ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުސްލިމަކު ކާފަރުކުރުން ކުށަކަށް ހެދުމަށް ގާނޫނަށް ބަދަލު ގެނައުން ޝެއިހް ފަހުމީ އަދި ޑރ ޒަކަރިއްޔާގެ ނަޒަރުގައި!

މާލެ ސަރަހައްދުގެ މިސްކިތްތަކުގައި ހުކުރު ނަމާދުކުރުން ހުއްޓާލިތާ ތިން މަސް ފަހުން ހުކުރު ނަމާދު ކުރަން ފެށުން/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އާންމުތަނެއްގައި މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަކުރުމާއި، ސިފަކުރުމުގައި ބައިވެރި ވުމާއި އާންމުތަކެއްގައި މުސްލިމަކަށް ކާފަރެއްގެ ކަމުގެ ތުހުމަތު ކުުރުމަކީ ކުށަކަށް ހަދައި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައިވަނީ މީގެ ދެދުވަސް ކުރިންނެވެ. ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން ހުށަހެޅުއްވި ބިލްގައި ވަނީ، އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމް ދީނާއި ހިލާފަށް ނުވަތަ އިސްލާމް ދީނާއި ހިލާފު މީހެއް ކަމަށް ތުހުމަތު ކުރުމަކީ ކުށެއްގެ ގޮތުގައި ކަނޑައަޅައިދީ ގާނޫނުލްއުޤޫބާތުގެ 124 ވަނަ މާއްދާއަށް އަކުރު އިތުރު ކޮށް އިސްލާހު ގެނައުމަށެވެ.

ހިސާން މަޖިލީހަށް ހުށަހެޅި ބިލާއިއެކު ސޯޝަލް މީޑިއާގައި އާއި ގިނަ ނޫސްތަކުގައި އާއްމުންނާއި ސިޔާސީ ބޭފުޅުންވެސް ދިޔައީ ހިޔާލު ފާޅުކޮށް ގޮތް ކިޔަމުންނެވެ. އޭގެތެރޭގައި ދީނީ އިލްމުވެރިން ވެސް ހިމެނެ އެވެ. ހަމަގައިމުވެސް ދީނާއި ގުޅޭ މިފަދަ ހައްސާސް މައްސަލަތަކުގައި އެންމެ މުހިންމު ވާނީ ވެސް ދީނީ އިލްމުވެރިންގެ ބަހެވެ.

އެގޮތުން “ސަންގު ޓީވީ” ގެ ޚަބަރަށްފަހު ޕްރޮގްރާމުގައި ވަނީ ރާއްޖޭގައި ފާހަގަކޮށްލެވޭ ދެ ދީނީ އިލްމުވެރިން ކަމަށްވާ، އައްޝެއިހް އަހުމަދު ފަހުމީ ދީދީ އާއި އިސްލާމިކް ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ. އިބްރާހިމް ޒަކަރިއްޔާ މުސާ އާއި ވާހަަކަދައްކާލައި، މުސްލިމަކު ކާފަރު ކުރުން ކުށަކަށް ހެދުމަށް ގާނޫނަށް އިސްލާހު ގެންނަން ހުށަހެޅި ބިލާއި ބެހޭގޮތުން އެ ދެބޭފުޅުން ދެކިލައްވައި ގޮތް ބަލާލައިފައެވެ.

އާއްމު ތަނެއްގައި މުސްލިމަކު ކާފަރު ކުރުން ކުށަކަށް ހެދުމަށް ހުށަހެޅި އިސްލާހާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ޑރ ޒަކަރިއްޔާ މޫސާ ވިދާޅުވީ، އެޒާތުގެ ކަންކަމަކީ އަމިއްލައަށް ކޮންމެ މީހަކުވެސް އެމީހެއްގެ އަހްލާގީ އިމުގެ ތެރޭގައި ތިބެގެން، އެކަކު އަނެކަކު ދިމާލަށް ނަފްރަތުގެ ބަސްތައް ބުނުމުގެ ބަދަލުގައި، ކަންކަން ހެޔޮ މަގަށް އެޅުވުމަށް މަސައްކަތް ކޮށްގެން ހައްލުކުރެވޭނެ ކަންކަން ކަމަށެވެ. އަދި އެގޮތަށް އެފަދަ ކަންތައްތައް ހައްލު ކުުރުމަކީ އެންމެ އެދެވިގެންވާ ގޮތް ކަންވެސް ޑރ ޒަކަރިއްޔާ ފާހަގަކުރެއްވިއެވެ.

މުސްލިމަކު ކާފަރު ކުރުން ފަދަ ކަންކަން ހުއްޓުވުން ގާނޫނީ އިމެއްގެ ތެރެއިން ކުރާ ކަމުގައި ވަނީ ނަމަ، ވަރަށް އިންސާފުވެރި ކަމާއިއެކު އެކަންތައްތައް ކުރެވެން ޖެހޭ ކަމަށްވެސް ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.

ޑރ. ޒަކަރިއްޔާ ވިދާޅުވީ، ގާނޫނެއްގައި ލިޔެވިފައި އޮންނަ އިބަރާތެއްގެ ސަބަބުން ހާސިލުކުރަން ބޭނުންވާ މަގްސަދު ނޫން މުޅިން އެހެން މަގްސަދެއް ހާސިލު ވެގެންދާކަމުގައި ވާނަމަ، އެއީ ހަމައިން ނެއްޓިގެން ހިނގައިދާނެ ކަމަކަށް ވުން އެކަށީގެންވާ ކަމަށެވެ. އެގޮތަށް ކަންތައް ވެއްޖެނަމަ ރަނގަޅު ކުރަން ބޭނުންވާ ކަންކަން އިތުރަށް ގޯސްވެގެން ނިމިގެންދާ ހާލަތްތައް އަންނަ ކަމަށްވެސް ޑރ. ޒަކަރިއްޔާ ވިދާޅުވިއެވެ.

އާއްމުންގެ ތެރޭގައި ނުވަތަ އާއްމުތަނެއްގައި އެކަކު އަނެކަކު ކާފަރު ކުރުމަކީ އަހަރެމެންނަށް ލިބިފައިވާ އިހްތިޔާރެއް ނޫން ކަން ފާހަގަކުރައްވަމުން ޝެއިހް ފަހުމީ ވިދާޅުވީ، ރާއްޖޭގައިވެސް، މާތްވެގެންވާ އިސްލާމު ދީނުގެ ބައެއް ކަންކަމުގައި ހަރުކަށިވެގެންދާ ބަޔަކު ވެސް އެބަ ތިބި ކަމަށާއި، ދީނަށް ފުރައްސާރަ ކުރުމާއި، ދީނުން ބޭރުވުމާއި، ދީނާއި މެދު ނަފްރަތު ހިންގުމުގެ އަމަލުތައް ކުރާ ބަޔަކު ވެސް އެބަ ތިބި ކަމަށެވެ.

މީގެއިތުރުން ޝެއިހް ފައުމީ ވިދާޅުވީ ދީނާއި ގުޅޭ އެފަދަ ހައްސާސް މައްސަލަތައް އާއްމުކުރުމުގެ ކުރިން އެކަމުގައި ދީނީ އިލްމުވެރިން ދެކޭ ގޮތް ބަލައި އެކަމަށް ރިއާޔަތް ކުރުމަކީ އެބޭފުޅާ ސަރުކާރުގެ ކިބައިން ވަރަށް ބޮޑަށް އެދިލައްވައި ކަމެއް ކަމަށެވެ.

ގުރުއާނަށް އިންކާރުކޮށް، މާތް ނަބިއްޔާގެ ރިސާލަތަށް އިންކާރުކޮށް، މާތް ﷲ ވޮޑިގެންވާކަން ގަބޫލުނުކޮށް އަދި ނަމާދާއި ރޯދައާއި ޒަކާތް ފަދަ ކަންކަމަށް ފާޅުގައި އިންކާރު ކުރާ ނަމަ އެމީހާއަކީ ޝައްކެއްނެތް ގޮތުގައި ދީނުން ބޭރުވެގެންދާނެ މީހެއް ކަމަށް ޑރ. ޒަކަރިއްޔާ ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން ދެކޮޅު ބަލައި ނުލައި، ވަކި މީހަކު ދިމާލަށް ތިއީ ކާފަރެކޭ ނުވަތަ ދީނުން ބޭރުވެފައިވާ މީހެކޭ ބުނުމުގެ ބަދަލުގައި ވަކި މީހަކަށް ނިސްބަތް ނުކޮށް ދީނުގައި ހުންނަ ވަކި ކަންކަމަށް އިންކާރުކޮށް ހަދައި މީހުން ދީނުން ބޭރުވާނޭ އެފަދަ ގޮތަށް ބުނެވިދާނެ ކަން ޑރ. ޒަކަރިއްޔާ ފާހަގަކުރެއްވިއެވެ.

މި ދަނޑިވަޅުގައި ބޭނުންވަނީ، ދިމާވާ އެފަދަ މައްސަލަތަކުގައި ނަސޭހަތްތެރިވެ، ވިސްނައިދިނުމާއި، ހަމަ މަގަށް އެޅުވުމުގެ މަސައްކަތް މިހާރަށްވުރެ އިތުރަށް ރަނގަޅު ކޮށްގެން ކުރަން ޖެހޭ ކަމަށް ޝެއިހް ފަހްމީ ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެ މަަސައްކަތް ދީނުން ބޭރުވާ މީހުންނާއި ދީނާއި މެދުގައި ހަރުކަށި ހިޔާލު ގެންގުޅޭ މީހުންނާއިވެސް ބައްދަލުކޮށްގެން އެކަންކަން ރަނގަޅު ކުރުމަށް ކުރިއަށްވުރެ ބޮޑަށް މަގުފަހި ކޮށްދޭން ޖެހޭ ކަމަށްވެސް ޝެއިހް ފަހުމީ ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: