ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިހާލަތުގައި މަސްވެރިން ބޭނުން އަގެއްގައި، މަހުގެ އަގު ސަރުކާރުން ބަދަލެއް ނުކުރާނެ: ޒަހާ

މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޒަހާ ވަހީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އިގްތިސާދު މިހާ ދަތި ދުވަސްވަރެއްގައި ހަމައެކަނި މަސްވެރިން ބޭނުން އަގެއްގައި، މަހުގެ އަގު ބަދަލު ކުރުން އެއީ ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވެއްޖެއެވެ.

މަސް ނުކިރޭ މައްސަލަ އާއި މަހުގެ އަގު ދަށްވުމުގެ މައްސަލާގައި މަސްވެރިންތަކެއް އިއްޔެ ވަނީ ޅ. ފެލިވަރުގައި މުޒާހަރާކޮށްފަ އެވެ. ފެލިވަރަކީ މިފްކޯގެ މަސް ކާރުހާނާ ހުންނަ ރަށެވެ. މަސްވެރިން ޑިމާންޑް ކުރަމުން ދިޔައީ މަހުގެ އަގު 20ރ. އަށް ވުރެ ދަށް ނުކުރުމަށެވެ.

މަސްވެރިންގެ ޑިމާންޑްތަކާއި ގުޅޭގޮތުން މިނިސްޓަރު ޒަހާ “މިހާރު” އަށްދިން އިންޓަވިއުއެއްގައި ވިދާޅުވީ ސަރުކާރުން މަހުގެ އަގު ކަނޑައަޅާފައި ވަނީ މަސްވެރިޔާ އަށާއި އޮޑިވެރިޔާ އަށް ވެސް ގެއްލުން ނުވާނެ ގޮތަކަށް ކަމަށެވެ. އެގޮތުން މީގެ ކުރިން މަހުގެ އަގު ކިލޯއެއް 8ރ. އަށް ދަށްވެފައި އޮތް ނަމަވެސް މި ސަރުކާރުން 13ރ. އަށް ވުރެ ދަށް އަގެއްގައި މަސް ނުގަނެވޭނެ ގޮތް ހަދާފައިވަނީ މަސްވެރިޔާ އަށާއި އޮޑިވެރިޔާ އަށް ވެސް ގެއްލުން ނުވާނެ ގޮތަށް ކަމަށެވެ.

ޒަހާ ވިދާޅުވީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލު ލިބި މަސްވެރިކަމުގެ ސިނާއަތް ކުރިއަރާނީ މިފްކޯ އަށް ވެސް ފައިދާވެގެން ކަމަށެވެ. އެގޮތުން މިފްކޯއިން އަބަދުވެސް ނުއަގުގައި މަސް ގަންނާތީ އެ ކުންފުންޏަށް ގެއްލުން ބޮޑުވެ، މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ވެސް ނުދެވިގެން އުޅޭ ކަމަށް ޒަހާ ވިދާޅުވިއެވެ.

މިފްކޯއަކީ ފައިދާވާ ކުންފުންޏަކަށް ނުވަންޏާ މަސްވެރިކަމަށް ވެސް ފައިދާއެއް ނުކުރާނެ ކަމަށާއި ސަރުކާރުން ނުއަގުގައި ވިޔަފާރި ކުރަންނަމަ އެހެން ވިޔަފާރިތައް ވެސް ދެކޮޅެއް ނުޖެހޭނެ ކަމަށް ޒަހާ ވިދާޅުވިއެވެ. އެހެންވެ މަސްވެރިންނަށާއި މުޅި ދާއިރާ އަށް ކުރިއެރުން ލިބެން އޮތީ މިފްކޯ އަށް ވެސް ފައިދާވެގެން ކަމަށް ޒަހާ ވިދާޅުވިއެވެ.

ޒަހާ ވިދާޅުވި ގޮތުގައި ކޮވިޑް-19 އާ ގުޅިގެން މާލީ ގޮތުން ދަތި ދުވަސްތަކެއް ތަހަންމަލު ކުރަން ޖެހިފައި ވަނީ މަސްވެރިން އެކަންޏެއް ނޫނެވެ. ފަތުރުވެރިކަމުގެ ދާއިރާގެ އެތައް ބައެއްގެ ވަޒީފާ ގެއްލި، އެހެން ރައްޔިތުންނަށް ވެސް މިއީ ދަތި ދުވަސްވަރެއް ކަމަށް ޒަހާ ވިދާޅުވިއެވެ.

މި ހާލަތުގައިވެސް މަސްވެރިން ބޭނުން އަގެއްގައި މަސް ގަންނަން ވެއްޖެ ނަމަ އެ ހަރަދު ވެސް ކުރަން ޖެހޭނީ ހުރިހާ ރައްޔިތުން ދައްކާ ޓެކްސް ފައިސާ އިން ކަމަށާއި އަދި އެއީ ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ޒަހާ ވިދާޅުވިއެވެ.

ފެލިވަރުގައި މުޒާހަރާ ކުރި މަސްވެރިން ވަނީ ލުއި ފަސޭހަކޮށް އައިސް ލިބޭނެ ގޮތް ހަމަޖެއްސުމަށާއި، ދުވަހުން ދުވަހަށް މަސް ކިރޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް ޑިމާންޑްކޮށްފަ އެވެ.

ފެލިވަރުގައި ކުރި މުޒާހަރާގައި ފަންސަވީހަކަށް މަސްދޯނި ބައިވެރިވި އެވެ. ހަމަ އަގު ނުލިބޭ ކަމަށް ބުނެ މަސްވެރިން އަޑު އުފުލާއިރު، ވަރަށް ފަހަކާ ޖެހެންދެން ވެސް މިފްކޯ އިން މަސްވެރިންގެ އަތުން މަސް ގަންނަމުން އައީ ބާޒާރުގެ އަގަށް ވުރެ ބޮޑުކޮށެވެ.

މަސްވެރިން ބުނީ މަސް ކިރުވުމަށް އެތައް ދަތިތަކެއް ދިމާވެފައި ވާއިރު، މަސް ނުކުރި ހަލާކުވާން ދިމާވާކަމަށާއި، އެ މައްސަލަ އަށް ހައްލު ހޯދާ ދިނުމަށް ގޮވާލާ ކަމަށެވެ. މީގެ އިތުރުން އުތުރުގައި މަސްގަންނަން ތަރައްޤީކޮށްފައިވާ ށ. ކީކިމިނި ސަރުކާރުގެ ބެލުމުގެ ދަށަށް ގެނައުމަށްކަމަށް ވެސް ގޮވާލާފައެވެ.

ފެލިވަރު ފަޅުތެރޭގައި ދޮށީގެ މަސްވެރިކަން ކުރާ މަސްވެރިން މުޒާހަރާ ކުރަމުން ދާއިރު، ބޮޑު ކަންނެލީގެ މަސްވެރިކަން ކުރާ މީހުން ވަނީ މަސްވެރިންގެ ދުވަހު މަސްވެރިންގެ ހުރި ކަންބޮޑުވުންތައް ފާހަގަކޮށް މުޒާހަރާކޮށްފައެވެ. އެ މުޒާހަރާގައި ޅ.ހިންނަވަރާއި އެއަތޮޅު ނައިފަރުގެ ގިނަ ބަޔަކު މި މުޒާހަރާގައި ބައިވެރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: