ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ ރައީސް މުޙައްމަދު ނަޝީދުއަށް އަމާޒުކޮށް ރޭގައި ދިން ހަމަލާގައި ގޮއްވާލެވުނު ސައިކަލުގެ ފުރިހަމަ މައުލޫމާތު ހޯދިފައިވާކަމަށް ފުލުހުން ބުނެފިއެެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ ރޭގެ ހަމަލާ ދީފައިވާ ގޮތަށް ބަލާއިރު އެ ހަމަލާ އަކީ ޓެރަރިޒަމަށް ފެތޭ ހަމަލާއެއް ކަމަށެވެ. އެހެންކަމުން މައްސަލަ ތަހުގީގު ކުރަނީ ޓެރަރިޒަމްގެ މައްސަލައެއްގެ ގޮތުގައި ބަލައިގެން ކަމަށެވެ.
ރިޔާޒު ވިދާޅުވި ގޮތުގައި ހަމަލާ ދިނުމުގައި ގޮއްވާލި އެތި ގޮއްވާލަން ބޭނުންކުރި ސައިކަލުގެ ސައްހަ މައުލޫމާތު މިހާރު ލިބިފައިވާ ކަމަަށެވެ. ނަމަވެސް ތަހުގީގީ މި މަރުހަލާގައި އެކަމާ ގުޅޭގޮތުން ތަފްސީލް ހިއްސާކުރަން ދަތި ކަމަށެވެ.
ނަޝީދުގެ ކާރުކޮޅު ކައިރީގައި ބާރުގަދަ އެއްޗެއް ގޮއްވާލައި ދިން ހަމަލާއާ ގުޅިގެން ރެއިން ފެށިގެން އެމަނިކުފާނަށް އަންނަނީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
ރޭގެ ހަމަލާ ދީފައިވަނީ ސީދާ ނަޝީދުގެ ފުރާނައަށް ގެއްލުންދޭން ކަމަށާއި މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފައެވެ. އަދި މި ހަމަލާއާ ގުޅިގެން ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި ބޭރުގެ ފަރާތްތަކާ ގުޅިގެން ތަހުގީގު ކުރިއަށްދާ ކަމަށް ސީޕީ ވިދާޅުވިއެވެ.
ނަޝީދުގެ އިތުރުން އެ ހަމަލާގައި އެމަނިކުފާނުގެ ބޮޑީގާޑުންނާއި، އިނގިރޭސިވިލާތުގެ ރައްޔިތެއްގެ އިތުރުން ދިވެއްސަކަށް ވެސް އަނިޔާވެފައިވެއެވެ.

