ރާއްޖެއަށް ކޮވިޑް-19 ވެކްސިން ގެނައުމާ ގުޅޭގޮތުން ހެލްތް މިނިސްޓަރު އަހްމަދު ނަސީމް، ޑަބްލިއުއެޗްއޯގެ އިސް ބޭފުޅުންނާއެކު މަޝްވަރާކުރައްވައިފިއެވެ.
ފޯނު މެދުވެރިކޮށް ޑަބްލިއުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލްއާއި ޑަބްލިއުއެޗްއޯގެ ސައުތް އީސްޓް އޭޝިއާ ރީޖަންގެ ޑިރެކްޓަރ ޖެނެރަލްއާ މި މަޝްވަރާތައް ކުރިއަށް ގެންދިޔުމުގައި އެހީތެރިކަން ފޯރުކޮށްދީފައިވަނީ ޑަބްލިއުއެޗްއޯގެ ރާއްޖޭގެ އޮފީހުގެ ފަރާތުންނެވެ.
އެޗްއީއޯސީގެ ތަރުޖަމާން އަދި ކޮވިޑް ވެކްސިން ޓާސްކް ފޯހުގެ ވެރިޔާ ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކޮވިޑް ވެކްސިން ހޯދުމަށް އުފައްދާފައިވާ ގްރޫޕް ”ކޮވެކްސް“ މެދުވެރިކޮށް ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ބޭނުންވާ ވެކްސިން ހޯދަން ހުށަހެޅި ލިޔުން ބަލައިގެންފައިވާ ކަމަށެވެ.
ކޮވެކްސް ފެސިލިޓީ މެދުވެރިކޮށް ލިބޭ ވެކްސިންގެ 17 ޕަސެންޓް ޖެހުމަށް ހަމަޖެހިފައިވަނީ 50 އަހަރުން މަތީގެ މީހުންނާއި ކޯވިޑް-19 ޖެހިއްޖެނަމަ، ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށެވެ. އަދި ތިން ޕަސެންޓް ވެކްސިން ސީދާ އަދި ނުސީދާ ގޮތުގައި ބަލިމީހުންނަށް އެހީތެރިވާ މީހުން އަދި ބަލީގައި ބޮޑުވަރު ވެދާނެ މީހުންނަށް އެހީތެރިވާ މީހުންނަށް ދިނުމަށް ވަނީ ނިންމާފައެވެ.

