ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ހިތުހުރި ގޮތެއް ހެދުމަށްފަހު، ހަމަ ނޭވާއެއް ނުލެވޭނެ: ސެމްބެ

ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) ޕީޕީއެމްގެ ޖަލްސާއެއްގައި
ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަސަލަތައް ބެލުމަށް މި ސަރުކާރުން އުފައްދާފައިވާ މަރު ކޮމިޝަނުން މީގެ ކުރިން ހިއްސާކުރި މައުލޫމާތުތަކަށް ބަލާއިރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކޮމިޝަނަށް ހާޒިރު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު (ސެމްބެ) ވިދާޅުވެއްޖެ އެވެ.

މާދަމާގެ މެންދުރު 14:00 އަށް ރައީސް ޔާމީން މަރު ކޮމިޝަނަށް ހާޒިރު ކުރަނީ، ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ މައްސަލައިގަ އެވެ. ރައީސް ޔާމީނަށް ތުހުމަތު ކުރަނީ، ރިޟްވާންގެ މައްސަލަ ބަލައި ތަހުގީގު ކުރުމުގައި އެމަނިކުފާނު ހުރަސް އެޅުއްވި ކަމަށެވެ.

ހުސެއިން ވިދާޅުވީ ފުލުފުލުގައި ރައީސް ޔާމީންގެ ޝަރީއަތްތައް ކުރިޔަށް ގެންދިޔަސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިތުރުވާނެ އެއްވެސް ތާއީދެއް ނޯންނާނެ ކަމަށެވެ. އަދި ސަރުކާރުން ވެރިކަމަށް އައުމަށް އެކުލަވާލި މެނިފެސްޓޯގެ މަތީން ވެސް ހަނދާން ނެތި، ކޯލިޝަން އެކީ ތިއްބަސް ދެން އިތުރަށް ލިބޭނެ ވެރިކަމެއް ވެސް ނެތް ކަމަށެވެ.

ގެއްލުވާލާފައިވާ ނޫސްވެރިޔާ ރިޟްވާންގެ މައްސަލަ ތަހުގީގު ކުރުމުގައި ރައީސް ޔާމީން ނުފޫޒު ފޯރުވިކަމަށް ތުހުމަތުކޮށް އެމަނިކުފާނު މަރު ކޮމިޝަނަށް ހާޒިރުވާން އެންގުމުން އިދިކޮޅުގެ ލީޑަރުން ވެސް ފާޑުވިދާޅުވެ ވާހަކަ ދެއްކެވި އެވެ. ހުސެއިން ވިދާޅުވީ، ރައީސް ޔާމީނަށް ހިތުހުރި ގޮތެއް ހެދުމަށްފަހު، އޭގެ ފަހުން ސަރުކާރަށް ހަމަނޭވާއެއް ލެވޭނެކަމަށް ހީވާނަމަ އެއީ ކުށް ހީއެއް ކަމަށެވެ. އޭނާ ވިދާޅުވީ ގައުމަށް ހަމަޖެހުމެއް އޮތީ، ގާނޫނީ އިމުގެ ތެރެއިން މި ސަރުކާރު ބޭރުކޮށްގެން ކަމަށެވެ.

މީގެ އިތުރުން ހުސެއިން ވިދާޅުވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް ހުންނެވި، ހުސްނުއް ސުއޫދު މަރު ކޮމިޝަންގެެ ރައީސަކަށް ހުންނަވައި މީޑިއާތަކާއި ހިއްސާ ކުރެއްވި މައުލޫމާތުތަކަށް ބަލާއިރު ރައީސް ޔާމީން ކޮމިޝަނަށް ހާޒިރު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. ކުއްލިއަކަށް ރައީސް ޔާމީން އެ ކޮމިޝަނަށް ހާޒިރުވާން އެންގުމުން ވެސް އެނގިގެން ދަނީ، މި ސަރުކާރުގެ ނާގާބިލު މިންވަރާއި މުވައްސަސާތަކަށް ނުފޫޒު ފޯރުވާފައިވާ މިމްވަރުކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރައީސް ޔާމީނަށް ދޭ ކޮންމެ އަނިޔާއެއް އެއީ، މުޅި ގައުމަށް ވެސް ދޭ އަނިޔާއެއްގެ ގޮތުގައި ފާހަގަކޮށް ހުސެއިން ވިދާޅުވީ ގައުމުގައި ސުލްހަ މަސަލަސްކަން ގާއިމް ކުރުމަށް ކޯލިޝަން ޕާޓީތަކުގެ ލީޑަރުން ބޭނުންވާނަމަ އަނިޔާވެރިކަން ހުއްޓާލަން ގޮވާލާ ކަމަށެވެ.

މައްސަލައިގައި މިހާތަނަށް މަރު ކޮމިޝަނުން ވެސް މީޑިއާތަކާއި މައުލޫމާތެއް ހިއްސާކޮށްފައި ނުވާއިރު، މީގެ އަހަރުތަކެއް ކުރިން އަލްޖަޒީރާއިން ނެރުނު “ސްޓީލިން ޕެރަޑައިސް” ޑޮކިއުމަންޓްރީގައި އޭރުގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް މެސެޖެއް ފޮނުވައި ރިޟްވާންގެ މައްސަލައިގައި މާ ބޮޑަށް ޖަޒުބާތުގައި ޖެހިވަޑައިނުގަތުމަށް ވިދާޅުވިކަމަށް ބުނެފައި ވެއެވެ. އެހެން ނަމަވެސް އެ ވާހަކަތައް އުމަރު ދޮގު ކުރައްވަ އެވެ.

މީގެ އިތުރުން ރައީސް ޔާމީން ވަނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅުތަކުގެ ތެރެއިން، މަޑަވެލީގައި ބޭއްވި ޖަލްސާއެއްގައި ރިޟްވާން މަރުވެފައިވާކަމަށް ވިދާޅުވެފަ އެވެ. އޭގެ ފަހުން އެ ދަތުރުގެ ތެރެއިން ގދ. ފަރެސްމާތޮޑާއަށް ވަޑައިގެން ރައީސް ޔާމީން ވަނީ މީޑިއާތަކުން އެމަނިކުފާނު ދެއްކެވި ވާހަކަ އޮޅުވާލާފައިވާކަމަށް ވިދާޅުވެފަ އެވެ. އަދި އުންމީދަކީ ރިޟްވާން ސަލާމަތުން ހުއްޓައި ފެނުންކަމަށް ވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: