ނޯޓު: މި ރިޕޯޓަކީ މުޙައްމަދު ނަޝީދު (ކާނަލް) ސަންގުއެމްވީއަށް ލިޔުއްވާފައިވާ ރިޕޯޓެކެވެ.
ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ދެންވާނީ ކިހިނެއް؟ މިއީ ވަރަށް ގިނަ މީހުން މިހާރު އަޅުގަނޑާވެސް ކުރަމުން އަންނަ ސުވާލެކެވެ. މި ސުވާލުގެ ޖަބާބު އޮތީ ނޭގުމުގެ ތެރޭގައި ކަމަށް ވިއަސް ލިބިހުރި މަޢުލޫމާތުގެ މައްޗަށް އަންދާއެއް ކޮށްލެވިދާނެއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއިން ގިނަ ގޮނޑި ކާމިޔާބުކޮށް އިންތިހާބުން މޮޅުވީ ޝައްކެއްވެސް ނެތް ގޮތުގައި އެމްޑީޕީއެވެ. ނަމަވެސް މި އިންތިހާބުގައި މާލޭގެ މޭޔަރުކަމާއި މާލޭގެ އަޤްލަބިއްޔަތު އެމްޑީޕީއަށް ގެއްލުމާއި އައްޑު ތިނަދޫފަދަ އެމްޑީޕީގެ ވަރުގަދަ ކިއްލާތަކުން އެޕާޓީއަށް ގޮޑިތައް ގެއްލުމަކީ މާނަވީގޮތެއްގައި ޕީޕީއެމްއަށް ލިބުނު ކާމިޔާބީއެކެވެ. އަދި އުންމީދެކެވެ. އިންތިހާބަކާނުލާ އެމްޑީޕީއަށް 160 ވަރަކަށް ގޮޑިވެސް ލިބުނެވެ.
މި ނަތީޖާއަކީ ޕީޕީއެމްގެ ތާއީދު އިތުރުވާތީ ވީކަމެއްކަމަށް ބުނެވޭނެ އިލްމީ އެއްވެސް ބަރުދަނެއް ނެތެވެ. ސަބަބަކީ ވޯޓްލާން ނުކުތް މީހުންގެ މަދުކަމާއި އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ވޯޓުލީ އަދަދަށް ބަލާނަމަ ރަނގަޅު ތަފާސްހިސާބެއް ހަދާނެ އަދަދަށް މީހުން ވޯޓުލާފައި ނެތުމެވެ.
އާންމުކޮށް ލޯކަލް ކައުންސިލްގެ އިންތިހާބުތަކުގައި މީހުން ވޯޓުލާނިސްބަތް މަދެވެ. ނަމަވެސް މިފަހަރު މިނިސްބަތް އާދަޔާ ޚިލާފަށް މަދުވީ، ގިނަ ސަބަބުތަކާހެދި ނަމަވެސް އެމްޑީޕީއަށް ނަތީޖާ ނުނެރުވުމާއި އިޤްތިޞާދު ދައްވުމާއި ކަރަޕްޝަނާއި ނާއިންސާފާއި ސަރުކާރުގެ ތެރޭގައި ހުރި ހިތްހަމަނުޖެހުންތަކާއި އުދާސްތަކުގެ ސަބަބުން މީހުން ވޯޓުލާން ނުނުކުތުމުގެ ސަބަބުންނެވެ. އެޤްޒިޓު ޕޯލުން ދައްކާގޮތުގައި އެމްޑީޕިއަށް ކުރިލިބޭ ފޮށިތަކުންވެސް ޕީޕީއެމް ކާމިޔާބު ކުރުމުން ދޭހަވަނީ އެމްޑީޕީގެ ބައެއް ވޯޓުވެސް ޕީޕީއެމްއަށް ދީފައި ހުރިކަމެވެ.
އިންތިހާބުގެ މާނަވީ ކާމިޔާބީގައި ޕީޕީއެމްއަށް ދަތުރު ކުރެވުނީ ހަމަ އެންމެ ދެތިން ދުވަހުއެވެ. ރޯދަ މަހުގެ ފުރަތަމަ ދުވަހު ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭނެކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ވީ ވައުދު ފުއްދަވާފާނެކަމަކަށް އަޅުގަނޑު ނުދެކެވެ. އެވައުދު ފުއްދައިފިނަމަ އިންތިހާބުގެ ނަތީޖާ ކޮންމެގޮތަކަށް ދެއްކިއަސް އެމްޑީޕީ މޯރަލީ ބަލިވީއެވެ.
މިހާހިސާބުން ދެން ފެނުނީ ރައީސް ޔާމިން އެއްވެސް މާނައެއްނެތް ގޮތެއްގައި މާލެގެނެވުނުތަނެވެ. އެދުވަހު އެމަނިކުފާނު ބައްދަލުކުރެއްވީ ”ކޮން ޑޮކްޓަރަކާ ކަމެއް“ އަޅުގަނޑަކަށް ނޭގެއެވެ. ނަމަވެސް އެދުވަހު އިރު އޮއްސުމުގެ ކުރިން ރައީސް ނަޝީދު ދޫކޮށްލި ތީރު ސީދާ އަމާޒުމަތްގަނޑަށް ވާސިލްވިއެވެ.
ރައީސް އިބޫއަށް އެމަނިކުފާނު ފޮނުއްވި މެސެޖުގައި އެކަހެރިވެވަޑައިގެން ހުންނެވެން ނެތްކަމާއި ޤައުމު ހިންގުމުގައި ބައިވެރިވާން ބޭނުންވާކަމާއި ބޮޑުވަޒީރަކަށް ވެވަޑައިގަންނަވަން ބޭނުންވާކަމާ، އައު އިންތިހާބަކާނުލާ މިހާރު އޮތް މަޖިލީހަށް ސަރުކާރުއެކުލަވާލަން ފުރުޞަތު ދެއްވުމަށާއި، 2023 ގައި ރިޔާސީ އިންތިހާބު ނުބާއްވަން އެދިވަޑައިގަތް މެސެޖާއެކު ރިޔާސީ ބަރުލަމާނީގެ ވާހަކަތައް ގުގުމާލިއެވެ. މިއީ ކުރު ނަމަވެސް ވަރަށް ބޮޑު މެސެޖެކެވެ.
ވެރިކަމުގެ ނިޒާމު ބަދަލުކުރެވޭނީ ރައްޔިރުންގެ މަޖިލީހުގެ ¾ ބައިގެ އަޤްލަބިއްޔަތަކުން ޤާނޫނުއަސާސީ އިސްލާހުކޮށް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤްކުރައްވައިގެންނެވެ. ޤާނޫނުއަސާސީގައި މުތުލަޤަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަދަލުކުރެވޭނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންކަން ބަޔާން ކޮށްފައި ނެތަސް 2007 ވަނަ އަހަރު ތަސްދީޤްކުރެވުނު ޤާނޫނުއަސާސީގައި ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާނަކީ ކޮބައިކަން ކަނޑައެޅީ ރައްޔިތުންގެ ފެންނަ ނުފެނަނަ ވޯޓަކުން ކަމަށްވީހިނދު އެކަން ބަދަލުކުރެވެން ވާނީވެސް އެފަދަ ވޯޓަކުންކަމަށް ދެކޭ ނަޒަރިއްޔާތަށް އަޅުގަނޑުވެސް ތާއީދުކުރަމެވެ. ނަމަވެސް ޕާލިމެންޓަރީ ސުޕްރަމަސީގެ ދަށުން ސުޕްރީމް ކޯޓުން ޤާނޫނުއަސާސީ މާނަކުރުމުގައި އެނޫން ނިންމުމެއްވެސް ނިންމިދާނެ ފުރުޞަތު ޤާނޫއަސާސީގެ ދެލިގަނޑަށް އެކަނި ރިޢާޔަތްކޮށްފިނަ އެބައޮތެވެ. ޖޭއެސްއީގެ ކޮންޓުރޯލް އޮތީ ވެސް ރައީސް ނަޝީދުގެ އަތްޕުޅުގައެވެ.
މި ދަނޑިވަޅަކީ އެމްޑީޕީގެ ޤައުމީ މަޖުލީހުގެ ކޮންޓުރޯލް ނެގުމަށް އެތެރޭގެ ބޮޑު އިންތިހާބަކަށް އެޕާޓީ ކުރިމަތިލާ ދަނޑިވަޅެކެވެ. ރައީސް ނަޝީދުވެސް އަދި ރައީސް އިބޫވެސް މި އިންތިހާބުގެ ހަމަ ކޮންމެ ގޮޑިއަކަށް އެބޭފުޅަކަށް ވަފާތެރި ޚާދިމަކު ކުރިމަތިކުރައްވާނެއެވެ. އެތެރޭގެ އިންތިހާބުތަކުގައި އިދާރީ ކަންކަން ބަލަހައްޓަވާ އެންމެ އިސް ބޭފުޅަކީ ރައީސް ނަޝީދުގެ އަރިސް ރައީސް އޮފީހުގެ މިނިސްޓަރ ޕާޓީގެ ނައިބް ރައީސް ޝިފާޒެވެ. އެތެރޭގެ އިންތިހާބުތަކުގެ ޝަކުވާތަކަކީ މާބޮޑު އަޅާލުމެއް ދެވޭ ޝަކުވާތަކެއް ނޫނެވެ. ޕާޓީގެ ނާއިބް ރައީސަކަށް ފޮށި ނުބަހައްޓާ ދެރަށަކުން ޖުމްލަ 1000 ވޯޓަށް ވުރެ ގިނައިން ޝިފާޒު ހޯއްދެވިކަން އެއީ އަދިވެސް އަސްލަމް ކުރައްވާ ޝަކުވާއެކެވެ. ފިޔަވަޅުއަޅާކޮމެޓީއާއި އިންތިހާބާބެހޭ ކޮމެޓީގެވެސް ލަގަން އޮތީ ރައީސް ނަޝީދުގެ އަތްޕުޅުގައެވެ.
ރައީސް ނަޝީދުދެކެވާ ލޯބި ޕާޓީ ތެރޭގައި ފަނޑެއް ނުވެއެވެ. ޤައުމީ މަޖުލީހުގެ ބޭބޭފުޅުންނާއި އާއިލާތަކަށް ދެވިފައިވާ ސަރުކާރާއި ސަރުކާރު ޚިއްސާވާ ކުންފުނިތަކުގެ މަޤާމުތަކުގެ ސަބަބުން ވަގުތީ ލޯޔަލްޓީއެއް އެމީހުންގެ ފަރާތުން އިބޫއަށް އޮތަސް ހިތާއި ހިތުގެ ގުޅުމެއް އޮތީ ރައީސް ނަޝީދަށެވެ. އަޅުގަނޑު ދުށްތާގައި ރައީސް ނަޝީދަކީ ކަރަޕްޓު ބޭފުޅޭއްނޫނެވެ. އެހެންކަމުން އިންތިހާބަށް ބޭނުންވާ ފައިސާ ރައީސް ނަޝީދުގެ އަތްޕުޅަކު ނުހުންނާނެއެވެ. އެއާ ޚިލާފަށް އިބޫގެ އަތްމަތި ތަނަވަސްވާނެއެވެ. މަހުޖަނު ސިއްކަގެ ބުލެސިންގްވެސް އޮންނާނީ އޭނާގެ ދަނބިދަރިއަށެވެ. ނެފިއުއަކަށް ނޫނެވެ.
ޤައުމީ މަޖުލީހުގައި ކެބިނެޓާއި ޕާލިމަންޓާރީ ޕާޓީ ހިމެނޭއިރު އަލަށް ހޮވޭ މެންބަރުންވެސް ފަޔާ ބުރޯގެ ވަރައިގެ ދަށަށް ދީދާލުމާއި މަތީ މަޤާމްތަކަށް ގަނެލުމަކީ ނުވެނުދާނެކަމެކެވެ. އިންތިޙާބު ނިމޭއިރު ޤައުމީ މަޖިލީހުގެ އަޤްލަބިއްޔަތު ރައީސް ނަޝީދުގެ ކޮޅުގައި އޮތަސް 2023 ވަނަ އަހަރުގެ ރިޔާސީ ޓިކެޓާމެދު ގޮތެއް ނިންމާ ހިސާބަށް ދާއިރު އަޤްލަބިއްޔަތު އޮންނާނީ ފަޔާގެ އަތުގައެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ ރައީސް އިބޫގެ އަތުގައެވެ. އެމްޑީޕީގެ ރިޔާސީ ޓިކެޓް އިބޫއަށް ތަބަބަކަށް ލާފައި ދީފިނަމަ އެޕާޓީއަށް ޑީއާރުޕިއަށް ޖެހުނު ހާލު ނުޖެހޭނެއެކޭ ދަންނަވާކަށް ނުކެރޭނެއެވެ. ނުފެތޭނެއޭ ބުންޏަސް ޓައިޓޭނިކްފަދައިން އެއޮޑިވެސް ފެތޭނެއެވެ. މިހެންވިޔަ ނުދިނުމަށްޓާކައި އައު ޤައުމީ މަޖިލިސް އެކުލަވާލެވޭއިރަށް އައުދަޔާ ހިލާފް ކޮންގުރަސްއަކަށް ގޮވާލަންޖެހޭނެއެވެ. ކޮވިޑްގެ ސަބަބުންވިއަސް އެކަން ލަސްކޮށްފިނަމަ ރައީސް ނަޝީދު ބަލިވާނެއެވެ.
ދައުރު ދެބައިވިރު ރައްޔިތުންގެ މަޖިލީހުގެ ޕާލިމަންޓްރީ ޕާޓީގެ އަޤްލަބިއްޔަތު މަޑުމަޑުންރައީސް ނަޝީދާ ދިމާއަށް ފިރުކޭތަން އެބަފެނެއެވެ. ސަބަބަކީ ބަރުލަމާނީއެއް އަޔަސް އަދި ރިޔާސީ ނިޒާމެއް އަޔަސް މަޖިލީހަށް ވަނުމަށްޓަކައި ޕާޓީގެ ޕްރައިމެރީ ވިންކުރުމުގައި ރައީސް ނަޝީދަކީ މުހިންމު ބޭފުޅަކަށް ވުމެވެ.
އެހެންކަމުން އަހަރު ނިމޭއިރު އިބޫއަށް ވަފާތެރި 45 މެންބަރުނާއި ޖުމްހޫރީ ޕާޓީގެ 5 މެންބަރުންނާއި އަމިއްލަ 5 މެންބަރުންނާއި މަޖުބޫރީ ހާލަތެއްގައި ކޯލިޝަނުގެ އައްޓަމަހަކަށްވެފައިވާ އެމްޑީއެންގެ 2 ގޮޑިއާއެކު ޤާނޫނުއަސާސީ އިސްލާހުކުރުވުން ހުއްޓުވަން ރައީސް އިބުއަށް ކިރިޔަކިރިޔާ 22 މެންބަރުން ހަމަކުރެވިދާނެކަމަށް ބެލެވެއެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތްތެރިން ހިމާޔާތްވެފައި މިއަދު އެތިބީ ރައީސް އިބޫގެ ގަހުގެ ދަށުގައިކަމުން އެމީހުނަށް ގުޑާލެވޭކަށް ނޯންނާއެވެ. އެހެންވެ އިބޫއަށް ޤާނޫނުއަސާސި އިސްލާހުކުރުމުގައި އަތްއަޅައިގެން އިންނެވިދާނެއެވެ.
އަލްހާނާއި ރީކޯމޫސައާއި އިބްރާޔާ މަވޯޓާފަދަ އިހުގެ ސޯވިއެޓު ބަރުހަތިޔާރުތަކާއެކު ސަރުކާރުގެ ޕްރޮޕެގެންޑާ މެޝިނުތަކުން ރައީސް ނަޝީދަށް ހަމަލާދެމުންގެންގިޔައިރުވެސް ޑޮލްފިންކެފޭގައި ރައީސް ނަޝީދު ފަޔާގެ ރޯދަވީއްލުމަށް ވަޑައިގަތުމުން ރާޒުވާކުޅިބައިގައި އެޖެއްސެވި ކުޅި އަޅުގަނޑަށް ދެތިންގޮތަކަށް މާނަކުރެވެއެވެ.
އަނެއްކޮޅުން ރިޔާސީގައި ބަގުޑި ބައްދާތަން ފެންނަނީ އަދާލަތާއި އެމްއާރުއެމް އަދި ޖުމްހޫރީ ޕާޓީއެވެ. މިތަނުން ޖުމްހޫރީ ޕާޓީނޫނީ ރައްޔިތުންގެ މަޖިލީހުގެ ގޮޑިއެއް ކާމިޔާބުކުރެވިދާނެ ޕާޓީއެއް އޮތްކަމަކަށް ނުދެކެވެ. އެހެންކަމުން ރިޔާސީ ނިޒާމެއްގެ ކޯލިޝަނުގެ ހިޔަނީގައިނޫނީ ވަޒީރުކަމާހަމައަށް އާދެވުމަކީ އެޕާޓީތަކާ ލާއިޤްކަމެއް ނޫނެވެ. އަދި އެކަނި ނުކުމެ ރިޔާސީ އިންތިހާބަކުން އެދެވޭ ތާއީދެއް އެތަނުން ޖުމްހޫރީ ޕާޓީ ނޫން ޕާޓީއަކަށް ލިބިދާނެކަމަށްވެސް ނުބެލެވެ.
އަދިވެސް މިކަމުގައި ޕީޕީއެމް އޮތީ ހަނެވެ. މިކަމުގައި ޕީޕީއެމްގެ ނިންމުން ނިންމާނީ ރައީސް ޔާމިންއާއި ޕާޓީގެ އިސްވެރިންގެ މަޝްވަރާގެ މަތިންނެވެ. މިތާސްގަނޑުގެ ހުކުމަކީ ރުމާލެވެ. އެންމެންގެ އަތުން ހުކުންވަނީ ހުސްވެފައެވެ. ރުމާލު 2 އޮތީ ރައީސް ޔާމިންގެ އަތްޕުޅުގައެވެ.
ރިޔާސީއިންތިހާބުގައި ރައީސް ޔާމީނަށް ކުރިމަތިނުލެއްވޭނަމަ ޕީޕީއެމްއަށް އިންތިހާބު ކާމިޔާބުކޮށްދެވޭވަރުގެ ކެނޑިޑޭޓެއް އަދި ނުފެނެއެވެ.
މިޙާލަތުގައި ޕީޕީއެމްގެ ޕޮޒިޝަން ރައީސް ނަޝީދުކޮޅަށް ބުރެވެއްޖެނަމަ ވެސް މަޖިލީހުގައި ޤާނޫން އަސާސީ އިސްލާހުކުރާނެ އަޤްލަބިއްޔަތެއް ލިބިވަޑައެއް ނުގަންނަވާނެއެވެ. ނަމަވެސް އެހާ ހިސާބުން ރައީސް ނަޝީދާއި ރައީސް ޔާމިނުގެ ސަޕޯޓަރުން އެކީ އެކުގައި މަގުމައްޗަށް ނުކުމެއްޖެނަމަ ރައީސް އިބޫއަށް އަމާންދެއްވަން މަޖުބޫރުވެވަޑައި ގަންނަވާނެއެވެ.
އެހެން ވެއްޖެނަމަ ދިވެހިރާއްޖޭގެ ބަރުލަމާނީ ނިޒާމަކަށް އިރުއެރީއެވެ.

