ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މައުމޫން ވިދާޅުވަނީ ގަރީނާގެ ގޮތުގައި ޑީއެންއޭ ބަލައިގަނެވޭނެ ކަމަށް!

އަލްއުސްތާޛް މައުމޫން އަބްދުލްޤައްޔޫމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ގަރީނާއެއްގެ ގޮތުގައި ނުބެލޭނެ ސަބަބެއް ނެތްކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ ޒިނޭގެ މައްސަލައެއްގައި، ކުޑަ ކުއްޖެއްގެ ބައްޕަ ސާބިތުކުރަން ޑީއެންއޭ އަކީ ހެއްކެއްގެ ގޮތުގައި ނުބެލޭނެ ކަމަށް ހައިކޯޓުން ކޮށްފައިވާ ހުކުމް ކުރުމުން އުފެދިފައިވާ ބަހުސައި ގުޅިގެންނެވެ.

މަހުގެ 17 ވަނަ ދުވަހު ހައި ކޯޓުން ނިންމި މައްސަލައިގައި ހިމެނޭ އަންހެން މީހާ ވަނީ މީހަކާ އެކު ޒިނޭ ކުރި ކަމަށް އިއުތިރާފްވެފަ އެވެ. އަދި އޭނާ ވިހާފައިވާ ކުއްޖާއަކީ، އެ ފިރިހެން މީހާއާއެކު ޒިނޭކުރުމުގެ ސަބަބުން ލިބިފައިވާ ކުއްޖެއްކަމަށް ވެސް ކޯޓުގައި އަންހެން މީހާ ވަނީ ބުނެފައިވެ އެވެ.

އަންހެން މީހާއަށް ލިބުނު ކުއްޖާގެ ޑީއެންއޭ އާއި އަންހެން މީހާ ބުނާ ފިރިހެން މީހާގެ ޑީއެންއޭ އާ ދިމާވާތީ، އެ ފިރިހެން މީހާގެ މައްޗަށް އުފުލީ ޒިނޭކުރުމުގެ ދައުވާ އެވެ. ނަމަވެސް މައްސަލައިގައި ހިމެނޭ ފިރިހެން މީހާ ވަނީ ޒިނޭކުރިކަމަށް އިންކާރުކޮށްފަ އެވެ. އަދި އެ މައްސަލައިގައި ދަށު ކޯޓުން ނިންމާފައި ވަނީ ފިރިހެން މީހާގެ މައްޗަށް ޒިނޭގެ ކުށް ސާބިތުނުވާ ކަމަށެވެ.

ނޭކޮށްގެން ލިބޭ ދަރިން ނިސްބަތްވާ ފިރިހެނަކު ހޯދުމަށް ޑީއެންއޭ ޓެސްޓު ހެދުމަކީ ހުއްދަ ނޫން ހަރާމް ކަމެއް ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން 2018 ވަނަ އަހަރު ވަނީ ކަނޑައަޅައިފައެވެ.

ރައީސް މައުމޫން ކުރެއްވި ޓްވިޓްތަކެއްގައި ވިދާޅުވީ ކަމެއް ދެނެގަނެވޭނެ ގޮތް ޝަރްޢުގައި އަންގަވާފައި އޮތުމަކީ އެނޫން ގޮތްގޮތުން އެކަން ދެނެގަތުން މަނާކުރާ ކަމެއް ނޫން ކަމަށެވެ.

އެގޮތުން އިރު ހިނގާގޮތް ބަލައިގެން ނަމާދުގެ ވަގުތުތައް ދެނެގަންނާނެ ގޮތް ސުންނަތުން އެނގެން އޮތް ނަމަވެސް މިހާރު ނަމާދު ވަގުތު ބަލަނީ ފަލަކީ ހިސާބުންކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.

ރައީސް މައުމޫން ވިދާޅުވީ ދަރިލެއްވުމުގައި ޑީއެންއޭ ސީކުއެންސް ގަރީނާއެއްގެ ގޮތުގައި ނުބެލެންވީ ސަބަބެއްނެތް ކަމަށާއި ފިންގަޕްރިންޓް ފަދަ ސައެންޓިފިކް ދަލީލުތައް ވެސް ގަރީނާގެ ގޮތުގައި ޝަރީއަތުން ބަލައިގަން ކަމަށެވެ.

ޑީއެންއޭގެ ނަތީޖާއަށް ބަލައިގެން ޒިނޭ ސާބިތު ނުކުރެވޭނެ ކަމަށް ކުރި ހުކުމާ ވިދިގެން ޒިނޭގެ ދެ ވައްތަރެއް ހުންނަ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމްވެސް ވަނީ ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން އެ މައްސަލައިގައި ބޮޑު ބަހުސެއް އުފެދި އިސްލާމިކް މިނިސްޓްރީންވެސް އެވާހަކަތަކަށް ރައްދު ދިނެވެ.

ގާނޫނުލްއުގޫބާތުގައި ދެ ވައްތަރެއްގެ ޒިނޭ ތައާރަފުކޮށް، އެ މައްސަލައަށް ހައްލު ގެނައި ކަމަށް ޕީޖީ ޝަމީމް ވިދާޅުވެފަ އެވެ. ޝަމީމް ގަބޫލުރައްވާ ގޮތުގައި އެއް ވައްތަރަކީ، އިސްލާމީ ޝަރީއަތުގައި އޮތް ޒިނޭ އެވެ. އެބާވަތުގެ ޒިނޭ ސާބިތު ކުރުމަށް ބޭނުންވަނީ އިސްލާމީ ޝަރީއަތުގައި އޮތް ސާބިތު ކުރުމުގެ މިންގަނޑެވެ. އެއީ، އޭރުވެސް އޮތް ގޮތެވެ. ދެވަނަ ޒިނޭއަކީ ގާނޫނީ ޒިނޭ އެވެ.

ޝަމީމްގެ ވާހަކަތަކަށް ރައްދުދީ އިސްލާމިކް އިސްލާމިކް މިނިސްޓްރީން ކުރި ޓުވީޓެއްގައި ބުނީ އިސްލާމްދީނުގައި ބޭނުން ކުރަމުންދާ ޝަރުއީ ލަފްޒުތައް ބޭނުން ކުރަންވާނީ ޝަރުއުގައި އެ ލަފްޒެއް ބޭނުން ކުރަމުންދާ ގޮތަށް ކަމަށާއި ގާނޫނީ ގޮތުންވެސް އެފަދަ ޝަރުއީ ލަފްޒުތައް ބޭނުންކުރަމުން ދަނީ ޝަރުއުގައި ވާގޮތަށް ކަމަށެވެ.

ރާއްޖޭގެ ގާނޫނުގެ މައިގަނޑު މަސްދަރުކަމަށްވެފައި، މިފަދަ ޝަރުއީ މުޞްޠަލަޙުތަކުގެ ޝަރުއީ މަފްހޫމް ގެއްލޭނެ ފަދައިން ބޭނުންކުރުމަކީ ޝަރުއީ މިންގަނޑުތަކާއި ގާނޫނުއަސާސީއާ ހިލާފުކަމެއްކަމުގައިވާތީ، ޝަރުއީ ލަފްޒުތައް ބޭނުން ކުރަންވާނީ ޝަރުއުގައި އެ ކަމެއް ބޭނުން ކުރުމަށް އޮންނަ ގޮތަށް ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: