ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހަރުކަށި މިންގަނޑާއެކު ބިދޭސީން ތޮއްޖެހިގެން ދިރިއުޅޭ މައްސަލަ ހައްލުވާނެ؟!

މާލޭގައި ގިނަ އަދަދެއްގެ ބިދޭސީންތަކެއް ތޮއްޖެހިގެން ދިރިއުޅެމުން ދިޔަ ތަނެއް -- ފޮޓޯ: އިމިގްރޭޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި 145،000 އާއި 230،000 އާ ދޭތެރޭގެ އަދަދަކަށް ބިދޭސީން ދިރިއުޅެއެވެ. މިއީ ދިވެހިރާއްޖޭގެ އާބާދީގެ ނިސްބަތުން ބަލާކަމުގައި ވަނީނަމަ، ތިންބައިކުޅަ އެއްބަޔާ ގާތްކުރާ އަދަދެކެވެ. ނޭޝަނަލް ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ ”ރާއްޖޭގައި ދިރިއުޅޭ އާބާދީގެ އަންދާޒާ 2014-2054“ ގެ ލަފާކުރުންތަކުން ދައްކާ ގޮތުގައި، ކުރިއަށް އޮތް ދަހަރުގެ ތެރޭގައި ބިދޭސީންގެ އާބާދީ އަހަރަކު ދިހަ އިންސައްތަ އިތުރުވާނެއެވެ. އަދި 2054 އަހަރު އަންނަންވާއިރަށް ގާތްގަނޑަކަށް 419،000 ބިދޭސީން ރާއްޖޭގައި ދިރިއުޅޭނެއެވެ. އެއީ މުސްތަގުބަލަށް ލަފާކުރާ އާބާދީގެ 47 އިންސައްތައެވެ.

ދިވެހިރާއްޖޭގެ ބިދޭސީ އާބާދީ އިތުރުވުން ސީދާ ގޮތުން ގުޅިފައި އޮތީ އިގްތިސާދީ ހަރަކާތްތަކާއެވެ. މާނައަކީ އިގްތިސާދީ ދުވެލި ބާރުވާ ވަރަކަށް، ބިދޭސީ އާބާދީވެސް އަންނާނީ އިތުރުވަމުންނެވެ. މިއީ ގައުމުގެ އިންސާނީ ވަސީލަތްތަކާއި، ވަޒީފާ އަދާކުރުމުގެ ޝައުގުވެރިކަން ހުރި ޓްރެންޑްތަކަށް ބަލާއިރު، ބަދަލުވެދާނެ ކަމެއްގެ ގޮތުގައެއް ނުބެލެވެއެވެ. އަދި ގައުމުގެ އިގްތިސާދީ ތަސައްވުރު ހުރި މިސްރާބަށް ބަލާއިރު، ރާއްޖެއިން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކާއި ގުޅިގެން މި އަދަދުތައް ބިދޭސީ އާބާދީ ލަފާކުރުންތަކަށް ވުރެވެސް އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.

ކަންމިހެން ހުރިއިރު، ގައުމުގެ ބިދޭސީންގެ ކަންކަން ބެލެހެއްޓުމާއި ހައްގުތައް ކަށަވަރުކޮށްދިނުމުގެ ނިޒާމު ހަރުދަނާކުރުން މުހިއްމެވެ. ހާއްސަކޮށް، ބިދޭސީ އާބާދީއަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލުކުރުމަށް އިސްކަން ދޭން ޖެހެއެވެ. އެގޮތުން މުވައްޒަފުން ދިރިއުޅޭ ތަންތަނުގެ ފެންވަރު ރަނގަޅުކުރަން އާންމު މިންގަނޑެއް އެކުލަވާލުމަކީ ދިވެހި ސަރުކާރުން އެޅި މުހިއްމު ފިޔަވަޅެކެވެ. އަދި މިއީ ބިދޭސީ މަސައްކަތްތެރިންގެ އާބާދީއަށް ދިމާވެފައިވާ ތޮއްޖެހިގެން ދިރިއުޅެން ޖެހޭ މައްސަލައަށް ހައްލެއް ގެނައުމަށްވެސް އެޅުނު މުހިއްމު ފިޔަވަޅެކެވެ.

ގަވާއިދުގައި ކަނޑައަޅާފައިވާ މުހިއްމު ބައެއް މިންގަނޑުތައް

އަލަށް އެކުލަވާލެވުނު، ”ވަޒީފާދޭ ފަރާތުގެ މުވައްޒަފުން ދިރިއުޅުމަށް ހަމަޖައްސާ ތަންތަނުގެ ޢާންމު މިންގަނޑުތަކުގެ ގަވާއިދު“ ގައި މުވައްޒަފުން ބަހައްޓާ ތަންތަނުގެ ބޮޑުމިން ކަނޑައަޅާފައިވަނީ ތަނުގައި ދިރިއުޅޭ މީހުންގެ އަދަދުތަކަށް ބަލައިގެންނެވެ. އެގޮތުން އެކަކު ދިރިއުޅޭ ކޮޓަރިއެއްގެ ތަޅުންގަނޑުގައި 40 އަކަފޫޓު ހުންނަން ޖެހެއެވެ. މާނައަކީ ކޮޓަރީގެ ދިގު މިނުގައި މަދުވެގެން 8 ފޫޓު އަދި ފުޅާ މިނުގައި މަދުވެގެން 5 ފޫޓު ހުންނަން ޖެހޭނެއެވެ. އަދި ކޮޓަރީގެ ހުރިހާ ދިމާލެއްގައިވެސް މަދުވެގެން 9 ފޫޓުގެ އުސްމިން ހުންނަން ޖެހެއެވެ.

ކޮޓަރީގައި ދިރިއުޅޭ މީހުންގެ އަދަދަށް ބަލާ ކޮޓަރީގެ ބޮޑު މިން އިތުރުވާން ޖެހޭއިރު، ދެ ސިންގަލް އެނދު ހުންނަ ކޮޓަރިތަކުގައި 73 އަކަފޫޓު ހުންނަން ޖެހެއެވެ. އިތުރުވާ ކޮންމެ އެނދަކަށް ތަޅުންގަނޑުގެ ބޮޑުމިން 34 އަކަފޫޓު އިތުރުކުރަން ޖެހެއެވެ. މުވައްޒަފުން ދިރިއުޅެން ހަމަޖައްސާ ތަނެއްގެ ސިންގަލް ބެޑެއްގައި އެންމެ މީހަކަށް ނިދޭއިރު، ބަންކް ބެޑެއްގައި ދެ މީހަކަށް އޮވެވެއެވެ. އަދި މި ތަންތަނުގައި އަލިކަން ލިބޭ ގޮތަށް ފަރުމާކުރެވިފައިވާ، ރަނގަޅަށް ވައިދަރުވާ ސާފު ތަންތަނަށް ވާންޖެހެއެވެ.

އޭގެ އިތުރުން މި އެކޮމޮޑޭޝަންތަކުގެ ފާހަނާ ގާއިމްކޮށްފައި ހުންނަންޖެހެނީ އާންމު ސާފުތާހިރުކަމުގެ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި މުވައްޒަފުން ދިރިއުޅޭ ތަންތަނުގައި ނަރުދަމާ ގާއިމުކޮށްފައި ހުރުމާއި، ކައްކާ ކައިބޯން ބޭނުންކުރާ ފެނަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ މިންގަނޑުތަކަށް ފެތޭ ފެންތޯ ވަޒީފާދޭ ފަރާތުން ކަށަވަރުކުރަންޖެހެއެވެ. ބަދިގެ ހުންނަން ޖެހޭނީ ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތަކ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ހަމައެފަދައިން، އިމާރާތުގެ ސަލާމަތީ ކަންކަން ޔަގީންކުރުމަކީވެސް ވަޒީފާދޭ ފަރާތުގެ ޒިންމާއެކެވެ.

ގަވާއިދު ރަނގަޅު، ނަތީޖާ ނެރެވޭނީ ތަންފީޒުކުރެވިގެން

ވަކި މިންގަނޑެއް ކަނޑައަޅާ، އެ މިންގަނޑަށް މުވައްޒަފުން ބަހައްޓާ އެކޮމޮޑޭޝަންތަކުގެ ފެންވަރު ރަނގަޅުކުރަން ސަރުކާރުން ވިޔަފާރިތަކަށް ދިނީ ހަ މަސް ދުވަހުގެ މުހުލަތެވެ. މިއީ ވިޔަފާރިވެރިންގެ ކަންބޮޑުވުން ހުރިނަމަވެސް، އެކަށީގެންވާ މުހުލަތެކެވެ. މިހެން މި ދެންނެވީ ގައުމުގައި ދިރިއުޅޭ ބިދޭސީ އާބާދީގެ ތެރެއިން ބަޔަކު ދިރިއުޅެމުންދާ ހާލަތް ބަދަލުވާ މަންޒަރު ފެންނަން ބޭނުންވާތީއެވެ. އަދި އެއިން ގިނަ ފަރާތްތަކެއް އަސާސީ ހައްގުތަކުން މަހްރޫމުވެފައި އޮތްއޮތުމަށާއި، އާންމު ސިއްހަތަށް ކުރިމަތިވެފައިވާ ނުރައްކަލުން ސަލާމަތްކުރުމަށެވެ.

ގައުމުގެ މުސްތަގުބަލުގެ ލަފާކުރުންތަކާއި، ގައުމުގެ އިގްތިސާދުގައި އަދާކުރާ މުހިއްމު ދައުރަށް ބަލާއިރު ބިދޭސީންގެ މައްސަލަތަކަށް އަވަސް ހައްލެއް ބޭނުންވެއެވެ. އޭގެތެރެއިންވެސް، އެންމެ އިސްކަމެއްގެ ގޮތުގައި ބިދޭސީން ދިރިއުޅޭ ތަންތަނުގެ ފެންވަރު ރަނގަޅުކުރުމަށް ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ދިވެހި ސަރުކާރަށް ގޮވާލާފައެވެ. އެގޮތުން ހިއުމަން ރައިޓްސް ވޮޗް އިން ކޮވިޑާ ގުޅިގެން ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންނަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ނެރުނު ރިޕޯޓެއްގައިވަނީ، ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ބިދޭސީން ދިރިއުޅޭ ތަންތަނާ ގުޅޭ ގަވާއިދުތައް އެކުލަވާލުމަށް ބާރުއަޅާފައެވެ.

ބިދޭސީ މަސައްކަތްތެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް، އެހެން އެއްވެސް ސަރުކާރެއްގައި މަސައްކަތްނުކުރާ ވަރަށް މި ސަރުކާރުން މަސައްކަތްކުރިނަމަވެސް، ނަތީޖާ ނެރުން އަދި އޮތީއެވެ. ހަ މަސް ދުވަހުގެ މުހުލަތެއް ދީފައި ތަންފީޒުކުރަން ފުރުސަތުދިންނަމަވެސް، ވިޔަފާރިތަކާއި މުވައްޒަފުން ގެންގުޅޭ އަމިއްލަ ފަރުދުންގެ ފާޑުކިޔުމާއި ދެކޮޅުވެރިކަން އަމާޒުވާނެއެވެ. އެހެންނަމަވެސް، ސަރުކާރާއި ދައުލަތުގެ އިދާރާތަކުން ދޫދީގެން ނުވާނެއެވެ. މައްސަލަތައް ހައްލުނުވެ އޮތުމުގެ މައިގަނޑު ސަބަބަކީވެސް މިހާތަނަށް ދީފައިވާ ދޫތަކެވެ. ފާޑުކިޔުމަށް އިޖާބަދީ މި ގަވާއިދަށް އަމަލުކުރުން އިތުރަށް ފަސްކޮށްފިނަމަ، ދުވަހަކުވެސް ހައްލެއް ނުވާނެއެވެ. މި ހަރުކަށި މިންގަނޑުތައް އެ ހަރުކަށި ިކަމުގައި ތަންފީޒުކުރެވިއްޖެނަމަ، ބިދޭސީންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލަ ހައްލުވީއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: