ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޯޓަލް މެދުވެރިކޮށް ހުށަހެޅި ކޮރަޕްޝަންގެ 209 މައްސަލައެއް އޭސީސީ އަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު ޤާއިމުކުރި ޕޯޓަލްއަށް ހުށަހަޅާފައިވާ 1081 މައްސަލައިގެ ތެރެއިން 209 މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް ފޮނުވާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިކަން ހާމަކުރެއްވީ ބައިނަލްއަޤްވާމީ ކޮރަޕްޝަނާއި ދެކޮޅަށް މަސައްކަތްކުރާ ދުވަހާއި ގުޅުވައިގެން ކުރިއަށްގެންދިޔަ ޓްރާންސްޕޭރެންސީ އެންޑް އެންޓި-ކޮރަޕްޝަން ކޮންފަރެންސް 2020 ނިންމުމުގެ ރަސްމިއްޔާތުގައި ދެއްވި ވީޑިއޯ މެސެޖުގައެވެ.

އެގޮތުން ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގައިވެސް ކޮރަޕްޝަނަކީ، ވަރަށް ދުވަސްވީ ބޮޑު މައްސަލައެއްކަމަށާއި ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް މޫލައި ފެތުރިފައި އޮތް އަދި ޙައްލުކުރުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމެއްކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތައް ހުށަހެޅުމަށް، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 12ވަނަ ދުވަހު ޤާއިމްކުރި ޕޯރޓަލްއަށް މިހާތަނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާލިޔަސް ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި، މިބަލި ފެތުރިފައި އޮތްމިންވަރު ވަޒަންކުރެވޭކަމަށެވެ. މިދިޔަ ނޮވެންބަރު މަހުގެ ނިޔަލަށް އެ ޕޯރޓަލްއަށް ހުށަހެޅި 1081 މައްސަލައިގެ ތެރޭގައި، ދައުލަތުގެ ހުރިހާ އިދާރާތަކަށް ރައްދުވާ މައްސަލަތައް އެބަހުރިކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ ތެރޭގައި މިނިސްޓްރީތަކާއި ސަރުކާރުގެ ކުންފުނިތަކާއި ކައުންސިލްތަކަށް ރައްދުވާ މައްސަލަތައް އެބަހުރިކަމަށާ، މިނިވަން މުއައްސަސާތަކަށާއި ޤާނޫނީ އަދި ޝަރުޢީ އިދާރާތަކަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި އެމް.އެން.ޑީ.އެފަށާއި ރައްޔިތުންގެ މަޖިލީހަށް ރައްދުވާ ގޮތަށް ހުށަހެޅިފައި ހުރި މައްސަލަތައް އެބަހުރިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

“އޭގެތެރެއިން ތަޙުޤީޤީ އިދާރާގެ ދައުރެއް އޮތްކަމަށް ފާހަގަކުރެވޭ މައްސަލަތައް، މިގެންދަނީ ތަޙުޤީޤީ އިދާރާތަކަށް ހުށަހަޅަމުން. އެފަދަ 209 މައްސަލައެއް، މިދިޔަ ނޮވެންބަރު މަހުގެ ނިޔަލަށް ވާނީ އޭ.ސީ.ސީއަށް ފޮނުވާފައި. އޭގެ ތެރެއިން 51 މައްސަލައެއްވަނީ އޭ.ސީ.ސީއަށް ބަލައިގެންފައި. އަދި ޖިނާއީ ތުހުމަތު އެކުލެވޭމައްސަލަތައް މިގެންދަނީ ފުލުހުންނާ ޙިއްޞާކުރަމުން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި އޮތް ޒަމާންވީ ކޮރަޕްޝަންގެ ވަބާ ހުއްޓުވުމަށް ސަރުކާރުގެ ތެރެއިން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށެވެ. ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކާއި މިހާރު ގެނެވިފަިއވާ ޤާނޫނުތަކާއެކު ބޮޑެތި ބަދަލުތަކެއް އައިސް، ކޮރަޕްޝަންގެ މައްސަލަތައް ރިޕޯޓް ކުރަން ހިތްވަރު ލިބިފައިވާކަމަށް ދެކެވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

“ބައެއް ބޭފުޅުން އެބަވިދާޅުވޭ، ޒީރޯ ޓޮލަރެންސް ކެމްޕޭން ފެށިފަހުން، ސަރުކާރުގެ ކޮރަޕްޝަންގެ ޢަމަލުތައް އިތުރުވެއްޖެޔޭ. އަޅުގަނޑު ދަންނަވާނީ، ވިސްލްބްލޯ ޕޯރޓަލް އާއި ވިސްލްބްލޯ ޤާނޫނު ވުޖޫދަށް އައި ފަހުން، ކޮރަޕްޝަންގެ ޢަމަލުތައް ހުށަހެޅޭ މިންވަރު، އެތައް ގުނައެއް އިތުރުވެއްޖެޔޭ. އެކަން އެހެން މެދުވެރިވަނީ، ކޮރަޕްޝަން ހުއްޓުވަން މިސަރުކާރުން ބޭނުންވާކަން ރައްޔިތުންނަށް ޤަބޫލުކުރެވި، ކޮރަޕްޝަންގެ މައްސަލަތައް މިނިވަންކަމާއެކު ހުށަހެޅޭނެ މަގު ރައްޔިތުންނަށް ފަހިވެފައި އޮތީމަ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިނިޒާމުގެ ތެރެއިން ހުށަހަޅާ ޝަކުވާތަކާމެދު، އަޅަންޖެހޭ ފިޔަވަޅުތައްވެސް އަންނަނީ އަޅަމުންކަމަށެވެ. އެފަދަ މައްސަލަތަކުގެ ތެރެއިން ތަޙުޤީޤީ އިދާރާތަކުގެ ލަފައަށް ބިނާކޮށް، ސިޔާސީ މަޤާމުތަކުގައި ތިއްބެވި ބޭފުޅުންނަށް އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަމުންދާކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ޕްރޮކިއުމަންޓާ ގުޅޭ ސިޔާސަތުތަކާއި އުޞޫލުތައް ހަދައި ޕްރޮކިއުމަންޓްގެ ކަންތައް ބެލެހެއްޓުމަށް، މިއަހަރުގެ ފެބްރުއަރީ 23 ވަނަ ދުވަހު އުފެއްދި ޕްރޮކިއުމަންޓް ޕޮލިސީ ބޯޑްގެ މަސައްކަތްތައް މިހާރު ވަނީ ފެށާފައިކަމަށެވެ. އަދި ބިޑްކުރުމަކާނުލައި މަސައްކަތް ޙަވާލުކުރެވޭ ގޮތަށް، މާލިއްޔަތު ޤަވާޢިދުގައި އޮތް މާއްދާ އިޞްލާޙުކޮށް މިހާރު އަންނަނީ ޢަމަލު ކުރަމުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: