ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްލެކް ފަންގަސް: ނުރައްކާ ބޮޑު ވައިރަހެއް!

އަވައްޓެރި އިންޑިއާގައި ކޮވިޑުން ރަނގަޅުވާ މީހުންނަށް ބެލްކްފަންގަސް ޖެހުން ވަނީ އާއްމުވެފައި، ހާލަތު ގޯސް
ޝެއާރކޮށްލާ ކަހަލަދޯ؟

2019 ވަނަ އަހަރުގެ ފަހުކޮޅު ދުނިޔޭގައި ނެތް މުޅިން އާ ބައްޔެއް ކަމުގައިވާ ކޮވިޑް-19 ޗައިނާގެ ވުހާން ސިޓީން ވުޖޫދަށްއައި ފަހުން ދުނިޔެ މިވަނީ ހުއްޓުމަކަށް އައިއްސަ އެވެ. ވަކި ގައުމެެއް ވަކި ކުލައެއް ނުބަލައި މި ވައިރަސް މުޅި ދުނިޔެ އިނދަ ޖައްސާލި އެވެ. އެހެން ނަމަވެސް މިއަދާ ހަމައަށް މި ބައްޔަށް ފަރުވާއެއް ހޯދިފައި ނުވާއިރު ދުނިޔޭގެ ގިނަ ކަންކޮޅުތައް އޮތީ ކޮވިޑުގެ ބިޔަ ރާޅުން އަރައި ނުގަނެވިފަ އެވެ. ކޮވިޑް-19 ގައި ގައުމު ތަކުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަނީ ގޯސް ވަމުންނެވެ. ކޮވިޑްގެ ނުރައްކާތެރި ވޭރިއަންޓްތައް ފެނި މި ބަލިމަޑުކަމުގެ ހާލަތު ދަނީ ގޯސް ވަމުންނެވެ.

ރާއްޖޭގެ އިތުރުން އަވަށްޓެރި ގައުމުތައް ކޮވިޑް ބަލީގައި ނުރައްކާތެރި ފައްތަރެއްގައި ވަނިކޮށް އަނެއްކާވެސް އެހެން ނުރައްކާތެރި ބްލެކް ފަންގަސް ނުވަތަ މިއުކޯމައިކޯސިސް ނަމަކަށް ކިޔާ ބައްޔެއް މި ވަނީ އަވަށްޓެރި އިންޑިއާގައި ފެތުރެން ފަށާފައެވެ. ފުރާނައަށް އަށް ބޮޑު ނުރަކަލެއް ކުރިމަތި ކުރުވާ އަދި ލޯ ނަގަން ޖެހޭ ހާލަތެއް މެދުވެރި ކުރުވާ މިއުކޯމައިކޯސިސް ނުވަތަ ބްލެކް ފަންގަސް ބަލި އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ގިނަވެ، މިއީ އެ ސްޓޭޓްތަކުގައި މިހާރު އާންމު ބައްޔެއް ކަމަށް ކަނޑައަޅަން އެ ގައުމުގެ މައި ސަރުކާރުން ވެސްވަނީ ގޮވާލާފަ އެވެ.

ކޮވިޑް ބަލީގައި ރާއްޖެވެސް ގެނބެމުންދާ މި ދަނޑިވަޅުގައި ބްލެކް ފަންގަސްގެ ނުރައްކާ ރާއްޖެއަށް ވަނީ ބޮޑުވެފައެވެ. ނަމަވެސް އަދި މި ބަލި ރާއްޖެއިން ނުފެނުނެއް ކަމަކު ރާއްޖޭގައި މި ބައްޔަށް ޝައްކުކުރެވޭ މީހަކު ވަނީ ފެނިފައެވެ.

މިއުކޯމައިކޯސިސް އަކީ ވަރަށް ނާދިރު ބައްޔެކެވެ. މި ބަލި ޖެހޭ މީހުންގެ ތެރެއިން 50 އިންސައްތަ މީހުން މަރުވެ އެވެ. އަދި ބަލި ޖެހޭ ބައެއް މީހުންގެ ފުރާނަ ސަލާމަތްކުރަން އެ މީހުން ލޯ ނުވަތަ ކޯ ކަށިގަނޑު ނަގަންޖެހޭ ހާލަތަށްދެ މި ބަލީގައި ދެއެވެ.

ނަމަވެސް އަދި މި ނުރައްކާތެރި ފަންގަލް އިންފެކްޝަން ކަމަށްވާ ބްލެކް ފަންގަސް ރާއްޖެއިން ފެނިފާވާކަމަށް އެއްވެސް ރަސްމީ އިދާރާއަކުން މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. އަވައްޓެރި އިންޑިއާގައި މި ވައިރަސް ހަލުވި ކަމާއެކު ފެތުރެމުން ދާތީ ރާއްޖޭގައި މި ބަލި އޮތް ކަމަށް ގިނަ ބަޔަކު ބުނަމުން ދިޔަ ނަމަވެސް ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ކްލިނިކަލް މެނޭޖްމެންޓް އެޑްވައިޒަރީ ޓީމުން ވަނީ މި ވައިރަސް ރާއްޖެއިން އަދި ފެނިފައިނުވާކަމަށް ބުނެފަ އެވެ.

އެޗްއީއޯސީގެ ކްލިނިކަލް މެނޭޖެމެންޓް އެޑްވައިޒަރީ ޓީމުގެ ފަރާތުން ޑރ. ޝިހާމް ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖެއިން މި ބައްޔަށް ޝައްކު ކުރެވޭ ހާލަތު އަންނަ ކަމަށެވެ. ނަމަވެސް މިހާތަނަށް ބްލެކް ފަންގަސް ނުވަތަ މިއުކޯމައިކޯސިސްގެ ކޭސްއެއް ރާއްޖެއިން އަދި ފެނިފައި ނުވާ ކަމަށެވެ.

“މިހާތަނަށް އަޅުގަނޑުމެންނަށް މިއުކޯމައިކޯސިސްގެ ޕޭޝަންޓެއް ހުރިކަމަށް ރިޕޯޓަކުން ދައްކާފައެއް ނެތް. އެކަމަކު ސަސްޕެކްޓެޑް ކޭސްތައް ހުރޭ. ވާގޮތަކީ ކަޅު ފަންގަސްގެ ވާހަކަ ދެކެވުނީމަ ކަޅުކުލައިގެ ކޮންމެ އެއްޗެއް ސަސްޕެކްޓް ކުރުމަކީ ރަނގަޅުކަމެއް. އެކަމަކު އެއީ އެ ކަމަކަށް ނުނިންމޭނެ.”

މިބައްޔަށް ދޭނެ ބޭހެއް މިވަގުތު ރާއްޖޭގައި ނެތްނަމަވެސް އަދި ކަންބޮޑުވާން ޖެހޭ ހާލަތަކަށް ނުދާކަމަށް ޑރ. ޝިހާމް މި ބައްޔާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ބުނެފައިވެއެވެ.

ރާއްޖޭގައި މިއުކޯމައިކޯސިސް އަށް ފަރުވާ ދޭނެ ބޭހެއް ނެތް ކަމަށާއި ރައްޔިތުންގެ ތެރޭގައި ކޮވިޑްގެ ބިރުވެރިކަން ބޮޑުވަމުންދާ ދަނޑިވަޅުގައި އަނެއްކާވެސް ރައްޔިތުންގެ މެދުގައި ބިރުވެރިކަން ފެތުރޭނެހެން ވާހަކަ ނުދެއްކުމަށް  މިކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކެވިއިރު ޑޮކްޓަރ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ރާއްޖޭގައި މަސައްކަތްކުރާ ތަޖުރިބާކާރު ޑޮކްޓަރުން ވިދާޅުވާ  ގޮތުގައި ބްލެކް ފަންގަސް އަކީ ދިފާއީ ނިޒާމު ދަށް މީހުންނަށް ޖެހުމުގެ ފުރުސަތު އޮތް ބައްޔެކެވެ. ކޮވިޑުގެ ސަބަބުން އެ ބަލި ފެތުރުން އިތުރުވެފައިވަނީ ސްޓެރޮއިޑްފަދަ ބޭސްތަކުގެ އަސަރުން ކަމަށް ޑޮކްޓަރުން ވަނީ ބުނެފަ އެވެ.

ޑޮކްޓަރުން ވިދާޅުވާގޮތުގައި ބައެއް ގުނަވަންތައް މަރުވާ ހިސާބަށް މިބަލީގައި ދަނީ ފަރުވާ ނުދެވި ލަސްވުމާ ގުޅިގެންނެވެ. ރާއްޖޭގެ ސިއްހީ ނިޒާމު މިވަގުތު އޮތްގޮތުން ފަރުވާ ނުދެވި އެހާ ހިސާބަށް ދިއުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.

މިބައްޔާ ބެހޭގޮތުން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ހާއްސަ ޑރ. އަހްމަދު ފައިސަލް މައުލޫމާތު ހިއްސާ ކުރައްވަމުން ވިދާޅުވެފައި ވަނީ ގައިން ގަޔަަށް މިބަލި ނާރާނެކަމަށާއި މިވަގުތު މި ބައްޔަށްވުރެ ބޮޑަށް ސަމާލް ވާންވީ ކޮވިޑް-19އަށް ކަމަށެވެ.

އެންމެ ގިނަ ބަޔަކު މި ބަލި ދެކެ ބިރުގަންނަ އެއް ސަބަބަކަށް ވެފައިވަނީ ބްލެކް ފަންގަސް އަކީ ކޮވިޑުގެ ގޮތަށް ފަސޭހައިން ގައިން ގަޔަށް އަރާ ބައްޔަކަށް ވެދާނެތީ އެވެ. ނަމަވެސް ޑޮކްޓަރުން ބުނާ ގޮތުގައި މިއީ އެގޮތަށް ފެތުރޭ ބައްޔެއް ނޫނެވެ.

އިންސާނުންނަށް މިޔުކޯމައިކޯސިސް ޖެހެނީ ތިން ގޮތަކުންނެވެ. އެއީ ނޭވާލާއިރު ނޭފަތުގެ ތެރެއިން، ކާބޯތަކެއްޗާއި ބޭހުގެ ތެރެއިން އަދި ހަށިގަނޑުގެ ބޭރުން ހުންނަ ޒަހަމްތަކުގެ ތެރެއިންނެވެ.

މީގެ ތެރެއިން އެންމެ އާއްމު ގޮތަކީ ނޭވާލުމުގެ ތެރެއިން ބަލި ޖެހުމެވެ. އާދައިގެ މަތިން ކޮންމެ ދުވަހަކު ވެސް އިންސާނާ ނޭވާލުމުގެ ތެރެއިން ހަށިގަނޑުގެ ތެރެއަށް އެތައް ބައިވަރު ފަންގަސް “ސްޕޯ” އިންހޭލް ވެ އެވެ. ނަމަވެސް ދިފާއީ ނިޒާމާއި ފުއްޕާމޭގެ ސިއްހަތު ރަނގަޅަށް ހުރި ނަމަ އޭގެ ސަބަބުން އިންފެކްޝަނަކާ ދިމާވުން ވަރަށް ނާދިރެވެ.

“މިޔުކޯރާލްސް” ފަންގަސް އާއިލާއަށް ނިސްބަތްވާ އެކި ބާވަތްތަކުގެ ފަންގަސް ބެލެވިފައިވަނީ ފުރުސަތުގެ ބޭނުން ހިފާ ހަށިގަނޑުގެ “އިމުއިން ސިސްޓަމް” ނުވަތަ ދިފާއީ ނިޒާމް ބަލިކަށިވެފައިވާ މީހުންނަށް އަދި ހަށިގަނޑުގެ ޓިޝޫތަކަށް ގެއްލުންވެފައިވާ މީހުންނަށް މިބަލީގެ ބިރުވެރިކަން ބޮޑުކަމަށެވެެ. ދިފާއީ ނިޒާމުގެ ބާރު ދަށްކޮއްލާ ބައެއް ބޭސްތަކުގެ ތެރޭގައި ކޯޓިކޮސްޓެރޮއިޑް ފަދަ ބޭސްތައް ހިމެނެއެވެ. އަދި ދިފާއީ ނިޒާމު ބަލިކަށިކޮއްލާ ބައެއް ސިއްހީ މައްސަލަތަކުގެ ތެރޭގައި ކެންސަރާއި ގުނަވަން ޓްރާންސްޕްލާޓް ކުރުން ފަދަ ކަންކަމަކީ ހަށިގަނޑު ވަރަށް ބޮޑަށް ބަލިކަށިކޮށްލާ ކަންކަމެވެ. އޭގެ އިތުރުން ހަށިގަނޑަށް ލިބޭ ޖިސްމާނީ ގެއްލުން އަދި ސާޖަރީ ފަދަ ކަންކަމަށް ފަހު ޓިޝޫތަކަށް ގެއްލުންވުމުން ވެސް މި އިންފެކްޝަނަށް މަގުފަހިވެއެވެ.

ނޭވާލާ ނިޒާމާއި ހަންގަނޑުން ވަދެ ސައިނަސް، ފުއްޕާމޭ ސިކުނޑި، ގޮހޮރު އަދި އެހެން ގުނަވަންތަކުގައި މި ފަންގަސް ފެތުރި އެތަން ހަލާކުކޮށް މި ނުރައްކާތެރި ވައިރަސް މަރާލާއެވެ. އެހެންވެ މިއިން ސަލާމަތްވާން އިންފެކްޝަން ޖެހޭ ތަނެއް ނަގަން ޖެހޭ ހިސާބަށްދެ އެވެ. ހަކުރުބައްޔާއި ކެންސަރު ބަލީގެ މީހުންނާއި ބޯންމެރޯހަދާފައި ހުންނަ މީހުންނާއި ސުޓެރޮއިޑް ފަދަ ބޭހުން ދިފާއީ ނިޒާމު ދަށްވުމުން މި ބަލިޖެހުމަށް ބޮޑަށް މަގު ފަހިވެ އެވެ.

މިޔުކޯމައިކޯސިސްއަކީ “މިޔުކޮރާލްސް” ފަންގަސް އާއިލާއަށް ނިސްބަތްވާ އެކި ބާވަތްތަކުގެ ފަންގަސްއިން ޖެހޭ ބައްޔެކެވެ. “މިޔުކޮރާލްސް” ފަންގަސް އާއިލާއަށް ނިސްބަތްވާ އެކި ބާވަތްތަކުގެ ފަންގަސް އާއްމު ގޮތެއްގައި ފެންނަނީ ވަށައިގެންވާ މާހައުލުތަކުންނެވެ.

އެގޮތުން އާއްމުގޮތެއްގައި ބިިންމަތީގަ އާއި ކުނިވެ ހަލާކުވަމުންދާ މޭވާ އާއި ތަރުކާރީގައި ޖަހާ ފެއްސެއްގައި އެކުލެވޭ ފަންގަސް އަކުން މިބަލި ޖެހެއެވެ. މިއީ ވަރަށް ނުރައްކާތެރި އިންފެކްޝަނެކެވެ. މިއުކޯ މޫލްޑް ނަަމަކަށް ކިޔާ މި ފަންގަސް، ސިއްހަތު ރަނގަޅު މީހެއްގެ ނޭފަތުގެ ތެރޭގައި ވެސް ހުރުމުގެ އިތުރުން މި ވައިރަސް ވައިގެ ތެރޭގައިި ވެސް އުޅެފާނެއެވެ. ސައިނަސް އާއި ސިކުނޑި އާއި ފުއްޕާމެޔަށް މި ފަންގަސްގެ އިންފެކްޝަން ފޯރަ އެވެ.

“މިޔުކޮރާލްސް” ފަންގަސް އާއިލާއަށް ނިސްބަތްވާ އެކި ބާވަތްތަކުގެ ފަންގަސްގެ ތެރެއިން އިންސާނުންނަށް އިންފެކްޝަން އާއްމުކޮށް ކުރިމަތި ކުރުވަނީ “ރިޒޯޕަސް އޮރައިޒޭ” ފަންގަސް އިންނެވެ. ނަމަވެސް އިންޑިއާގައި އެހެން ބާވަތެއްގެ ފަންގަސްއިން ވެސް އާއްމުކޮށް އިންސާނުންނަށް އިންފެކްޝަނާ ކުރިމަތިލާން ޖެހެ އެވެ. އެއީ ހޫނު ހިސާބުތަކުން ފެންނަ “އެޕޮފައިސޮމައިސަސް” ފަންގަސް އެވެ.

އަވަށްޓެރި އިންޑިޔާގެ މީހުންނަށް ކޮވިޑްބަލި ޖެހި ރަނގަޅުވުމަށްފަހު ބްލެކް ފަންގަސް ޖެހޭ މިންވަރު ވަނީ ވަރަށް އިތުރުވެފައެވެ. ކޮވިޑު ބަލިމަޑުކަމުގެ ކުރިން ވެސް މިޔުކޯމައިކޯސިސްއަކީ އެހެން ގައުމުތަކަށް ވުރެ ގިނައިން އިންޑިއާއިން ފެންނަ އިންފެކްޝަނެކެވެ. އެގޮތުން އިންޑިއާގެ ކޮންމެ 100،000 މީހުންގެ ތެރެއިން 14 މީހުންނަށް މި އިންފެކްޝަން ޖެހޭ ކަމަށް ލަފާކޮށްފައި ވެ އެވެ. އިންޑިއާގައި ބްލެކް ފަންގަސް އާންމުވުމުން، މި ބައްޔަށް ދޭ އާންމު ބޭހެއް ކަމަށްވާ އެމްފޮޓެރެސިން ބީ ވެސް ވަނީ ލިބުން ދަތިވެފަ އެވެ.
މިއާއެކު މިބަލީގެ ނުރައްކާ ރާއްޖެއަށް ވެސް ވަނީ ބޮޑުވެފައެވެ. އެހެން ނަމަވެސް ސިއްހީ މާހިރުން މިވަގުތު ލަފާދެނީ ކޮވިޑުން ރައްކާތެރިވުމަށް އިސްކަން ދިނުމަށެވެ. ދުނިޔޭގެ ގައުމުތައް ބަލިމަޑުކަމުން އަރައި ނުގަނެވިގެން އުޅޭތާ މިހާރު އަހަރަކަށްވުރެ ގިނަ ދުވަސް މިވަނީ ވެފައެވެ.

މި ބަލި ހުންނަނީ ކަޅު ނުވަތަ ގަދަ މުށި ކުލައެއްގައި ކުދި ކަފަކޮޅުތަކެއް ހެންނެވެ.

މިޔުކޯމައިކޯސިސްގެ އަސަރު ކުރާ މީހުންގެ ތެރެއިން ދެބައި ކުޅަ އެއް ބައި މީހުން މަރުވާއިރު  ވަރަށް ގިނަ ބަޔަކަށް ދާއިމީ ގޮތެއްގައި ސިއްހީ ގޮތުން ނޭދެވޭ އަސަރު ކުރެ އެވެ.

މި އިންފެކްޝަން ފެތުރުން ހުއްޓުވުމަށް އެންމެ މުހިއްމީ އަވަހަށް ބަލި ދެނެގަނެ ލަސްނުކޮށް އަވަސް ފަރުވާދިނުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: