ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެންޓިލޭޓަރުގެ އާ ވޭރިއަންޓަށް ވެކްސިންކޮޅު ނަހަދާތި!

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19ގެ ސަބަބުން ހާލުބޮޑުވާ މީހުންނަށް ދޭންޖެހޭ ފަރުވާ އަށް ތައްޔާރުވުމުގެ ގޮތުން ވެންޓިލޭޓަރު ގެންނަން އުޅުނު އިރު ކަން ހިނގި ގޮތަށް، ހަނދާނެތޭހާ ދުވަހެއްނުވެއެވެ. ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ގެންނަން އުޅުނު ވެންޓިލޭޓަރުތަކާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން މައްސަލަ ބެލީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އެދިގެންނެވެ. ވެންޓިލޭޓަރު ގެންނަން އެ ކުންފުންޏާ ހަވާލުކޮށް، އެޑްވާންސްކޮށް ފައިސާ ދެއްކުމުގައި ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް އޭސީސީން އެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި ނަމަވެސް ޕީޖީން ނިންމީ އެކަމުގައި ދައުވާ ކުރެވޭ ވަރުގެ ހެކި ނެތް ކަމަށެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ދައުލަތުންކުރާ ޚަރަދުތަކަށް ފާރަވެރިވުމަށް ވިދާޅުވި އެއް ބޭފުޅަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. 25 ނޮވެމްބަރ 2020 ވަނަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވި ވާހަކަފުޅަށް މިއަދު މިވަނީ ފާރަވެރިވަންޖެހިފައެވެ. އެދުވަހު އެމަނިކުފާނު ވިދާޅުވީ، ވެންޓިލޭޓަރުތައް ގެނައުމުގައި ހިނގާފައިވާ ކަންކަމުގެ ސަބަބުން ކޮވިޑް-19 އިން އަރައިގަތުމަށް ރާއްޖެއަށް ގެންނަ ވެކްސިންތަކަށް ފާރަވެރިވުމަށެވެ. ވެންޓިލޭޓަރު ގެންނަން އުޅުނު އިރު ކަން ހިނގި ގޮތަށް، އެ ބަލީގެ ވެކްސިން ގެނައުމުގެ ކަންކަން ވިޔަ ނުދިނުމަށް މިހާރުން (އެދުވަހުން) ފެށިގެން މަސައްކަތް ކުރަންޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ވެންޓިލޭޓަރުތަކަށް ވީ ގޮތް ވެކްސިނަށް ވެއްޖެ ނަމަ އެކަން ވާނީ ވަރަށް ހައްސާސް މައްސަލައަކަށެވެ.

“ވެކްސިންގެ ކަންތައް، ވެންޓިލޭޓަރަށް ވީ ގޮތަށް ވެ ނުދިއުމަށް މިހާރުއްސުރެ އަޅުގަނޑުމެން އެ ކަމަށް ސަމާލުވެ ތިބެންޖެހޭ. އަދިވެސް ވެންޓިލޭޓަރެއް ރާއްޖެ އަށް މިކަމާ ގުޅޭ ގޮތުން ގެނެވިފައި އޮތީކީ ނޫން. އެގޮތަށް ވެކްސިން އަށް ކަންތައްތައް ދިމާވެއްޖެ ނަމަ އެއީ ވަރަށް ހައްސާސް މައްސަލައަކަށް އެކަން ވެގެން ދާނެ” ރައީސް ނަޝީދު

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކަންހިނގާ ދިޔަގޮތަށް، ވެކްސިންގެ ކަންތަކުގައި ގޯހެއް ހިނގިޔަ ނުދިނުމަށް ފާރަވެރިވާންވީ ވަގުތު ޖެހިއްޖެކަމުގެ ނިޝާންތައް އަންނަނީ ފެންނަމުންނެވެ. އެގޮތުން ކޮވިޑް-19 ވެކްސިން ރާއްޖެ އަށް ގެނައުމަށް އެސްޓްރަޒެނެކާ އާއެކު އެއްބަސްވުން އެކުލަވާލާ، ހަތްލައްކަ ވެކްސިން ލިބޭނެކަން ޔަގީންވެފައިވާއިރު، އެކަމަށް ހަރަދުވާނީ ކިހާ ފައިސާއެއް ކަމެއް ހާމަ ނުކުރާންވަނީ ނިންމާފައެވެ. މިފަދަ ދަނޑިވަޅެއްގައި ފުރަތަމަ ވިސްނުމަށް ގެންނަންޖެހޭ އެއް ކަމަކީ ކޮވިޑު-19 އިން ރައްކާތެރިވުމަށް ރާއްޖެއަށް ބޭނުންވާ ވެކްސިން ހޯދަން ސިންގަޕޫރުގެ ކުންފުންޏަކާއެކު ސޮއިކުރަން ދިވެހި ސަރުކާރުން ނިންމި ކަމެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނެރުއްވި ގަރާރެއްގައި ވިދާޅުވެފައިވަނީ ވެކްސިން ހޯދަން ސޮއިކުރަން ނިންމީ، އެސްޓްރާޒެނެކާ ސިންގަޕޯ ޕީޓީއީ، އެލްޓީޑީއީއާ ކަމަށެވެ. އެސްޓްރާޒެނެކާ އަކީ އޮކްސްފޯޑް ޔުނިވާސިޓީއާ ގުޅިގެން ވެކްސިން އުފެއްދި ކުންފުންޏެވެ. މިއީ ރާއްޖެއަށް ވެކްސިން ގެނައުމަށް ނިންމި ފުރަތަމަ މަރުޙަލާއެވެ. ނަމަވެސް މިހާރު ރާއްޖެ ގެނެސްފައިވަނީ ސޮއިކުރަން ބުނި ކުންފުނީގެ ވެކްސިނެއް ނޫނެވެ. އެއްނަމެއް ކިޔުމުގެ ސަބަބަން ކޮންމެވެސް ވަރަށް އޮޅުންތަކެއް އެރުމަކީ އެކަށީގެންވާ ކަމެކެވެ. ރާއްޖެ ގެނެސްފައިވަނީ އިންޑިއާގެ ސީރަމް އިންސްޓިޓިއުޓުން އުފައްދާ އޮކްސްފޯޑް އެސްޓްރަޒެނެކާގެ “ކޮވިޝީލްޑް” ވެކްސިންގެ އެއްލައްކަ ޑޯޒެވެ. އެއީ ހިލޭ އެހީގެ ގޮތުގައި ލިބުނު އެއްޗެކެވެ. ފައިސާ ޚަރަދުކުރަނީ ސިންގަޕޫރުގެ ކުންފުންޏަކާއެކު ސޮއިކުރަން ދިވެހި ސަރުކާރުން ނިންމި އެއްބަސްވުމަށެވެ. “އޮކްސްފޯޑް އެސްޓްރަޒެނެކާ” މި ނަމުގެ ސަބަބުން އޮޅުންތަކެއް ހުއްޓަސް ފާރަވެރިވާންޖެހޭ ސަބަބަކީ މިއެވެ.

ވެންޓިލޭޓަރު ކަންތައްތައް ހިނގާދިޔަ ގޮތަށް ނަޒަރު ހިންގާލާނަމެވެ. ވެންޓިލޭޓަރު ހޯދަން އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވީ 34 މިލިއަން ރުފިޔާ އަށެވެ. މީގެތެރެއިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދޫކުރީ ބޭންކް ގެރެންޓީއަކާ ނުލަ އެވެ. މިއީ، މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގާފައިވާ އޮތް ކަމަކަށް ވާތީ ތަހުގީގު ކުރަން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވަނީ ލަފާ ދެއްވައިފައެވެ. އެގްޒެކިއުޓާސް އިން މިހާތަނަށް އަމަލުކުރަމުންދާ ގޮތަށް ބަލާއިރު ހަމައަށް މި ވެންޓިލޭޓަރުތައް ފޮނުވާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ.

ދުބާއީގައި ކުޑަ ކްލިނިކެއް ހިންގާ އެގްޒެކިއުޓާސް އިން ވެންޓިލޭޓަރު ވިޔަފާރީގެ ތެރެއަށް ވެއްދީ،ރާއްޖޭގެ ހެލްތު މިނިސްޓްރީންނެވެ. ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލްއާ ހަވާލުކުރީ ފިނޭންސް މިނިސްޓަރު އަމީރު ދެއްވި ހުއްދައާ އެއްގޮތަށް ކަމަށާއި އެކަމުގައި އެ މިނިސްޓްރީގެ މުވައްޒަފުންގެ އެހީތެރިކަން ލިބުނު ކަމަށް މާލިއްޔަތު ކޮމިޓީގައި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. ވެންޓިލޭޓަރުތައް ގެނައުމަށް މާލިއްޔަތު ގަވާއިދުގެ 10.03 މާއްދާއަށް އަމަލުކުރަން ނުޖެހޭ ހާލަތެއް މެދުވެރިވެ، ޓެންޑަ ބޯޑުގެ ބަދަލުގައި ބިޑް ކޮމިޓީއަށް ހުށަހަޅައިގެންނާއި ސިންގަލް ސޯސްކޮށް ކުރިއަށް ގެންދަން ހުއްދަ ދީފައިވެއެވެ.

ވެންޓިލޭޓަރުގެ ކަންތަކުގައި އެޑްވާންސް ޕޭމަންޓުގެ ގޮތުގައި 75 ޕަސެންޓް، މާލިއްޔަތު ގަވާއިދުގެ ތެރެއިން ދޭން ފިނޭންސް މިނިސްޓަރު ހުއްދަ ދެއްވާފައި އޮތް ނަމަވެސް މަޖިލީހުގެ ކޮމިޓީގައި ފިނޭންސް މިނިސްޓްރީން ދެއްކީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީގެ އާއި ފައިނޭންޝަލް އެގްޒެކެޓިވްގެ އިހުމާލެވެ. މިއަދު މިވަނީ ދުރާލާ އެކަމަށް ތައްޔާރުވާންޖެހިފައެވެ. ފާރަވެރިވެ، ރާއްޖެ ގެންނަ ވެކްސިންކޮޅުން ވައްކަންކުރިޔަ ނުދޭން ފޫގަޅަންޖެހިއްޖެއެވެ. ސަބަބުތައްވެސް ހުރުމާއެކުއެވެ.

ކޮވިޑް ވެކްސިން ހޯދުމާއި ގުޅޭގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ނެރުއްވީ ޤަރާރެކެވެ. އޭގައި ވިދާޅުވެފައިވަނީ ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން މުޅި ދުނިޔެއަށް ވެސް ބޭނުން ޖެހިފައިވާ ވެކްސިނަކަށް ވުމުން “ވަކި ބައެއްގެ ފަރާތުން ނޫނީ” މި ވަގުތު އެ ލިބެން ނެތް ކަމަށެވެ. އަމީރު ވާހަކަތަކުން ކޮވިޑުން ދިވެހިން ރައްކާތެރިކުރަން ބޭނުންވާ ވެކްސިން ހޯދަން އެ އެއްބަސްވުމުގައި ސޮއިކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުން ވަނީ ނިންމާފައެވެ. އެކަމަށްޓަކައި މާލިއްޔަތުގެ ޤަވާއިދުން ލިބިދޭ ބާރުގެ ދަށުން، ދައުލަތުގެ މާލިއްޔަތުގެ ގަވައިދުގެ ބައެއް މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ނިންމާފައިވެއެވެ.

އެގޮތުން މާލިއްޔަތު ގަވައިދުގެ 10.43 ވަނަ މާއްދާ އާއި 10.52 ވަނަ މާއްދާ އާއި 10.67 ވަނަ މާއްދާ އަދި 10.71 ވަނަ މާއްދާ އެވެ. މި މާއްދާތަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް ނިންމީ ހަމައެކަނި ވެކްސިން ގަތުމަށްޓަކައި އެސްޓްރާޒެނެކާއާ އެކު ސޮއިކުރާ އެއްބަސްވުމުގެ މުއްދަތަށެވެ. ނަމަވެސް އެއްބަސްވުން ހަދާ މުއްދަތާއި ވެކްސިން ގެންނަން ކުރާ ހަރަދުގެ ތަފްސީލެއް އަދި ހާމައެއް ނުކުރެ އެވެ. 10.43 ވަނަ މާއްދާއަކީ ބީލަން ކުރުމުގެ ވާހަކަތައް ބަޔާންކޮށްފައިވާ މާއްދާއެވެ. އަމަލުކުރަން ނުޖެހޭގޮތަށް ހެދި 10.52 ވަނަ މާއްދާއަކީ ކޮންޓްރެކްޓް ހަވާލުކުރުމާއި ގުޅޭގޮތުން އޮންނަ މާއްދާއެވެ. 10.67 އާއި 10.71 ގައި އަންނަނީ އެޑްވާންސް ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ގޮތުގެ މާއްދާއާއި ކޮންޓްރެކްޓްކޮށްގެން ހަވާލުކުރި މަސައްކަތް މުއްދަތަށްވުރެ ލަސްވުމުން ގެއްލުމުގެ އަގު ކަނޑައެޅުމުގެ މާއްދާއެވެ. މީގެން އެއްވެސް މާއްދާއަކަށް އަމަލުކުރަން ނުޖެހޭ ގޮތަށް އޮތުމުން ގޯސްކޮށް މިކަން ހިނގުމުގެ ފުރުސަތު އެބައޮތެވެ.

ނޭވާލާ ނިޒާމުން ވައްކަން ކުރިގޮތަށް ތިވެކްސިން ގެނައުމުގެ ފުރުސަތު ކުޑަކުރެވޭނީ އެކަމަށް ފާރަވެރިވެގެންނެވެ. ދައުލަތް މިއޮތީ ނޭވާ ހޮޅިއަށް އެޅިފައެވެ. ރައްޔިތުން އަތުން އެގޮތް މިގޮތަށް ފީތަކާއި، ޓެކްސް ނަގައިގެން ދައުލަތުގެ ޚަރަދު ބަރަދު ދެކޮޅު ޖައްސަމުން ދާ ދަނޑިވަޅެއްގައި އަނެއްކާ އިތުރު ވައްކަމެއް ކުރުމަށް ފުރުސަތުދީގެންނުވާނެއެވެ. ސިންގަޕޫރު ކުންފުނިން ވެކްސިން ހޯދާ އަގާއި އިތުރު ތަފުސީލުތައް ހާމަ ނުކުރުމަކީވެސް ކަންބޮޑުވުން އެކުލެވޭ ކަމެކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: