހު ޖަމާލް ގެ ވާހަކައެވެ. މިނިސްޓަރ ފައްޔާޒް އާއި އެމްޑީޕީގެ ޕީޖީ ގްރޫޕާއި ދެމެދު ޖެހިފައިވާ މައްސަލައިގެ ހަގީގަތަކީ ކޮބައިކަމެއް މިއަދާއި ހަމައަށްވެސް ސާފުވެފައެއް ނުވެއެވެ. ނަމަވެސް ފެންނަމުންދާ މަންޒަރުތަކާއި އިވެމުންދާ އަޑުތަަކަށް ބަލާއިރު މިނިސްޓަރ ފައްޔާޒކީ އެމްޑީޕީގެ ރައީސް މައްޗަން ގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި ޕީޖީ ލީޑަރ އަލީ އާޒިމް ގެ އެންގެވުންތަކަަށް ތަބާނުވާ ބޭފުޅެއްކަން އެނގެއެވެ. ނަތީޖާއެއްގެ ގޮތުން އެމްޑީޕީ ގެ ޕީޖީ ގުރޫޕްގެ ގިނަ މެންބަރުން ދެކޭ ގޮތުގައި މިނިސްޓަރ ފައްޔާޒަކީ ކޮރަޕްޓް ވަޒީރެކެވެ. ބްރޯއެކެވެ. އަމިއްލަ މަސްލަހަތު އިސްކުރައްވައިގެން ސަރުކާރުގެ ތެރޭގައި ނުފޫޒު ގަދަ ކުރައްވަން މަސައްކަތް ކުރައްވާ ވަޒީރެކެވެ. ކޮންމެއަކަސް މިނިސްޓަރ ފައްޔާޒް ވެސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަމަކީ މިނިސްޓަރ މަހްލޫފްވެސް ކުރައްވަން ޖެހިވަޑައިގަންނަވާ ކަންތަކެވެ.

ދެން އޮތީ އެންމެ ފަހު ވަޒީރުގެ ވާހަކައެވެ. މަލީހު ޖަމާލްގެ ވާހަކައެވެ. މިނިސްޓަރ މަލީހުގެ ކުށަކީ ރައްޔިތުންގެ މަޖިލީހުން ހުރިހާ ކަމެއްގެ ތެރެއަށް ވަނުމަށް މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވުމުވެ. ސަރުކާރު ހިންގަންވާގޮތުގެ ސިޔާސަތު މަޖިލީހަށް ކަނޑަނޭޅޭނެ ކަމަށް ވިދާޅުވުމެވެ. އަދި ހަމައެހެންމެ ދިވެހިރާއްޖޭގައި ވެރިކަން ކުރުމަށް އެންމެ އެކަށީގެންވާ ނިޒާމަކީ ބަރުލަމާނީ ނިޒާމު ނޫންކަމަށާއި ރާއްޖޭގައި ވެރިކަން ކުރަން އެންމެ އެކަށީގެންވާ ނިޒާމަކީ ރިޔާސީ ނިޒާމުކަމަށް މިނިސްޓަރ މަލީހު ވިދާޅުވުމަކީ އެމްޑީޕީގެ ޕީޖީ ލީޑަރުގެ ކުރިމަތީ ކުރެއްވި ވަރަށްބޮޑު ކުށެކެވެ. ނަތީޖާއެއްގެ ގޮތުން މިއަދު މިނިސްޓަރ މަލީހު އަކަށް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ އިތުބާރެއް ނެތެވެ. މަލީހުއަށް ތުހުމަތު ކުރަނީ ކޮމިއުނިކޭޝަން އޮތޯރިޓީގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ނުހަދާ ކަމުގެ ތުހުމަތެވެ. ރައީސް ސާލިހްގެ ސަރުކާރުގެ ވަޢުދާއި އެއްގޮތަށް އިންޓަރނެޓްގެ އަގުހެޔޮ ކުރުމަށް މަސައްކަތް ނުކުރާ ކަމުގެ ތުހުމަތެވެ.

މިނިސްޓަރ މަލީހުއަށް ކުރެވޭ މި ތުހުމަތުތަަކަށް ބަލާލާނަމެވެ. ކޮމިއުނިކޭޝަން އޮތޯރިޓީގެ ގާނޫނުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް ހެދުމަށްޓަކަައި ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ބުނެފައިވާ ގޮތުން އެކަން ކުރަން ޖެހެނީ ސީޓީއޯ ނުވަތަ ޗީފް ޓެކްނިކަލް އޮފިސަރ އެވެ. އެއީ ރައީސް އޮފީހުން އުފެއްދެވި މަގާމެކެވެ. އެހެންކަމަށް ވުމާއި އެކު ސީޓީއޯ އާއި ގުޅިގެން ގަވާއިދުތައް ހެދުމަށް މިނިސްޓަރ މަލީހު ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ގަވާއިދުތައް ނުހެދި ލަސްވާ ސަބަބު މިނިސްޓަރ މަލީހު މަޖިލީހަށް ވަނީ އަންގަވާފައެވެ. އަދި ގަވާއިދުތައް ނުހެދި ލަސްވަމުންދާތީ އެކަމަށް ހައްލެއް ހޯދުމަށް ކޮމިއުނިކޭޝަން އޮތޯރިޓީގެ އިސް ބޭފުޅުންނާއިވެސް ބައްދަލުކުރެއްވިއެވެ.

ސުވާލަކީ ކޮމިއުނިކޭޝަން އޮތޯރިޓީގެ ގާނޫނުގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް ނުހެދި ލަސްވާ ސަބަބު ހޯދުމަށް މަޖިލީހުން ކޮމިއުނިކޭޝަން އޮތޯރިޓީއާއި ބައްދަލު ނުކުރަނީ ކީއްވެގެންތޯއެވެ. ޖަވާބު ވަރަށް ސާފެވެ. ކޮމިއުނިކޭޝަން އޮތޯރިޓީގެ ޗެއަރމަން އަކަށް ހުންނެވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހް ގެ ބޭބޭފުޅު މޫސާ ސާލިހް އެވެ. ދެން އޮތީ އިންޓަރނެޓްގެ އަގުހެޔޮ ކުރުމުގެ ވާހަކައެވެ. އިންޓަރނެޓް ގެ އަގުހެޔޮ ކުރުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކާއި ހަދަންޖެހޭ ޕްލޭންތައް ނިންމާ ސަރުކާރުގެ 100 ދުވަހުގެ ތެރޭގައި މިނިސްޓަރ މަލީހު ވަނީ ރައީސް އޮފީހަށް އެކަންކަން ތަންފީޒު ކުރުމަށްޓަކަައި ވަނީ ފޮނުވާފައެވެ.

ރައީސް އޮފީހުގައި ސަރުކާރުގެ ސިޔާސަތު ނުވަތަ ޕޮލިސީ ތަންފީޒު ކުރުމަށް ތިއްބެވީ ރައީސް ނަޝީދާއި އެމްޑީޕީގެ ޕީޖީ ގުރޫޕާއި ގާތް ގުޅުމެއް ބާއްވާ ބޭފުޅުންނެވެ. ރައީސް އޮފީހުގެ ޕޮލިސީ ޓީމުން ވަނީ މިނިސްޓަރ މަލީހު ފޮނުއްވި ޕްލޭންތައް ޕޮލިސީ ސެކްޝަންގެ ވަތްގަނޑުތަކަށް ލާ ތަޅުލާފައެވެ. މަލީހު ރައީސް އޮފީހަށް ފޮނުއްވި އިންޓަރނެޓްގެ އަގުހެޔޮ ކުރުމުގެ ކަންކަން ތަންފީޒު ކުރުމުގެ ހުރިހާ ބާރެއްއޮތީ ރައީސް އޮފީހުގެ ޕޮލިސީ ތަންފީޒު ކުރައްވާ ބޭފުޅުންނާއި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްގެ އަތްޕުޅުގައެވެ. މި ވާހަކަތަކަކީ އެއްވެސް މީހަކަށް ދޮގު ކުރެވޭނެ ވާހަކަތަކެއް ނޫނެވެ.

ކޮންމެއަކަސް ހަގީގަތެއްނެތް އަސްލެއްނެތް ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ކުރިމަތީގައި އެންމެންވެސް މިއަދު މިވަނީ ކުޑަކަކޫ ޖަހަން މަޖުބޫރުވެފައެވެ. އެ މަގު އިހްތިޔާރު ނުކުރާ ކޮންމެ ބޭފުޅަކަށް ޖެހިވަޑައިގަންނަވާނީ އެނދު ތަންމަތި ހިފައިގެން ގެއަށް ވަޑައިގަންނަވާށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 29%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 7%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: