ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ބޭނުމަށް ދީން ހަތިޔާރަކަށް ހެދުން، ނުހުއްޓުނު ސަޤާފަތެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ތާރީޚުގެ ފަތްފުށް ތަކަށް ކަޅިހިންގާލާއިރު ދިވެހި ރައްޔިތުންނަށް އެބައެއްގެ ފަރާތުން އެންމެ ބޮޑު އަނިޔާއެއް ލިބިފައިވަނީ ކޮންބައެއްގެ ފަރާތުންތޯ ދިވެހި ރާއްޖޭގެ ކުޑަކުއްޖަކާ ސުވާލު ކޮށްލިޔަސް އެބަޔަކީ ޕޯޗުގީޒުންނޭ ބުނާނެކަން ޔަޤީނެވެ. ރާއްޖޭގެ މިނިވަންކަން ނިގުޅައިގަނެ ރާއްޖޭގެ ކީރިތި މަހާރަދުންގެ މަޤާމުގައި ހުންނެވި އަލިރަސްގެފާނުން ޝަހީދުކޮށް ދިވެހި އެތަކެއް ރައްޔިތުން ހަނގުރާމައިގެ މައިދާނުގައި ކަތިލިއެވެ. ޕޯޗުގީޒުން ރޯމާދުވާލު މަގުމަތީގައި އެތަކެއް އަންހެން ދަރީންގެ އިއްފަތްތެރިކަން ފޭރިގަނެ އެކަމާ ނުރުހުމުގެ ބަހެއް ބުނެލި ކޮންމެ މީހަކު ޝަހީދުކުރަމުން ދިވެހީންގެ އެތަކެއް މީހުންގެ ކަރަށް ގަދަކަމުން ރާއެޅިއެވެ. ޕޯޗުގީޒުންގެ އަނިޔާވެރިކަން ހައްދުފަހަނައަޅާ ދިޔައިރުވެސް މިގައުމުން މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތް ފޮހެވިގެންދިޔަތޯ މީކޮންމެ ރައްޔިތަކުވެސް އެމީހެއްގެ އަމިއްލަ ނަފްސާކޮށްލަން އެންމެ ރަގަޅު ސުވާލެއް ކަމަށް ދެކެމެވެ.

މިއަދު މާމޮޅު ދީނީ އިލްމުވެރިންނަށް ވެގެން ނުކުމެ މިގައުމުން އިސްލާމްދީން ފޮހެލަން ބަޔަކު މަސައްކަތް ކުރާ ކަމަށް ދައުވާކޮށް އެމީހުން ބޭނުންވާ ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ޖާޕާނުމަހެއް ވިހާ އުސޫލުން ވާހަކަ ވިހަމުންދާއިރު ދިވެހި ތާރީޚުންވެސް އެއީ މިގައުމުގައި ނުވާނެ ކަމެއްކަން މިވަނީ ފެނިފައެވެ. މަލާބާރީންނާއި ހޮޅީންގެ އަނިޔާވެރިކަމާ ފޭރުމުގެ ވާހަކަތަކަކީވެސް ރާއްޖޭގެ ރައްޔިތުންނަށް އޮޅިފައި އޮންނާނެ ވާހަކައެއް ނޫނެވެ. ދިވެހީންނަކީ އަބަދުވެސް މިނިވަންކަމާއިއެކު މާބޮޑު ގަޑުބަޑަކާނުލައި ދިރިއުޅޭން ބޭނުންވާ އަދި އަބަދުވެސް އެއޮންނަ ދިރިއުޅުމަކައިގެން ފުއްދާލައިގެން ދިރިއުޅޭ ބައެކެވެ.

ރާއްޖޭގެ ރައްޔިތުން މީގެ އެތަކެއް ގަރުނެއް ކުރިން ވަނީ އިސްލާމްދީނަށް ތަބާވެފައެވެ. ކަން މިހެން އޮތްއިރު މިރާއްޖޭގައި ގާނޫނީ ގޮތުން އުފެދިފައި އޮތް ސަރުކާރާ ދެކޮޅަށް މުއްސަނދި މަހުޖަނުން ތަކެއްގެ ތައްޕާހަށް ވެއްޓިގަނެގެން އުޅޭ މަދު ދީނީ އިލްމުވެރިން ތަކެއް ކަމަށް ހެދިގެން އުޅޭ ބަޔަކު ނުކުމެ އިއްތިހާދެއް ހަދާއި މިގައުމުން އިސްލާމްދީން ފޮހެލަފާނެ ކަމުގެ ބިރު ދިވެހި ރައްޔިތުންގެ ހިތްތަކަށް ވެއްދުމަކީ އެމީހުންގެ ހިތުގައި ސިޔާސީ އެދުންވެރިކަމެއް އޮވެގެން ކުރި ކަމެއްކަން މިއަދު މިދަނީ ފެނި ހާމަވަމުންނެވެ. ދީން ހަތިޔާރަކަށް ހަދައިގެން ދީންދެކެ ލޯބިވާ ދިވެހި ރައްޔިތުންގެ ސިކުނޑިތަކާއި ކުޅެލުމަކީ، ވަކިކަމެއް ކުރުމަށް އެޅި ފުރަތަމަ ފިޔަވަޅަކަށް މިވަނީ ހަދާފައެވެ. މަދު ފައިސާކޮޅަކަށް އިލާހީ ބަސްފުޅާއި މާތް ރަސޫލާގެ ސުންނަތް މިވެރިން މިވަނީ ހިތުހުރި ގޮތަކަށް ބޭނުންވާ ބައިތައް ވިޔަފާރިވެރިންނަށް ފައިދާވާ ގޮތަށް އަތުރާ ނިންމާލާފައެވެ.

ދުނިޔޭގައި އިސްތިއުމާރުގެ ބާރުފެތުރި ބާރުދެރަ ގައުމުތައް އަޅުވެތި ކުރެވެމުން ދިޔައިރު މިފަދަ ބާރުތަކުން ސަލާމަތް ވުމުގެ ބޭނުމުގައި ރާއްޖޭގެ ރައްޔިތުން އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި ދިގު މުއްދަތަކަށް އޮތެވެ. އިނގިރޭސީންގެ ހިމާޔަތުގެ ދަށުން ރާއްޖެ މިނިވަން ވީފަހުންވެސް ރާއްޖޭގެ ބައެއް ބިންތައް އިނގިރޭސީންނާއި ވެވިފައިވާ އެއްބަސްވުމުގެ ދަށުން އެމީހުންގެ ބާރުގެ ދަށުގައި އޮތެވެ. މިއަދު އައްޑޫގައި އެއޮތް ބައިނަލް އަޤްވާމީ ވައިގެ ބަނދަރަކީ އިނގިރޭސީން އެތަނުގައި ގާއިމްކުރި ވައިގެ ބަނދަރެއްކަން ދިވެހީން އަދި ހަނދާނެއް ނުނެތޭނެއެވެ. އިނގިރޭސީންގެ ތެރެއިން އައްޑުއަށް ފައިބައިތިބި ގިނަ މީހުންނަކީ އޭރުގެ ބަހުންނަމަ ފަރަންޖީންނެވެ. ނަމަވެސް އެމީހުންނަކީ ވަކިފަރަންޖީންނޭ ކިޔާފަ، ދިވެހިންގެ އަގީދާއަކަށް ބަދަލެއް ނާދެއެވެ އަދި އެއިރު ސަރުކާރުން އައްޑޫއާއި ހުވަދޫގެ ރައްޔިތުންނަށް ދުއްތުރާތަކެއް ކުރާކަމުގައި ބުނެ ދިވެހި ސަރުކާރުގެ ދަށުން ވަކިވެ ގަތުމުގައި ފަރަންޖީންގެ މަދަދު ހޯދިކަމުގައި ތާރީޚު ބުނެއެވެ. ނަމަވެސް މަދަދު ހޯދީ ވަކި ދައުލަތެއް ގާއިމް ކުރުމަށެވެ. އެއްވެސް ހާލެއް ވަކި ދީނެއް މިގައުމަށް ގެންނާކަށް ނޫނެވެ.

ދިވެހި ދައުލަތަކީ ސައްތައިން ސައްތަ އިސްލާމީ ދައުލަތަކަށް ވިއަސް މިގައުމުގައި އުޅޭ ބައެއް މީހުންނަކީ ސައްތައިން ސައްތަ އިސްލާމުންނޭ  ބުނެ ނުދެވިދާނެއެވެ. އެކަން ދިވެހި ތާރީޚުންވެސް ހެކި ދެއެވެ. އެހެންނަމަވެސް މިގައުމުގައި މީގެ އެތަށް ސަތޭކަ އަހަރެއް ކުރިން ފެށިގެން އޮތް މާތްވެގެންވާ އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ދެވިގެނެއް ނުވާނެއެވެ. ދިވެހިރާއްޖޭގައި އެހެނިހެން ދީންތައް ގަބޫލުކުރާ މީހުން އުޅެމުން ގެންދާކަންވަނީ މީގެ ކުރިންވެސް އެގިފައެވެ. އެގޮތުން 19 ސަތޭކައިގެ އަހަރު ތަކުގެ ފަހުކޮޅުގައިވެސް އެކަން ވަނީ ފެނިފައެވެ. ނަސޯރާދީނަށް އަޅުކަން ކުރާ ބަޔަކު ފެނިގެން އެމީހުން ދޫނިދޫ ތިންނަންބަރު ކޮށީގައިވެސް ވަނީ ހައްޔަރު ކުރެވިފައެވެ. މުޒާހަރާ ކޮށްލަން ކެރުނު މީހެއް، އެވާހަކަތައް ދައްކަން ކެރުނު މާގިނަބަޔަކު ތިބި ހެނެއް ހިޔެއް ނުވެޔެވެ. ވާނީވެސް އެހެންތާއެވެ. އެހެން ނަމަވެސް މިއަދު މިފެންނަނީ ޒަމާނުއްސުރެ ރާއްޖޭގައި އޮންނަ ސަޤާފަތެއް ކަމުގައިވާ ދީން ހަތިޔާރަކަށް ހެދުމުގެ ސަޤާފަތް ބޭނުންކޮށްގެން ބަޔަކު ސިޔާސީ ވަކި ކަމެއް ޙާސިލް ކުރަން އުޅޭ މަންޒަރެވެ.

ދިވެހި ރާއްޖޭގެ ސައްތައިންސައްތަ މުސްލިމުން އުޅެމުން ގެންދިޔައީ ފިސާރި ހަރުދަނާ އަގީދާ އެއްގައި އަމިއްލަ ސަގާފަތާއި ތަރިކަ ރައްކާ ކޮށްގެންނެވެ. ސައްތައިންސައްތަ އިސްލާމީ ގައުމުގެ ބައެއް ރަށްތައް އެބުނާ ސައްތައިން އިސްތިސްނާކުރެވި ޣައިރު މުސްލިމުން ބަރަހަނާގައި ހިތުހުރި ގޮތަކަށް ރާބޮއެ، މިނޫންވެސް މިފަދަ ފާޙިޝް އަމަލުތައް ހިތުހުރި ގޮތަކަށް ކުރުމަށް، އުޅެވޭ ރަށްރަށުގެ ގޮތުގައި ރިސޯޓުތައް ހުޅުވި ފަތުރުވެރިކަން ރާއްޖެއަށް އައިސްފައިވަނީ އިއްޔެ އަކު މިއަދު ނޫނެވެ. އެއްއަތުން ގުނާލެވޭ މަދުއަދަދަކަށް މާލެ ކައިރީގައި ހުޅުވުނު ރިސޯޓުތައް ހިނގާން ފެށިތަނާ ރާއްޖޭގައި ރާގެންގުޅުމަކީ ހަރާމް ކަމެއް ކަމަށާ، ރާބުއި މީހެކޭ ރާ ގެންގުޅުނު މީހެކޭ ވާނީ އެއްފަދަ ކަމަށް ބުނެ ދިނީ ފަތުވާދީ އެކަން ހުއްޓާލަން ސަރުކާރަށް ގޮވާލި މީހަކު ފާޅުވެގެން އުޅުނު ކަމަށް ތާރީޚް ލިޔުއްވާ ބައެއް ބޭފުޅުން ވިދާޅުވެއެވެ. ކަންދިމާވި ގޮތުން ރާބުއި މީހެކޭ ރާ ގެންގުޅުނު މީހެކޭ ވާނީ އެއްފަދަ ކަމަށް ގޮވި އެބުނާ މީހަކާއި އޭނާއަށް ވާގިވެރިވާ ފަރާތްތަކުގެ އަތްމައްޗަށް ގައުމުގެ ބާރުތައް އައިހިދު، ކުރަން ހެޔޮ ނުވާނެޔޭ ގޮވި ކަންތައްތައް އެންމެ ފަހުން ބަދަލު ވެގެން ދިޔައީ ރަންބިސްއަޅާ ކުކުޅަކަށެވެ. މިއަދުވެސް ފެނިގެން މިދަނީ ހަމަ އެމަންޒަރުތަކެވެ. ރައީސް ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު މިގައުމުގައި ލާދީނީ ކަންތައްތަކެއް ފަތުރަން އުޅޭ ކަމަށްބުނެ، ތަފާތު އެކިއެކި ޝަރުތުތައްކޮށް، އެމަނިކުފާނަށް ވެރިކަމުގައި ނުހުރެވޭނެ ކަމަށް އިންޒާރުދިން ބައިގަނޑަށް ގައުމުގެ ހުންގާނު ލިބުމުން އަދި ވެސް މިފެންނަނީ އެ އިންޒާރުކުރި ކަންކަން ހިނގަމުންދާތަނެވެ.

ރައްޔިތުންގެ ހިތް ތަކަށް އިސްލާމްދީން ހަތިޔާރަކަށް ހަދައިގެން ބިރުވެރިކަން ވައްދުވާ، ރައްޔިތުންގެ ގިނަބަޔަކު ލައްވާ ފައިސާގެ ދަހިވެތި ކަމުގައި ޖެހިފައިވާ މަދު ދީނީ އިލްމުވެރިން ކަމަށް ހެދިގެން އުޅޭ ބަޔެއް، އެމީހުންގެ އެދުންތައް ހާސިލު ކުރުމަށް ހުވާ ކުރުވައި އެކަންކަން ނުކޮށްފިނަމަ ވެދާނޭ ގޮތުގެ ބިރުދެއްކުވީ، އަމިއްލަ ފައިދާ ތަކެއް ހާސިލު ކުރަން ނޫން ދެވަނަ ކަމަކުއޭ ދެންނެވުމަކީ ކުށަކަށް ނުވާނެއެވެ. އަދި އެކަމަކީ ވެރިކަން ބަދަލު ކުރުމަށް ބޭނުންވެގެން ދީފައިވާ އިންޒާރު ތަކެއްކަން ދިވެހި ރައްޔިތުންނަށް އެނގެއެވެ.

މިފަދަ އިންޒާރުތައް އޭރު ދެމުން ގެންދިޔައީ ކީއްވެގެންކަންވެސް މިވަނީ ހާމަވެފައެވެ. މިހުރިހާ އިންޒާރެއް އޭރުގެ ރައީސް ނަޝީދަށާއި، ސަރުކާރަށް ދެމުން ގެންދިޔައިރު މިކަމުގެ ފަހަތުގައި ތިބީވެސް ބަނގުރަލާއި އޫރުމަހާއި މިފަދަ ކަންކަމުން ފައިދާނަގައިގެން އުޅޭ ފަރާތްތައްކަން އެންމެން ދަނެއެވެ.

ރާއްޖޭގައި ރައީސް ކަން ކުރެއްވި ނުވަތަ އެހެން ގޮތަކަށް ދަންނަވާނަމަ ރިއާސީ ރަސްކަމެއް ކުރެއްވި ބޭފުޅަކަށް އެސްޓީ މައިކަލް އާއި އެސްޓީ ޖޯރޖާއި ދެފާދިރީންގެ ލަޤަބު ނުވަތަ ކޭސީއެމްޖީގެ ލަޤަބު ކަރުގައި އަޅުވައިގެން ރާއްޖެ އައިދުވަހަށް ފާޑުކީ މީހުން މިއަދު އެކަން ހަދާންނެތި، އެކަން އޯކޭވެ، މިފެންނަނީ މިބުނާ އިލްމުވެރިން  އެބަޔެއްގެ ހައްގުގައި މަސައްކަތް ކުރާތަނެވެ. ޗިލީ ސޯސް ޖަހައިގެން ތުބުޅި ބޭލުވި ހަދާން ނެތި ބަދަލުވެގެން އައި ސިޔާސީ ހަލަބޮލި ކަމުގެ ތެރޭގައި ބޭރުގެ ކުލަ ދޮންބަޔަކު އުޅޭ ގައުމެއްގެ އިސްމީހަކާ ވާހަކަ ދައްކާލިޔަސް އެއުޅެނީ ރާއްޖެއަށް ލާދީނީ ކަންތައްތަކެއް ގެންނަން ކަމަށް ނުވަތަ ފަތުރަން ކަމަށް އަޑު ހަރުކޮށް ވާހަކަ ދެއްކި މީހުން މަދެއް ނޫނެވެ. އެކަން އެންމެ ބޮޑަށް ކުރާތަން ފެނިފައިވަނީވެސް ދީން ހިމާޔަތް ކުރުމުގެ ނަމުގައި ސިޔާސީ ޕާޓީތައް ހަދައިގެން، ސައުދާގަރުންގެ ފައިބުޑަށް ވެއްޓި ގަނެގެން އުޅޭ ދީނީ އިލްމުވެރިންގެ ލިބާސް ލައިގެން އުޅޭ ބައެއްގެ ފަރާތުންނެވެ.

ކަން މިހެން އޮތްނަމަވެސް  އޭރުވެސް މިހާރުވެސް މިތިބީ ހަމަ ދިވެހީންނެވެ. އުޅުމާއި، ގުޅުމާއި ސިޔާސީވެ ލާހެދުމާ ކާކެއުންވެސް މިއޮތީ ސިޔާސީވެފައެވެ. ގައުމު ހަލާކުގެ ތެރެއަށް ވައްޓާލުމަށް ކޮންމެ ކަމެއް ކުރާންވެސް ސިޔާސީ ބަޔަކު މީހުން މިތިބީ ފޫގަޅާފައެވެ. ގައުމާ ރައްޔިތުންނަށް ވުރެ ބޮޑަށް، ތިމާގެ ވިޔަފާރިޔާއި ތިމާ ދައުލަތަށް ދައްކަންޖެހޭ ފައިސާތަކެއްގެ ސަބަބުން އަތުވެދާނެ ކަމަކުން ރެކެންވެގެން އެހެން ގޮތެއް ނެތިއްޔާ ދީނުގެ ނަމުގައިވެސް ނުކުމެ ވެރިކަން ބަދަލު ކުރުމަށް ނުވަތަ ވައްޓާލުމަށް އޭރުގެ ސަރުކާރާއި އިދިކޮޅު ފަރާތް ތަކުން ކުރި މަސައްކަތާއި ހިމާޔަށް ކުރި ދީން މިއޮތީ ދިވެހި ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނާށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: