ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ޑިމޮކްރަސީއަކީ ނަމެއް، ހިނގަނީ ގަބީލާ ވެރިކަމެއް!

ރައީސް ޞާލިޙަށް ވެރިކަމަށް ގެނައުމަށް އެކުލަވައިލި ކޯލިޝަން. ފޮޓޯ: ވީ ނިއުސް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން އިންސާނީ ހައްގުތަކާއި ގުޅޭގޮތުން ދާދިފަހުން ދިރާސާއެއްކޮށް އާންމުކުރިއެވެ. ދަ ރައިޓްސް ސައިޑް އޮފް ލައިފްގެ މިދިޔަ އަހަރުގެ ސާވޭގައި ރާއްޖޭގައި ޑިމޮކްރަސީ ޤާއިމްވެފައިވާވަރު ނުވަތަ ޑިމޮކްރެޓިކް އިސްލާހުތައް މީހުން ބަލައިގަންނަ މިންވަރު ދިރާސާކޮށްފައިވެއެވެ. މި ދިރާސާއިން އެނގުނު ގޮތުގައި ރާއްޖޭގެ ޑިމޮކްރެޓިކް އިސްލާހުތައް ކާމިޔާބުނުވާ މައިގަނޑު ސަބަބުތަކުގެ ގޮތުގައި އާއްމުން ދެކެނީ ކޮރަޕްޝަނާއި ސިޔާސީ ޕާޓީތަކުގެ މެދުގައި އިތުބާރު ނެތުމެވެ.

އިސްލާހީ ބަދަލުތައް ކާމިޔާބު ވެފައި ނުވަނީ ކޮރަޕްޝަންގެ ސަބަބުން ކަމަށް 21 ޕަސެންޓް މީހުން ބުނެފައިވެ އެވެ. އަދި ސާވޭގެ 20 ޕަސެންޓް ބައިވެރިން ބުނިގޮތުގައި މައްސަލައަކީ ސިޔާސީ ޕާޓީތަކުގެ މެދުގައި އިތުބާރު ނެތުމެވެ. ބާރަ ޕަސެންޓް މީހުން ދެކޭގޮތުގައި އިސްލާހުތައް ކާމިޔާބު ނުވަނީ ރައްޔިތުންގެ މަޖިލީހަށް ޒިންމާ އަދާނުކުރެވޭތީ އެވެ. އަދި އަށް ޕަސެންޓް މީހުން ދެކެނީ މީގެ އަސްލަކީ ސިޔާސީ މީހުން ކަމަށެވެ. މިއީ އިސްލާހުތައް ކާމިޔާބު ނޫން ކަމަށް ދެކޭ މީހުން ފާހަގަކުރި ސަބަބުތަކެވެ.

ދިރާސާގައި އެހެން އެވަނީ ސަބަބެއް ނެތިއެއްވެސް ނޫނެވެ. ޑިމޮކްރަސީގެ މޯލު ބަހެއް އިއްވައިގެން ރައްޔިތުން މާޔޫސްވުން ނޫން ކަމެއް މިހާތަނަކަށް ނުވިއެވެ. 2003 ވަނަ އަހަރުންފެށިގެން އިވެމުން އަންނަނީ އެ ވާހަކަތަކެވެ. އެ އަޑުތަކެވެ. ބަދަލުވި އެއްވެސް ކަމެއް ނެތެވެ. ރާއްޖޭގައި ޑިމޮކްރަސީއަކީ ނަމެކެވެ. ހިނގަނީ ގަބީލާ ވެރިކަމެވެ. ކޮންމެ ޕާޓީއެއް އަޔަސް އެމީހުންނަށް ބަލަދުއަރާ ގަބީލާތަކެއް އުޅެއެވެ. ތަފާތަކީ އެކި ގަބީލާތަކުގަ ހުރީ އެކިގޮތަށް މަކަރުހަދާ އޮޅުވާލަން މޮޅެތި މީހުންނެވެ. ޑިމޮކްރަސީ ކާމިޔާބު ނުވަނީ ދިވެހިންނާ ހެދިއެވެ. ޑިމޮކްރަސީއަކީ ވެލެއްގައި އަޅާ ދޮންވެ ފައްކާވެގެން ލިބޭނެ އެއްޗެއް ކަމަށް ދެކޭ ދެކުމެވެ.

ޑިމޮކްރެސީ ކާމިޔާބު ނުވެގެން އުޅޭ އަސްލު ސަބަބަކީ މި ރާއްޖޭގައި ވަގުންނާއި ޖާހިލުން ވަރަށްވުރެ ގިނަވުމެވެ. ވަގުން ވައްކަން ކުރުމުން، ދީނާއި ވަތަނުގެ ޙައްގުގައި ބަޔަކު ނުކުމެ، ޖާހިލުންނަށް ބައެއް އަޅާލުމުން އެއީ ނުކުރާ ވައްކަމަކަށް ބަދަލު ކޮށްލައެވެ. މި ފެންނަނީ އެކަހަލަ މަންޒަރުތަކެވެ. މިކަމަށް އޮތް ހައްލަކީ ތިބުނާ ޑިމޮކްރަސީ ހިންގުން 15 އަހަރަށް ސަސްޕެންޑްކޮށްފައި ނާސިރާއި މައުމޫނު ހިންގި ފަދަ ގޮއްމުށުގެ ޑިމޮކްރަސީ ވެރިކަމެއް ހިންގުމެވެ. އެކަމަށްވެސް ތައުރީފްކޮށް ތަރުހީބު ދޭ ބަޔަކު އުޅޭނެއެވެ. އަނެއް ބަޔަކަށް ޑިމޮކްރަސީ އަކީ ކޮރަޕްޝަނަށް މަގުފަހިކުރުވާ ނިޒާމެކެވެ. އެހެންވެ އެއްވެސް ކަމެއް އިސްލާހުވާންވެސް އެމީހުން ބޭނުން ނުވަނީއެވެ.

ޑިމޮކްރަސީ މިގައުމުގަ ކާމިޔާބު ނުވަނީ، ވެރިކަންކުރާ ފަރާތައްވުރެ ސިފައިންނާއި ފުލުހުންނާއި ފަނޑިޔާރުން ހިމެނޭގޮތަށް މުޅި ދައުލަތް ކޮރަޕްޓް ކޮށްފައިފައޮތުމުންނެވެ. އޭގެ މައްޗަށް 2012 ވަނަ އަހަރުގެ ބަޣާވާތެވެ. މިކަންކަން ބަލާ ފިޔަވަޅު އެޅިގެން ނޫނީ އިސްލާހެއް ނުވާނެއެވެ. ނަމަވެސް އެކަންވެސް ކުރަން 10 ވަރަކަށް އަހަރު ނަގާނެއެވެ. ކުރިން މިބުނި ކަން ކަމުގެ ސަބަބުން މުޅި ދައުލަތް މިއޮތީ ގޯހުން ގޯހައް ގޮސްފައެވެ. ގައުމު ހަމަޖެހޭނީވެސް މިކަންކަން ބެލިގެނެވެ. ދުނިޔޭގެ އެން މެ ކޮރަޕްޓު ޤައުމުތަކުގެ ތެރޭގައި މިވަރު ޤައުމެއް ހަމަ މަދުވާނެއެވެ. ވަކި ޔާމީނަކާއި އެކަނި ގުޅުން ހުރިކަމެއްނޫނެވެ. މައުމޫނު ކޮރަޕްޓުވެގެން އަޑުން އަޑުނަގާ އެއްޗެހި ގޮވި މީހުން ރިޝްވަތާއި ސަދަގާތާއި ވަކިކުރަން ނޭގިފައި މިތިބެނީ ނޭގިގެނެއްނޫނެވެ. ޖާހިލުކަމާއި ކޮރަޕްޓު ވިސްނުމުގެ ސަބަބުންނެވެ.

މި ގައުމުގައި އެއްވެސް ކަމެއް ކާމިޔާބު ނުވަނީ ކޮރަޕްޓް ޖުޑީޝަރީއަކާއި ހެދިކަން އެންމެނަށްވެސް އެގޭނެއެވެ. ރައީސް މައުމޫނަށް ފަހު އައި ހުރިހާ ވެރިކަމަކީވެސް “ކޮރަޕްޓް ޖުޑީޝަރީ އިސްލާހު” ކުރުމުގެ ވައުދާއެކު ސަރުކާރާ ހަވާލުވި ފަރާތްތަކެވެ. ރައްޔިތުން ވޯޓުދެނީ އަބަދުވެސް ޖުޑީޝަރީ އިޞްލާހު ކުރާށެވެ. އެހެންވީމާ ޖުޑީޝަރީ އިޞްލާޙު ނުކުރާ ސަބަބު މިހާރު ގެޓްވާންވެއްޖެއެވެ. ކޮންމެ ވެރިކަމެއް ގައިވެސް މިގައުމުގެ ގިނަކަންތައްތައް ކާމިޔާބު ނުވާ މައިގަޑު ސަބަބަކީ ތަނެއް ދޮރެއް ދޮރާއްޓެއް ނުދަންނަ އަދި އެއްވެސް ތައުލީމެއް ތަރުބިއްޔަތެއް ނެތް ސިޔާސީ އެކްޓިވިސްޓުން ސަރުކާރުގެ މުއައްސަސާތަކަށް ވެރިންގެ ގޮތުގައި ލައިގެން ކަންކަމުގައި ސިޔާސީ ނިންމުންތައް ނިންމުމުގެ ސަބަބު ކަން ވަރަށް ސާފެވެ.

މިރާއްޖޭގައި މިއޮތީ ޑިމޮކްރަސީއެއް ނޫނެވެ. އާބަހަކުން ބުނާނަމަ މިއީ ކޮރަޕްސީއެކެވެ. މިއީ ކޮރަޕްޝަނާއި ދައުލަތް ލޫޓުވުމެވެ. ކޮންމެ ޕާޓީއަކުން ވެރިކަމަށް އަޔަސް އޮތީ މިކަމެވެ. މި ގައުމުގައި އޮތް ޑިމޮކްރަސީގައި އިވޭ އަޑަކީ މިހިރީވެސް ވަގެއް، އެހެރީވެސް ވަގެއް، އެއޮއްދަނީވެސް ވަގެކޭ ގޮވާ އަޑެވެ. މިއީ ގައުމުގެ ހާލަތެވެ. އެންމެ ކުޑަމިނުން ހުކުން ކުރަން އިންނަ މީހާވެސް އޮންނަނީ ކޮންމެވެސް ކަމެއްގައި ބައިވެރިވެފައެވެ. ދެން ޕާޓީތައް ހަދައިގެން ސިޔާސީ ނުފޫޒާއި ބާރު ބޭނުންކޮއްގެންވެސް ކުރަނީ ވައްކަމެވެ. އިނގިލި ދިއްކޮއްލާފަ މިކަން ކުރަނީ ރަނގަޅަށޭ ބުނާނެ އެއްކަމެވެސް ނެތެވެ.

ދެން އޮތީ ރިޕޯޓު އެކުލަވާލި ކޮމިޝަނުގެ ވާހަކައެވެ. ހިއުމަންރައިޓްސް ކޮމިޝަންވެސް އޮތީ ފެއިލްވެފައެވެ. އެއީވެސް އަނދިރި ކޮމިޝަނެކެވެ. އެތައް ރައްޔިތުންގެ ވަޒީފާތަކާއި ހައްޤުތައް ގެއްލި ބިކަވަމުން ދިޔައިރުވެސް އޮތީ ބާލީސް ދަށަށް ބޯ ކޮއްޕައިގެން ގަދަ ނިދީގައެވެ. މިފަދަ ބަޔަކު ކުރާ ސާވޭއެއް ހުންނާނީ ހަމައެގޮތަށެވެ. މީވެސް ޒިންމާ ނޫފުލެވޭ ކޮމިޝަނެކެވެ. ހަރުކަށްޓާއި މަޑު ކަށީގެ ވާހަކަ ދައްކާ އިރު، ނަމަވެސް ޑިމޮކްރެސީއަކީ ކުފުރުންގެ ޝިޢާރެއް ކަމަށް ޤަބޫލުކުރާ ބަޔަކު މިގައުމުގައި އުޅޭކަން ރޭކާއެއް ނުލިއެވެ. އިސްލާމީ ޝަރީޢަތް ހަލާކުކޮށްލުމުގެ ގަސްތުގައި، އިސްލާމީ ވެރިކަން ހަލާކުކޮށްލުމަށް މުސްލިމުންގެ ސިކުނޑި ތަކަށް ވެއްދި ޝައިޠާނީ ވަސްވާސްތަކެއް ހިތުގެ އަޑިން ޤަބޫލުކުރާ ބަޔަކާ ސުވާލެއް ކޮށްލާފައެއް ނެތެވެ. އެހެން ނޫންނަމަ މަންޒަރު މިއަށްވުރެ ފުރިހަމަވާނެއެވެ.

މިގައުމުގައި ހުރިހާ ނުބައެއް ފެށިގެން އަންނަނީ އަމިއްލަ އެދުމާ ހިސާބުންނެވެ. ކޮރަޕްޝަނުގެ މައިގަޑު ސަބަބަކީވެސް އެޔެވެ. އަދުލު އިންސާފު ނެތި ދަނީ ވެސް މިހެންވެއެވެ. ޑިމޮކްރެސީ ކާމިޔާބު ނުވަނީ ވެސް މިހެންވެއެވެ. މީހުންގެ ޟަމީރު މަރުވީއެވެ. ދިރާސާ އަކުން ދައްކާ ކޮންމެ އެއްޗެއް ހަގީގަތަކަށް ނުވެދާނެއެވެ. އެންމެބޮޑު އެ އްމައްސަލައަކީ ރައްޔިތު މީހާގެ ހޭލުންތެރިކަން ކުޑަކަމެވެ. ކަމެއް ރަނގަޅު ކުރަން ބޭނުންވިއަސް ކަމެއް ރަނގަޅު ކުރަން ނޭނގޭނަމަ އެކަމެއް އޮންނާނީ ގޯސްކޮށެވެ. ރައްޔަތުންގެ ބޮޑު އާބާދީއަކަށް ހެވާނުބައި ވަކިކުރަން ނޭނގި ވަކި ޕާޓީއަކަށް ގޮސް ހުސްވެފައި ހުންނަ މީހާވެސް ވަރަށް ކުޑަކުޑަ ކަމަކާއި ހެދިވެސް ހުރިކޮޅުނޫން އަނެއްކޮޅަށް ދާތަން ފެނެއެވެ. އެހެންކަމުން އެނގެނީ ގިނަމީހުން ޕާޓީތަކަށް ތާއިދު ކުރަނީ އެބައެއްގެ ސިޔާސަތާ ތަސައްވަރު ރަނގަޅު ވެގެންނޫންކަމެވެ.

ވެރި މީހާ ހޮވަނީ ރައްޔިތުންނެވެ. މަޖިލިސް މެމްބަރުން ހޮވަނީ ރައްޔިތުންނެވެ. އެއްމެ ގިނައިން ލާރި ދިން މީހަކަށަ ވޯޓު ދީފައި ދެން އައިސް މިގޮވަނީ އެތާ ތިބީ ހުސް ކޮރަޕްޓް މީހުނޭ، ހުސް ވިޔަފާރިވެރިންނޭ، މަހުޖަނުންނޭ، އެވެ. އެހެންވީމަ އަމިއްލަ އަށް ބޮއެގެން އުޅޭ ބޮޑިއެވެ. ޑިމޮކްރެސީ ފެއިލްވަނީ މަޖިލިސް މެމްބަރުން އަދި އާއްމު ފަރާތްތަކައި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެމްޑީންނާއި އަދި މިނިސްޓަރުންތައް ވަޒީފާތަކަށް އެކަށީގެންނުވާ ސިޔާސީ ނުފޫޒެއްނެތި ވައްދަންޖެހޭ ވަޒީފާތަކަށް ކަމާއި ނުގުޅޭ ސިޔާސީ ޕާރޓީތަކުގެ އެކުޓިވިސްޓްން ލުމުންނެވެ.

ޑިމޮކްރަސީވެސް ، އަސާސީ ހައްޤުތައްވެސް ނުލިބެނީ ޤާނޫނުއަސީގާ ވާގޮތަށް ގައުމު ހިންގަން ސަރުކާރުން ބޭނުންނުވެ، ޤާނޫނު އަސާސީ އެއްކައިރި ކޮށްލާފައި އިދިކީލަކޮށް ގާނޫނު ތަކާއި ގަވާއިދުތަކާއި އުސޫލު ހަދައިގެން ތަފާތުކުރުމާއި ބޭއިންސާފުން މާލެއަށް ތޮއްޖައްށަން ރައްރަށުން ހިޖުރަކުރަން މަޖުބޫރުވާގޮތަށް ސިޔާސަތު ރާވާ ހިންގަމުންދާތީވއެވެ. ގައުމުގެ ތަނަވަސްކަން ހަމަހަމަކަމާއި އިންސާފުން ބެހިގެން ނުދާތީއެވެ. އެއްމެ ކުޑަމިނުން ގޯތިގެދޮރު ބިނާކުރުމުގެ ފުރުސަތުވެސް ނެތީއެވެ. ދެން މިވަރުތަނެއްގައި ޑިމޮކްރަސީ ވާނީ ނަމަކަށެވެ. ހިނގަނީ ގަބީލާ ވެރިކަމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: