މިއަދު ހޯދަން ޖެހިފައިވާ އެންމެ މުހިންމު ކަމަކީ ”ބިރަކާނުލާ“ ދިރިއުޅެވޭނެ ގޮތެއް ކަމަަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީއަށް 16 އަހަރު ފުރުމާއި ދިމާކޮށް އެ ޕާޓީ އިން ކްލަބް ހައުސްގައި ހަރުގެއެއް ލޯންޗު ކުރެއްވުމަށް ބޭއްވި ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަން ވަރަށް ބޮޑަށް ގެއްލިއްޖެ ކަމަށާއި ބިރަކާނުލާ ދިރިއުޅެވޭނެ ގޮތް ނެތެން ފަށައިފިކަމަަށެވެ. އަދި އެމްޑީޕީއަށް 16 އަހަރު ވެގެންދިޔަ އިރު، އެ ޕާޓިއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން އަނބުރާ ހޯދައިދިނުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”އާދެ! ފްލެޓް އަޅަން ބޭނުން. ގޯތި ކަނޑަން ބޭނުން. އެއް ރަށުން އަނެއް ރަށަށް މުދަލާއި ހިދުމަތް ގެންދެވެން ބޭނުން. މަދަރުސާތައް ރަނގަޅުވާން ޖެހޭނެ. މަތީ ތައުލީމުގެ ފުރުސަތު އޮންނާން ޖެހޭނެ. ބަލިވީމާ ބޭސް ފަރުވާ ލިބެން ޖެހޭނެ. ވަޒީފާގެ ފުރުސަތު ކަށަވަރުވާން ޖެހޭނެ. ތަނަވަސް ދިރިއުޅުމެއް އޮންނާން ޖެހޭނެ. އެކަންކަމުގެ އިތުރުން މިއަދު ހޯދަން ޖެހިފައިވާ މުހިންމު އަނެއް ކަމަކީ އަޅުގަނޑުމެންގެ ސަލާމަތާއި ރައްކާތެރިކަން.” ނަޝީދު ވިދާޅުވިއެވެ.
ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާގައި ލިބުން ޒަމްތަކަށް އޭޑީކޭގައި ފަރުވާ ހޯދައި ގިނަ ސާޖަރީތަކެއް ކޮށްފައިވާއިރު، އިތުރު ފަރުވާ އަށް މިދިޔަ މަހުގެ މެދުތެރޭ އެމަނިކުފާނުގެ ވަނީ ޖަރުމަނުވިލާތަށް ވަޑައިގެންފައެވެ. އަދި މިދިޔަ މަހުގެ 21 ވަނަ ދުވަހު ފަރުވާ ހޯއްދަވަމުން ގެންދެވި ޖަރުމަނުވިލާތުގެ މިލިޓަރީ ހޮސްޕިޓަލުން ދޫކޮށްލެއްވި ނަމަވެސް ނަޝީދުގެ ފަރުވާގެ ކަންކަން އަދިވެސް ދަނީ ކުރިއަށެވެ.
އެގޮތުން ފަޔަށް ލިބުނު އަނިޔާއާ ގުޅިގެން ދާދިފަހުން އެމަނިކުފާނު ވަނީ ފައިގެ ދެ އޮޕަރޭޝަނެއް ވެސް ކުރައްވާފައެވެ.
ބޮމުގެ ހަމަލާއާ ގުޅިގެން ފަސް މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާއިރު، ފުލުހުން އަންނަނީ ބޭރުގެ މާހިރުންނާއެކު އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އެ ހަމަލާއާ ގުޅިގެން ފުލުހުން އަންނަނީ ހަރުކަށި ފިކުރަށް ތާއީދުކުރާ ފަރާތްތަކާއި ދެކޮޅަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އޮޕަރޭޝަންތައް ވެސް ހިންގަމުންނެވެ. އަދި ޓެރަރިޒަމަށް ހިތްވަރު ލިބޭ ފަދަ ވާހަކަތައް ދައްކާ ފަރާތްތައް ވެސް އަންނަނީ ހައްޔަރުކުރަމުންނެވެ.

