ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިޟްވާންގެ މައްސަލައިގެ ތަހުގީގު ކުރިޔަށް ނުދާތީ އާއިލާގެ ކަންބޮޑުވުން!

ގެއްލުވާލާފައިވާ މިނިވަން ނޫސްވެރިޔާ އަހުމަދު ރިޟްވާން
ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ރަހީނުކޮށް ވަގަށް ނަގައިގެން ގޮސް މަރާލުމުގައި ބައިވެރިވި މީހުންގެ މައްސަލައާއި، އެ އަމަލުގައި ބައިވެރިވި މީހުން ފިލުވަން އެހީވި މީހުންގެ މައްސަލަތައް ތަހުގީގުކޮށް ނިންމޭނެ ތާރީޚެއް ދިނުމަށް އާއިލާއިން ގޮވާލައިފި އެވެ.

ރިޟްވާން ގެއްލުވާލި ހާދިސާއަށް މިއަދަށް ހަތް އަހަރުވީއިރު އާއިލާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް އައުމަށް ވީ އެންމެ ބޮޑު ވައުދަށް އިންސާފު ލިބިފައި ނުވުމެވެ. އާއިލާއިން ދެކޭ ގޮތުގައި މައްސަލައިގައި ތުހުމަތު ކުރެވޭ މީހުންތައް ކޯޓު މަރުހަލާގެ ތެރެއިން ދޫވެގެންދާން ޖެހުނީ، ކޯޓަށް ހެކި ހުށަހެޅުމުގައި ދައުލަތުން ވެފައިވާ އިހުމާލުތަކާއި އެކަށީގެންވާ ގޮތެއްގައި ތަހުގީގު ފުރިހަމަ ނުކުރެވިގެންނެވެ.

އޭގެ އިތުރުން، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ގެއްލުވާލާފައިވާ މީހުންނަށް ގޮތް ނޭނގޭ މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން މިހާތަނަށް އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރުމަށް ފޮނުވާފައިނުވާތީ އެކަމުގެ ކަންބޮޑުވުން ވެސް އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ގެއްލުވާލާފައިވާ މީހުންނާއި، މަރާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް އުފެއްދި ކޮމިޝަނުން ރިޟްވާނު ގެއްލުވާލި ހާދިސާއާއި، ރިޟްވާންގެ މަރު ތަހުގީގު ކުރުމަށް ފަހު ވެރިކަމުގެ ފުރަތަމަ 100 ދުވަހު ހާމަކުރާނެކަމަށް ރައިސް ވަނީ ވައުދުވެފަ އެވެ. ސަރުކާރުން ކޮމިޝަން އުފައްދަވާފައި ވަނީ މިފަދަ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ކަމާއި ބެހޭ މުވައްސަސާތަކަށް ތަހުގީގު ނުކުރެވޭކަމަށް ގަބޫލު ކުރެވޭތީ އެވެ. ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސްއަށް ލިބިދޭ އިހްތިޔާރުގެ ދަށުން، ރައީސްގެ ގަރާރަކުން ރައީސް މި ކޮމިޝަން އުފެއްދެވީ، 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018 ގެ ނިޔަލަށް ހިނގާފައިވާ މަރުތަކުގެ ހަގީގަތް ހޯދުމަށެވެ.

ރިޟްވާންގެ މައްސަލައިގައި 2019 ވަނަ އަހަރު މަރު ކޮމިޝަނުން ރިޕޯޓެއް އާއްމު ކުރުން ފިޔަވައި ލިބުނު އިތުރު ކުރިއެރުމެއް ނެތެވެ. އެ އަހަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކޮމިޝަންގެ ރައީސަކަށް ހުންނެވި ހުސްނުއް ސުއޫދު ވިދާޅުވީ ރިޟްވާން ވަގަށް ނަގައި މަރާލާފައިވާ ކަމަށެވެ. އަދި އެ ހާދިސާ ހިނގުމަށް މެދުވެރިވީ ދީނީ މިނިވަންކަމާއި އެހެން ވެސް އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބަޔަކާއި ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައިވާ ފިކުރު ގެންގުޅޭ ބައެއްގެ ދެމެދުގައި 2010 އަދި 2011 ގައި އުފެދުނު ހިޔާލު ތަފާތުވުންތަކެއްގެ ސަބަބުން ކަމަށް ބުންޏެވެ.

މައްސަލައިގެ ތަހުގީގަށް އެންމެ މުހިންމު އެއް ހެއްކެއްގެ ގޮތުގައި ކޮމިޝަނުން މިއަދާއި ހަމައަށް ވެސް ފާހަގަކުރަމުން އަންނަނީ ރިޟްވާން ރަހީނުކޮށް ގަދަކަމުން ކާރަ އެރުވުމުގެ ތެރޭގައި ގެންގުޅުނު ވަޅި އެވެ. އަދި ދާފިފަހުން ވެސް އެ ވަޅިއާއި ބެހޭ މައުލޫމާތު އެނގޭ ފަރާތެއް ވާނަމަ ފައިސާގެ އިނާމަކަށް އެކަން ހިއްސާކޮށްދޭން އެދި ކޮމިޝަނުން ހުޅުވާލި އެވެ.

ސަރުކާރު އުފެދިގެން ތިން އަހަރާއި ގާތްވެފައިވާއިރު، މިއަދު ސޯސިއޭޝަން ފޯ ޑިމޮކްރަސީ އިން ދަ މޯލްޑިވްސް އާއި ރިލްވާން އެންޑް ޔާމީން ފައުންޑޭޝަން އަދި ރިލްވާންގެ އާއިލާގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައިގެ ތަހުގީގު ކުރިޔަށް ގެންދިއުމުގައި އިހުމާލުވީ މީހުންނާއި، ހެކި ކޯޓަށް ހުށަހެޅުމުގައި އިހުމާލުވީ މީހުންގެ މައްސަލަތައް ބެލިފައި ނުވާ ކަމަށެވެ.

ބަޔާނުގައި ވަނީ ރިޟްވާން ގެއްލުވާލީ ނޫންކަން ދައްކަން އުޅުނު މީހުންނާއި، ގާތިލުންނަށް ފިލުވަން އެކި ގޮތް ގޮތުން އެހީވި ކަމަށް ބެލެވޭޭ ދައުލަތުގެ ވަޒީފާތަކުގައި މިހާރު އަދި ކުރިން ވެސް ތިބި މީހުންގެ މައްޗަށް ތަހުގީގުކޮށް ދައުވާ އުފުލައި އަދަބު ދޭން ގޮވާލާފަ އެވެ. އޭގެ އިތުރުން ވެސް ފަސް ކަމަކަށް ބަޔާނުގައި ގޮވާލާފައި ވެއެވެ.

އޭގެ ތެރޭގައި ހިމެނެނީ:

  1. ރިލްވާން ގެއްލުވާލި މައްސަލައިގެ ތަހުގީގު ނިންމާނެ ވަކި ތާރީހެއް ކަނޑައެޅުން.
  2. ރިލްވާން ވަގަށް ނެގުމުގެ މައްސަލަ އިސްތިއުނާފުކުރުމުގައި، މަރުކޮމިޝަނާއި ފުލުހުންގެ އިދާރާ އާއި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގެ އިތުރުން އެހެނިހެން އިދާރާތަކުގެ މެދުގައި ހުރި ގޮންޖެހުންތައް ދެނެގަނެ އެމައްސަލަތައް ހައްލުކުރުން.
  3. ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުން ކުރަމުންދާ މަސައްކަތަށް ހުރަސް އަޅާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުން.
  4. ރިލްވާން ގެއްލުވާލި މައްސަލަ ފޮރުވުމަށާއި އެކަމުގައި އޭނާ ވަގަށް ނެގުމުގައި ބައިވެރިވި ކުށްވެރިން ފިލުވުމަށް އެކި ގޮތްގޮތުން އެހީވިކަމަށް ބެލެވޭ މިހާރު އަދި މީގެ ކުރީގައި ދައުލަތުގެ ވަޒީފާތަކުގައި ތިބި މީހުންގެ މައްޗަށް ތަހުގީގު ހިންގައި ދައުވާ ކުރުން.
  5. ރިލްވާން ގެއްލުވާލުމުގެ މައްސަލަ ރޭވުމުގެ އަޑީގައި ތިބި މީހުންނާއި އެކަމަށް ފައިސާ ހަރަދު ކުރި މީހުންގެ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުން.

މަރު ކޮމިޝަނަށް އެކަށީގެންވާ މަސައްކަތް ނުކުރެވެތީ ނުރުހުންފާޅުކޮށް، ސަރުކާރުގެ ބައެއް މެމްބަރުން ވަނީ ބޭކާރު ފައިސާތަކެއް ހަރަދު ކުރުމަށް ވުރެ ކޮމިޝަން އުވާލުން ރަނގަޅުކަމަށް ބުނެފަ އެވެ. އަދި އެކަމަށް އެންމެ ބޮޑަށް ތާއީދު ކުރައްވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދެވެ. އެމަނިކުފާނު ގަބޫލު ކުރާ ގޮތުން، ރިޔާސީ ކޮމިޝަންތަކަށް އެކަށީގެންވާ މަސައްކަތްތަކެއް ނުކުރެވެ އެވެ.

މަރުތައް ތަހުގީގު ކުރާ ކޮމިޝަނުން 2019 ގެ ސެޕްޓެމްބަރު މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބުނީ، ރިޟްވާން ރަހީނުކޮށް މަރާލީ ޓެރަރިސްޓު ޖަމާއަތެއްކަމަށްވާ އަލްގައިދާއާއި ގުޅުން އޮންނަ ބަޔަކު ކަމަށެވެ. އަދި އޭނާ މަރާލީ އެއީ މުރުތައްދެއް ކަމަށް ކަނޑައަޅައި އެ ޖަމާއަތް ތެރޭގައި ހުކުމްކުރުމަށް ފަހު ކަމަށް ވެސް ބުންޏެވެ. ކޮމިޝަނުން ބުނީ، ރިޟްވާން މަރާލި ވަގުތު، އޭނާ ދިޔައީ ޝަހާދަތުގެ ދެކަލިކަ ކިޔަމުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: