ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހިދަށް، ފަތުހުﷲ އަރިހުން އެއްވެސް ކަމެއް ދަސްނުވީތަ؟

ކުރީގެ ޚާރިޖީ ވަޒީރު ފަތުހުﷲ ޖަމީލާއި މިހާރުގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ މިނިވަންވެ، ބައިނަލްއަޤުވާމީ މައިދާނުގައި ދިވެހި ދިދަ ވިހުރެވެން ފެށި ދުވަސްވަރަކީ ބާރުގަދަ ގައުމުތަކުގެ ބާރު ބައިނަލްއަޤުވާމީ ދުނިޔޭގައި މާގަދަ ދުވަސްވަރެކެވެ. ކުދިކުދި ގައުމުތަކަށް މާބޮޑު އާރަކާއި ބާރެއް ނެތްއިރު އެގައުމުތަކުގެ ބަހެއް ބައިނަލްއަގުވާމީ ދުނިޔޭގައި އަހާނެ ގައުމެއް ވެސް ނެތެވެ. ނަމަވެސް ކުދިކުދި ގައުމުތައް ”ތޮށިގަނޑު ފަޅާލާފައި“ ނިކުތުމުގައި މިއޮތް ކުޑަކުޑަ ދިވެހިރާއްޖޭގެ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްޤައްޔޫމްގެ ހާރިޖީ ސިޔާސަތާއި އެސިޔާސަތު ތަންފީޒު ކުރެއްވުމުގައި 27 އަހަރު މެދުކެނޑުމެއްނެތި މަސައްކަތް ކުރެއްވި ފަތުހުﷲ ޖަމީލްގެ މަސައްކަތްތައް ދިވެހި ތާރީޚުންނާއި ބައިނަލްއަޤުވާމީ ތާރީޚުން އެއޮތީ ފެންނާށެވެ. އދ.ގެ އާކައިވްގައި އެހުރީ ރައްކާ ކުރެވިފައެވެ.

މައުމޫންގެ ރޭވުންތެރިކަމާއި ފަތުހުﷲގެ މަސައްކަތުން ދިވެހިންނަކީ ވެސް ބައިނަލްއަގުވާމީ ސްޓޭޖްތަކުގައި ބަސް ވިކޭ ގައުމަކަށް ވިއެވެ. ވަކި ގައުމަކަށް ބަރޯސާ ނުވާ ހުރިހާ ގައުމެއްގެ އެކުވެރިޔަކަށް ވިއެވެ. އެއްވެސް ގައުމަކަށް ފުސް މޫނު ނުދައްކާ، ހުރިހާ ގައުމަކާއި ހިނިތުންވުމަކާއިއެކު މަރުހަބާ ކިޔާ ގައުމަކަށް ވިއެވެ.

ނަމަވެސް ރާއްޖޭގެ ވެރިކަންތައް ވެސް ފުރޮޅު، ހާރިޖީ ސިޔާސަތު ވެސް ހުޅަނގުން އިރުމައްޗަށް، އިރުމަތިން، އުތުރަށް ބަދަލުވެ ހާރިޖީ ސިޔާސަތަކީ އަބަދުވެސް ބާރުގަދަ ގައުމަކާއި ދެކޮޅުވުންކަން އިހްސާސް ކުރެވޭ ދަރަޖައަށް ކަންކަން މިހާރު ހިނގައްޖެއެވެ.

ބުރާސްފަތި ދުވަހަކީ ރާއްޖޭގެ ހާރިޖީ ހަޔާތުގައި ފާހަގަ ކުރެވޭނެ ދުވަހެކެވެ. ފޮރިން މިނިސްޓްރީގެ ރީތި އިމާރާތް ކުރީގެ ފޮރިން މިނިސްޓަރ ފަތުހުﷲ އަށް ހާއްސަކޮށް ހުޅުވި ދުވަހެވެ. ނަމަވެސް އެރަސްމިއްޔާތުން ފާހަގަ ކުރެވުނު އެންމެ ބޮޑު އުނިކަމަކީ ފޮރިން މިނިސްޓްރީގެ އިމާރާތް ބިނާކޮށްދެއްވި، އަދި އެއިމާރާތް އެންމެ ފަހުން މަރާމާތު ކޮށްދެއްވި ޗައިނާގެ ނަން ވެސް ފޮރިން މިނިސްޓަރު ޝާހިދު ވިދާޅުނުވެ ރަސްމިއްޔާތު ނިންމަވާ ލެއްވުމެވެ.

ޝާހިދަކީ އިންޑިއާގެ ”ގާތް އެކުވެރިއެކެވެ.“ އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ވެސް ބައިވެރިވެ ވަޑައިގެންނެވި ރަސްމިއްޔާތުގައި ޝާހިދު ޗައިނާގެ ނަން ޝުކުރުވެރިކަމާއިއެކު ފާހަގަ ނުކުރެއްވީ ސަންޖޭ ސުދީރު ހިތްޕުޅާނުވެދާނެތީ ހެއްޔެވެ؟ އިންޑިއާގެ ވަރަށް ބޮޑު އެހީއަކާއިއެކު ޝާހިދަށް އދ.އާއްމު މަޖިލީހުގެ ރައީސް ކަން ކާމިޔާބު ކުރެވުމުގެ ޝަރުތަކީ ޗައިނާ އަށް ހެޔޮ ބަހެއް ބުނުން ވެސް މަނާވުން ހެއްޔެވެ؟

ރަސްމިއްޔާތުގައި ޝާހިދު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ދާއިރާގެ ގަދަރު ހޯއްދަވައި ދެއްވީ ފަތުހުﷲ ކަމަށެވެ. ރާއްޖޭގެ ހާރިޖީ ދާއިރާގެ އަސާސްތައް ބިނާވެ އަދި މިއަދާއި ހަމައަށްވެސް ކުރިއަށް ދަނީ ފަތުހުﷲ އެޅުއްވި ބިންގަލުގެ މަތީގައި ކަމަށެވެ.

އެހެންކަމަށް ވާނަމަ 1989 ވަނަ އަހަރު އދ.އާއްމު މަޖިލީހުގައި ވާހަކަ ދައްކަވަމުން ފަތުހުﷲ ދެއްކެވި ވާހަކަފުޅު ޝާހިދުގެ ހަނދާނުގައި ނެތީ ހެއްޔެވެ؟ ބޮޑެތި ގައުމުތަކުން ކުދި ގައުމުތަކުގެ މައްޗަށް ނުފޫޒާއި ބާރު ފޯރުވުމާއި ފަތުހުﷲ ދެކޮޅު ހެއްދެވި މިންވަރު ޝާހިދުގެ ހަނދާނުގައި ނެތީ ހެއްޔެވެ؟

1989 ވަނަ އަހަރު ފަތުހުﷲ އދ.ގެ ސަމާލުކަމަށް ގެންނެވި މައްސަލަ އަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރ 03 ވަނަ ދުވަހު ރާއްޖެ އަށް ދިން ހަމަލާ އިން ރާއްޖެ ސަލާމަތް ކޮށްދިނުމަށް އައި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުން ލަސްވާތީ އެމައްސަލައެވެ. ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން ވަރަށް އަދަބުވެރިކަމާއިއެކު ބައިނަލްއަގުވާމީ އުސޫލުތަކާއި އެއްގޮތައް ފަތުހުﷲ ކުރެއްވި މަސައްކަތަކީ މިއަދުވެސް ރާއްޖޭގެ ހާރިޖީ ވަޒީރު އިބްރަތް ހާސިލް ކުރަން ޖެހިފައިވާ މަސައްކަތެކެވެ.

ރަސްމިއްޔާތުގައި ރައީސް ސޯލިހު ދެއްކެވި ވާހަކަފުޅުގައި ޗައިނާއިން 2005 ވަނަ އަހަރު ފޮރިން މިނިސްޓްރީގެ އޮފީސް އިމާރާތް ހިލޭ އަޅައިދިން ކަމާއި، 2019 ވަނަ އަހަރު އެތަން ޗައިނާ އިން މަރާމާތުކޮށްދިންކަން ފާހަގަކުރެއްވިއެވެ. ޗައިނާއަށާއި ޗައިނާގެ ރައީސަށް، ރައީސް ސޯލިހު ޝުކުރު އަދާކުރެއްވިއެވެ. އަދި ދާދި ފަހަކާ ޖެހެންދެން ރާއްޖޭގައި ހުންނެވި ޗައިނާ ސަފީރު މި މަސައްކަތުގައި ކޮށްދެއްވި ހިދުމަތަށްވެސް ރައީސް ސޯލިހު ޝުކުރު އަދާކުރެއްވިއެވެ. ނަމަވެސް ޚާރިޖީ ވަޒީރު ޝާހިދުގެ ވާހަކަފުޅުގައި، ގަސްތުގައި، ޗައިނާގެ ނަން ނުގެންނެވުމުން ރަސްމިއްޔާތުން އުނިވިބައި ރައީސްގެ ވާހަކަފުޅުން ފުލެއް ނުބެދެއެވެ.

ސިޔާސީ މަސައްކަތަކީ ހުތުރު މަސައްކަތެކެވެ. ނަމަވެސް ދެގައުމެއްގެ ދެމެދުގައި އޮންނަ ޑިޕްލޮމެޓިކް ގުޅުމަށް ސިޔާސީ މަސައްކަތުގެ ހުތުރު ކަންކަން ވަދެ، ހަފުސް ވެގެން ނުވާނެއެވެ. ކޮންމެ ގައުމަކާއިއެކު ވެސް އަތާއި އަތްޖޯޑުކޮށް ސަލާމް ކޮށްލެވެން ވާނެއެވެ. ކޮންމެ ގައުމެއްގެ އެހީއަށް މަރުހަބާ އާއި ޝުކުރު އަދާކުރެވެން ވާނެއެވެ. ބަވަނަ ވެފައި މިއޮތް ދުނިޔޭގައި އެއްގައުމު ދޫކޮށްލުމަށް ފަހު އަނެއް ގައުމުގެ އަތުގައި ހިފައިގެން ހުރިހާ ކަމެއް ހާސިލެއް ނުކުރެވޭނެއެވެ. މާދުރު ދެގައުމެއްގެ ދެމެދުގައި އޮތް މައްސަލައެއްގެ ތެރެއަށް ރާއްޖެ އިން ވަދެ، ވަކި ގައުމެއްގެ ކޮޅު ނަގާކަށް ނުޖެހެއެވެ. އެހެން އެކަން ކޮށްދިނަމަ އެކަމުގެ ގެއްލުން ލިބޭނީ ދިވެހިރާއްޖެ އަށެވެ. ދިވެހި ރައްޔިތުންނަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 67%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 33%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޝާަހިދަކީ އަމިއްލައެދުން ފޯވެފައި ހުރިމީހެއް.އިންޑިއާ ގެ ޕަޕެޓެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: