ލައިސަންސްނެތި އެއްގަމު އުޅަނދު ދުއްވުމުން ޖޫރިމަނަކޮށްފައިވާ ޢުމުރުން 18 އަހަރުން ދަށުގެ ކުދިންގެ މައްސަލައަށް އަވަސް ހައްލެއް ގެނެސް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިންް ވިދާޅުވީ ކައުންސިލް އިންތިޚާބަށް އެމްޑީޕީ އިން ކުރިއަށް ގެންދާ ކެމްޕޭންގައި އަތޮޅުތަކުގެ ރަށްރަށަށް ސުވާލުކުރުމަށް ހުޅުވާލައިގެން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ލައިސެންސް ޖޫރިމަނާގެ މައްސަލައަކީ އަތޮޅުތަކާއި އެއްގޮތަށް މާލޭގައި ވެސް ދިމާވާ މައްސަލައެއް ކަމަށާއި ބައެއް ކުދިންގެ ޖޫރިމަނާތައް އެއް ލައްކައަށްވުރެ މައްޗަށްވެސް އަރާފައި އެބަހުރި ކަމަށެވެ. އަދި އެވަރު އަދަދެއް ދައްކަން އުނދަގޫވާނެ ކަމަށާއި އެހެންކަމުން އެކަމަށް ހައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
”އަށާރަ އަހަރު ނުފުރޭ ކުދިން ދުއްވައިގެން ޖޫރިމަނާކޮށްފައި އޮތުން. އެ އެބައުޅޭ މާލޭގެ ވަރަށް ގިނަ ތަންތަނުގައި. އަޅުގަނޑުމެން އެއަށް ރަނގަޅު ހައްލެއް ހޯދާދޭނަން އިރާދަކުރެއްވިއްޔާ ލަސްތަކެއް ނުވެ. އަދި މީގަ އެބަ ދިމާވާ ކަމެއް އޮންނަ ކަމަށްވަނީ ޖޫރިމަނާ ދައްކަން އޮވެއްޖެއްޔާ ކައިވެނިވެސް ނުކުރެވޭ. ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވަނީ ލައިސެންސް ނަގައިގެން ދުއްވަން ފަރިތަކުރަން ހުރިހާ ފަރާތްތަކަށް ވެސް އިލްތިމާސްކުރައްވާފައެވެ.

