ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީން ޖަލަށް ލުމުން ގައުމު މިވަނީ ގާދޫކޮޅުން ބޭރުވެފައި: އާދަމް ޝަރީފް

އިދިކޮޅު ޕީޕީއެމް، ޕީއެންސީއިން ބޭއްވި ވިސްނާ ޖަލްސާގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމާއި ހަވާލުވުމާއި އެކު ގައުމަށް ލިބޭ ގެއްލުންތައް ވީ އިތުރު ކަމަށާއި، ރައީސް އަބްދުﷲ ޔާމީން ވެރިކަމުން ވަޑައިގެންނެވުން ވީ ގައުމު މިސްރާބެއް ނެތި އޮޔާ ދިއުން ފަދަކަމެއްގެ ގޮތުގައި ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު، އަދި ޕީއެންސީގެ ނައިބް ރައީސް އާދަމް ޝަރީފް އަމަރު ވިދާޅުވެއްޖެއެވެ.

އިދިކޮޅު ޕީޕީއެމް، ޕީއެންސީއިން އިންތިޒާމުކޮށްގެން ބޭއްވި ”ވިސްނާ“ ޖަލްސާގައި ވާހަކަ ދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ، މި ސަރުކާރު ވެރިކަމަށް އައުމާއި އެކު ރައްޔިތުންނަށް ދިމާވާ ދަތިތައް އިތުރުވެއްޖެ ކަމަށެވެ. އަދި ރައީސް ޔާމީން ވެރިކަން ނިމިގެން ދިއުން ވެގެން ދިޔައީ، ގައުމު ގާދޫކޮޅުން ބޭރުވެ އޮޔާދިނުން ފަދަ ކަމެއްގެ ގޮތުގައި ކަމަށެވެ.

ރައީސް ޔާމީނަކީ ދިވެހި ގައުމަށް އެތައް ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށާއި، ރައްޔިތުން މިއަދު ކުރަންޖެހިފައިވާ އެންމެ މުހިންމު މަސައްކަތަކީ ރައީސް ޔާމީން މިނިވަން ކުރަންޖެހޭ ޖިހާދުކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ގައުމު އަނބުރާ ރައީސް ޔާމީނާއި ހަވާލުކުރުމަށް ކުރަން ޖެހުނު ކޮންމެ މަސައްކަތެއް ވެސް އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ކުރާނެ ކަމަށެވެ. އަދި އެކަމުގައި ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލުންކަމަށް އޭނާ ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ރައީސް ޔާމީން ވެރިކަމުގައި ހުންނެވިއިރު ކޮންމެ ރައްޔިތެއްގެ ޖީބަށް ޑޮލަރު ވަންނަ ކަމަށެވެ. އަދި ދިވެހިން ދިރިއުޅެމުން އައީ ތަނަވަސް ދިރިއުޅުމެއްގައި ކަމަށެވެ. އާދަމް ޝަރީފް ވިދާޅުވީ ޒުވާނުނަށް ތަފާތު އެކި ފުރުސަތުތަކެއް ލިބި، ޒުވާނުނަށް ވަޒީފާގެ ފުރުސަތުތައް ލިބިގެން ދިޔަ ކަމަށެވެ.

ކޮވިޑާއި އެކު އެންމެ ބޮޑު ލޮޅުމެއް އައި ފަތުރުވެރިކަމުގެ ސިނާއަތަށް ކަމަށާއި، ދާއިރާގައި މަސައްކަތް ކުރާ އެތައް ޒުވާނެއްގެ ވަޒީފާ ގެއްލިގެން ދިޔައިރު ސަރުކާރަށް ވެދެވުނު އެހީއެއް ނެތް ކަމަށް އޭނާ ވިދާޅުވިއެވެ. އެ ޝަކުވާތައް ހުށަހެޅުނު ނަމަވެސް، މި ސަރުކާރަކީ އާޑުއިވޭ ސަރުކާރެއް ނޫން ކަމަށާއި، ރައީސް ސޯލިހުގެ ސަރުކާރަށް ރައްޔިތުންގެ އިހުސާސްތައް ނޭނގޭ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ އަމާ ބުނީތީ ފަރަށް ދާ އުސޫލުން ކަމަށެވެ. އަދި ޝަކުވާތަކާއި، ކަންބޮޑުވުންތަކެއް އައި ނަމަވެސް ސަރުކާރުން އެކަމަށް ޖަވާބުދާރީވާތަން ނުފެންނަކަން އާދަމް ޝަރީފްގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

”މިހުރިހާ ކަމެއް މިހެން އޮތުމުން، ރައްޔިތުން އެބަޖެހޭ ވިސްނަން. ރައްޔިތުން އެބަޖެހޭ ވަރަށް ބޮޑަށް ފިކުރު ކުރަން.“ އާދަމް ޝަރީފް

މީގެ އިތުރުން ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް އިޝާރާތް ކުރައްވާ އާދަމް ޝަރީފް ވިދާޅުވީ އިންތިހާބު ބާއްވަން ބޭނުން ނުވިޔަސް، އިންތިހާބު ބޭއްވުން ނޫން އިތުރު ގޮތެއް ސަރުކަރަށް ނޯންނާނެ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ، ގައުމު ސަލާމަތް ކުރަން ބޭނުން ނަމަ ޕީޕީއެމަށް ވޯޓު ދޭން ޖެހޭ ކަމަށެވެ. ހުރިހާ ބާރެއް އެހެން ބައެއްގެ އަތަށް ދިއުމުން، ގައުމު މިހާރު އޮތް ހާލަތަށް ވެސް ދަށް ދަރަޖައަކަށް ދާނެ ކަމަށް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: