ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރޭ އާންމު ގައިޑުލައިންތަކަކީ އެންމެވެސް ބޯލަނބާ ކިޔަމަންވާން ޖެހޭނެ އަމުރުތަކެއް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެއަށް އަމަލުކުރުން އިސްތިސްނާ ވާނެ އެއްވެސް ފަރާތެއް ނުވެއެވެ. އެ އަމުރުން އިސްތިސްނާވާނެ ފަރާތްތައްވެސް ނިންމަނީ ސީދާ އެޗްޕީއޭއިންނެވެ.
ކޮވިޑްގެ މި ބަލިމަޑުކަމުގައިވެސް ރައްޔިތުން ރައްޔިތުން އަމަލުކުރަންވީ އުސޫލާއި، ގަވާއިދު ހަދަނީ އެޗްޕީއޭއިންނެވެ. އެމީހުން އަންގާ ގަޑިއެއްގައި ނޫނީ ބޭރަށް ނުކުތުން މަނަލެވެ. އެމީހުން ހަދާ އުސޫލެއްގެ ދަށުން ނޫނީ ދަތުރެއް ނުކުރެއެވެ. ދިވެހިންގެ މެޖޯރިޓީ ދިޔައީ އެމީހުންގެ އަމަލަށް ތަބާވެ އެއަށް އަމަލުކުރަމުންނެވެ. އަމަލު ނުކުރާ މަދު ބަޔަކު ޖޫރިމަނާވެސް ކުރާތަންވެސް ފެނެއެވެ. ގަންނާކުރައްވާ ބިރުން ދިވެހިން ތިބެނީ ގައިގަ ރަޖާއަޅައިގެންނެވެ.
ކަން މިހެން ހުރި ނަމަވެސް އެޗްޕީއޭގެ ދޯހަޅި ސިޔާސަތުތަކާއި، ރައްޔިތުންގެ މެދުގައި ތަފާތު ކުރުމުގެ ސަގާފަތެއް ގެންގުޅެން ފެށިތަން ފެނިގެންދިޔައެވެ. ފަތުރުވެރިންނަށް ވަކި ގޮތެއް، އުސޫލެއް ހަމައެއް، ސިޔާސީ ވަކި ބޭފުޅުންނާއި ސަރުކާރުގެ މަތި ފަޑީގެ ބޭފުޅުންނަށް ވަކި އުސޫލެއް، އާންމު ރައްޔިތު މީހާއަށް ވަކި ހަމައެއް އުސޫލެއް ހަދަން ފެށި މަންޒަރެވެ.
އެއްބަޔަކު ރަށަށް ގޮސް ކަރަންޓީނުގައި 17 ދުވަހު މަޑުކޮށްގެން ތިބެން ޖެހޭއިރު އަނެއް ބަޔަކަށް ޚާއްސަ ހުއްދައިގެ ދަށުން ކުރު ޗުއްޓީއަށް އަނެއް ބަޔަކު ދާން ހުއްދަ ދޭން ފެށިއެވެ. ޚާއްސަ ހުއްދައިގެ ދަށުން ކޮވިޑު ރާއްޖޭގެ ރަށްތަކަށް ދަތުރުކުރަން ހުއްދަ ދިނުން ފަދައެވެ.
ކޮވިޑާއެކު ދިވެހިންނަށް އުޅެން ދަސްވިކަމަށް ނިންމާ ނުވަތަ އެނޫން ގޮތެއް ނެތްކަމަށް ބަލައި، ލުއިތަކެއް ދިނުމަށްފަހު ސިއްޙީ ނިޒާމަށް ނުކަތާވަރަށް ބަލި ފެތުރެން ފެށުމުން އަނެއްކާވެސް އެޗްޕީއޭއިން މިވަނީ ލުއިތައް ހަރުކަށިކޮށްފައެވެ. އެގޮތުން 10 މީހުންނަށްވުރެ ގިނައިން އެއްވެ ނޫޅުމަށާއި، އިރުއޮއްސި ހަޔަކުން ފަތިހު ހަޔަކަށް ވެހިކަލް ނުދުއްވޭނެކަމަށާއި، ރޭގަނޑު 11 ގ ފަހުން ބޭރުގައި އުޅުން މަނާކޮށްފައެވެ. ހަރުކަށި އުސޫލުތަކެއް ހަދާ، ޖޫރިމަނާ ސުލިޕްތައް ހިފައިގެން ފުލުހުން މާލޭގެ މަގުތަކަށް ނިކުމެ ކޮންމެ ރެޔަކު ރުކުރުވާލައެވެ.
ބަސްނާހައިފިނަމަ ޖޫރިމަނާކުރާތީވެ، އެޗްޕީއޭ ގެ އެންގުމާ އެއްގޮތަށް ބަސްއަހަން މަޖުބޫރެވެ. ކިރިޔާ ކަސިޔާރުވެލިޔަސް ޖޫރިމަނާއެވެ. ނަމަވެސް މިކަން ވެސް ހިނގަނީ ސިޔާސީ ނުވާ އާންމު ރައްޔިތުންށެވެ. ސިޔާސީ މީހުން މަގުތަކަށް ނުކުމެ މުޒާހަރާ ކުރީމަ، އެމީހުން ފަހާ ފުލުހުން ދުވަނީއެވެ. އެމީހުން ޖޫރިމަނާއެއް ނުކުރެއެވެ. އެމީހުން ގަޔަށް މިރުސް ދިޔަފޮދެއް ބުރުވާލާފަ ނިންމާލަނީއެވެ.
ސައިކަލުގައި ނުގަޑިއެއްގެ މަގުމައްޗަށް ނިކުމެއްޖެނަމަ ޖޫރިމަނާކުރަނީއެވެ. މިކަމުގައިވެސް ތަންފީޒީ ލެވެލްއިން ތަފާތުކުރުން އިންތިހާއަށް އެބަ އޮތެވެ. ދެ ބައި މީހުންވެސް އަމަލުކުރަނީ އުސޫލާއި ޚިލާފަށެވެ. އެހެނަސް އަދަބު ލިބެނީ އެއް ބަޔަކަށެވެ. އުސޫލެއް ހެދިޔަސް ނުފުދެއެވެ. ހަމަހަމަ ކަމާއެކު ތަންފީޒުކުރަން އެބަ ޖެހެއެވެ. އެހެން ނޫންނަމަ ޒުވާނުން ހަމަ ސައިކަލްތަކާއެކު ނިކުންނަން ހިފާލައިފިނަމަ ދެން ނުކުންނާނެ ނަތީޖާއަކީ ކޮބައިބާއެވެ!؟

