ރާއްޖޭގެ ހުރިހާ ރައްޔިތުންވެސް މިއަދު ފަށާ ކޮވިޑް ވެކްސިން ޕްރޮގުރާމުގައި ބައިވެރިވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިލްތުމާސް ކުރައްވައިފިއެވެ.
ކޮވިޑް-19 ގެ ވެކްސިން ޕްރޮގުރާމު ފެއްޓެވުމަށް މިއަދު މާލޭގެ ސޯޝަލް ސެންޓަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިވެކްސިނަކީ ކޮވިޑް-19ގެ ސަބަބުން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް ފެށޭ ފުރަތަމަ މަސައްކަތް ކަމުގައެވެ.
ރައީސް ޞާލިހު ވިދާޅުވީ ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ރައްޔިތުން ފާއިތުވެދިޔަ 11 މަސްދުވަހުގެ ތެރޭގައި ވަރަށް ހިންދަތި ދުވަސްތަކެއް ހޭދަކޮށްފައިވާކަމަށެވެ. ނަމަވެސް ޞިއްޚީ ދާއިރާގެ ބޭފުޅުންގެ އިރުޝާދާއި މަޝްވަރާގެ މަތީން ރާއްޖޭގައި އަޅަމުންދިޔަ ފިޔަވަޅުތަކާއިއެކު ބޮޑެތި ކާމިޔާބީތަކެއް ހޯދިފައިވާކަމަށެވެ. އެމަނިކުފާނު ވަނީ ރާއްޖޭގެ ޞިއްޚީ މަސައްކަތްތެރި ކުރެއްވި މަސައްކަތަށް އިޚުލާސްތެރިކަމާއިއެކު ޝުކުރު ދަންނަވާފައެވެ.
މިއަދު ރާއްޖޭގައި ޖަހަން ފަށާފައިވާ ވެކްސިނަކީ އިންޑިޔާ ސަރުކާރުން ރާއްޖެ ހަދިޔާކުރެއްވި އޮކްސްފޯޑު ވެކްސިނެކެވެ. އިންޑިޔާގެ ސެރަމް އިންސްޓިޓިއުޓުން ގެނައި މިވެކްސިނަކީ، އިނގިރޭސިވިލާތުގެ އޮކްސްފޯޑް ޔުނިވަރސިޓީގެ ސައިންސްވެރިންނާއި ސިންގަޕޫރުގެ އެކްސްޓްރާޒެނަކާއިން ތައްޔާރުކޮށްފައިވާ ވެކްސިނެކެވެ.

