ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮރަޕްޝަންގެ ތުހުމަތުތައް ފެނަކައިން ދޮގު ކޮށްފި

ފެނަކައިގެ އެމްޑީ އަހުމަދު ސައީދު/ ފޮޓޯ: ފެނަކަ
ޝެއާރކޮށްލާ ކަހަލަދޯ؟

ފެނަކަ ކޯޕަރޭޝަންގެ މެނޭޖުމަންޓުން ކޮރަޕްޝަން ހިންގާ ކަމަށް ކުރެވިފައިވާ ތުހުމަތުތައް އެކުންފުނިން ދޮގު ކޮށްފިއެވެ.

ފެނަކައިން ނެރުނު ބަޔާނެެއްގައި ބުނީ އަތޮޅުތެރޭގެ ރައްޢިއްޔަތުންގެ އިތުބާރު ގެއްލި، ދެވޭ ޚިދުމަތުގެ ކަށަވަރުކަން ގެއްލިފައިވަނިކޮށް 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅުންފެށިގެން، ފެނަކައިން ދެމުންދާ ޚިދުމަތްތަކުގެ ދުވެލި ރަނގަޅުވެ، ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުވެ، 24 ގަޑިއިރު ކަރަންޓުގެ ޚިދުމަތް ކަށަވަރު ކުރެވުނީ މި ސަރުކާރުގެ ތެރެއިން ފެނަކައިގެ މިއަދުގެ މެނޭޖްމަންޓްގެ ޒަޢާމަތުގައި ކަމަށެވެ. އަދި ކުންފުނި ހިންގުމުގައި ގެނެވުނު ހަރުދާ ބަދަލުގެ ނަތީޖާ ފެނި ރަޢިއްޔަތުންގެ އިތުބާރު ކުންފުންޏާއިމެދު މިހާރު ހޯދިފައިވާކަން ނަޒަރު ހިންގާލި ކޮންމެ ދިމާލަކުން ފެންނަން އޮތުމަކީ ދެބަސްވެވެން ނެތް ޙަޤީޤަތެއް ކަމަށް ފެނެކައިން ބުނެއެވެ.

”ކުންފުނިން މިހާރު ދެމުންދާ ޚިދުމަތްތަކާއި އަދި ކުންފުނިން ކުރާކަންކަމާއި މެދު ބައެއް މީޑިއާތަކުން ލިޔެ ޢާއްމުކުރަނީ ކަމުގެ ޙަޤީޤަތް ބަލާލުމެއްނެތި ޢާއްމު ރަޢިއްޔަތުންގެ ހިތްތަކުގައި މި ކުންފުންޏާއި މެދު ނަފްރަތު އުފައްދާ، ކުންފުނީގެ ކުށެއް ނެތް ހީވާގި މުވައްޒަފުންނާއި ކުންފުނީގެ މެނޭޖްމަންޓްގެ އަގު ވައްޓާލުމުގެ ނިޔަތުގައެވެ. ސިޔާސީ އަދި ޒާތީ ގޮތުން ހިންގޭ މިފަދަ ނޭދެވޭ ޢަމަލުތައްކުއްވެރި ކުރާޙާލު، މިފަދަ ޢަމަލުތައް ހުއްޓާލުމަށް އެންމެހާ މިޑިއާތަކަށް އިލްތިމާސް ކުރަމެވެ.” ފެނަކައިގެ ބަޔާނުގައި ވެއެވެ.

ފެނަކައިން ބުނީ މިހާރު އެ ކުންފުންޏަކީ މިނިވަން މުވައްސަސާ އަކަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅިގެން ކަމާއި ގުޅުންހުރި އެއްވެސް ލިޔެކިޔުމެއް ނައްތާލާނެ ކުންފުންޏެއް ނޫން ކަމަށާއި އެފަދަ ލިޔެކިޔުމަކަށް ބަދަލު ގެނެސްގެން، ކަމުން ރެކި ޒިންމާ އަދާކުރުމަށް ފަސް ނުޖެހޭނެ ކަމަށެވެ.

”އަދި 2019 ވަނަ އަހަރުގެ ކުރިން މި ކުންފުނީގައި ހިންގަމުންދިޔަ ނޭއްގާނީ ޢަމަލުތައް ހުއްޓުވުމަށް އެޅިފައިވީ ހަރުދަނާފިޔަވަޅުތަކާއި، ގެނެވިފައިވީ އިސްލާހީ ހެޔޮ ބަދަލުގެ ސަބަބުން އެފަދަ ފުރުޞަތު މިހާރު ލިބެން ނެތަތީ، އެކަންކަމާއި ޙަސަދަވެރިވެ ކުންފުންޏާއި އަދި ކުންފުނީގެ ހީވާގި މުވައްޒަފުން ހިމެނޭ ގޮތުން ވެރިންގެ އަގުވައްޓާލުމަށް ހަޤީޤަތާއި ޚިލާފު ވާހަކަތައް ލިޔެ ޢާއްމު ކުރުމަކީ އެންމެ ޒިންމާދާރުކަން ކަމުގައި މިކުންފުނީން ނުދެކެމެވެ.” ފެނަކައިން ބުނެއެވެ.

ފެނަކައިން ބުނީ އެ ކުންފުންޏާއި މެދު ހުށަހެޅޭ ޝަކުވާތަކަށް ކަމާއި ގުޅުންހުރި ކޮންމެ މުވައްސަސާއަކުން އެދި ލައްވާ އެދިލެއްވުމަށް ފުރިހަމައަށް އިޖާބަދީ، އެއްބާރުލުން ދެމުން ދާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ސާބިތުކަމާއިއެކު އެފަރާތްތަކާއިއެކު ޙައްޤުގޮތުގައި މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

“ޚަބަރު ފަތުރާ މަދު ވަޞީލަތްތަކެއްގައި މިފަދަ ހަޤީޤަތާއި ޚިލާފު ލިޔުންތަކެއް ޝާއިޢު ކުރިނަމަވެސް މިހާރު މިކުންފުނީގައި ކޮރަޕްޝަނާއި ފަސާދައިގެ މުޑުދާރު ޢަމަލުތައް ނުހިންގާނެކަމާއި، އަދި އަބަދުވެސް އިޚްލާޞްތެރިކަމާއި ތެދުވެރިކާމާއި އަމާނާތްތެރިކަމާއިއެކު މިކުންފުނިން މަސައްކަތް ކުރާނެ ކަމުގައި ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޔަޤީންކޮށް އަރުވަމެވެ.” ބަޔާނުގައި ވެއެވެ.

ފެނަކައިން ވަނީ އެ ކުންފުންޏާމެދު މިނިވަން މުވައްސަސާތަކަށް ހުށަހެޅިފައި މައްސަލައެއްވާނަމަ ލަސްނުކޮށް ވީ އެންމެ އަވަހަކަށް މައްސަލަތައް ތަޙްޤީޤުކޮށް ނިންމައިދިނުމަށް އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: