ޕާކިންއާ ގުޅިގެން ޖޫރިމަނާ ކުރެވެން ވާނީ އެކަށީގެންވާ ވަރަަށް ޕާކުކުރާނެ ޖާގަ ފަހިކޮށް ދިނުމަށް ފަހު ކަމަަށް މާލެސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
މުއިއްޒު މިހެން ވިދާޅުވީ ގަވާއިދާ ޚިލާފަށް ޕާކުކުރާ ނަމަ ލައިސަންސުން ޕޮއިންޓް އުނިކޮށް އަދި ލައިސަންސް ބާތިލް ކުރެވޭ ގޮތަށް ޓްރާންސްޕޯޓް މިނިސްޓްރީން ހަމަޖެއްސުމާ ގުޅިގެންނެވެ.
އެގޮތުން މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލެ ސިޓީ ކައުންސިލުން މާލޭގައި ޕާކިންއަށް ފަށާފައިވާ މަސައްކަތުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާ އެއްކޮށް ނަތީޖާ ނެރުމުގެ ފުުރުސަތު ދެވެން ވާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަަށެވެ.
އަދި ވެހިކަލް އެތެރެ ކުރެވޭވަރު ކޮންޓްރޯލް ކުރުމަށްޓަކައި ބޭނުންވާ މައުލޫމާތުތައް ފޮނުވައި ދިނުމަށް ޓްރާސްޕޯޓް މިނިސްޓްރީގައި އެދިފައިވާ ކަމަށެވެ. އެ މައުލޫމާތު ލިބުނުހާ އަވަހަކަށް މާލެއަށް ވެހިކަލް އެތެރެ ކުރެވޭނެ ވަރާއި ވެހިކަލްތަކުގެ އުމުރު ކަނޑައެޅޭނެ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.
ޓްރާންސްޕޯޓް އޮތޯރިޓީން އިއްޔެ އާންމުކޮށް އަމަލު ކުރަން ފެށި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ދޫކުރުމުގެ އާ ގަވާއިދު ބުނާގޮތުން ކޮންމެ ލައިސަންސެއްގައި 100 ޕޮއިންޓް ހިމެނޭނެ އެވެ. ގަވާއިދާ ޚިލާފްވާ ކޮންމެ ފަހަރަކު ލައިސަންސުން ޕޮއިންޓް އުނި ކުރެވޭނެ ކަމަށާއި އެގޮތުން ގަވާއިދާ ޚިލާފަށް ޕާކްކޮށްގެން ޖޫރިމަނާ ކުރާ ކޮންމެ ފަހަރަކު ފަސް ޕޮއިންޓް އުނި ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
އެއްކޮޅަށް ދުއްވަން ކަނޑައަޅާފައިވާ މަގުތަކުގައި އިދިކޮޅަށް ދުއްވުމާއި ޓްރެފިކް ލައިޓާ ޚިލާފަށް ދެ ފަހަރަށް ވުރެ އިތުރަށް ދުއްވައިފި ނަމަ، ކޮންމެ ފަހަރަކު 10 ޕޮއިންޓް އުނި ކުރެވޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އެ ނޫން ކަންކަމުގައި ވެސް، ދެ ފަހަރަށް ވުރެ އިތުރަށް އެކަން ތަކުރާރު ކޮށްފި ނަމަ 10 ޕޮއިންޓް އުނި ކުރާނެ އެވެ.
އާ ގަވާއިދުގައިވާ ގޮތުން ލައިސަންސުން ޕޮއިންޓް ހުސްވުމުން އެ ލައިސަންސެއް އޮޓަމެޓިކުން ބާތިލްވާނެ އެވެ. އެގޮތަށް ލައިސަންސް ބާތިލްވެއްޖެ ނަމަ، އެ މީހަކަށް އާ ލައިސަންސެއް ލިބޭނީ 180 ދުވަސް ފަހުން ކަމަށާއި އާ ލައިސަންސް ލިބޭނީ އަލަށް ލައިސަންސް ނަގާ އުސޫލުން އިމްތިހާންތައް ފުރިހަމަ ކުރުމުން ކަމަށް ވެސް ގަވާއިދުގައިވެ އެވެ.
One Response
މިހާރު ރައިއްޔަތުން ގުބޯހަެއްދަނީ