ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ފްލައިން ސްކޫލަށް ހައްލެއް ނުލިބުނު، ދަރިވަރުން ގޮތް ހުސްވެފައި!

ފޮޓޯ-މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ގައުމު ކުރިއަރުވައި ދިވެހި ގައުމަކީ ވެސް ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ލިސްޓުން ޖާގަ ހޯދުމަކީ ކޮންމެ ދިވެއްސަކުވެސް ދެކެމުން އަންނަ ހުވަފެނެކެވެ. އަދި ދިވެހި ގައުމު ކުރިއަރާ ދިއުމުގައި ރާއްޖެއިން ބޭރުގައި ހަދާ ގިނަ ކޯސްތަކާއި ފުރިހަމަ ކުރާ ގިނަ ތަމްރީންތައް ދިވެހި ފަސް ގަނޑުގައި ފުރިހަމަ ކުރުމަކީ ދިވެހިން ބޭނުންވާ ކަމެކެވެ. އެގޮތުން ޕައިލެޓްކަން ކިޔަވަން ބޭނުންވާ ކުދިންނަށް ދިވެހި ފަސް ގަނޑުގައި ތިބެގެން ޕައިލަޓްކަން ކިޔެވުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ދިވެހިންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އަދި ފަހުރެއްވެސް މެއެވެ.

އޭޝިއަން އެކަޑަމީ އޮފް ނޮޓިކްސްއިން ހިންގަމުން އަންނަަ އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ނުނިމި ދިގުލާ މައްސަލަ ދަރިވަރުންނާއި، ދަރިވަރުންގެ ބެލެނިވެރިންނާ އަދި އެ އެކަޑަމީގެ ސްޓޫޑެންޓް ޔޫނިއަންގެ ފަރާތުން ތަޖކުރާރުކޮށް އަންނަނީ ހިއްސާކުރަމުންނެވެ. އަދި ސޯޝަލް މީޑިޔާއާއި މީޑީޔާގެ އެކި ވަސީލަތްތައް މެދުވެރިކޮށް މިކަމުގެ ކަންބޮޑުވުންތައް އަންނަނީ ފާޅުކުރަމުންނެވެ.

އެގޮތުން ކޯހުގެ މުއްދަތު ދިގުލައިގެންގޮސް، ކޯސް ނިމޭނެ ދުވަހެއް ނޭންގުމާއި ބިދޭސީ އަދި ދިވެހި ދަރިވަރުންނާއި މެދު ތަފާތުކުރުން ގެންގުޅުންފަދަ އެތައް މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެއްވެސް ކަހަލަ ގަވާއިދެއް ނުވަތަ އުސޫލެއް ނެތުމާއި، ޗެކްރައިޑް ޝެޑިޔުލްކޮށް ނުދިނުމާއި، އެކަންކަމަށް އެދި ދަރިވަރުން އާދޭސްކުރަންޖެހުންފަދަ އެތައް މައްސަލައެއް ދަރިވަރުން ވަނީ ފެންމަތިކޮށްފައެވެ. މި މައްސަލަތައް ދަރިވަރުންނާއި ބެލެނިވެރިންގެ ފަރާރުންވަނީ މިނިސްޓްރީއަށް ހުށައަޅާފައެވެ.

އައްޑޫ ފްލައިން ސްކޫލްގެ މައްސަލައަށް ހައްްލެއް ގެނައުމަށް ސިވިލް އޭވިއޭޝަންް އާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީން އެކި މަސައްކަތްތައް ކުރި ނަމަވެސް މިކަމަށް އެދެވޭ ހައްލެއް މިއަދާ ހަމައަށް ލިބިފައެއް ނެތެވެ. އައްޑޫ ފްލައިން ސްކޫލްގެ ކިޔެވުން ހުއްޓިފައި އޮތުމުގެ އިތުރުން އެތަނުން ކިޔަވަމުން އަންނަ ދަރިވަރުންނަށް ފިއްތުންތައް ކުރިމަތިކޮށް ކަނޑާލާފައިވެސް ވެއެވެ.ހަމައެއާއިއެކު އައްޑޫ ފްލައިން ސްކޫލްގައި ކިޔަވަމުން ދިޔަ ދަރިވަރުން ތަކަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކެއްވެސް ފެންމަތިވިއެވެ.

ފްލައިން ސްކޫލްގެ ދަރިވަރުން ބުނާ ގޮތުގައި އަތުން ގިނަ އަދަދަކަށް ފައިސާ ހޭދަވީއިރު ވެސް ކޯސް ނިންމަން ބުނި ތާރީހަށް ނިންމިފައި ނުވުމުގެ އިތުރުން އެކަމުގައި އެ ދަރިވަރުންގެ ހައްގުތަކަށް ވަކާލާތު ކުރާނެ ބަޔަކު ނެތުމުން ކަންބޮޑުވާ ކަމަށެވެ. އަދި ސްކޫލްގައި ހުރި ކަންބޮޑުވުންތައް ފާހަގަކޮށް ކަމާބެހޭ ފަރާތްތަކަށް ފޮނުވި ޕެޓިޝަނުގައި ސޮއިކުރި 86 ދަރިވަރުންގެ ތެރެއިން ހަތަރު ދަރިވަރެއް ވަނީ ކަމާބެހޭ މުވައްސަސާތަކަށް ކުރި މެއިލް އެއްގެ ސަބަބުން ކޯހުންވެސް ކަނޑާލާފައިވެ އެވެ. ނަމަވެސް އެ ދަރިވަރުން ފަހުންވަނީ ކޯހަށް ވައްދާފައެވެ.

މި މަހުގެ 11 ވަނަ ދުވަހުން ފެށިގެން ފްލައިން ސްކޫލް އެއްކޮށް ހުއްޓުމަކަށް އައިސްފައިވާއިރު، މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސްކޫލްގައި ދުއްވާނެ އެއްވެސް ބޯޓެއް ނެތެވެ.

އަދި މިދިޔަ ހަފްތާގެ ތެރޭގައި ސްކޫލްގެ އިންޖިނިއަރުންގެ ޓީމު މުސާރައިގެ މައްސަލައިގައި ސްކޫލުން އިސްތިއުފާ ދިނުމަށްފަހު އެނބުރި ގައުމަށް ފުރާފައިވާއިރު ދެން ބޯޓެއް ނިކުންނާނެ ދުވަހެއް ވެސް އަދި އިންޖިނިއަރުންތަކެއް އެނބުރި ސްކޫލާއި ގުޅޭނެ ދުވަހެއް ވެސް ދަރިވަރުންނަށް އަދި މިހާތަނަށް އަންގާފައެއް ނުވެއެވެ.

ފްލައިން ސްކޫލަށް ބޭނުންވާ ސާމާނު ރާއްޖެއިން ބޭރުން ގެނައުމަށް ބޭނުންވާ ޑޮލަރުގެ ތެރެއިން ދެ ލައްކަ ޑޮލަރު ސަރުކާރުން މިދިޔަ މާޗު މަހުގެ ހަވަނަ ދުވަހު ހަމަޖައްސައިދިން ނަމަވެސް އޯޑަރު ޖަހާފައިވަނީ ފަހުން ކަމަށް މައުލޫމާތ ލިބެއެވެ. އަދި 45 ދުވަސްތެރޭ ސެސްނާ 150 ނިކުންނާނެ ކަމަށް ދަރިވަރުންނަށް އަންގާފައިވީ ނަމަވެސް އެ މުއްދަތު ފަހަނައަޅާ ދިޔައިރު ވެސް އެކަމެއް ވެސް ހާސިލުވެފައެއް ނުވެއެވެ.

ދުއްވާނެ ބޯޓެއް ނެތް ނަމަވެސް ފްލައިން ސްކޫލުން ދާދިފަހަކާ ޖެހެންދެން ދިޔައީ ސިމިއުލޭޓާ އަޅަން ބޭނުންވާ ދަރިވަރުންނަށް އެ ފުރުސަތު ފަހިކޮށްދެމުންނެވެ. ނަމަވެސް ސިމިއުލޭޓާ އަށް މައްސަލަތަކެއް ދިމާވެ މި މަހުގެ 11 އިން ފެށިގެން އެކަމަށް ވެސް ވަނީ ހުއްޓުމެއް އައިސްފައެވެ.

ސްކޫލްގައި ހުރި މައްސަލަތަކެއް ހައްލެއް ނުލިބި ދިގުލައި، އަދި ހާލަތު އިތުރަށް ގޯސްވެފައިވާތީ ދަރިވަރުން އަންނަނީ ސޯޝަލް މީޑިއާގައި ޝުއޫރުތައް ފާޅުކުރަމުންނެވެ. އެގޮތުން ދަރިވަރުން އަންނަނީ ވާނުވާ ގައި ދަރިވަރުން ނުބޭތިއްބުމަށާއި ސަރުކާރުން އަވަސް ހައްލެއް ހޯދައިދިނުމަށް ގޮވާލަމުންނެވެ. އަދި ދަރިވަރުން އަންނަނީ މިހާރު ބޭނުންވަނީ އޭއޭއޭ ނޫން ހައްލެއް ކަމަށްވެސް ބުނަމުންނެވެ.

ފްލައިން ސްކޫލް ހިންގާ އޭއޭއޭ އާއެކު ގަން އެއާޕޯޓު ކުންފުނިން ހަދާފައިވާ ކޮންޓްރެކްޓްގެ މުއްދަތު މިއަހަރުގެ ޖުލައި ނިޔަލަށް ހަމަވާއިރު ދާދިފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމެވުންތަކެއް ނިންމަވާފައެވެ.

އެގޮތުން ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އޮޑިޓްގައި ފާހަގަކޮށްފައިވާ ކަންކަމާ ގުޅިގެން އެ ތަނުގެ ހެޑް އޮފް ޕައިލެޓް ޓްރެއިނިންގ އާއި އެކައުންޓެބަލް މެނޭޖަރގެ މައްސަލަ އިތުރަށް ބަލާ ފިޔަވަޅު އެޅުމަށް ރައީސް ވަނީ އަންގަވާފައެވެ. ފްލައިން ސްކޫލްގެ ހެޑް އޮފް ޓްރެއިނިންގެ މަގާމު އަދާކުރަމުންދަނީ ސުރަންޖަން ޑި ސިލްވާ އެވެ. އަދި އެކައުންޓެބަލް މެނޭޖަރގެ މަގާމު އަދާކުރަނީ އަލީ އަކްބަރު ސައިފުއްދީން ޖީވަންޖީއެވެ.

މީގެއިތުރުން ރައީސް ވަނީ އެ ސްކޫލްގެ މައްސަލަ ދިގުލައިގެން ދިއުމުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީގެ އިހުމާލެއް ވޭތޯ ބެލުމަށް މިނިވަން އޮޑިޓެއް ހަދައި، އިހުމާލުވެފައި ވާނަމަ، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ވެސް އަންގަވާފައެވެ. އަދި އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން ބޭންކް އޮފް މޯލްޑިވްސް އިން ލޯނު ނަގާފައިވާ ދަރިވަރުންގެ ލޯނު މަތީ ތައުލީމާއި ތަމްރީނު ހޯދުމަށް މިނިސްޓްރީ އޮފް ހަޔާ އެޑީއުކޭޝަން އިން ދޫކުރާ ލޯނުތަކަށް ބަދަލުކުރަން ވެސް ރައީސް ވަނީ އަންގަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. އަހަރެމެން ކުޑައިރު ރަށުމީހުން މިސާލު ބަހަކަށް ކިޔާނެ “ލަންކާ ހޮރުމިނިޔާ” އޭ..! އެއީ ހަމަ ފައްކާ ތެދެއްކަން އެނގިއްޖެ ލަންކާއަށް ދާން ފެށި ތަނުން. އެއީ އެމީހުންގެ ލެޔާ ގުޅިފައިވާ ކަމެއް. ހައްލެއް ބޭނުމިއްޔާ އެއްބަސްވުން އާނުކޮށް ތިބައިގަނޑު ރާއްޖެއިން ބޭރުކޮށް އެހެން ބަޔަލާ ހަވާލު ކުރޭ..!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: