ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފަތުގެ ހަމަހަމަކަން: ފުއްޕާ މޭގެ އެއްބައި ނަގާފައިވާ މީހާ ޖަލުގައި، ވެންޓިލޭޓަރު ބޭނުންވާ މީހާ ގޭގައި!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުށެއްކޮށްފިނަމަ އެކުށެއްގެ އަދަބު ކޮންމެ މީހަކަށްވެސް ލިބެންޖެހެއެވެ. ކުށެއްކޮށްފިނަމަ އެކަމުން ރެކެވޭނެ މީހަކުވެސް ހުރެގެން ނުވާނެއެވެ. އެކުރާ ކުށަކަށް ލިބޭ އަދަބުގެ ކުޑަބޮޑުމިން ތަފާތުވިޔަސް ހުކުމްތަންފީޒް ކުރަންޖެހޭ ގޮތް ބަދަލުވެގެން ނުވާނެއެވެ. ސިޔާސީ ވަކި ކަމެއް ހާސިލުކުރަން ބޭނުންވުމުން ސިޔާސީ މީހާގެ ޖަލު ހުކުމް ގޭގައި ތަންފީޒު ކުރެވިފައި، އާދައިގެ މީހެއް ނަމަ ފުއްޕާ މޭގެ އެއްފަޅި ނަގާފައި އޮތަސް އެމީހަކު ޖަލުގައި އޮންނަންޖެހުމަކީ ބުއްދީގެ ހަމަތަކުން ބެލިޔަސް އިންސާފު ކަމަށް ޤަބޫލު ކުރާނެ ހެޔޮ ވިސްނޭ މީހަކު ނުހުންނާނެއެވެ.

ސަރުކާރުގެ އިންސާފުވެރިކަންހުރި ހަމައަށް ޖެހިލެވޭތޯ ބަލާނަމެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އިއްވި ޖަލު ހުކުމަކީ ދިވެހިންނަށް އާ ވާހަކައަށް ނުވާނެއެވެ. ޖަލު ހުކުމް ތަންފީޒް ކުރައްވަމުން ގެންދަވާ ގޮތްވެސް އެންމެނަށް އެނގެއެވެ. މިސަރުކާރުގެ ހޯމް މިނިސްޓަރު އަދާލަތު ޕާޓީގެ ބޮޑު ޝޭޚް އިމްރާން ދެއްކެވި ވާހަކަވެސް ސާފެވެ. މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ޚިޔާނާތް ހިންގައިގެން 20 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަށް ގޭ ބަންދުގެ ލުއި ދިނުމާއި ގުޅޭގޮތުން އިމްރާން މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވިދާޅުވެފައިވަނީ އަދީބު ގޭގައި ބަހައްޓަން ޖެހެނީ ވަކި މެޝިނެއް ބޭނުންކޮށްގެން ނިދަން ޑޮކްޓަރު ލަފާދީފައިވާތީ އާއި އެ މެޝިން ޖަލު ތެރޭގައި ބޭނުން ނުކުރޭވޭތީ ކަމަށެވެ.

އެ ވާހަކަތަކާއި ގުޅިގެން އަދީބު ބޭނުންކުރަން ޖެހެނީ ކޮން ނަމެއް ކިޔާ މެޝިނެއްތޯ އާއި އެ މެޝިން ޖަލުގައި ބޭނުންކުރެވެން ނެތީ ކީއްވެގެންތޯ އާއި އެފަދަ މެޝިނެއް އަދީބު ބޭނުންކުރަން ޑޮކްޓަރު ލަފާދީފައިވާ ސަބަބާއި އަދީބު ގޭ ބަންދުގައި ބަހައްޓަން ކަނޑައަޅާފައިވާ މުއްދަތާއި އެ މުއްދަތު ހަމަވާނެ ތާރީޚު ސާފުކޮށްދިނުމަށް ބައެއް ނޫސްވެރިން އެދުމުން އިމްރާނު ބެލުމުގެ ދަށުގައިވާ އިދާރާތަކާއި މުއައްސަސާތަކުން ބުނީ އެއީ އަދީބުގެ “ޒާތީ މައުލޫމާތު” ހިމެނިފައިވާތީ އެ މައުލޫމާތު ދެވެން ނެތް ކަމަށެވެ. މައްސަލައެއް ނެތެވެ. އަދީބުގެ ޒާތީ މައުލޫމާތަކަށްވުމުން ސިއްރު ކުރަންވީއެވެ. އެކަމަކު ތަންކޮޅެއް ކަންކަން ސާފުވާން އެބަޖެހެއެވެ.

ރިހާކުރު ފުޅި ވަގަށްނެގި މީހާ 6 އަހަރު ދުވަހަށް ޖަލަށެވެ. ބިލިއަނުން މިލިއަނުން ވައްކަން ކުރި މީހުން އިއްޒަތުގައި ގޭގައެވެ. މީ ސަރުކާރުގެ ސިޔާސަތެވެ. އެކަމަކު ހެކިވެސް ފެންނާން އެބަހުއްޓެވެ. ސިޔާސީ ކުއްވެރިން ޖަލުގައި ބައިތިއްބަނީ އާދައިގެ ގޮޅިއަކު ނޫނެވެ. އެތަނެކޭ އެއް ކޮޓަރީގެ އެޕާޓްމަންޓެކޭ ތަފާތެއް ނެތެވެ. މައްސަލައަކީ އަދީބު ގޭގައި ބެހެއްޓުމެއްވެސް ނޫނެވެ. އަދީބުގެ ސިއްހީ ހާލަތުކޮޅު ހުރި ގޮތުން އެކަން އެހެން ކުރެވޭނަމަ، ފުއްޕާ މޭގެ އެއް ފަޅި ނަގާފައި އޮތް އާދައިގެ ޒުވާނާވެސް ގެއަށް ގެނެވެންޖެހޭނެއެވެ.

ބޮޑެތި ބަލިތައް ފަރުވާ ހޯދަމުންދާ އަދި މާބޮޑެތި ބަލިތަކުގައި ތިބި އުމުރުން ދުވަސްވީ މީހުންނާއި އެނޫންވެސް މީހުން ޖަލުގައި އެބަތިއްބެވެ. އޭގެ ތެރެއިން އެކަކީ މުޙައްމަދު ޝާމިން ކިޔާ ޒުވާނެކެވެ. ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރެވުނު ގޮތަށް އޭނާވެސް ޖަލުގައި އޮންނަންޖެހުނީ އެއްކަލަ “ވާނުވާ ވެކްސިން” ނުލިބިގެންނެވެ. މާނައަކީ ޝަރީއަތް ނިމެންދެން އެ ބަންދުކުރާ އުސޫލުގެ ތެރެއިންނެވެ. ހައްޔަރުކުރި އިރުވެސް އޭނާއަކީ ބޮޑު ދެ ބައްޔަކަށް ފަރުވާ ހޯދަމުންދިޔަ މީހެކެވެ. އެކަމަކު ޝަރީއަތް ނިމެންދެން ބަންދުގައި އޮތްއިރު، އެކަށީގެންވާ ގޮތެއްގައި ބޭސްފަރުވާގެ ފުރުސަތުވެސް ލިބެމުން ނުދާކަން އާއިލާއިން ފާހަގަކުރެއެވެ.

ކިތަންމެ ބޮޑު ބަޔެއް ތަހައްމަލު ކުރަންޖެހުނަސް، ސަރުކާރަށް ބޭނުންހިފޭ ވަރުގެ މީހަކަށް ޝާމިން ނުވީތީ އޭނާއަށް އޮންނަންޖެހުނީ ޖަލުގައެވެ. އަދީބުގެ ސަރުކާރު ހެކިވެރިއަކަށް ވެގެން ހުކުމް ކުރުމުގެ ކުރިންނާއި ފަހުންވެސް ގޭގައި ހުރިގޮތަށް ހުރެވޭނެ ފުރުސަތެއް ނެތެވެ. ހަމައެކަނި މިކަމުންވެސް މިގައުމުގައި އިންސާފު އޮތްވަރު ހާމަވެގެންދެއެވެ. ދިވެހީން ހަމަ މިއަށްވެސް ކިޔާނީ އިންސާފުތޯއޭވެސް ސާފު ކޮށްލަންޖެހެއެވެ. އިންސާފު ހޯދައި ދޭން ވައުދުވެ ގެން އައި މީހުންގެ ހާލަތު މިފެންވަރަށް ދިޔައީމަ އިތުރަށް ބުނާނެ އެއްވެސް ވާހަކައެއް ނެތެވެ. ވިސްނާ ފިކުރު ކުރާ ބަޔަކަށް އިބުރަތަކަށް ވާނެ ކަމަށް ހީކުރަމެވެ.

ކުށެއްގެ ތުހުމަތުގައި ޝާމިން ހައްޔަރުކުރި އިރު އޭނާ އަންނަނީ ބޮޑު ދެއް ބައްޔަކަށް ފަރުޥާ ހޯދަމުންނެވެ. އެގޮތުން އޭނާގެ ފުއްޕާ މޭގެ 30 ޕަސެންޓް ނަގާފައިވާއިރު، ހިތުގެ ބައްޔަށްވެސް އަންނަނީ ފަރުވާ ހޯދަމުންނެވެ. ފުރަތަމަ ހައްޔަރުކުރުމަށްފަހު ދޫކޮށްލިނަމަވެސް، މުޖުތަމައު ނުރައްކާވެދާނެ ކަމަށް ބުނެ ދެވަނަ ފަހަރަށް އޭނާ ހައްޔަރުކުރެވުނެވެ. އޭގެ ފަހުން މިއަދާއި ހަމައަށްވެސް ޝާމިން އޮތީ ވާނުވާ މުއްދަތުގައި ޖަލުގައެވެ. އޭނާގެ ބަލިތަކަށް ފަރުވާ ހޯދަނީ މާލޭ ޖަލުގެ ގޮޅީގައި އޮވެގެންނެވެ. އެކަށީގެންވާ ގޮތެއްގައި ބޭސްފަރުވާ ނުލިބުމުގެ އިތުރުން އޭނާ ކުރިން ބެލި އިންޑިއާގެ ޑޮކްޓަރަށް ދެއްކުމަށް 2019 ޖުލައި 18 ގައި ދާންޖެހެއެވެ.

ޝާމިންގެ މަންމަ ކިޔައިދިން ގޮތުގައި އޭނާގެ ދަރިފުޅަށް އެކަށީގެންވާ ގޮތެއްގައި ބޭސްފަރުވާގެ ފުރުސަތެއް ނުލިބެއެވެ. އަދި އޭނާގެ މައުލޫމާތެއް ސާފުވަނީ ކޯޓަށް ގެންނަ ދުވަހަކު ވަކީލުގެ ފަރާތުން ކަމަށް ޝާމިންގެ މަންމަ ބުންޏެވެ. ފުއްޕާ މޭގެ ބައެއް ނަގާފައި ވުމުން ޝާމިންއަށް ސާފުވއި ބޭނުންވެއެވެ. އެހެން ނޫންނަމަ ނޭވާލާ ނިޒާމަށް ނުރައްކާވެ، ފުރާނައަށް ނުރައްކާވެސް ވެދާނެ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ޝާމިންގެ މަންމަ ބުންޏެވެ. އެއްވެސް ޙުކުމެއް ނުކޮށް އަހަރަކަށްވުރެ ގިނަ ދުވަހު އެގޮތަށް ބަންދުކޮށްގެން ގެންގުޅޭތީ ޝާމިންގެ އިންސާނީ ޙައްޤުތަކުންވެސް މަޙްރޫމްކޮށްފައި ކަމަށް އާއިލާއިން ޤަބޫލުކުރެއެވެ. ހައްޔަރުކުރީ ކުށެއްގެ ތުހުމަތުގައި ކަމަށާއި، ތުހުމަތެއްގައި ހައްޔަރު ކުރި ނަމަވެސް ބޭސްފަރުވާ ކުރުމުގެ ފުރުޞަތު ލިބެންޖެހޭކަމުގައި ވަނީ ބުނެފައެވެ.

ކަރެކްޝަންސްގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި ސޯޝަލް މީޑިއާގައި ދައުރުވަނީ މުޅިން ސައްޙަ މައުލޫމާތެއް ނޫނެވެ. ސީދާ ކޮން މައުލޫމާތެއްކަން ވިދާޅުނުވިޔަސް އެ އިޝާރާތް ކުރައްވަނީ ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ މެޑިކަލް ރިޕޯޓަށް ކަމަށް ބެލެވެއެވެ. އޮފިޝަލް ވިދާޅުވީ ޝާމިން ރާއްޖޭން ބޭރަށް ގެންދަން ޑޮކްޓަރަކު ލަފާދީފައިވަނީ ކޮން އިރަކުކަން އަދި ސާފުވެފައިނުވާ ކަމަށެވެ. ބޭސްފަރުވާގެ ކަންކަމާމެދު އަމަލުކުރަމުން އަންނަ އުސޫލަކީ، ރާއްޖޭން ބޭސްކުރެވެން ނެތް ފަރުވާ އެއް ނަމަ، ރާއްޖޭގެ ކަމާއިބެހޭ ސިއްހީ އިދާރާއެއް ޑޮކްޓަރަކު އެގޮތަށް އިރުޝާދު ދީފިނަމަ މެޑިކަލް ބޯޑަށް ހުށަހަޅައިގެން އެބޯޑުން ނިންމާ ގޮތެއްގެ މަތިން އަމަލުކުރުން ކަމަށް އޮފިޝަލް ވިދާޅުވިއެވެ. ނަމަވެސް ގޮޅީގައި ޝާމިން އެ ފަރުވާ ހޯދަމުންދާ ގޮތެއް އަދި އޭނާގެ ވަނަވަރާއި ތަފްސީލު ހާމަކުރެވެން ނެތް ކަމަށް އޮފިޝަލް ވިދާޅުވިއެވެ. އެއީ ކަރެކްޝަންސް އިން އަމަލުކުރަމުން އަންނަ އުސޫލަށްވާތީއެވެ.

ކަރެކްޝަނުން އެހެން ބުނި ނަމަވެސް ޝާމިންއަށް އެކަށީގެންވާ ފަރުވާ ނުލިބޭކަމަށް އޭނާގެ މަންމަ ތަކުރާރުކޮށް ބުންޏެވެ. އަދި ސަރުކާރުގެ އެއްވެސް އެހީއަކާއި ނުލާ އަމިއްލަ ޚަރަދުގައިވެސް ޝާމިން ރާއްޖޭން ބޭރަށް ގެންދިޔުމުގެ ފުރުސަތަކަށް އެދިފައިވާނެ ކަމަށްވެސް އޭނާގެ މަންމަ ބުންޏެވެ. އެގޮތުން ހޯމް މިނިސްޓްރީއަށް، ކަރެކްޝަންސްގެ އިތުރުން މިނިސްޓަރު އިމްރާނަށްވެސް ލިޔެކިޔުންތައް ފޮނުވާފައިވާނެ ކަމަށް އާއިލާއިން ބުނެއެވެ. އަދި މި ވަގުތު އެހެން ގައިދީންނަށްވެސް ކަންކަންކުރާ އުސޫލުން ޝާމިން ގެއަށް ބަދަލުކޮށްދިނުމަށްވެސް ވަނީ އެދިފައެވެ. ބަދަލުގައި އޭނާ މަންމަހުރީ ބަންދުގައި ދުވަސްތައް ހޭދަކުރަންވެސް ތައްޔާރަށެވެ. ކުށެއް ކޮއްފިއްޔާ އޭނާގެ ދަރިވެސް ވިޔަސް ހައްޔަރުކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަމަކު އެމީހަކަށް ލިބެންޖެހޭ ހައްޤުތައް ލިބެންވާނެ ކަމަށް ޝާމިންގެ މަންބުންޏެވެ.

ދައުރުވަމުންދިޔަ ފޮޓޯތަކުން ޝާމިން ޖަލުގޮޅީގައި ފަރުވާ ހޯދަމުންދާ ގޮތް ފެނެއެވެ. ހަށިގަނޑުގެ އެތެރެއަށްވެސް ނަރުތަކެއް ގުޅާފައިވާތަން ފެނެއެވެ. ޕޯޓަބަލް ވެންޓިލޭޓަރެއްވެސް ސީޓީ ސްކޭން ނުވަތަ އެމްއާރްއައި ހަދަން ބޭނުންކުރާ ސައިޒްގެ އެއްޗަކަށް ނުވާނެއެވެ. އިންސާފުގެ ވާހަކަ ދައްކާއިރު މި ފެންނަނީ ކުޑަ ކެކުރިއާ ބޮޑު ކެކުރީގެ ތަފާތެވެ. ތިލަފަތު ހަމަހަމަ ކަމެވެ.

އިމްރާންގެ ތެދުވެރިކަންވެސް ރައްޔިތުންނަށް މިދަނީ ފެންނަމުންނެވެ. އިންސާފުގެ ވާހަކަ ދައްކާފައި އައިސް އަނިޔާވެރި މިވަނީ ހަމަ އާދައިގެ ރައްޔިތުންނަށެވެ. ރަނގަޅު ދީނީޢިލްމުވެރިން ހަގީގަތުގައި ސިޔާސީދާއިރާއަކަށް ނުވަންނާނެ، ސަބަބަކީ ދީނުގައިވާގޮތަށް ކަންކަން ކުރުމަށް ހުރަސްއެޅޭނެތީއެވެ. އަދި ވަޒީފާދިން މީހުން ދިފާޢުކުރުމަށް ދޮގުވެސް ހަދަންޖެހޭތީއެވެ. އިމްރާންވެސް މިހާރު އެކުރަނީ މިބުނިކަންކަމެވެ. ކޮންމެ ކަމެއްވެސް ޑީލެއްގެ ތެރޭންނެވެ. މިފެންވަރަށް ގައުމު ވެއްޓޭތަން ދެކެން ވަރަށް ހިތްދައްޗެވެ. އެދެނީ ވަކި މީހަކަށް ނުބަލާ ހަމަޔާ އިންސާފު ޤާއިމްކުރުމެވެ.

ވަރަށް ގަދަ
41%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 2%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 17%ވަރަށް ދެރަ 37%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ކެނެރީގޭ ނަސީދު އަކީ މިޤައުމަށްހުރި ބޮޑު ނުރައްކަލެއް. އޭނާގެ މަޅީގައި އިލްމުވެރިން ބެދިއްޖެ. އަގުވެއްޓިއްޖެ. ދޮން މީހުން އުޅޭ ގޮތަށް އުޅުނީމަ ރަގަޅުވާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: