ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިރޫޝް ރިޓަޔާރ ކުރުން: ޖަމީލް ވިދާޅުވީ އެމްޑީޕީން ޒުވާނުންގެ މުސްތަގުބަލް ކަތިލަނީ ކަމަށް!

ކުރީގެ އޭސީޕީ ފައިރޫޝް އާއި، ކުރީގެ ނައިބް ރައީސް ޑރ. ޖަމީލް އަހުމަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަކީ ކުރިއަރަމުން އަންނަ ޒުވާނުންގެ ހުނަރުތައް ކަތިލަމުންދާ ޕާޓީއެއްކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެސިސްޓެންޓް ކޮމިޝަނާރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި، ޑރ. އަބްދުﷲ ފައިރޫޝް ރިޓަޔާރ ކުރެއްވުމާއި ގުޅިގެން އެމްޑީޕީއިން ދަނީ އޭނާއަށް އަމާޒުކޮށް ފާޑުވިދާޅުވަމުންނެވެ. އަދި ފައިރޫޝް ރިޓަޔާރ ކުރެއްވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވާފައިވާ ފުލުހުންގެ ބިލާއި ގުޅިގެންކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަދި ފައިރޫޝްއަކީ 2012 ވަނަ އަހަރު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަޣާވާތަކުން ބަދަލު ކުރުމުގައި އިސްކޮށް ހުރި ބޭފުޅެއްގެ ގޮތުގައި އެމްޑީޕީން ގަބޫލު ކުރެއެވެ.

ފައިރޫޝްގެ މައްސަލަ ނުބެލެނީސް، އޭނާ އަމިއްލައިން ރިޓަޔާރ ކުރެއްވުމުން ނުރުހުން ފާޅުކޮށް، އެމްޑީޕީއިން އަންނަނީ ފުލުހުންގެ އިދާރާ ހިންގެވުމާއި އެ ދުވަހު ވަގުތީގޮތުން ހަވާލުވެ ފައިރޫޝް ދެމުން ގެންދިޔަ ކޮމާންޑުތަކުގެ މައްސަލަ ބެލުމަށް ގޮވާލާފައެވެ. ސަރުކާރުގެ މެމްބަރުންގެ ނުރުހުން ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދާއި، ފައިރޫޝްއަށް އަމާޒުވަމުންދާއިރު އިދިކޮޅު ޕީޕީއެމް، ޕީއެންސީއިން ދަނީ ފައިރޫޝްގެ ދިފާއުގައި ވާހަކަ ދައްކަވަމުންނެވެ.

ފާޑުކިއުންތަކަށް ރައްދު ދީ ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންގެ އާ ގާނޫނުގެ މަގްސަދަކީ ބަދަލު ހިފުން ކަަމަށެވެ. އަދި އޭގެ އެއް މަގްސަދު އެމްޑީޕީއަށް ހާސިލް ކުރެވުނީ ފައިރޫޝްގެ ރިޓަޔާމެންޓާއި އެކު ކަމަށެވެ. ވަޒީފާގެ މާހައުލުގައި އޮންނަ ބިރުވެރިކަން ނައްތާލާނެ ކަަމަށް ވީ ވައުދު އެމްޑީޕީއަށް ފުއްދައި ނުދެވޭނެ ކަމަށް ބުނެ ވެސް ޑރ. ޖަމީލް ފާޑުވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ މިއަދު ވަޒީފާގެ ބިރަށް، މަސްއޫލިއްޔަތުތަކުން އެކަހެރިވާން ޖެހުނީ ފައިރޫޝް ކަމަށާއި، މާދަމާ އިތުރު ބޭފުޅެއް އެ ލިސްޓަށް އިތުރުވެގެން ދާނެ ކަމަށެވެ. މިއީ ރައްޔިތުންނަށް އެއްވެސް އޯގާތެރިކަމެއް ނެތް ސަރުކާރެއް ކަމަށާއި، ވައުދުތަކެއް ވެ، އެންމެ ބޮޑު ކެއްސެއް އަބަދުވެސް ދެނީ ރާއްޖޭގެ އެންމެ ދެކުނުގައި ވާ އައްޑޫ ސިޓީއަށް ކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

”ފުލުހުންގެ އާ ޤާނޫނުގެ މަޤްޞަދަކީ ބަދަލުހިފުން. ޤަޢުމެއްގެ ގޮތުގައި މިއީ ވަރަށް ނާތަހުޒީބު ޢަމަލްތަކެއް. އެމްޑީޕީ އިސްނަގައި ހުނަރުވެރި ޒުވާނުންގެ މުޞްތަޤްބަލް ކަތިލުމަށްފަހު އުފާފާޅުކުރުމަކީ ލަދުވެތި ޢަމަލެއް. ވަޢުދުވި މިނިވަން، ވަޒީފާގެ ބިރުވެރިކަން ނެތް މުޖުތަމަޢު ކޮބާ؟. މިއަދު ޑރ. @fairoosh މާދަމާ ޝިކާރައަކަށް ވާނީ ކާކުބާ؟ ދިވެހި ޤަޢުމަށް، ވަކިން ޚާއްޞަކޮށް އައްޑޫ ރައްޔިތުންނަށް މި ސަރުކާރުންނާއި އެމްޑީޕީން އަބަދުވެސް ދެނީ ކެހި.“ ޑރ. ޖަމީލް

ގެޒެޓުގައި ޝާއިއުކޮށް، ތިން މަސް ފަހުން އަމަލު ކުރަން ފަށާ އެ ގާނޫނަކީ ފެބުރުއަރީ 07 ގެ ބަދަލު ހިފުމަށް ގެންނަ ގާނޫނެއްކަމަށް ބަހުސް މަރުހަލާގެ ތެރެއިން ވެސް އިދިކޮޅު މެމްބަރުން ވިދާޅުވެފައި ވެއެވެ. އެހެން ނަމަވެސް އެ ވާހަކަތަކަށް ރައްދު ދީ، އެމްޑީޕީގެ މެމްބަރުން ވިދާޅުވީ މިއީ ބަޣާވާތަށް ދޮރު ބަންދުވެ، މަގާމުގެ ކުރިއެރުމުގައި ވެރިން ރުހޭ މެޑަލް ހޯދުމަށް ކުރާ މަސައްކަތަށް ހުއްޓުމެއް ގެންނާނެ ބިލެއް ކަމަށެވެ. އަދި ބޭއިންސާފުން ކުރެވޭ މަސައްކަތްތަކާއި، ފުލުހުންގެ މުވައްސަސާގެ ތެރޭގައި ހިނގާ އޮޅުވާލުންތަކާއި ބަޣާވާތްތައް ހުއްޓުވާ ހަރުދަނާ ކުރިއެރުންތަކެއް ލިބޭނެ ބިލެއް ކަމަށެވެ.

މި ގާނޫނުގެ އިސްލާހުތަކުގެ ތެރޭގައި ޕޮލިސް ބޯޑެއް އެކުލަވާލާތާ 04 މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވައި ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާމެދު ބޯޑުން ގޮތެއް ނިންމަން ޖެހޭނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: