ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފޯކަސް މިވަގުތު ހުންނެވީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރާއްޖެ މިވަގުތު އޮތް ހާލަތުގައި ރައީސް ފޯކަސް ކުރައްވައިގެން ހުންނެވީ ވެރިކަމުގެ ނިޒާމު ބަދަލުކުރައްވަން ނޫން ކަމަށެވެ. އެއާ ހިލާފަށް ރައީސްގެ ފޯކަސް ހުންނެވީ އިގްތިސޯދު އާރާސްތުކުރުން ކޮށް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމަށް ކަމަށް މަބްރޫކް ވިދާޅުވިއެވެ.
ނަމަވެސް ވެރިކަމުގެ ނިޒާމު ބަދަލުކުރަން ގިނަ ބަޔަކު ބޭނުންވެ އަދި ފެންނަ ނުފެންނަ ވޯޓަކަށް ދިޔުމާ ހަމައަށް އެކަމާ ގުޅޭ މަޝްވަރާތައްދާ ހިސާބުން އެކަން ކުރައްވަން ރައީސް ފަސްޖެހިވަޑައިނުގަންނަވާނެ ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
”މިވަގުތު ފޯކަސް އަކީ އެއީއެއް (ވެރިކަމުގެ ނިޒާމު ބަދަލުކުރުން) ނޫން ރައީސްގެ“ މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ސަރުކާރު ހިންގުމަށް ބަދަލުތަކެއް ގެނައުމުގެ މަސައްކަތް ރައީސް ފައްޓަވާފައިވާކަމަށާއި، އެކަމުގެ މައުލޫމާތު ދެވޭނީ، މަޝްވަރާތައް ނިމުމުން ކަމަށެވެ. މަބްރޫކް ވިދާޅުވިގޮތުގައި ރައީސް މިވަގުތު ކުރައްވަމުން ގެންދަވާ މަސައްކަތަކީ، ސަރުކާރުގެ އެކި މަގާމުތަކަށް ގެންނާނެ ބަދަލުތަކާއި ގުޅޭގޮތުން ކޯލިޝަންގެ ލީޑަރުންނާއި މަޝްވަރާ ކުރެއްވުން ކަމަށެވެ. އެގޮތުން އޭނާ ވިދާލުވީ އެކި ވުޒާރާތައް ހިންގަވަން ތިއްބެވި ބޭފުޅުންގެ މަގާމުތަކަށް ބަދަލު އަންނާނެކަމަށެވެ.

