ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާގެ މުސްލިމުންނޭ ކިޔައިގެން ތިއުޅެނީ މުނާފިގުކަމުން!

ޝެއާރކޮށްލާ ކަހަލަދޯ؟

ހަފްތާގެ ސުރުޚީތަކުގެ ތެރެއިން ސަމާލު ކަމަށް ސަމާލުކަން ގޮސް ހުއްޓުނީ ކޮވިޑް-19 ޖެހިގެން މަރުވާ ސްރީ ލަންކާގެ މުސްލިމުންގެ ހަށިތައް އަންދާލާތީ އެ މައްސަލަ ބޮޑުވެގެން، ކޮވިޑްގައި މަރުވާ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭން އެ ގައުމުން އެދުނު ވާހަކައަށެވެ. ސަބަބަކީ ކޮވިޑް-19 ޖެހިގެން މަރުވާ މީހުން ވަޅުލުމުގެ ހުއްދަ އެ ގައުމުގައި ނެތުމެވެ. ބަހަނާއެއް ދެއްކުމަށްފަހު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކަމަށް ބުނެ، އެ ބަލީގައި މަރުވާ އެންމެން ވެސް އަންދާލަނީ އެވެ. އެހެންވެ ލަންކާގެ މުސްލިމުންނާއި ކްރިސްޓިއަނުން ވެސް އަންނަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ވެސް ކުރަމުންނެވެ. އަޖައިބެއް ކަހަލަ ވާހަކައެކެވެ. ގައުމެއްގެ ސަރުކާރަކަށް އެގައުމުގެ ރައްޔިތުން އަމިއްލަ ފަސްގަނޑުގައި ވަޅުލުމުގެ ހުއްދަ ނެތުން އެއީ ދެން ބޮޑު ޖޯކެކެވެ.

ސަރުކާރުން އެވާހަކަތައް ފެށުމާއެކު، މުޅިއެތި ފުރޮޅިގެންދިޔައެވެ. ލަންކާގެ ބަދަލުގައި އެކަމަށް އިސްނަގައި އެދުނީ ދިވެހި ސަރުކާރުން ކަމަށް ވިއެވެ. ލަންކާގެ ޕަބްލިކް ހެލްތު ސާވިސަސްގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ޑރ. ހެމަންތަ ހެރަތު ވިދާޅުވީ އެކަން ކުރެވިދާނެތޯ ބަލައި އުސޫލެއް ތައްޔާރުކުރަން ހެލްތު މިނިސްޓްރީ އަށް އެންގީ އެކަން ކޮށްދޭން ބޭނުންވާކަން ދިވެހި ސަރުކާރުން ގައުމުގެ ފޮރިން މިނިސްޓްރީ އަށް އެންގުމުންނެވެ. އެގަހު ކޭލެއް މިގަހު ކޭލެއް ވަކިވާގޮތެއް ނުވިއެވެ. އެކަމަކު ކޮންމެ ގޮތެއްވިޔަސް އެނގެން އޮތް ކަމަކީ ލަންކާގައި އެގައުމުގެ ރައްޔިތުންނާއި ދެކޮޅަށް ހިންގާ ލާއިންސާނީ ކަންކަމަށް ދިވެހިސަރުކާރުން ހިތްވަރުދޭ ކަމެވެ. އިންސާނީ ޙައްޤުތައް ނިގުޅައިގަނެ، އެގައުމުގައި ލިބެންޖެހޭ އެތަކެއް ހައްގުތަކެއް ގެއްލުވާލުމަށް ދިވެހ ސަރުކާރުން ހިތްވަރުދޭ ކަމެވެ.

މި ބަހަނާއަކީ ލަންކާ ސަރުކާރުން ކޮވިޑުގެ ނަމުގައި މުސްލިމުން ތަފާތު ކުރުމަށާއި މުސްލިމުންނާމެދު ލާއިންސާނީ ޢަމަލުތައް ހިނުގުމަށްކުރާ ކަމެކެވެ. އެގައުމުގެ އަޣްލަބިއްޔަތު އޮންނަ ބޮޑިސްޓުންގެ މަކަރުވެރި ރޭވުމެވެ. ލަންކާގެ މުސްލިމުންނަކީ ލަންކާގެ ރައްޔިތުންނެވެ. ރައްއްޔިތުންނަށް ލިބިގެންވާ ޙައްޤުތަކެއް ލިބެން ޖެހޭނެއެވެ. ޤަބުރު އެންދުމަކީ މުސްލިމުންގެ ޤަބުރަށާއި ޢާއިލާއަށް ދެވޭ ނިކަމެތިކަމެކެވެ. އެކަމަކު އޭގެ މާނައަކީ އެކަންކަމާއި ދެކޮޅަށް އަޑު އުފުލާ އެކަންކަން ކުށްވެރިކުރުމުގެ ބަދަލުގައި އެކަމަށް ހިތްވަރު ދިނުމެއް ނޫނެވެ. މިތަނުގައި ވަޅުލާންވެއްޖެނަމަ އެ މުސްލިމުންނަށް ލިބޭ އަނިޔާ ވާނީ ހައްތަހާވެސް އިތުރެވެ.

ރައްޔިތުން އިބްރާޙިމް މުޙައްމަދު ސާލިޙާއި ވެރިކަން ޙަވާލުކުރީ އަވައްޓެރި ޤައުމުތަކުގައި މަރުވާމީހުންގެ ގަބުރުސްތާނަކަ މިތަން ބަދަލުކުރާ ކަށެއްނޫނެވެ. ޝާހިދަށް ޚާރިޖީ ވަޒީރުކަން ދިނީ މަޤާމަކަށްކުރާ ކެމްޕޭނުގެ ސްޓަންޓު ޖައްސާކަށް ނޫނެވެ. އަހުމަދު ޒާހިރު އިސްލާމިކް މިނިސްޓަރުގެ މަޤާމުގައި ހުރީ ސަވާބު ހޯދަންކަމަށްވާނަމަ ތިމަޤާމުގައި ނެތިވެސް ސަވާބު ލިބިދާނެއެވެ. މިއީ އިންސާނީ ހައްގެއްގެ ގޮތުގައި ދެކި ރަނގަޅު ގޮތަކީ ލަންކާ ސަރުކާރަށް މައްޔިތާ އަންދާނުލަން ބާރު އެޅުމެވެ. އެތައް މުސްލިމް ޤައުމުން ލަންކާގެ ކުރިމަތީގައި ކުޑަކަކޫ ޖަހަން ޖެހުމަކީ ލަންކާގެ މުސްލިމުން ރައްޔިތުންނަށް ކުރެވޭ އިހާނަތެކެވެ.

ލަންކާ މުސްލިމުންނަށް އެހީވުމަކީ އެމީހުން އެ ތަނުން ބޭރުކުރުމަށް ލަންކާގެ ހައްދު ފަހަނަ އަޅާފައިވާ ބުޑިސްޓުންނަށް އެހީތެރިކަން ދިނުމެއް ނޫނެވެ. ލަންކާ މުސްލިމް ރައްޔިތުންވެސް ކްރިއަސްޓިއަން ދީނުގެ ރައްޔިތުންވެސް އެމީހުންގެ ދީނީ ޢަޤީދާގައި އޮތް ގޮތަށް ޖަނާޒާގެ ކަންތައް ކުރިއަށް ގެންދިއުމަށް ފުރުސަތު ދޭންޖެހެއެވެ. ކަމެއް ކުރަން އުޅެންޏާއި އެ ގޮތަށް ވާކާލާތު ކުރާ ށެވެ.

ބުޑިސްޓުންގެ ޢަޤީދާއާއި އެއްގޮތަށް މުސްލިމުންނާ މެދު އަމަލުކުރުމަށް ދިވެހި ސަރުކާރުން މަސައްކަތްކޮށްގެން ނުވާނެއެވެ. ލަންކާގެ މުސްލިމުންނަށް ހެޔޮ އެދޭ ނަމަ އެމީހުން އެމީހުންގެ ވަޒަނުގައި އަހުލުން ކާރީގައި ވަޅުލުމުގެ އިންތިޒާމް ހަމަޖައްސަން ސަރުކާރުން ބާރު އަޅައި ހުރިހާ މުސްލިމް ގައުމުތަކުން ލަންކާ އަށް ޕްރެޝަރ ކުރުވަންވީއެވެ. އަނެއްކޮޅުން މީ ލަންކާއިން ނުސީދާކޮށް، ކޮށްފައި އޮތް މާލާމާތަކާ ވައްތަރެވެ. ކޮވިޑްގައި މަރުވާ މީހުން ލައްކާގައި ވަޅުލުން ރައްކާތެރި ނުވާއިރު ރާއްޖޭގައި އެމީހުން ވަޅުލުން ރައްކާތެރި ވާންވީ ސަބަބެއް ނޭނގެއެވެ. ލަންކާއަށް އޮތް ނުރައްކަލެއް މިގައުމަށް ނޯންނާންވީ ކީއްވެކަމެއް ނުވިސްނެއެވެ. ސްރީލަންކާގެ ސަރުކާރުގެ މި ހުށަހެޅުމުގައި އަޚްލާޤެއް ނެތެވެ. ލަދެއް ހަޔާތެއް ނެތެވެ. ދުނިޔޭގައި ދިރިތިބި މުސްލިމުންނަށް އަޅާލުމެއްނެތި އިންތިހާއަށް ލާއިންސާނީ އަނިޔައާއި ފަނާކުރުންތަކުގައި އެހީއެއް ނުދެވޭއިރު، ލަންކާގައި މަރުވާ މީހުންގެ ގަބުރުތަކާހުރެ ސަރުކާރުން މިއުޅޭ އުޅުމުން އެތައް ސުވާލެއް އުފެދެއެވެ.

އިސްލާމީ އުޚުއްވަތްތެރިކަމުގެ ގޮތުން މިކަން ކުރުން މައްސަލައެއް ނޫނެވެ. އެކަމަކު ކޮވިޑްގައި މަރުވާ މުސްލިމުންވެސް އަންދަން ލަންކާއިން ނިންމީ، އެފަދަ މީހުން ވަޅުލުމުން ބިމުގެ ފެނާ އެކުވެގެން އެ ޖަރާސީމު ފެތުރިދާނެ ކަމުގެ ބިރަށެވެ. އެހެން ކަމަށްވާ ނަމަ، ރާއްޖޭގައި ލަންކާގެ މައްޔިތުން ވަޅުލައިދޭން ރައީސް ގޮތަބަޔާ އެދުނީ، ދިވެހިންގެ ތެރޭގައި އެޖަރާސީމު ފެތުރުނަސް ތިމަންނައަށް ހެވޭ ބުނާތީހެންވެސް ހީވެއެވެ. ލަންކާގައި އުޅެނީ ބިންނެތި ގެނެއް ނޫނެވެ. އަދި ފެން ތިލަވެގެނެއް ވެސް ނޫނެވެ. އެއީ ބުޑިސްޓުންގެ ބާރުގައި މުސްލިމުންނަށް އިހާނެތިކޮށް ކަންކުރުމަށް އެގައުމުގެ ގާނޫނު އަސާސީއާވެސް ޚިލާފަށް ކުރަން އުޅޭ ކަމެއްކަމެވެ. ނަމަވެސް މިރާއްޖޭގައި ތިބި ސިޔާސީ ބައެއް ދަންނަބޭކަލުން އަވަސްވެގަތީ އެމީހުން ގެނެސް ރާއްޖޭގައި ވަޅުލާށެވެ.

ކޮވިޑްގައި މަރުވާ މީހުންގެ ގަބުރު އަންދާލައިގެން ނައްތަލާކަށް ޑަބްލިއުއެޗްއޯ އަކުންވެސް ނާންގައެވެ. ކުރިސްޓިއަނުންގެ އާބާދީ ބޮޑު ހުޅަނގުގެ ގައުމުތަކުގަވެސް ކޮވިޑްގައި މަރުވާ މީހުން ހަމަ ވަޅުލަނީއެވެ. އޭގެ ސަބަބުން އެތަންތާގައި ބަލި ކޮންޓްރޯލް ކުރުމަށް ކުރާ މަސައްކަތަށް ހުރަސް އެޅޭތީއެއް ނޫޅެއެވެ. ދީނީ ކަމެކޭ، ކިފާޔަތުގެ ފަރުޟޭ ކިޔައިގެން މަދު ޝޭޚުންތަކެއް މިއުޅުނީ މުސްލިމުންނަށް ހެވެއް އެދިގެން ނޫންކަން ވަރަށް ސާފެވެ.

މިއީ މުސްލިމުން ދެކެ ރުޅިއަންނާތީ ކުރާ ޖައްބާރު ޢަމަލެކެވެ. އެތަނުގައި އުޅޭ ދިވެހިންނަށްވެސް މިއީ ނުރައްކާތެރި ކަމެކެވެ. ރާއްޖޭގެ ޤަބުރުސްތާނުން ޖާގަ ދިނުމަށްވުރެ މުހިއްމީ މި މުނާފިޤް ޢަމަލު ހަރުއަޑުން ކުށްވެރިކުރުމެވެ. ރާއްޖެއާއި ގުޅުން ބަދަހި ކުރަނީ ވެސް އެމީހުންނަށް ފައިދާ ބޮޑުވީމައެވެ. އެއަށްވުރެ ފަލަސްތީނުގެ މުސްލިމުން، އެމީހުންގެ ބިމުން ނެރެގެން ގެނެސް ރާއްޖޭގައި ވަޒަންވެރި ކުރުވަން އިޒްރޭލުގެ ޔަހޫދީންނާއި އެކު ޑީލު ހެދީމާވެސް ނިކަންގިނަ ސަވާބު ލިބޭނެއެވެ. ސީރިއާގައި ނާދެވި ތާށިވެފައި ތިބި ދިވެހިން ގެނައުންވެސް މާ ރަނގަޅެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: