ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސާނީ ހައްގުތައް އިސްލާމް ދީނާ ފުށުއަރާ ކަމަށް ދެކޭ މީހުން އިތުރުވެއްޖެ: އެޗްއާރުސީއެމް

ހަރުކަށި ފިކުރުގެ މައްސަލަތަކެއްގައި މަޑުވަރީގައި ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން/ ފޮޓޯ: މަޑުއްވަރީ އޮންލައިން
ޝެއާރކޮށްލާ ކަހަލަދޯ؟

އިންސާނީ ހައްގުތައް އިސްލާމްދީނާ ފުށުއަރާކަމަށް ދެކޭ މީހުންގެ އަދަދު ދިވެހިރާއްޖޭގައި އިތުރުވެއްޖެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ނެރުނު އިންސާނީ ހައްގުތަކާ ބެހޭ ރިޕޯޓަކުން ދައްކައިފިއެވެ.

ރާއްޖޭގައި އިންސާނީ ހައްގުތަކާ މެދު މީހުން ދެކޭ ގޮތާއި ހޭލުންތެރިކަން ހުރި މިންވަރު ބެލުމުގެ ސިލްސިލާ ދިރާސާ, ދަ ރައިޓްސް ސައިޑް އޮފް ލައިފްގެ ރިޕޯޓުގެ ސާވޭގެ ނަތީޖާ އިން ދައްކާ ގޮތުގައި އިންސާނީ ހައްގުތައް އިސްލާމްދީނާ ފުށުއަރާކަމަށް ގިނައިން ދެކެނީ އަންހެނުންނެވެ.

ރިޕޯޓުގައި ބުނެފައިވަނީ އިންސާނީ ހައްގުތައް އިސްލާމްދީނާ ފުށުއެރުމެއް ނެތް ކަމަށް ގަބޫލުކުރާ މީހުން މާލެ އަށް ވުރެ ގިނައީ ރަށްރަށުގަ އެވެ. ރަށްރަށުގައި ދިރިއުޅޭ މީހުންގެ ތިންބައިކުޅަ އެއްބަޔަށް ވުރެ ގިނަ މީހުން ދެކޭ ގޮތުގައި އިންސާނީ ހައްގުތައް ދީނާ ފުށުއަރައެވެ.

އިންސާނީ ހައްގުތައް ދީނާ ޚިލާފު ކަމަށް ދެކޭ މީހުންގެ 36 ޕަސެންޓަކީ އުމުރުން 20-29 އަހަރުގެ ޒުވާނުންކަން ފާހަގަކޮށް, ރިޕޯޓުގައި ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ފުށުއެރުމެއް ނެތް ކަމަށް ގިނައިން ދެކެނީ 70 އަހަރުން މަތީގެ މީހުންނެވެ.

ޖެންޑާ އީކުއަލިޓީ (މިންތީގެ ހަމަހަމަކަން) އާއި ކުޑަކުދިންގެ ހައްގުތައް އިސްލާމް ދީނާ ފުށުއަރާ ކަމަށް ދެކޭ އާއްމުންގެ އަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އެ ގޮތަށް ގަބޫލުކުރާ މީހުންގެ ތެރޭގައިވެސް ގިނައީ އަންހެނުންކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ރައިޓްސް ސައިޑް އޮފް ލައިފްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުން ދީނީ ހަރުކަށި ވިސްނުންތައް ފަތުރާ މައްސަލަ ހައްލުކުރަން ދައުލަތުން ކޮންމެހެން ވެސް މަސައްކަތްކުރަން ޖެހެއެވެ. އަދި މިންތީގެ ހަމަހަމަކަމާއި އަންހެނުންގެ ހައްގުތަކަށް އެއްބާރުލުން ދިނުމާއި ދެކޮޅަށް ދީނީ ހަރުކަށި ފިކުރު ބޭނުންކުރުން އިތުރުވެފައިވާ ކަމަށް ރިޕޯޓުގައިވެއެވެ.

ރިޕޯޓުގައިވާ ގޮތުން އެކަންކަމަކީ ހަރުކަށި ފިކުރާއި އަނިޔާވެރި ހައްދުފަހަނައެޅުން އިތުރުވުމުގެ އަލާމާތެކެވެ. އިންސާނީ ހައްގުތައް ދީނުގެ އުސޫލުތަކާ ޚިލާފުކަމަށް ގަބޫލުކުރާ އެއް ސަބަބަކީ, އިންސާނީ ހައްގުތައް, މިންތީގެ ހަމަހަމަކަމަށާއި ކުޑަކުދިންގެ ހައްގުތަކަށް ބާރުއަޅާތީ ކަމަށް ރިޕޯޓުގައިވެއެވެ.

އެޗްއާރުސީއެމް އާއި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ އާއި ޔޫއެންޑީޕީ ގުޅިގެން އެކުލަވާލާފައިވާ ރިޕޯޓުގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި ކައިވެންޏަކީ ދެ މީހެއް އެއް ވަރަކަށް ހިއްސާވާ ޕާޓްނަރޝިޕެއްގެ ގޮތުގައި ގިނަ މީހުން ނުދެކެ އެވެ. ކައިވެނީގައި އަނބިމީހާ އަށް އޮތީ ފިރިމީހާ އަށް ބޯލެނބުމުގެ ދައުރެއް ކަމަށް ދެ ޖިންސުގެ މީހުން ވެސް ވަނީ ބަލައިގެންފައި ފާހަގަކޮށްފައިވެއެވެ.

ރަނގަޅު އަތްބެއް ނަމަ އޭނާ ދެބަސްވާ ކަންކަމުގައި ވެސް ފިރިމީހާ އަށް ބޯލަނބާނެ ކަމަށް ގާތްގަނޑަކަށް 83 ޕަސެންޓް މީހުން ދެކޭ ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ. އަދި ބޯނުލަނބައިފި ނަމަ އަނބިމީހާ ގައިގައި ޖެހުމުގެ ހައްގު ފިރިމީހާ އަށް އޮންނާނެ ކަމަށް ފިރިހެނުންނަށްވުރެ ގިނަ އަންހެނުން ދެކޭ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: