ލޯކަލް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރުމުގައި، ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ނުލިބޭނަމަ އިންތިހާބު ނުބާއްވާނެކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީށް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ގުޅޭގޮތުން ”ސަންގުއަށް“ ދެއްވި ހާއްސަ އެކްސްކްލޫސިވްއެއްގައި ޝަރީފް ވިދާޅުވީ، އިންތިހާބަށް ކެމްޕެއިން ކުރުމުގައި ހަމަހަމަ ފުރުސަތު ނުލިބޭކަން ބަޔާންކޮށް، ރަސްމީ ސިފައެއްގައި ޝަކުވާއެއް ކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.
ޝަރީފް ވިދާޅުވީ އެއީ ސިޔާސީ ޕާޓީތަކުގެ ކެނޑިޑޭޓުން ނުވަތަ އަމިއްލަ ކެނޑިޑޭޓުން ނަމަވެސް އެ ފުރުސަތު އޮންނަން ޖެހޭނެ ކަމަށެވެ. އަދި ގާނޫނުގައި ބުނާ ހަމަހަމަ ފުރުސަތު ކެނޑިޑޭޓުންނަށް ނެތްކަމަށް ކޮމިޝަނަށް ގަބޫލު ކުރެވޭނަމަ އިންތިހާބު ނުބާއްވާނެކަމަށް ޝަރީފް ވިދާޅުވިއެވެ.
އިންތިހާބު ބޭއްވޭ މާހައުލަކީ އެއީ އެއްވެސް ބިރުވެރިކަމެއް ނެތް، މިނިވަންކަމާއި އެކު ހުރިހާ ފަރާތްތަކަށް ވެސް ކެމްޕެއިން ކުރުމުގެ ފުރުސަތު ލިބިފައިވާ އަދި އެކަށީގެންވާ މާހައުލެއް ގާއިމް ކުރެވިފައިވާ، އިންތިހާބަކަށް ވާން ޖެހޭނެ ކަމަށް އިންތިހާބާއި ބެހޭ ގާނޫނުގައި ބުނެފައި ވެއެވެ. އެކަމަށް އިޝާރާތްކޮށް ޝަރީފް ވިދާޅުވީ އެޗްޕީއޭއާއި އެކު މަޝްވަރާކޮށް ހަމަހަމަކަމާއި އެކު ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ތަނަވަސް ވެފައި ނެތްނަމަ، އިންތިހާބު ބާއްވާނީ ކެނޑިޑޭޓުންގެ ހައްގުތައް ކަށަވަރު ވުމުން ކަމަށެވެ.
އިންތިހާބު ބޭއްވުމުގެ މަސައްކަތް ކުރަމުން ދަނީ، ކޮވިޑު-19 ގެ ހާލަތުގެ ތެރޭގައި ނަމަވެސް، ކެނޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ކެމްޕެއިން ކުރުމުގައި ލިބޭތޯ، ގާނޫނުންގެ ދަށުން އީސީއިން ކަށަވަރު ކުރަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި އިންތިހާބު ބާއްވާނެ ތާރީހަކާއި، އިންތިހާބު ބާއްވާނެ ގޮތް ކަނޑައަޅާނީ ކޮމިޝަނުންކަން ޝަރީފް ފާހަގަ ކުރެއްވިއެވެ.
ޝަރީފް ވިދާޅުވީ ރާއްޖޭގައި ބާއްވާފައިވާ އެހެން އިންތިހާބުތަކާއި މިފަހަރުގެ ލޯކަލް ކައުންސިލް އިންތިހާބާއި މާ ބޮޑު ތަފާތުތަކެއް ނެތް ކަމަށެވެ. އަދި މިހާރު އޮތް ބަލިމަޑުކަމުން އާންމު ހާލަތަކަށް ބަދަލުވަމުން ދާތަން ފެންނަ ކަމަށާއި އެފަދަ ވަގުތަކަށް މަޑުރުމަކީ އެންމެ ބުއްދިވެރިގޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ.
މިދިޔަ އަހަރުގެ އޭޕްރީލް މަހުގައި ބޭއްވުމަށް ނިންމި، ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކުރީ ކޮވިޑް-19 އިގެ ހާލަތާއެކު ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާއި ގުޅިގެންނެވެ. އަދި އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދަން މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ފާސް ކޮށްފަ އެވެ.
މަޖިލީހުން މިދިޔަ އަހަރު ފާސް ކުރި އެ ގާނޫނު ބުނާ ގޮތުން ތަސްދީގު ކުރާތާ އަހަރު ދުވަސްތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެން ކަމުން އިންތިހާބު ބާއްވަން ޖެހޭނެ ތާރީހެއް އެންމެ ލަސްވެގެން މި މަހުގެ ތެރޭގައި ފައިނަލްކޮށް، މޭއި މަހުގެ 09 ގެ ކުރިން އިންތިހާބު ބާއްވަން ޖެހޭނެއެވެ.
އިންތިހާބު ބޭއްވުމަށް ގާނޫނު އަސާސީ އިސްލާހު ކުރުމުގެ މަސައްކަތް މަޖިލީހުގައި ކުރިޔަށް ދާއިރު، ކޮމިޓީއިން ވަނީ އީސީއިން ބޭނުންވާ މުއްދަތު ދީގެން އިންތިހާބުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ނިންމާފައެވެ.

