ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބެސްޓްފްރެންޑް ހަތުރުންނަށްވެ، ޕާޓީވެސް ބައިބައިވުމަކަށް!

ރައީސް ސޯލިޙާއި ރައީސް ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އެތެރޭގައި މައްސަލަތަކެއް ހުރިކަމަށް އަބަދުވެސް ވާހަކަތައް ދެކެވެއެވެ. އެހެންނަމަވެސް، އެކަމަށް ދުވަހަކުވެސް ޕާޓީގެ މެމްބަރުން މިހާތަނަށް އައިއިރު އެއްބަސްވެފައެއް ނެތެވެ. ޕާޓީގެ މެމްބަރުން މަސައްކަތް ކުރައްވާފައިވަނީވެސް އެކަން ސިއްރުކުރަންކަން ހާމަވެއެވެ.

ޕާޓީގެ ތެރޭގައި ދެތިން ފެކްޝަނެއް އޮންނަކަމަށް އަބަދުވެސް އަޑު ފެތުރެއެވެ. ރާއްޖޭގައި ކުރިން ސިޔާސީ ބޮޑެތި ޕާޓީތަކުގެ ގޮތުގައި އޮތް ޕާޓީތަކުން އެމްޑީޕީއަށް ގުޅިވަޑައިގަތް މެމްބަރުންނާއި، ޕާޓީގެ ލީޑަރަށް ތާއީދު ކުރައްވާ މެމްބަރުންނާއި، ގައުމުގެ ރައީސްއަށް ތާއީދުކުރައްވާ މެމްބަރުންވެސް މީގެ ތެރޭގައި ތިއްބަވައެވެ. އަދި ޕާޓީގެ ތެރެއިން ވަކި ބޭފުޅަކީ ލީޑަރުގެ ގޮތުގައި ދެކިގެން މަސައްކަތްކުރައްވާ މެމްބަރުންވެސް މަދެއްނޫނެވެ.

އެމްޑީޕީގެ ތެރޭގައި މީގެ ކުރިންވެސް ހަމަނުޖެހުންތަކެއް ހިނގާފައި އެބަހުއްޓެވެ. ޕާޓީއިން މެމްބަރުން ވަކިވުމާއި ޕާޓީގެ ލީޑަޝިޕަށް ބަދަލުތަކެއް އައުން ފަދަ ކަންކަން ވަނީ ހިނގާފައެވެ. އޭގެ ތެރޭގައި ޑރ މުނައްވަރު، އިބްރާ، އަލްހާން ފަހްމީ، ރީކޯ މޫސަމެން ފާހަގަކުރެވެއެވެ.

ދެ ބެސްޓްފްރެންޑް ދެ ހަތުރުންނަށް!

މިވަގުތު މައި ލީޑަރުންގެ ގޮތުގައި ރައީސް ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފާހަގަކުރެއްވޭއިރު، މިއީ ގާތް ދެ އެކުވެރިން ނުވަތަ ބެސްޓްފްރެންޑުގެ ގޮތުގައި ފާހަގަކުރެވެއެވެ. އެހެންނަމަވެސް ދެ ބެސްޓްފްރެންޑުންގެ ގޮތުގައި ތިއްބެވި ދެބޭފުޅުން މިވަގުތު ދެ ހަތުރުންނަށް ވެފައިވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. ޚާއްސަކޮށް ޕާޓީގެ ތެރެއިން ފަތު އަޑުކިޔަމުން ގޮވަމުން ދަނީ މި ވާހަކައެވެ.

ރިޔާސީ އިންތިޚާބަށް ކުރި ކެމްޕެއިންގެ ތެރެއިން

އެމްޑީޕީ ފެށުނީއްސުރެ ޕާޓީގެ ލީޑަރުގެ ގޮތުގައި ހުންނެވީ ރައީސް މުހައްމަދު ނަޝީދެވެ. ބައެއް މެމްބަރުން ގަބޫލުކުރާ ގޮތުގައި އެމްޑީޕިއަކީ ރައީސް ނަޝީދެވެ. ރައީސް ނަޝީދަކީ އެމްޑީޕީއެވެ. 2008 ގައި ރިޔާސީ ރޭހުގައި ވާދަކުރެއްވީ ނަޝީދެވެ. 2013 ގައިވެސް ހަމަ ނަޝީދެވެ. 2018 ގައިވެސް ޕްރައިމަރީގައި ގިނިކަންޏާއި ވާދަކުރައްވާ ޓީކެޓް ކަށަވަރު ކުރެއްވިއެވެ.  2018 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބަށްވެސް ޕާޓީގެ ފަރާތުން ނުކުންނަވަން ހުންނެވީ ރައީސް ނަޝީދެވެ. އެހެންނަމަވެސް، ފަހު ވަގުތު “ނޯ ޗޮއިސް”  ގައި އުކުޅަހުގައި އޮތް އެމްޑީޕީގެ ކޮންގްރެސްގައި ޕާޓީގެ ރިޔާސީ ޓިކެޓު ހަވާލުކުރެއްވީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

މައްސަލަ ފެށިގެން އައީ މިހާ ހިސާބުންކަމަށް ގަބޫލުކުރެވެއެވެ. ރައީސް ނަޝީދަކީ އަބަދުވެސް ލީޑަރުކަން ނުވަތަ ރައީސްކަން ބޭނުންވާ ބޭފުޅެއްކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ރައީސް ނަޝީދުގެ ބަދަލުގައި 2018 ވަނަ އަހަރުގެ ރިޔާސީ ޓިކެޓު ރައީސް ސޯލިހަށް ލިބުނު ހިސާބަކީ މިފަހުން އެމްޑީޕީ ބައިބައިވުމުގެ އަސްލުގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.

2018 ވަނަ އަހަރު އުކުޅަހުގައި ބޭއްވި ކޮންގްރެސްގެ ތެރެއިން

މިވަގުތު ރާއްޖޭގައި މިއޮތީ ރައީސް ސޯލިހުގެ ވެރިކަމެވެ. ރައީސް ޔާމީންގެ ވެރިކަން އޮތް ގޮތަށެވެ. ކޯލިޝަންގެ ވެރިކަމެކޭ ނުވަތަ ވަކި ޕާޓީއެއްގެ ވެރިކަމެކޭ އެއްވެސް އިރެއްގައި ކިޔައި އުޅެފައެއް ނެތެވެ. މިވަގުތު ނިންމާ ހުރިހާ ނިންމުންތަކަކީ ރައީސް ސޯލިހުގެ ނިންމެވުންތަކެވެ. މިނިންމުންތަކަށް އެމްޑީޕީގެ ނިންމުންތަކެކޭ ނުކިޔާނެއެވެ. ރައީސް ސޯލިހުގެ ނިންމެވުންތަކާއި މެދު ހިތްހަމަނުޖެހުމެއް އޮތްނަމަ، އެކަމަކައިގެން ރައީސް ސޯލިހުގެ އަރިހަށް ދާންވާނީ އެޕާޓީއަކުންނެވެ. މިއަދު ކޯލިޝަންގެ ވެރިކަމެއް އޮތްއިރު 3 ސިޔާސީ ޕާޓީއާއި 4 ވެރިންނާއި އަދި އެހެނިހެން އާންމު މެމްބަރުން ބޭނުންވާ ގޮތަކަށް ކަންކަން ނުނިންމޭނެއެވެ. ނިންމުންތަކާއި މެދު ހިތްހަމަނުޖެހޭނެ ކޮންމެވެސް އެއް ބަޔަކު އަބަދުވެސް ތިބޭނެއެވެ.

ރައީސް ސޯލިހުގެ ނިންމުންތަކާއިމެދު ފާޅުގައި ފާޑުކިޔާ ބޭފުޅެއްގެ ގޮތުގައި ފާހަގަކުރެވެނީ ރައީސް ނަޝީދެވެ. ރައީސް ނަޝީދު މަޖިލީހުގައި ދައްކަވާ ވާހަކަތުގެ ސަބަބުން ސަރުކާރަށް ފިއްތުންތައް ކުރިމަތިވާކަމާއި ރައީސް ނަޝީދު ދައްކަވާ ވާހަކަތަކުގެ ސަބަބުން ސަރުކާރުގެ އަގު ވެއްޓޭކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. ދެބޭފުޅުންގެ ވިސްނުމާއި ނިންމެވުންތައް ބައެއް ކަންކަމުގައި ދިމާނުވާކަން މީގެކުރިންވެސް ވަނީ ހާމަވެފައެވެ. މިސާލެއް ދައްކާނަމަ، ފުލުހުންގެ ބިލަށް ބަހުސްކުރިއިރު ރައީސް ނަޝިދު މަޖިލީހުގައި ދެއްކެވި ވާހަކަތަކާއި ގުޅިގެން ރައީސް ސޯލިހު އެވާހަކަތަކުގައި މަތިއަޅަން ދެއްކެވި ވާހަކަތައް ފާހަގަކުރެވޭނެއެވެ.

ޕާޓީގެ މައްސަލަތައް ބޮޑު، މިހާރު އޮތީ ހުޅު ރޯވެފައި!

މިފަހުން ޕާޓީގެ އެތެރޭގައި މައްސަލަ ޖެހެން މެދުވެރިވި ސަބަބަކީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއަށްފަހު ކުރިމަތިވި ކަންތައްތަކާއި ގުޅިގެންނެވެ. ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގެ އިންކުއަރީ ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދާއިރު އެއިންކުއަރީއަށް ވަކި ވަކި ސިފައިން ނުފޮނުވަން ނިންމި މައްސަލަ މަޖިލީހުގެ އިމްތިޔާޒް ކޮމެޓީއަށް ހުށައަޅައި، މައްސަލަ ބެލުމަށް ތައްޔާރުވިއިރު އެމައްސަލަ ބަލަން ނުފެންނަކަމަށް ހުށައަޅައި އެމްޑީޕީ ބައެއް މެމްބަރުންގެ ވޯޓާއެކު މައްސަލަ ކޮމެޓީއިން ބޭރުކޮށްލިއެވެ.

މައްސަލަ ބޭރުކޮށްލުމަށް ހުށައެޅުއްވީ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމެވެ. އެހެންނަމަވެސް، މައްސަލަ ބޭރުކޮށްލަން ނާޒިމް ހުށައެޅުއްވީ ރައީސް ސޯލިހުގެ ޅިޔަނު، އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން(ބިގޭ)ގެ އެދުމުގެ މަތިންކަމަށް އެމްޑީޕީ ބައެއް މެމްބަރުން ތުހުމަތުކުރައްވައެވެ. އަދި ރައީސް ނަޝީދުގެ މަދަދާއެކު މަޖިލީހުގެ ގޮނޑިތަކަށް އައުމަށްފަހު މިއަދު ރައީސް ނަޝީދަށް އެހީތެރިވާންޖެހޭ ދުވަހު ރައީސް ނަޝީދުގެ ކަރަށް ފައިން އަރަނީކަމަށް ތުހުމަތުކުރައްވައެވެ. މިއީ ރައީސް ނަޝީދުގެ ފުރާނަފުޅަށްވުރެ ރައީސް ސޯލިހުގެ އަބުރުފުޅު މަތިވުމުން ވާނެގޮތްކަމަށްވެސް ބައެއް މެމްބަރުން ފާހަގަކުރައްވައެވެ.

ރައީސް ސޯލިހުގެ ޅިޔަނު، އަލިފުށީ ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު ޙުސައިން(ބިގޭ)

ބިގޭގެ ދިފާއުގައި ރައީސްގެ އަނބިކަނބަލުން ފަޒްނާ!

މިމައްސަލާގައި ބިގޭއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުން އަންނައިރު، ބިގޭ ވަނީ ބިގޭއަށް ކުރެވޭ ތުހުމަތުތަކަށް ރައްދުވެސް ދެއްވާފައެވެ. އަދި މިމައްސަލާގައި ވާހަކަނުދެއްކެވުމަށް ރައީސް ނަޝިދު ވަނީ ބިގޭއަށް އަންގަވާފައެވެ. އެހެންނަމަވެސް، ބިގޭގެ ދިފާއުގައި ފަސްޓް ލޭޑީ ފަޒްނާ އަހުމަދު ނުކުންނަވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.

ބިގޭ ވަނީ ރާއްޖޭގެ ޓީވީ ޗެނަލެއްގައި ވާހަކަދަކައްވަމުން ތުތި މަހަށް ކޮށައި ކާޅަށް ދިން ކަމުގައިވިޔަސް ހައްގު ބަސް ބުނުމުގައި ދެމިހުންނަވާނެކަމަށް ވިދާޅުވެފައެވެ. އަދި އޭނާއަކީވެސް އިސްލާހީ މަސައްކަތުގައި ފާއިތުވި ތިރީހަކަށް އަހަރު އެތައް އަނިޔާއެއް ލިބި މުޅި ހަޔާތް ޖާނާއި މާލުން ގުރުބާންކުރި މީހެއްކަމަށް ބިގޭ ވަނީ ވިދާޅުވެފައެވެ. އަދި މިވަގުތު ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ މަސައްކަތް ހުރިގޮތުން ހިޔާލު ތަފާތުވުންތައް އުފެދި، ފުށުއެރުންތަކެއް އައިސް އެމްޑީޕީ ދެކަފި ވެފައިވާކަމަށް ބިގޭ ވިދާޅުވެފައިވެއެވެ.

ބިގޭއަށް އަމާޒުކުރެވުނު ފާޑުކިޔުންތަކުގެ ތެރޭގައި ޅިޔަނުގެ ވެރިކަން ދިފާއުކުރައްވަން އެވަރަށް މަސައްކަތްކުރައްވަން ޖެހިވަޑައިނުގަންނަވާކަމަށް ބައެއް މެމްބަރުން ވިދާޅުވިއެވެ. މިފާޑުކިޔުންތަކުން ބިގޭ ދިފާއުކުރެއްވުމަށް މެޑަމް ފަޒްނާ ނުކުންނަވައި، ބިގޭ މަސައްކަތްކުރައްވަނީ ވަގުތާއި ހާލަތަށް ބަލައި ގައުމަށް އެންމެ ފައިދާހުރި ގޮތަކަށްކަމަށް ފަޒްނާ ވިދާޅުވެފައިވެއެވެ. އަދި ބިޣޭ ވާހަކަދެއްކެވީ ސީދާ މައްސަލައަށް ކަމަށާއި ވަކި މީހަކު ދިފާއުކުރައްވާފައި ނެތްކަމަށް ފަޒްނާ ވިދާޅުވިއެވެ.

ހަމަނުޖެހުންތަކުގެ ތެރެއިން ޗެއާޕާސަން ވަކި ކޮޅެއް ނެގުން!

މައްސަލައެއް އެބައުޅޭކަމަށް ސީދާ އެމްޑީޕީ މެމްބަރުން މީގެކުރިން އެއްބަސްވެ ނުލެއްވިޔަސް، މިހާރު ޕާޓީގެ ބައެއް މެމްބަރުން ދައްކަވާ ވާހަކަތަކުންވެސް މިކަން ވަރަށް ބޮޑަށް ހާމަވެއެވެ. މިހުރިހާ ކަމެއްގެ ތެރެއިން ޕާޓީގެ ތެރޭގައި ޖެހިފައި ހުރި މައްސަލަތަކުގައި ހުޅު އިތުރަށް ރޯވީ ޕާޓީގެ ޗެއާޕަރސަން ވަކި ކޮޅެއް ނެގުމުންކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ހަމަނުޖެހުންތަކުގެ ތެރެއިން ޕާޓީގެ ޗެއާޕަރސަން ވަނީ އެމްޑީޕީ ދެބައިވީ ސަރުކާރާއި ރައީސް ނަޝީދާއި ދުރުވުމުންކަމަށް ވިދާޅުވެފައެވެ. އެގޮތުން ސަރުކާރާއި ޕާޓީގެ ގުޅުން ކުޑަކޮށް ރައީސް ނަޝީދާއި ޕާޓީ އެއްކައިރިކޮށް ސަރުކާރު ހިންގަން އުޅުމުން ޕާޓީގެ މަސައްކަތްތަކަށް ބުރޫ އެރިކަމަށް ޗެއާޕަރސަން ވަނީ ވިދާޅުވެފައެވެ.

މިގޮތަށް ވަކި ކޮޅެއް ނަންގަވައި މިދަނޑިވަޅުގައި ޕާޓީގެ ޗެއާޕަރސަން ވާހަކަދެއްކެވުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރެއެވެ.

އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް– ފޮޓޯ: މިހާރު

ޕާޓީ ރޫޅެނީތަ؟

ރާއްޖޭގެ ސިޔާސީ ބޮޑެތި ޕާޓީތައް މީގެ ކުރިންވެސް ބައިބައިވެ ފުނޑުފުނޑުވެގެންދިޔަތަން ވަނީ ފެނިފައެވެ. ހެއްކަކަށް ޑީއާރުޕީއަށް ވީގޮތް ފުދެއެވެ. ސުވާލަކީ ޕާޓީ ތެރޭގައި ފެކްޝަންތަކެއް ހުރިއިރު އެހެން ސިޔާސީ ޕާޓީތަކަށް ވީގޮތް އެމްޑީޕީއަށް ނުވާނެކަމުގެ އޮތީ ކޮން ޔަގީންކަމެއްތޯއެވެ. ހަމަނުޖެހުންތައް ހުރިކަމާއި އެކަމުގެ ވާހަކަތައް މަޑުމަޑުން ޕާޓީއިން ބޭރުވަނީއެވެ. ހިތާއި ހިތުގެ ގުޅުމަކުން ދެ “ބެސްޓް ފެރެންޑުން” ލީޑު ކުރަމުންދާ ޕާޓީ ތެރޭގައި ކަތުރުފަނި އަޅާ މުޅި ޕާޓީ ކާލައިފިއެވެ.

ދައްކަވާން ހުރި ތަނެއް ދައްކަވާނެއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 42%ވަރަށް ދެރަ 8%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ވެރިކަމަށް މާ ބޮޑަށް ދަހިވެތިވީމަ ބެސްޓް ފްރެންޑެއް އެއްބަނޑު އެއްބަފައެއް އެއްބަފައެއް ނޯންނާނެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: