ހދ. މަކުނުދޫ، ށ. ބިލަތްފަހި، ބ. ތުޅާދޫ، އަދި ތ. ވިލުފުށީގައި އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތް ކުރަން އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށައެޅުމުގެ ދައުވަތު ފިނޭންސް މިނިސްޓްރީން ހުޅުވާލައިފިއެވެ.
މިކަން އިއުލާންކޮށް ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ، މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް އީއޯއައި ހުށައެޅޭނެކަމަށާއި، އީއޯއައި ހުށައަޅާއިރު އެއް ރަށަށް ވުރެ ގިނަ ރަށުގެ އެއަރޕޯޓް ތަރައްގީކުރަން ހުށައެޅުމުގެ އިހުތިޔާރު އެ ފަރާތްތަކަށް ލިބިގެންވާކަމަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ ޖެނުއަރީ 31 އިން ފެށިގެން މި މަސައްކަތާ ގުޅޭގޮތުން ތައްޔާރުރެވިފައިވާ ޓަރމްސް އޮފް ރިފަރެންސް (ޓީއޯއާރް) އެ މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށެވެ. އަދި މަޝްރޫއާ ގުޅޭ އިތުރު މައުލޫމާތުތައްވެސް ވެބްސައިޓުން ފެންނަން ހުންނާނެކަމަށް ބުންޏެވެ.
މި މަޝްރޫއުތަކަށް ޕްރޮޕޯސަލް ހުށައަޅަން ލިބެނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ. އަދި މިކަމަށް ޝަޢުޤުވެރިވާ، ޝަތުރު ހަމަވާ ފަރާތްތަކުން 2021 ފެބުރުވަރީ 15 ވާ ހޯމަ ދުވަހުގެ 14:00 ގެ ނިޔަލަށް އީއޯއައި އެ މިނިސްޓްރީއަށް ހުށައެޅުމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންގާފައެވެ.
މި ހަތަރު އެއަރޕޯޓް ތަރައްގީކުރުމުގެ މަސައްކަތަކީ ސަރުކާރުން ހަރަދުކޮށްގެން ނުވަތަ ބަޖެޓުކުރެވިގެން ހިންގާ މަޝްރޫއުތަކެއް ނޫނެވެ. އަދި މި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖައްސަން ޖެހެނީ މަޝްރޫއު ހިންގާ ފަރާތްތަކުންނެވެ.

