އިންސާނީ ވަގުފާރިއާ ދެކޮޅަށް ”ހޭޝްޓެގް އެންޑް ހިއުމަން ޓްރެފިކިންގ“ގެ ނަމުގައި ސޯޝަލް މީޑިޔާ ކެމްޕޭނެއް އިފްްތިތާހުކޮށްފިއެވެ.
ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ ހިޖުރަކުރާ މީހުންގެ ދުވަހުގެ މުނާސަބަތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ މިކެމްޕެއިން އިފްތިތާޙްކޮށްދެއްވަމުން، މިނިސްޓަރ މާރިޔާ ވަނީ، އިންސާނި ވަގުފާރިއަކީ އިންސާނިއްޔަތާ ދެކޮޅަށް ހިންގޭ ބޮޑު ޖަރީމާއެއްގެ ގޮތުގައި ބަލައިގަންނަށްޖެހޭކަމަށް ވިދާޅުވެފައެވެ. އަދި އެޖަރީމާ ތަކުރާރު ވިޔަނުދިނުމަށްޓަކައި މަސައްކަތްކުރުމާއި، އެކަމުގެ ޝިކާރަޔަކަށްވާ ފަރާތްތަކަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.
ބައިނަލްއަގްވާމީގޮތުން ފާހަގަކުރާ ހިޖުރަކުރާ މީހުންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ދެއްވި ވީޑިޔޯ މެސެޖުގައި މިނިސްޓަރ މާރިޔާ ވަނީ، ދިވެހި މުޖްތަމަޢު ބިނާކުރުމުގައި އެތައް އަހަރެއް ވަންދެން ބިދޭސީ މަސައްކަތްތެރިން އަދާކުރަމުން އައިސްފައިވާ މުހިންމު ދައުރާއި އެމީހުން ކުރާ ބުރަ މަސައްކަތް ފާހަގަކުރައްވާފައެވެ.
މޯލްޑިވްސް އިމިގްރޭޝަން ބެލެހެއްޓެވުމުގެ ޒިންމާ ޙަވާލުކުރައްވާފައިވާ ވަޒީރުގެ ޙައިސިއްޔަތުން މިނިސްޓަރ މާރިޔާ ވަނީ، ހިޖުރަކުރާ މީހުންގެ ހައްގުތަކަށް ބުރޫނާރާނެހެން، އެއްވެސް މަޖުބޫރުކުރުވުމެއްނެތި، ރައްކާތެރިކަމާއެކު، ހިޖުރަކުރެވޭނެ މަގުފަހިކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން އިންސާނީ ވަގުފާރިކުރުމުގެ ކުށުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، މިނިސްޓަރ މާރިޔާ ވަނީ، އިންސާނީ ވަގުފާރިކުރުން ހުއްޓުމަކަށް ގެނައުމަށް ރައީސް އިބްރާހީމްމުހައްމަދު ސޯލިހު ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާފައެވެ.
މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ކަންކަން ވިލަރެސްކުރާ ކޮމިޓީގެ ރިޔާސަތު، 2019 ވަނަ އަހަރުގެ ފަހުކޮޅު، މިނިސްޓްރީ އޮފް ޑިފެންސާ ހަވާލުކުރެއްވުމަށްފަހު، ސަރުކާރުން ގެންދަވަނީ އިންސާނީ ވަގުފާރިއަށް ނިމުމެއް ގެނައުމަށްޓަކައި މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. މިގޮތުން، ފެބްރުއަރީމަހުގެ ތެރޭގައި، ކެބިނެޓުންވަނީ މޯލްޑިވްސް ނޭޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ އެކްޝަން ޕްލޭން ފާސްކުރައްވާފައެވެ. މީގެ އިތުރުން، ސަރުކާރުންވަނީ ނެޝަނަލް އެންޓި-ހިއުމަން ޓްރެފިކިންގ ސްޓިއަރިންގ ކޮމިޓީ ސްޓްރީމްލައިންކުރައްވާ، އަލުން އެކުލަވާލައްވާފައެވެ.
ހިއުމަން ޓްރެފިކިންގާ ދެކޮޅަށް ސަރުކާރުން އަޅުއްވާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ޑިފެންސްގައި ޑިރެކްޓަރ އޮފް އެންޓި-ހިއުމަން ޓްރެފިކިންގެ ނަމުގައި މަޤާމެއް އުފެއްދެވުމާއި، އިންސާނީ ވަގުފާރީގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި ޝެލްޓަރެއް ޤާއިމްކުރުމަށްޓަކައި ގުޅީފަޅުން ބިމެއް ހަމަޖައްސަވައި، އެތަން ތައްޔާރުކުރުމުގެ މަސައްކަތް ފެށްޓެވުން ހިމެނެއެވެ. އަދި ހިއުމަން ޓްރެފިކިންގާ ދެކޮޅަށް ކުރާ މަސައްކަތްތައް ވިލަރެސްކުރުމަށްޓަކައި އެންޓި-ޓިޕް އޮފީހުގެ ނަމުގައި ޚާއްސަ އޮފީހެއް މިނިސްޓްރީ އޮފް ޑިފެންސްގައި ގާއިމްކުރުމަށްޓަކައި، 2021 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނުއްވުމާއި، މީހުން ޓްރެފިކްކުރުން ހުއްޓުވުމާ ބެހޭ ޤާނޫނު، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތްކުރުމުގެ މަސައްކަތް ފެށްޓެވުމާއި، ވަގުފާރީގެ ޝިކާރަޔަކަށްވާ ފަރާތްތަކަށް އެހީތެރިކަން ފޯރުވައިދިނުމާ ބެހޭ ގައިޑްލައިންސާއި ޝެލްޓަރ ހިންގުމާ ބެހޭ ގައިޑްލައިންސް ތައްޔާރުކުރުމުގެ މަސައްކަތް ފެށްޓެވުން ހިމެނެއެވެ.

