ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިޝްކާގެ މަރުގެ ރިޕޯޓް: ހެލްތް މިނިސްޓްރީ ހުދު ކަފަކޮޅަކަށް، ކުށްވެރިވީ ކޯލް ސެންޓަރު!

ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެދިޔަ ތިންވަރަކަށް ދުވަސްތެރޭގައި މީސްމީޑިއާ އާއި ރާއްޖޭގެ ހަބަރު ފަތުރާ ވަސީލަތްތަކުން ފެށިގެން ގޮސް، ކޮންމެ ދިވެއްސެއްގެވެސް ދުލުކުރީގައި އޮތީ “އިހްމާލު” މިބަހެވެ. މިމަހުގެ 2 ވަނަ ދުވަހުގެ ރޭ ކޮވިޑް 19 ޖެހިގެން ނިޔާވި އުމުރުން 10 އަހަރުގެ ފާތިމަތު މިޝްކާ މުހައްމަދު މަރުގެ ހިތާމަ ދިޔައީ މުޅި ގައުމުވެސް ކުރަމުންނެވެ. ރާއްޖޭއިން ކޮވިޑް ޖެހިގެން މިހާތަނަށް މަރުވި އެންމެ ހަގު ކުއްޖާގެ މަރުގެ ފަހަތުގައި ބައެއްގެ އިހްމާލުތަކެއް ވާކަމަށް މިޝްކާގެ އާއިލާއިން ބުނި ހިސާބުން ހެލްތު މިނިސްޓްރީ އަދި އެކަމާއި ގުޅޭ އިދާރާތައް ވެއްޓުނީ ހޫނު ފެނަށެވެ. ރައްޔިތުން އެރީ ރަތަށެވެ. މިޝްކާގެ މަރުގައި ކޮންމެވެސް ބަޔަކު އިހްމާލުވެފައިވާކަން އެންމެންނަށްވެސް ޔަގީނާއި ގާތަށް ކަށަވަރު ކުރެވުނެވެ. އެކަކަށްވެސް ބުނަން ނޭނގުނީ އިހްމާލުވެފައިވާ މިންވަރެވެ. ހެލްތު މިނިސްޓަރ އަހުމަދު ނަސީމު ވައުދުވެވަޑައިގެންނެވި ފަދައިން ރޭ ވަނީ މިޝްކާގެ މަރުގެ މައްސަލައިގައި އިހްމާލެއްވޭތޯ ބެލުމަށްފަހު ކަންހިނގާ ދިޔަ ގޮތުގެ ރިޕޯޓް އާއްމުކޮށްފައެވެ. މިނިސްޓަރު ރިޕޯޓް އާއްމުކުރައްވާނެ ކަމަށް ބުނެ ގަޑި ފާއިތުވެގެން ދިޔަތާ މާފަހުން ރިޕޯޓް ހާމަކުރެވުމަކީ ދެން އަދި އެހެންކަމެކެވެ. ހަމަގައިމުވެސް ރިޕޯޓް އާއްމުކޮށްފިއެވެ.

ކެޔޮކޭވަރު އެނގޭނީ ބިތުފަންގި ނެނގީމައޭ ބުނާ ބީދައިން، ރައްޔިތުންނަށް މިޝްކާގެ މަރުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ އިން އިހްމާލުވެފައިވާ މިންވަރު އެނގުނީ ހެލްތު މިނިސްޓްރީން ރިޕޯޓް އާއްމުކުރުމުންނެވެ. އިހްމާލަކަށް ފަހު އިހްމާލެކެވެ. އަޅުގަނޑުވެސް މިހުންނަނީ ހަމަ ހައިރާންވެފައެވެ. ހެލްތު މިނިސްޓްރީ އިން އާއްމުކުރި ރިވިއު ރިޕޯޓުން ވަރަށް ސާފުކޮށް މިޝްކާ ކޮވިޑް 19 އަށް ފައްސިވި ހިސާބުން ފެށިގެން އެޗްޕީއޭ އިން ވަރަށް ބޮޑެތި އިހްމާލުތަކެއް ވެފައިވާކަން އެނގިގެން ހިނގައްޖެއެވެ. ކޮންމެއަކަސް ރިޕޯޓުގައި ރައްޔިތެއްގެ ހައިސިއްޔަތުން ކަންބޮޑުވާން ޖެހޭ އެތައް ކަމެއް ހިމެނެއެވެ. ޔަގީންވާ ކަމަކީ މިކަމުގައި އިހްމާލުވި މީހުންނާއި ދޭތެރޭ ހަރުކަށި ފިޔަވަޅު ވީހާވެސް އަވަހަކަށް އަޅަން ޖެހޭ ކަމެކެވެ.

މިޝްކާ ކޮވިޑަށް ފައްސިވުން، ފެނިގެން ދިޔައީ އިހުމާލަކަށްފަހު އިހުމާލެއް

ރޭ އާއްމުކުރި ރިޕޯޓްގައި ބުނެފައިވަނީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހު މިޝްކާ ކޮވިޑް 19 އަށް ފައްސިވެފައިތޯ ބެލުމަށް ނެގި ސާމްޕަލް ފައްސިވެފައިވާ ކަން 30 ވަަނަ ދުވަހު ބެލެނިވެރިޔާއަށް އަންގާފައިވާ ކަމަށެވެ. ޑްކޮޓަރެއްގެ ކޮންސަލްޓޭޝަން ބޭނުންވޭތޯ ކޮންޓެކްޓް ޓްރޭސިން ޓީމުން މިޝްކާގެ ބެލެނިވެރިޔާ ގާތުގައި އެހުމުން، ބޭނުންވާކަމަށް މިޝްކާގެ ބެލެނިވެރިޔާ ބުނެފައިވާ ކަމަށާއި ނަމަވެސް އެދުނު ގޮތަށް ޑޮކްޓަރެއްގެ ކޮންސަލްޓޭޝަން ފޯރުކޮށްދީފައިނުވާ ކަން ފާހަގަކުރެވިފައިވާ ކަމަށް އެ ރިޕޯޓްގައި ބަޔާންކޮށްފައިވެއެވެ. އެޗްޕީއޭގެ އުސޫލޫގައި ވާގޮތުގައި ކޮވިޑް 19 އަށް ފައްސިވެފައިވާ 15 އަހަރުން ދަށުގެ ހުރިހާ ކުޑަކުދިންނަށް ކެއަރ ކްލަސްޓާގެ ފަރާތުން ހާލުބެލުމަށް ގުޅަން ޖެހޭ ކަމަށާއި ނަމަވެސް މިޝްކާގެ ކޭސްގައި އެދެދުވަސް ތެރޭގައި ހާލުބެލުމަށް މިޝްކާގެ ބެލެނިވެރިޔާއަށް ގުޅާފައި ނުވާ ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ. 31 މެއިގައި މިޝްކާގެ ކޭސްގައި ކަން ހިނގާ ދިޔަ ގޮތް ބަޔާން ކޮށްދެމުން އެ ރިޕޯޓުގައި ބުނެފައިވަނީ މިޝްކާގެ ހުން ގަދަވެ އެއްވެސް ކާއެއްޗެއް ނުކެވި ވަރުބަލިވެ ގަދައަށް ކެއްސާތީ އެދުވަހު 02:20 ގައި ބެލެނިވެރިޔާ ގުޅައިގެން ރިޕޯޓް ކޮށްފައިވާކަމަށެވެ. އަދި އެ މައުލޫމާތު ކޯލް ސެންޓަރުން އޯބީ ސިސްޓަމަށް އަޅައި ޓިކެޓު ރެޖިސްޓްރީކޮށްފައިވާކަމަށްވެސް ބުނެފައިވެއެވެ.

އެގޮތުން ބެލެނިވެރިޔާ ހިއްސާކުރި މައުލޫމާތުތަކަށް ބަލާފައި، އެދުވަހު ހަވީރުގެ 15:53 ގައި ޖެނެރަލް ކޮންސަލްޓޭޝަނެއް ހެދުމަށް މެޑިކަލް ރެސްޕޮންސް ޓީމްގެ ޑޮކްޓަރެއް ގުޅައި، އެ ވަގުތު ގޭގައި ބޭނުން ކުރަމުންދިޔަ ބޭސް ކުރިޔަށް ގެންދިއުމަށާއި އިތުރު ކަމެއް ދިމާވާނަމަ އަލުން އަނބުރާ ގުޅުމަށް އެދިފައިވާނެ ކަމަށްވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

ބެލެނެވެރިޔާގެ އާދޭސް ހުއްޓުމެއް ނެތި ކޯލް ސެންޓަރަށް

މިޝްކާ ނިޔާވި ރޭ 21:06 ހާއިރު، މިޝްކާގެ ހާލު ގޯސްވަމުންދާތީ ބެލެނިވެރިޔާ ވަނީ ކޯލް ސެންޓަރަށް ގުޅާފައި ކަމަށާއި، މިޝްކާ އަށް ނެވާލާން އުނދަގޫވެ އަތްތަޅުވާ ހަދާތީ ވީހާވެސް އަވަހަކަށް ޑޮކްޓަރެއް ފޮނުވައިދިނުމަށް އެދިފައިވާ ކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ. އެ މައުލޫމާތުތައް ވަނީ އެގަޑީގައި، އޯބީ ސިސްޓަމަށް ރެޖިސްޓްރީކޮށް، މައުލޫމާތު ޝީޓަށް އަޅާފައިއެވެ. ރިޕޯޓުގައި ބުނެފައިވަނީ، 21:53 ގައި ޑީއެމްއާރުޓީގެ ޑޮކްޓަރެއް ބެލެނިވެރިއާއަށް ގުޅުމަށް މަސައްކަތް ކުރި ކަމަށާއި އެހެން ނަމަވެސް އާއިލާއަށް ގުޅިފައިނުވާކަމަށް ރިކޯޑު ކުރުމުގެ ބަދަލުގައި ޝީޓަށް ރެޖިސްޓްރީ ކުރީ “އެޓެންޑެޑް” ގެ ނަމުގައި ކަމަށްވެސް ރިޕޯޓްގައި ބުނެފައިވެއެވެ. ކޯލް މިސްވުމުން ބެލެނިވެރިޔާ އެނބުރާ ކޯލް ސެންޓަރަށް ގުޅުމަށްފަހު ކުއްޖާ ނޭވައިނުލިވިގެން އުނދަގޫ ވާތީ އުޅޭކަމުގެ މައުލޫމާތު ދިން ކަމަށެވެ. މިޝްކާގެ ބެލެނިވެރިޔާ ދިން މައުލޫމާތަށް ބިނާކޮށް  އެރޭ 22:33 ހާއިރު ޑީއެމްއާރުޓީގެ ޑޮކްޓަރެއް މިޝްކާގެ ބެލެނިވެރިޔާއަށް ގުޅުމުން، ދަރިފުޅަށް ކޮވިޑް ޖެހިފައިވާ ކަން ބުނެ، ބެލެނިވެރިޔާ ވަނީ މިޝްކާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަމާއި، އެއްވެސް ދާއިމީ ބޭހެއް ނުނެގިޔަސް، ހާއްސައެހީއަށް ބޭނުންވާ ކުއްޖެއްކަމުން ތެރަޕީ ނަގާކަމާއި، އަދި ކުއްޖާގެ ބަލި ހާލަތުގެ ސަބަބުން އުނދަގޫތައް ބުނެ ނުދެވޭނެކަން ޑޮކްޓަރަށް ކިޔައިދީފައި ކަން ވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މިޝްކާގެ ބެލެނިވެރިން ދިޔައީ ދަރިފުޅުގެ ހާލަތު ގޯސްވަމުން ދާތީ އިރުކޮޅު ކޮޅުން އެޗްޕީއޭގެ ކޯލު ސެންޓަރަށް ގުޅައި އެކަން ހިއްސާކުރަމުންނެވެ.

އެމްބިއުލާންސް ފޮނުވި ކަމަށް ބުނެ ހެދީ ދޮގު، ދަރިފުޅު ސަލާމަތްކޮށްދޭތޯ އާއިލާއިން ދަރުބާރުގެއަށް

ރިޕޯޓްގައި ބުނެފައިވާ ގޮތުގައި، އެރޭ 22:39 ގައި ކަނޑައެޅިފައިވާ ނިޒާމުގެ ތެރެއިން ބެލެނިވެރިޔާ ހިއްސާ ކުރި މައުލޫމަތުތައް ސީމެޓަށް ޑީއެމްއާރުޓީގެ ޑޮކްޓަރު ފޮނުވާފައިވާ ކަމަށާއި، އެމްބިއުލާންސް އެކްޓިވޭޓް ކުރުމަށް ކަނޑައަޅާފައިވާ ދެ ކްލާސްޓަރކަމުގައިވާ، ޑީއެމްއާރުޓީއާއި ސީމެޓަށް މައުލޫމާތު ހިއްސާ ކުރެވިފައިވީނަމަވެސް އެމްބިއުލާންސް ދިއުމަށް އަންގާފައިނުވާ ކަމަށެވެ. މީގެއިތުރުން އެރޭ 23:16 އިން ފެށިގެން 23:33 އާއި ދެމެދު ބެލެނިވެރިޔާ 5 ފަަހަރު ކޯލު ސެންޓަރަށް ގުޅައި، ކުއްޖާގެ ހާލު ދަށްވަމުންގޮސް ހޭނެތިފައިވާ ކަމަށާއި ނޭފަތުން ލޭ އަންނަ ކަމަށް ބުނެފައިވާ ކަމަށްވެސް ރިޕޯޓްގައި ވެއެވެ. ކޯލު ސެންޓަރުގެ ފަރާތުން ބެލެނިވެރިޔާގެ ގާތުގައި އެމްބިއުލާންސް ފޮނުވި ކަމަށް ބުނެފައި ވީނަމަވެސް އެމްބިއުލާންސް އޭރުވެސް އެކްޓިވޭޓް ނުކުރާކަން ރިޕޯޓުން އެނގިގެންދެއެވެ. އެމްބިއުލާންސް އައުން ލަސްވެގެން އާއިލާގެ ފަރާތުން މީހަކު ދަރުބާރުގެއަށް ފޮނުވީ އެރޭގެ 11:27 ގައެވެ. އެމްބިއުލާންސްއެއް ބޭނުންވާކަން އެޗްއީއޯސީގެ ފެސިލިޓީ މެނޭޖްމަންޓް ކްލަސްޓާއަށް އެންގީ އޭގެ ފަހުންނެވެ. އެމްބިއުލާންސް އެ ގެއަށް ދިޔައީ 23:38 ގައެވެ. އަދި އެވަގުތު ކުއްޖާގެ އެއްވެސް ހަރަކާތެއް ނެތެވެ. އަދި އައިޖީއެމްއެޗްގެ އީއާރަށް ގެންދެވުނީ 23:45 ގައެވެ.

މިޝްކާގެ މަރާއި ގުޅިގެން ފާހަގަވި ކަންކަމާއި، އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް އަޅާނެ ފިޔަވަޅުތައް

މިޝްކާގެ މަރާއި ގުޅިގެން ފާހަގަކުރެވިފައިވާ ކަންތައްތަކުގެ ގޮތުގައި ރިޕޯޓްގައި ވަނީ، ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި މިޝްކާގެ ހާލަތަކީ އެމަޖެންސީ ހާލަތެެއްގެ ގޮތުގައި ބަލާފައިނުވާ ކަމަށާއި، މިޝްކާގެ ކޭސްގައި އަމަލުކޮށްފައިވަނީ އެމަޖެންސީ ހާލަތެއްގައި އަމަލުކުރަން ޖެހޭ ގޮތަށް ނޫން ކަމަށާއި އަދި އެމްބިއުލާން ޓްރިގަރ ކުރަން ޖެހޭ ވަގުތު އެކަން ކޮށްފައިނުވާކަން ހިމަނާފައިއެވެ. އެމްބިއުލާންސް އެކްޓިވޭޓު ކުރަންޖެހޭ ހާލަތެއްގައި ވެސް، 2 ގަޑިއިރާއި 26 މިނެޓު ވެހިކަލް ނުފޮނުވައި ހޭދަކުރިކަމަށް ރިޕޯޓުގައި ވެއެވެ. އަދި މިއީ އިމަޖެންސީ ހާލަތެއް ނަމަވެސް ޑީއެމްއާރުޓީ އާއި ސީމެޓަށް އެ މައުލޫމާތު ހިއްސާ ކުރެވި އަމަލު ކުރަންޖެހޭ އުސޫލާއި އެއްގޮތަށް އެމްބިއުލާންސް ފޮނުވަން އަންގާފައިނުވާކަން ތަހުގީގަށް ފާހަގަ ކުރެވުނުކަމަށް ރިޕޯޓުގައި ވަނީ ބުނެފައެވެ.

މިޝްކާގެ ހާދިސާއާއި ގުޅިގެން މިފަދަ ކަމެއް ދެވަނަ ފަހަރަށް ތަކުރާރު ވިޔަ ނުދިނުމަށްޓަކައި ހެލްތު މިނިސްޓްރީ އިން ވަނީ ހިދުމަތަށް ބަދަލުތަކެއް ގެނެސްފައިވާ ކަން ވެސް ރިޕޯޓްގައި ފާހަގަކޮށްފައިއެވެ. އެގޮތުން،  ކޯލް ސެންޓަރަށް އަންނަ ކޯލްތަކުގެ ތެރެއިން އިމަޖެންސީ ކޯލްތައް ރަނގަޅަށް ކެޓަގަރައިޒް ކުރެވޭނެ ނިޒާމު ހަރުދަނާކުމަށާއި، އިމަޖެންސީ ރެސްޕޮންސްގެ މުޅި ޕްރޮސެސްގައި ކޯޑިނޭޓްކުރަން ޖެހޭ އެކި ފަރާތްތައް މަދުކޮށް، އިމަޖެންސީ ކޭސްއަކަށް ޑޮކްޓަރަށް އަވަހަށް އެޓެންޑްވެވޭނެ އިންތިޒާމުތައް ހަމަޖެއްސުމާއި، މަދު ވަގުތުކޮޅެއްގެ ތެރޭގައި އިމަޖެންސީ ކޭސްއަކަށް ބޭނުންވާ އެމްބިއުލާންސް ޓްރިގާ ކުރެވޭނެ ގޮތަށް ނިޒާމަށް ބަދަލު ގެންނަން ވަނީ ނިންމާފައެވެ. މީގެ އިތުރުން ސިސްޓަމަށް މައްސަލައެއް ދިމާވެއްޖެ ނަމަ، ބެކަޕް ނިޒާމެއް ބޭނުންކުރެވޭނެ އިންތިޒާމެއް ހަމަޖެހިފައި އޮންނަން ޖެހޭނެ ގޮތަށް ވަނީ ބަދަލު ގެނެސްފައެވެ.

މިނިސްޓްރީ ހުދު ކަފަކޮޅަކަށް، ކުށްވެރިވީ ކޯލް ސެންޓަރު

ހަމަގައިމުވެސް މިޝްކާގެ މަރުގެ ތަހްގީގީ ރިޕޯޓަކީ ކިޔާލަން ފަސޭހަ ރިޕޯޓެއް ނޫނެވެ. ތުއްތު މިޝްކާ ނުރައްކާތެރި ކޮވިޑް 19 އަށް ފައްސިވި ހިސާބުން ފެށިގެން ގޮސް އެކުއްޖާ ނިޔާވުމާއި ހަމައަށް އޮތީ ހުސް އިހްމާލެވެ. 15 އަހަރުން ދަށުގެ ކުދިން ކޮވިޑް 19 އަށް ފައްސިވެއްޖެ ކެއަރ ޓީމުން ހާލު ބަލަން ޖެހޭ ކަމަށް އުސޫލުގައި ބުނެފައިވީނަމަވެސް މިޝްކާގެ ކޭސްގައި އެކަންވެސް ކޮށްފައިނުވެއެވެ. މިޝްކާގެ އާއިލާއިން ވަނީ ދަރިފުޅުގެ ހާލު ސިީރިއަސް ވަމުން ދާކަމާއި ވިހާވެސް އަވަހަކަށް ފަރުވާދެވޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެދި އެތައް ފަހަރަކު އެޗްޕީއޭގެ ކޯލު ސެންޓަރަށް ގުޅައިފައެވެ. އެމްބިއުލާންސް އައުން ލަސްވެގެން އާއިލާގެ މީހަކު ވަނީ ދަރުބާރުގެއަށް ވެސް ގޮހެވެ. މިހިސާބުން އުފެދޭ ސުވާލަކީ މިއަދު މިޖެހެނީ ރައްޔިތުން ފަރުވާއަށް އެދި ކަމާއި ބެހޭ އިދާރާތަކުގެ ކިބައިން ސަލާން ޖަހަންތޯއެވެ؟ ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރައެއް ދީފައި މީހުން މަގާމުތަކުގައި ތިބެނީ ބަލި ހާލު ދަށްވެގެން އެމްބިއުލާންސް އެއް ފޮނުވައިދިނުމަށް އެދުމުން ފޮނުވާފައިވާ ކަމަށް ބުނެ ދޮގު ހެދުމަށްތޯއެވެ؟

ހެލްތު މިނިސްޓްރީ އިން ގެނައި ބަދަލުތަކުގެ ހުރި ފެންވަރެއް ބަލައިލުމަށް ރައްޔިތުން ވެސް ތިބީ ކެެތްމަދުކަމެއް ނެތި އިންތިޒާރުގައިއެވެ. ހިތާމައަކީ ކިތަންމެ ވަރަށް ތަހްގީގީ ރިޕޯޓްތައް ހަދައި އާއްމުކޮށް، މާއަފަށް އެދި، ކިތަންމެ ބަދަލުތަކެއް ހިދުމަތަށް ގެނައި ނަމަވެސް، ގެއްލުނު އެ ފުރާނަ އަލުން ނުދިރޭނެ ކަމެވެ. މިޝްކާގެ މައިންބަފައިންގެ ދިިރިއުޅުމަށް އެ އައި ފަޅުކަން މި ރިޕޯޓްތަކުން ފިލުވައިނުދެވޭނެއެވެ. ޔަގީނެވެ. އެ ބަދަލުތަކާއި ރިޕޯޓްތަކުން ކުރިމަގުގައި އެފަދަ ކަމެއް ވިޔަނުދީ ހުއްޓުވޭނެއެވެ. އެހެންނަމަވެސް މީހުންގެ ފުރާނައާއި ގުޅޭ މިފަދަ ކަންކަމަކީ ފަރުވާކުޑަކޮށްލެވޭނެ ކަންކަމެއް ނޫނެވެ. ހަަމަގައިމުވެސް މިހިނގާ ދިޔަ ހާދިސާއިން ރާއްޖޭގެ ސިއްހީ ނިޒާމާއި އެޗްޕީއޭގެ މަތިން އެތައް ރައްޔިތުންނެއްގެ އިތުބާރު ކެނޑިގެންދާނެއެވެ. އެޗްޕީއޭ އިން ދައްކައި ވާހަކަ ރައްޔިތުން ދެން ގަބޫލުކުރާނީ ކިހިނެއްތޯއެވެ؟ އެމްބިއުލާންސް ފޮނުވައިފިކަމަށް ބުނެވެސް ހެދީ ދޮގެވެ. ގޮތް ހުސްވި އާއިލާތަކަށް އެފަދަ ކިތައް ދޮގު ހަދާފައި ހުންނާނެ ބާއެެވެ؟. ކޮވިޑްގައި ނިޔާވި މީހުންގެ މަރުތައް އަލިފުން ފެށިގެން ޔާއަށް ތަހްގީގު ކޮށްފިނަމަ ރައްޔިތުންނަށް އަދި މިއަށްވުރެ ބޮޑެތި ސިހުންތައް ލިބިގެން ނުދާނެ ކަމެއްވެސް ނޭނގެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 60%ވަރަށް ދެރަ 33%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

3 Responses

  1. ފޯމަރ ވޮލެންޓިޔާރ އެޓް ޢެންއީއޯސީ / ޢެޗްއީއޯސީ says:

    ޢެޗްއީއޯސީގަ މަސައްކަތް ކުރި މީހެއްގެ ހަސިޔަތުން ބުނެލަން އޮތީ އެތާ ކޯލް ސެންޓާރ އަކީ ޢެޗްއީއޯސީގެ މީހުން އެއްވެސް އިހްތިރާމްއެއް ކުރާ އަދި އެއްވެސް މުހިއްމު ކަމެއް ދޭ ތަނެއް ނޫން. އޭގެ ހެތްކެއްގެ ގޮތުން އެތާނގެ އިސްމީހަކަށް ލާފަ ހުންނަނީ ވޮލެންޓިޔޭއެއް. ޢޭނަ ތައްޔާރު ކުރި ރިޕޯޓެއް ތައްޔާރު ކުރި ގޮތަކަށް އޮންނާނީ. ޢެޗްއީއޯސީ ހިންގަން ތިބޭ މީހުންނަށް ކޯލް ސެންޓާރ ވަނީ ވަރަށް ބޭކާރު ދަށު ދަރަޖައިގެ ތަނަކަށް. ޢެއްވެސް ސަމާލު ކަމެއް ދޭން ޖެހޭ ތަނެއްގެ ގޮތުގައި ނުބަލާ. ޢެތަނުން އަޅާ ޓިކެޓް ތަކަށް ދެވޭ ސަމާލުކަމެއް ނޯވޭ.

  2. ކޮބާތޯ ނޫސްވެރިން. އިންވެސްޓިގޭޓީވް ޖަރނަލިޒަމްގެ ތެރެއިން އެޗްއީއޯސީގެ ހިނގުމުގެ އޮނިގަނޑުގައި ބުނާ މަގާމުތަކާއި މަސްއޫލިއްޔަތުތައް ރައްޔަތުންނަށް ތިލަކޮށް ދެއްވާ. ފިލާ އެތިބި މުވައްޒަފުން މަސައްކަތް ރަނގަޅުކުރާނީ އެއިރުން.

  3. އަހަރެން ހީކޮށްގެން ހުރީ ކުށްވެރިވާނީ އެމްބިއުލެންސް ކަމަށް.
    އެތުއްތު މިޝްކާއަށް ޖަންނަތުލްފިރްދައުސް މިންވަރު ކުރައްވާށި. އާމީން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: