ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމު، ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް، ބޮޑުވަޒީރަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސިޓީއެެއް ހުށަހަޅުއްވައިފި އެވެ.
ރައީސް ސޯލިހުއަށް އެ މެސެޖު ރައީސް ނަޝީދު ފޮނުއްވާފައި ވަނީ އާދީއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ.
އެ މެސެޖުގައި ރައީސް ނަޝީދު ވަނީ، ބޮޑު ވަޒީރެއްގެ ހައިސިޔަތުން ގައުމުގެ ވެރިކަންކޮށް، ހިންގުމުގެ މަސައްކަތުގައި އުޅުމަށް ބެނުންފުޅުވާކަމަށް ވިދާޅުވެފަ އެވެ. އަދި އެކަމާއި ބެހޭ މަޝްވަރާތައް ރައީސާއި ވީހާވެސް އަވަހަށް ކުރަން ވަނީ އެދިވަޑައިގެންފަ އެވެ.
ރައީސް ނަޝީދު ވިދާޅުވީ އަމާޒަކީ، 2023 ގައި ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުން ކަމަށެވެ.
އެނގިފައިވާގޮތުން ރައީސް ސޯލިހުއަށް ފޮނުވި މެސެޖު، ކެބިނެޓުގައި ހިމެނޭ ބައެއް ވަޒީރުންނާއި ރައީސް ނަޝީދާއި އަރިސް ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންނަށް ފޮނުއްވާފައިވެއެވެ.
ރައީސް ނަޝީދަކީ ފެށުނީއްސުރެ، ބަރުލަމާނީ ނިޒާމަކަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. އަދި މީގެ ކުރިން ވެސް އެކި ނޫސްވެރިންގެ ބައްދަލުވުންތަކާއި އަދި އެ ނޫންވެސް ހަރަކާތްތަކުގައި ރާއްޖެއާއި އެންމެ ގުޅޭ ނިޒާމަކީ ބަރުލަމާނީ ނިޒާމެއްގެ ގޮތުގައި ފާހަގަކޮށް ރައީސް ނަޝީދު ވާހަކަ ދައްކަވާފައިވެއެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންފިނަމަ، އިންތިހާބު ކުރާނީ އިންތިގާލީ ވެރިކަމެއްކަމަށް ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވާހަކަ ދެކެވެނުވެ. އަދި އެއަށްފަހު ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރާނެކަމުގެ އަޑުތަކެއް ވެސް ގަދަވިއެވެ. ނަމަވެސް އޭގެ ފަހުން ރައީސް ނަޝީދު ފިޔަވާ އިތުރު ބޭފުޅަކު، ވެރިކަމުގެ ނިޒާމު ބަދަލު ކުރުމާއި ގުޅޭގޮތުން ވާހަކަ ނުދައްކަވައެވެ.
މީގެ ކުރިން ”އާސްކް ސްޕީކާ“ ގެ ނަމުގައި ރައީސް ނަޝީދާއި އެކު ކުރިޔަށް ގެންދިޔަ ކިއު އެންޑް އޭއެއްގައި ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމަނިކުފާނަށް އެއްގޮތަކަށް ވެސް ރިޔާސީ ނިޒާމު ކަމު ނުދާ ކަމަށެވެ. އަދި އެމަނިކުފާނަކީ އެއް އިރެއްގައި ވެސް ރިޔާސީ ނިޒާމަކަށް ތާއީދު ކުރި މީހެއް ނޫން ކަމަށާއި، މުޖްތަމައުއަށް ހަމަޖެހުން ގެނެސް، ގައުމެއް ހިންގުމުގައި ރިޔާސީ ބިޒާމެއް ބޭނުން ކުރެވިދާނެކަމަށް ގަބޫލު ނުކުރައްވާކަމަށެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވެރިކަން ހިންގުމުގެ ނިޒާމާއި ގުޅޭގޮތުން ސުވާލު ކުރުމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވަނީ ވެރިކަމުގެ ނިޒާމް ބަދަލުކުރުމާ މެދު ވިސްނެވުމަށް ވުރެން މުހިއްމު ކަންކަން އެމަނިކުފާނު ކުރައްވަން ޖެހިވަޑައިގެންފައި އެބަހުރި ކަމަށެވެ. އަދި އިސްކަން ދެއްވަނީ ފަސް އަހަރަށް ވެވަޑައިގަތް ވައުދުތައް ފުއްދަން ކަމަށް ވިދާޅުވި އެވެ.


One Response
އަމައްޔާތް؟ އަމިއްލަ އެދުމުން ފޯވެފަ ހުރި މީހެއްތީ ދޯ؟