ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑުގެ އިތުރު ސާޖެއް އައުމުގެ ފުރުސަތު އެބައޮތް!

ޓެކްނިކަލް އެޑްވައިޒަރީ ގުރޫޕް (ޓެގު) ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝަހީދު/ ފޮޓޯ: އެޗްއީއޯސީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ ސަރަހައްދުގައި ކޮވިޑާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކާއި އެކު، ބަލި ޖެހޭ މީހުންގެ އަދަދުތައް ދަށްވަމުން އައި ނަމަވެސް ހާލަތު ގޯސްވެ އިތުރު ސާޖެއް އައުމުގެ ފުރުސަތު އެބައޮތްކަމަށް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ބުނެފި އެވެ.

އަހަރު ފެށުނު ފަހުން، މާލޭގެ ހާލަތު ވަރަށް ބޮޑުތަނުން ގޯސްވެ ކޮވިޑާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅިތާ ދެ ހަފްތާ ވަނީ ވެފަ އެވެ. އަދި ފިޔަވަޅުތަކާއި އެކު ބަލި ޖެހޭ މީހުންގެ އަދަދު މަޑުމަޑުން ދަނީ ދަށްވަމުންނެވެ.

މީގެ ކުރިން މާލޭގެ ސަރަހައްދުން ބަލި ޖެހޭ މީހުންގެ އަދަދުތައް ހުރީ އެއްހާހުން މަތީގައެވެ. އެހެން ނަމަވެސް މަހެއް ފަހުން އެ އަދަދު ފުރަތަމަ ފަހަރަށް 400 އިން ވަނީ ދަށްވެފަ އެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ) އިން ކުރިޔަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޓެގް ޓީމުގައި ހިމެނިވަޑައިގަންނަވާ ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މިވަގުތު މާލެ ސަރަހައްދުން 200 އެއްހާ ކޭސްތައް ފެންނަމުން އައިނަމަވެސް އެ އަދަދުތައް އިތުރުވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

މާލޭގައި ކޮވިޑުގެ ކޭސްތައް އިތުރުވެ މިދިޔަ ދުވަސްތަކުގައި ކޮންޓެކްޓް ޓްރޭސިން ކުރިޔަށް ގެންދިއުމަށް އުނދަގޫތަކެއް ވިއެވެ. އަދި ރޯދަ މަހު ރެންޑަމް ސާމްޕަލް ނެގުން ހުއްޓާލާފައި އޮތުމަށްފަހު، އެ މަަސައްކަތް އަލުން ވަނީ ފަށާފަ އެވެ.

އުސޫލުތަކަށް ބަދަލު ގެނެސް ކޮންޓެކްޓް ޓްރޭސިން ހެދުން ހަމައެކަނި ހައިރިސްކް މީހުންގެ މެދުގައި ކުރިއަށް ގެންދިޔުމަށް ބަދަލުކުރި ނަމަވެސް، މިވަގުތު އަދަދުތައް ދަށްވަމުންދާތީ، ކޮންޓެކްޓް ޓްރޭސިން އިތުރަށް ހަރުދަނާކުރުމަށް މަސައްކަތްކުރަމުންދާކަމަށް ޑރ. ޝަހީދު ވިދާޅުވިއެވެ. އަދި ރެންޑަމް ސާމްޕްލިންގެ އަދަދުތައް ދުވާލަކު 380 އާއި ހަމައަށް އިތުރު ކުރެވޭނެކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ކޮންޓެކްޓް ޓްރޭސިން ހަރުދަނާކުރާއިރު، އަމާޒަކީ 24 ގަޑިއިރު ތެރޭގައި ޕޮޒިޓިވް ކޭސްއެއްގެ ކޮންޓެކްޓްތަކުގެ 80 އިންސައްތަ ދެނެގަތުން ކަމަށެވެ. އަދި 48 ގަޑިއިރު ތެރޭ ހުރިހާ ކޮންޓެކްޓުން ދެނެގަތުމަކީ އަމާޒެއްކަމަށް އޭނާ ވިދާޅުވިއެވެ.

އަދަދުތައް ސީދާ ދިމާނުވިކަމުގައިވިޔަސް، މިވަގުތު އޮތް ސާޖްގެ ޓްރެންޑްއިން ހާލަތު ރަނގަޅުވަމުން އަންނަކަމަށް ޑރ ޝަހީދު ވިދާޅުވިއެވެ. އެގޮތުން، ފާއިތުވި ދުވަސްތަކުގައި މާލެ ސަރަހައްދުގެ ކޮވިޑް ފެސިލިޓީގައި އެއްފަހަރާ އެޑްމިޓްކޮށްގެން 250 އާއި 270 އާއި ދެމެދުގެ އަދަދަކަށް މީހުންނަށް ފަރުވާ ދީފައިވާއިރު، މިވަގުތު އެ އަދަދު 130 އަށް ދަށް ކުރެވިފައިވާކަން އޭނާ ފާހަގަ ކުރެއްވި އެވެ.

ޑރ. ޝަހީދު ވިދާޅުވީ ނިމިދިޔަ މޭއި މަހަކީ ކޮވިޑު ޖެހިގެން އެންމެ ގިނަ އަދަދަކަށް ރާއްޖެއިން މީހުން ނިޔާވި މަސް ކަމަށެވެ.

އޭޕްރިލް މަހުގެ 28 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 5 ވަނަ ދުވަހާއި ހަމައަށް އައިއިރު 111 މީހުން ބަލީގައި ނިޔާވިކަމަށް ޑރ ޝަހީދު ވިދާޅުވިއެވެ. މީގެ ތެރެއިން 60 އިންސައްތަ މީހުންނަކީ 65 އަހަރާއި 80 އަހަރާއި ދެމެދުގެ މީހުން ކަމަށާއި ނިޔާވި މީހުންގެ ތެރެއިން 20 އިންސައްތަ މީހުންނަކީ 40 އަހަރުން ދަށުގެ މީހުންކަމަށެވެ. އެހެންކަމުން، ބަލީގެ ނުރައްކާ އޮތީ ހަމައެކަނި އުމުރުން ދުވަސްވީ މީހުންނަށް ނޫންކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.

ބަލީގައި ނިޔާވި ގިނަ މީހުންނަކީ ދިގު މުއްދަތެއްގެ ބޭސް ބޭނުން ކުރާ، ނުވަތަ ފަރުވާކުރަމުންދާ މީހުންކަން ފާހަގަކޮށް ޑރ. ޝަހީދު ވިދާޅުވީ އެފަދަ 05 ބައްޔެއް ފާހަގަ ކުރެވިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ލޭމައްޗަށް ދިއުމާއި، ހަކުރު ބައްޔާއި އަދި ހިތުގެ ބަލިީގެ އިތުރުން ސްޓްރޯކް އަދި ކިޑްނީ ބަލި ހިމެނެ އެވެ. ޑރ. ޝަހީދު ވިދާޅުވީ މި ބަލިތަކަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ކޮވިޑް ބަލީގައި ނިޔާވާ މީހުންގެ ތެރެއިން އާންމުކޮށް ފާހަގަވާ ބަލިތައް ކަމަށެވެ.

މީގެ އިތުރަށް ކެންސަރ އަދި ފުއްޕާމޭގެ ބަލިތަ ވެސް ފާހަގަކުރެވިފައިވާކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.

ބަލީގައި ބޮޑުވަރުވެ ނުވަތަ ނިޔާވި މީހުންގެ ތެރެއިން 70 އިންސައްތަ މީހުންނަކީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ މީހުންކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ރާއްޖޭގައި މިވަގުތު ކޮވިޑްގެ ހާލަތު އޮތްގޮތަށް އަލިއަޅުއްވާލައްވަމުން ޑރ ޝަހީދު ވިދާޅުވީ މިވަގުތު މިއޮތް ސާޖަކީ މިއީ އެންމެ ފަހު ސާޖް ނޫންކަމަށެވެ. އިތުރު ސާޖްތައް އައުން އެކަށީގެންވާ ކަމަށާއި ބަައްޔާއި ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ފަރުވާކުޑަނުކުރުމަށް ޑރ ޝަހީދު އިލްތިމާސްކުރެއްވި އެވެ.

ވަރަށް ގަދަ
40%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 60%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ސަންގު ޓީވީ އިން ރިސަރޗެއް ހަދާ ދީބަލަ، ފާއިތުވި 4 އަހަރުގެ ރާއްޖެއިން މަރުވި މީހުންގެ އަދަދުތަކުގެ ކޮމްޕެއަރިންގ އެއް! ކޮވިޑްގެ ސަބަބުން ޑެތް ރޭޓް ހައިވިތޯ ބަލަން….. މިހާރު ޑެންގޫ، ނޯމަލް ރޯގާވެސް ރާއްޖޭގަ ނޫޅޭ!!! އެހެން ނޫނީ އެޗްވަންއެންވަން ވެކްސިންގ ވެސް ޖަހަން ޖެހޭ ރޯގާޔާ ހުމާހުރެ !!!!!

Leave a Reply to ފޮށި ރައްދު ކެންސަލް

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: