ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލާމަރުކަޒީ ނިޒާމަކުން ގައުމު ނުހިންގޭނަމަ ކުރާނެ ފައިދާއެއް ނެތް!

މާލޭގެ މަތިން ނެގިފައިވާ ފޮޓޯއެއްގެ މަންޒަރެއް_ ފޮޓޯ:- އައްސަދު ފޮޓޯގްރަފީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު ކޯލިޝަނުގައި ހިމެނޭ ހުރިހާ ޕާޓީތަކެއްގެ ވިސްނުން ހުރީ، ލާމަރުކަޒީ ކުރުމާއި ދިމާލަށެވެ. އެމްޑީޕީން އެކުލަވާލި މެނިފެސްޓޯގައި ލާމަރުކަޒީ ކުރުމަށް އިސްކަންދޭނެކަން ހާމަކޮށްފައިވެއެވެ. ޔަގީނުންވެސް ނަމަށް ބަދަލު އަތުވެއްޖެއެވެ. އެކަމަކު ލާމަރުކަޒީ ނިޒާމަކުން ގައުމު ނުހިންގޭނަމަ، ނަމަކުން ކުރާނެ ފައިދާއެއް ނެތެވެ. ރާއްޖެ ލާމަރުކަޒީކޮށް ހިންގަން ކަނޑައަޅާފައި ވިޔަސް ކައުންސިލްތަކުގެ މައްޗަށް ސަރުކާރުތަކުގެ ބާރާއި ކޮންޓްރޯލް އޮވެއްޖެނަމަ ނިޒާމުގެ ބޭނުމެއް ނެތެވެ. އާ ގާނޫނު އަސާސީއާ އެކު ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް އައި އެންމެ ބޮޑު އެއް ބަދަލަކީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމަށް ގެނެވުނު ބަދަލުކަމުގައިވިޔަސް މިއަދާހަމައަށްވެސް އެކަށީގެންވާ ގޮތެއްގައި އެ ނިޒާމު ހިންގިފައެއް ނެތެވެ.

އެއް ބަޔެއްގެ ޝަކުވާއަކީ ނާޤާބިލް މީހުންނަށް ކައުންސިލަށް ކުރިމަތި ލެވޭގޮތަށް ޤާނޫނު އޮތްހާ ހިނދަކު ކިތައްމެ އިސްލާހެއް ގެނައިކަމުގައި ވިޔަސް ރައްޔިތަކަށް ، ރަށަކަށް ލިބޭނެ މަންފާއެއް ނެތް ކަމަށެވެ. އުނގުރި ނަގާބަހައްޓައިގެން ކިތައްމެ ވަރަކަށް ވަޅުން ފެންހުސްކުރަން އުޅުނަސް ފެނެއް ހުހެއް ނުވާނެ ކަމަށްބުނެ އެމީހުން މިސާލު ދައްކައެވެ. ކައުންސިލުތަކަށް ބާރުތަކެއް ދޫކޮށްލިޔަސް ޓޫރިޒަމްގެ ބޭނުމަށްނުވަތަ ސިނާއީ ބޭނުންތަކަށް ސަރުކާރުން ދޫކޮށްފައިވާ ރަށްތަކަށް ކައުންސިލްތަކުގެ އިހްތިސާސެއް ނުހިނގާނަމަ، އެ ނިޒާމު އޭގެ އެންމެ ފުރިހަމަ މާނައިގައި ހިންގުމުގެ ބާރެއް ކައުންސިލުތަކަކަށް ނުލިބެއެވެ.

ކައުންސިލްތަކަށް ބޮޑެތި ބާރުތަކެއް ދޭން ހެޔޮނުވާނެ ކަމަށް ޤަބޫލުކުރާ ބަޔަކުވެސް އުޅެއެވެ. މިހާރުވެސް ބައެއް ކައުންސިލްތަކުން އަމިއްލަ ފައިދާއަށް ނިންމުންތައް ނިންމާ ކަމަށް އެމީހުން ދެކެއެވެ. ނަތީޖާއެއްގެ ގޮތުން ސަރުކާރުން ހިންގި ތަރައްޤީގެ މަޝްރޫޢުތަކަށް، ރައްޔިތުންގެ ފަރާތުން ލިބެން ޖެހޭ ފުރިހަމަ އެއްބާރުލުން ނުލިބުމުގެ ސަބަބުން، ތަރައްޤީގެ މަޝްރޫޢުތަކަށް ހިނގަންޖެހޭ ޚަރަދަށްވުރެ އިތުރަށް ޚަރަދު ކުރަން ޖެހި، މަސައްކަތުގެ ފެންވަރު ދަށްވެ، ރައްޔިތުން އެދޭ މިންވަރަށް މަޝްރޫޢުތައް ނުހިންގޭތަން އަތުވެދާނެއެވެ.

ލާމަރުކަޒީ ނިޒާމާއެކު ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމަށް ބަދަލުވެ، ރާއްޖޭގެ ރަށްތައް އަތޮޅުތަކަކަށް ބަހާލާފައި އޮންނައިރު އެއިން ކޮންމެ އަތޮޅެއް އަދި ކޮންމެ ރަށެއް ހިންގަމުން އައި ގޮތަށް ބަދަލު ގެނެވުނެވެ. އަތޮޅު ވެރިޔާ އާއި ރަށްރަށުގެ ކަތީބުންގެ ބަދަލުގައި އަތޮޅު ކައުންސިލަރުންނާއި ރަށު ކައުންސިލަރުން އިންތިޚާބު ކުރެވިގެންދިޔައެވެ. އެކަމަކު މިހާތަނަށް ކުރެވުނު ތަޖުރިބާގެ އަލީގައި، ލާމަރުކަޒީ ގާނޫނުގައި އޮތް އެންމެ ބޮޑު އެއް ގޯހެއް ކަމަށް ފާހަގަކުރެވެނީ ބޮޑު މުސާރަލިބޭ ގިނަ ކައުންސިލަރުންތަކެއް ކޮންމެ ރަށެއްގައި އަދި ކޮންމެ އަތޮޅެއްގައި ތިބެން ޖެހުމެވެ. ނަމަވެސް ފަހުން ގެނެވުނު އިސްލާހުތަކުން އެކަމަށް ކޮންމެވެސް ވަރެއްގެ ހަލެއް ލިބިފައިވެއެވެ.

މިހާރު އެކައުންސިލަރުންނަށް ދެވޭ މުސާރައަށް ބަލާއިރު އެއިން ކޮންމެ ކައުންސިލަރަކުވެސް އޮފީހަށް ނުކުމެ މަސައްކަތް ކުރުން އެއީ މައްސަލައެއް ކަމުގައި ނުދެކެމެވެ. އެކަމަކު ލާމަރުކަޒީ ގާނޫނު ވުޖޫދަށް އައުމުގެ ކުރިން އެގާނޫނާ ބެހޭގޮތުން ދެއްކި ވާހަކަތަކާއި މިއަދު ފެންނަ މަންޒަރުތަކާ ހާސްބައި ތަފާތެވެ. ކައުންސިލުތަކުން އަމަލު ކުރަމުން އަންނަ ގޮތަށް ބަލާއިރު ކައުންސިލުތަކުގެ މެންޑޭޓް ބައެއް ކައުންސިލްތަކަށް ފަހުމެއް ނުވެއެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެންމެ އެތެރޭގެ ކަންކަމާއި އަމިއްލަ މީހުންގެ ޒާތީ ކަންކަމުގެ ތެރެއަށް ވަދެ ގަނެއެވެ.

ލާމަރުކަޒީ ނިޒާމު ވުޖޫދުވެ، ކައުންސިލްތައް އުފެދި، ލާމަރުކަޒީ އުޞޫލުން އިދާރީ ދާއިރާތައް ހިންގަން ފަށައިގަނެގެން އުޅޭއިރު މައްސަލަތަކެއް ނުކުމެދާނެއެވެ. އެކަމަކު ނުވަ އަހަރު ވެގެންދާއިރު ކައުންސިލްތަކުގެ ޒިންމާ އާއި މަސްއޫލިއްޔަތު ކައުންސިލަރުންނަށް އެގެންޖެހެއެވެ. ކައުންސިލަށް އިންތިޚާބުވަނީ ކީއްކުރަންކަމާއި ޒިންމާތަށް އެގެންވާނެއެވެ. ދިވެހި ރާއްޖޭގެ ގާނޫނު އަސާސީ ލާޒިމު ކުރަނީ ރާއްޖެގެ ރަށް ތައް ލާމާރުކަޒީ އުސުލުން ހިންގުމަށް ކަމުގައި ވެފައި، ލާ މަރުކާޒީ އުސޫލުން ހިންގުމަކީ ރައްޔިތުންނަށް އެމީހުންގެ ކަންތައް އަމިއްލަޔަށް ހިންގުމަށް ބާރު ދިނުން ކަމުގައި ވާ އިރު މިބާރުތައް ވީހާ ފުޅާ ދާއިރާ އެއްގައި ދިނުމަކީ މުހިންމު ކަމެކެވެ.

ލާ މަރުކަޒީ އުޞޫލުން ރާއްޖޭގެ ރައްތައް ހިންގުމަކީ އެކަމުގައި ދިވެހި ރާއްޖޭގެ ރައްޔިތުންނަށް އެންމެ ފައިދާ ބޮޑު ގޮތެވެ. މިކަމުގެ ސަބަބުން ރައްޔިތުންގެ ވެރިކަން ރައްޔިތުންނަށް ލިބިގެންދާނެއެވެ. އެހެން ނަމަވެސް މިފަދަ ބޮޑުކޮށް މަރުކަޒީ ވެފައިވާ ރާއްޖެއެއްގައި އަދި ހަމައެފަދއިން މަރުކަޒީ އުޞޫލުން އެތައް ޒަމާނެއްވާދެން ވެރިކަން ކުރެވިފައިވާ ޤައުމެއްގައި މިކަމަކީ އެފަދަ ބަޔަކަށް ހަޖަމް ކުރެވިދާނެކަމާއި މެދުގައިވެސް ސުވާލު އުފެދެއެވެ. އެއް ޙާޤީޤަތަކީ ރައްޔިތުން ބާރުވެރިވުމަކީ އެއްވެސް އިރެއްގައި މައި ސަރުކާރަށް ކެތްވާ ކަމެއް ނޫނެވެ. އަދި އަތޮޅުތެރޭގެ ރައްޔިތުންކުރާ މަސައްކަތުގެ ފޮނިމީރުކަން މާލެއަށް ނުލިބޭގޮތަކަށް އެއްވެސް ކަމެއް ރޭވިފައެއް ނެތެވެ.

އިތުރު ބާރުތަކަކާއެކު ލާމަރުކަޒީ އުޞޫލުން ސިޓީތަކާއި އަތޮޅުތަކާއި ރަށްރަށް ހިންގަން ފަށާއިރު އާންމުން ހޭލުންތެރިކުރުވަން ޖެހެއެވެ. ކައުންސިލަރުންގެ އިތުރުން އާންމު ރައްޔިތުންނަށް އެރައްޔިތުންގެ ހައްގުތަކާއި ޒިންމާ އެނގިފައި އޮތުމަކީ މުހިއްމު ކަމެކެވެ. އެހެންނޫނީ ގާނޫނީ ނިޒާމަށް މިއައި ބޮޑު ބަދަލު ރައްޔިތުންނާއި ދައުލަތަށް ބޮޑު ބުރައަކަށް ވެދާނެއެވެ. ރާއްޖެ ލާމަރުކަޒީކޮށް ހިންގަން ކަނޑައަޅާފައި ވިޔަސް ކައުންސިލްތަކުގެ މައްޗަށް ސަރުކާރުތަކުގެ ބާރާއި ކޮންޓްރޯލް އޮތްލެއް ބޮޑުކަމުން، އެ މަގުސަދު ހާސިލްނުވާކަން، މިދިއަ ނުވަ އަހަރުގެ ތަޖުރިބާ އިން އެނގެ އެވެ.

މާޒީގައި ހިނގި ކަންކަން އަލުން ތަކުރާރުވާކަށް އެއްވެސް ރައްޔިތަކު ނޭދޭނެއެވެ. މީގެ ކުރިން ކައުންސިލްތަކާއި ސަރުކާރާއި އުފެދުނު ޚިޔާލު ތަފާތުވުންތަކުގައި ކައުންސިލްތަކަށް ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ސިޓީ ކައުންސިލްތަކުގެ ބާރުތަކާއި މަސްއޫލިއްޔަތުތައް ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ގެންދިއުމެވެ. ބާރުތައް ކުޑަވަމުން ގޮސް، ސިޓީ ކައުންސިލްތަކަކީ ހަމައެކަނި ވިހާ މަރުވާ ބަލަހައްޓާ އިދާރާތަކެއްގެ ގޮތުގައި އެއް ދުވަސްވަރެއްގައި އޮތެވެ. އެކަމަކު އެ ބިލުގައި ހުށަހަޅާފައިވަނީ ރައީސަށް ލިބިވަޑައިގަންނަވާ އެ ބާރު އުވާލުމަށް ފަހު، ލާ މަރުކަޒީ ގާނޫނުގައި ބަޔާންކުރާ ހުރިހާ ބާރެއް ވެސް ސިޓީ ކައުންސިލްތަކަށް ލިބޭ ގޮތަށެވެ.

ލާމަރުކަޒީ އުސޫލުން ގައުމެއް ހިންގުން މާނަ ކުރެވެނީ ކަންކަމާ މެދު ގޮތް ނިންމުމުގެ ބާރު ރައްޔިތުންނަށް ދިނުމަށެވެ. އެކި ދަރަޖައިގައި ގައުމު ހިންގުމުގައި ރައްޔިތުން ވީހާވެސް ބޮޑަކަށް ބައިވެރި ކޮށް އެމީހުންގެ އަމިއްލަ ކަންތަކުގައި ގޮތް ނިންމުމާއި ކަންކަން ރާވައި ހިންގުމުގެ ބާރު އެމީހުނަށް ދިނުމެވެ. ފެންނަން ހުރި ދިރަސާތަކަށް ބަލާލާއިރު ގައުމެއްގެ ނިސްބަތުގައި ލާމަރުކަޒް ކުރުމަކީ އެގައުމެއްގެ މައި ސަރުކާރުގެ ބާރުގެ ދަށުގައި އޮންނަ ހިންގުމުގެ ބާރު ވީހާވެސް ބޮޑަކަށް ޢާންމުންނާ ހިއްސާ ކުރުމެވެ. މިގޮތުން ގައުމުގެ އިދާރީ އޮނިގަނޑު ބައިތަކަކަށް ބަހާލައި، ކޮންމެ ބަޔަކަށް ވެސް އެބަޔެއްގެ ހިންގުމުގެ ބާރު ދިނުމަކީ ލާމަރުކަޒީ އުސޫލުން ހިންގުމުގެ އެންމެ އާންމު ސިފައެވެ. މީގައި ބޮޑަށް ބެލެވެނީ ރައްޔިތުންނަށް އެމީހުންގެ ކަން ކަމުގައި ގޮތް ކިޔައި ނިންމުމުގެ ފުރުސަތު ވީހާ ވެސް ފުޅާދާއިރާ އެއްގައި ދިނުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: