ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަރު ކޮމިޝަން: ދެއްކީ ސިޔާސީ ވާހަކަތަކެއް!

ރައީސް ސާލިހު އަދި މަރު ކޮމިޝަންގެ ރައީސް ފަރީޝާ: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ވެރިކަމުގައި ތިއްބެވި ފަރާތްތަކުން ދިވެހި ދައުލަތުގެ އަގު ވައްޓާލައިފިކަަމަށް ބުނެވިދާނެއެވެ. ދައްކަމުންދާ ވާހަކަތަކާއި، ވެރިކަން ކުރާ ޕާޓީގެ އިސް ސަފުގައި ތިއްބަވާ ބޭފުޅުންގެ އަހުން ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާއިރު އަމާޒުކުރަމުންދާ ބޮޑެތި ތުހުމަތުތަކުންވެސް ދިވެހި ދައުލަތުގެ މުއައްސަސާތަކާއިމެދު އިތުބާރު ކުރެވޭ މިންވަރު ދަނީ ކުޑަވަމުންނެވެ.

އެހެންނަމަވެސް ކުޅެމުންދާ ސިޔާސީ ފިލްމުތަކުގެ ތެރެއިން އަގުވައްޓާލައި އިތުބާރު ގެއްލުވާލުމުގެ ރަން ވަނަ ހާސިލުކޮއްފައިވަނީ މަރު ކޮމިޝަނުން އެންމެ ފަހުން ބޭއްވި ބައްދަލުވުމުގައި ކުރިއަށް ގެންދިޔަ ޑްރާމާއިންނެވެ. އެންމެ އިސް ވެރިޔާގެ މަގާމުގައި ހުންނަވި ބޭފުޅާ ދެއްކެވީ ވަރަށްވެސް އަޖައިބު ކުރުވަނިވި ވާހަކަތަކެކެވެ. ރައީސުލްޖުމުހޫރިއްޔާގެ މަގާމު އަދާކުރެއްވި ބޭފުޅެއްގެ މައްޗަށް ގިނަ ތުހުމަތުތަކެއް ކުރެއްވީ އެއްވެސް ހެއްކެއް ދެއްކުމެއް ނެތިއެވެ.

ވެރިކަން ހޯދުމަށް ބޭނުންކުރި މަރުތަކުގެ ސިޔާސީ ކާޑު އަނެއްކާ މި ފަހަރު ކުޅުނު ސަބަބެއް ސާފެއް ނޫނެވެ. އެހެންނަމަވެސް ދެއްކެވި ވާހަކަތަކުން މިހާރު ވެރިކަމުގައި ތިއްބެވި ބޭފުޅުންނަކީ “ތަފާތު ހިޔާލު” ތަކެއް ގެންގުޅުއްވާ ބޭފުޅުންތަކެއްކަން ސާފުވެއެވެ.

އާންމު ހާލަތެއްގައި ކޮމިޝަންތަކާއި މިނިވަން މުއައްސަސާތައް އެކުލަވާލެވެނީ، ކަންކަމުގައި ވަކި ފަރާތަކަށް ނުޖެހި މައްސަލަތައް ބަލައި ތަހުގީގު ކުރުމުގެ ނިޔަތުގައެވެ. އެހެން ނަމަވެސް ދެއްކި ވާހަކަތަކުގެ ތެރެއިން ފާހަގަކުރި ދެ ލޭބަލެއް ކަމަށްވާ “ހަރުކަށި ފިކުރު” އަދި “ތަފާތު ހިޔާލު” ގެ ސަބަބުން މަރުކޮމިޝަނުގެ ނަމުގައި ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވަކި ފަރާތަކަށް ޖެހިފައިވާކަމަށް ބުނުމުގެ ފުރުސަތު އެބައޮތެވެ.

ކޮންމެ ހިޔާލެއް ގެންގުޅު ނަމަވެސް އެ މީހަކު އަމަލު ކުރަމުންދާ ގޮތަކުން ހަރުކަށި މީހެއްގެ ގޮތުގައި ބެލެވިދާނެއެވެ. އެ ދަންނަވާ “ތަފާތު ހިޔާލު” ތަކުގެ މީހުންގެ ތެރޭގައިވެސް އެފަދަ ބަޔަކު ތިބުމަކީ އެކަށީގެންވާ ކަމެއްކަމަށްވާއިރު، ލިބަރަލް އެކްސްޓްރީމިޒަމްގެ ވާހަކަތައް ނުދެކެވި، ސިފަކުރި ގޮތުން “ހަރުކަށި” ވެވެނީ އިސްލާމް ދީނުގެ ކަންކަމުގައި އެކަންޏެވެ.

އެހެންނަމަވެސް ޔަގީނުންވެސް ކޮމިޝަންގައި ތިއްބެވި ބޭފުޅުންނަށް 2011 ވަނަ އަހަރު އާޓިފިޝަލް ބީޗުގައި ހިނގި ހަމަނުޖެހުންތަކުގެ ތެރޭގައި އެއްވި މީހުންގެ ތެރެއިން އެއްވެސް ބަޔަކުގެ ސިކުނޑިން ނުވިސްނޭނެކަން ކަށަވަރެވެ. އެހެންކަމުން ވަކި ބަޔަކު ކުރަނީ ހަރުކަށި ފިކުރުތަކެއް ކަމަށް ބުނެ، ވަކި ބަޔަކީ ތަފާތު ހިޔާލުތަކެއް ގެންގުޅެމުންދިޔަ ބައެއްގެ ގޮތުގައި ކަނޑައެޅުމަކީ ވަކި ފަރާތަކަށް ބުރަވުންކަމަށް ބުނެވިދާނެއެވެ.

ކޮންމެއަކަސް އެންމެ ފަހުން ބޭއްވި ބައްދަލުވުމުގެ މައިގަނޑު ފޯކަސްއަކީ ދިވެހިރާއްޖޭގައި ހިނގާފައިވާ ގޮތް ނޭނގޭ މަރުތަކަށް އިންސާފު ހޯދައިދިނުންކަމަކަށް ނުބެލެވެއެވެ. އެއްވެސް ޒާތެއްގެ އާ މައުލޫމާތެއް ދެވިފައިނުވާއިރު، މީގެ ކުރީގެ ބައްދަލުވުންތަކުގައި ނޫސްވެރިން އަމާޒުކުރި ސުވާލުތަކަށްވެސް ޖަވާބުތަކެއް ދެވިފައިނުވެއެވެ. ދެއްކީ ހަމަ އެންމެ ކުރީގައިވެސް ދެއްކި “ކޮންސްޕިރަސީ ތިއަރީތަކެއް” ފަދަ ވާހަކަތަކެކެވެ. ތަފާތު ކަމަކަށް ކުރެއްވީ ރައީސް ޔާމީނަށް ތުހުމަތުތަކެއް އަމާޒުކުރުމެވެ.

ބައްދަލުވުމުގައި ދެއްކި ވާހަކައެއް ދެއްކީ ރައީސް ޔާމީންގެ އަގު ވައްޓާލުމައްކަމަށް ގިނަ ބަޔަކު ދެކޭ އިރު، އެ ވާހަކަތަކުގެ ސަބަބުން މިހާރުގެ ސަރުކާރާއި އެކި މުއައްސަސާތަކުން ދެމުންދާ ހިދުމަތްތަކާއިމެދުވެސް އިތުބާރު ގެއްލިގޮސްފިއެވެ.

ރައީސް ޔާމީނާއި އާންމު ރައްޔިތަކު ބައްދަލުކުރެއްވި ވާހަކަތައް ފާހަގަކުރައްވާ، އެއީ ހިނގާފައިވާ މަރުތަކާއި ގުޅުން ހުރި ކަމެއްގެ ގޮތުގައި ސިފަކުރި އިރު، ހީވެގެންދިޔައީ އެތަނުގައި ގިނަ ބަޔަކު ޝާމިލުވެ އަޑު އަހަން ތިބި ހެންނެވެ. ދެއްކި ވާހަކަ ގަބޫލު ކުރަން ދައްޗެވެ.

ރާއްޖޭގައި މިހާތަނަށް ހިނގާފައިވާ އެންމެ ގޮތް ނޭނގޭ އަދި ސިއްރިއްޔާތުގައި ހިންގާފައިވާ މީހަކު މެރުމުގެ އަމަލު ކަމަށް ބުނާ މައްސަލައިގެ ތެރޭގައި ރައީސް ޔާމީން ޝާމިލުވާކަމަށް ސިފަކުރަން މަރު ކޮމިޝަނުން ބުނި ގޮތުގައި އެ އަމަލަށް ފަހު އެ ވާހަކަތައްވަނީ ރައީސް ޔާމީނާއި ހިއްސާކޮއްފައެވެ.

އެހެން ނަމަވެސް އެފަދަ ވާހަކައެއް ހިއްސާ ކުރާ ނަމަ، އެހެން މީހެއްގެ ހާޒިރުގައި ދައްކަފާނެކަމަށް ގަބޫލެއް ނުކެރެވެއެވެ. އާހިރުގައި އެހާ ސިއްރުގައި ކަމެއް ކުރުމަށްފަހު، ފަޅާ އަރާފާނެ ވަރުގެ މޮޔަ ކަމެއް އެއްވެސް ބަޔަކު ނުކުރާނެއެވެ. މިއީ އެންމެ އާދައިގެ ވިސްނުމަކުން ވިސްނިޔަސް އެނގެން އޮތް ކަމެކެވެ. އެހެން މީހެއްގެ ހާޒިރުގައި ވާހަކައެއް ދެއްކި ކަމަށް ބުނާ ނަމަ އެ ހާޒިރުވެ ހުރި މީހާއަށްވެސް ރައީސް ޔާމީންގެ މައްޗަށް ކުރެވޭ ތުހުމަތުތައް އަމާޒު ކުރެވެންވާނެއެވެ.

އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރުމުގެ ތެރެއިން މަރު ކޮމިޝަނުންވަނީ ޒުވާނުންނަށްވެސް ބޮޑެތި ތުހުމަތުތަކެއް ކޮއްފައެވެ. އެގޮތުން ރައީސް ޔާމީންވަނީ ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެންނާއި އެހެނިހެން ގޮތް ގޮތުން ޒުވާނުންނަށް އެހީވުމުގެ ނަމުގައި ގޭންގުތަކަކަށް ފަންޑުކޮއްފައިވާކަމަށް ކޮމިޝަންގެ ރައީސް ފާހަގަކުރެއެވެ.

ބުނާ ގޮތުން ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮއް ކްލަބް އަދި ޖަމިއްޔާ ތަކުގެ ގޮތުގައި ރެޖިސްޓާރކޮއްފައިވާ ތަންތަނުން ބޮޑެތި ކުށްތަކަށް އަރައިގަންނައިރު އެ ފަރާތްތަކަށް ފަންޑު ކުރިއެވެ. އެހެން ނަމަވެސް އެ ދަންނަވާ ގިނަ އަދަދެއްގެ ކްލަބް ތަކުގައި އުޅެމުންދާ އެންމެހާ ޒުވާނުންނަކީ އެފަދަ އަމަލުތަކެއް ހިންގާފައިވާ މީހުންކަމަށް ބުނުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.

މުއައްސަސާއެއްގެ ތެރޭގައި ތިބި ބަޔަކު ކޮރަޕްޝަންގެ އަމަލުތަކެއް ހިންގުމުން މުޅި މުއައްސަސާގައި މަސައްކަތްކުރާ އެންމެހާ މުވައްޒަފުން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގަމުންދާކަމަށް ބުނެ ސާބިތު ނުކުރެވޭނެ ފަދައިން ކްލަބެއްގައި އުޅެމުންދާ ބައެއް ފަރާތްތަކުން ކްލަބުން ބޭރުގައި ހިންގާ އަމަލަކާއި ކްލަބަކާއިވެސް ނުގުޅުވޭނެއެވެ. އެފަދަ ގޮތަކަށް ރާއްޖޭގެ ޒުވާނުން ސިފަކުރުމަކީ ޒުވާން ޖީލުތަކުގެ އަބުރު ކަތިލުންކަމަށް ބައެއް ފަރާތްތަކުން ސިފަކުރެއެވެ.

މަރުކޮމިޝަންގެ ވާހަކަތަކުން ސިފަވާ ގޮތުން ރައީސް ޔާމީން އާއި ބައްދަލު ކުރާ އާންމު ރައްޔިތަކު އެނާގެ ހަޔާތުގައި ކުރަމުންދާ ކަންކަމަކީވެސް އެމަނިކުފާނުގެ ބެލުމުގެ ދަށުން ހިންގާ ކަންކަމެވެ. އެހެން ނަމަ މިހާރުގެ ރައީސުލްޖުމުހޫރިއްޔާ އާއިވެސް ބައްދަލު ކުރާ މީހެއް ކޮއްފައިވާ ކަމެއްގެ ސަބަބުން އެމަނިކުފާނުގެ އިސްތަށިފުޅުގައިވެސް ހަމަ މިފަދަ ތުހުމުތުތައް އެޅުވުމުގެ ފުރުސަތު އޮވެއެވެ. ކޮންމެއަކަސް ކޮމިޝަނުގެ ރައީސްގެ މަގާމުގައި އިންވައިގެން ދެއްކެވީ ހަމަނުޖެހޭ ވާހަކަތަކެކެވެ.

މިހާރު ވެރިކަން ކުރަމުންދާ ފަރާތްތަކަށް ހަތަރު އަހަރުގެ ވެރިކަމެއްގައި ގިނަ އަދަދެއްގެ މަސައްކަތްތައްކެއް ކުރެވިފައިވާކަމަށް ބުނެވޭކަށް ނެތެވެ. ބަނދަރު ނާޅާ ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް ވެރިކަމުގެ މެއިން ފޯކަސްގެ ގޮތުގައި ފެނިގެންދިޔައީ ދެވަނަ ދައުރެއް ކަށަވަރު ކުރުމަށް ކުރަމުންދާ މަސައްކަތްތަކެވެ.

މިކަމުގެ ތެރެއިން އަމިއްލަ ޕާޓީގެ އެންމެ އިސް އެއް ޝަހުސިއްޔަތުކަމަށްވާ ރައީސް ނަޝީދުވެސް ހުންނެވީ ތަހުތާއި ދުރުގައި އެއް ކިބާ ކޮއްފައިކަމަށް ބުނެވިދާނެއެވެ. އެމަނިކުފާނާއި މެދު އަމަލުކުރަމުންދަނީ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް ޔާމީނާއިމެދުވެސް އަމަލު ކުރާ ފަދަ ގޮތަކަށެވެ. ދުޝްމިނެއް ފަދައިންނެވެ.

އެހެންކަމުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެންމެ ވަރުގަދަ ވާދަވެރިޔާގެ މަގާމުގައި ހުންނެވި ރައީސް ޔާމީންއަކީ މިހާރުގެ ވެރިނަންށް ދެވަނަ ދައުރެއް ހޯދުމަށް ހުރި އެންމެ ބޮޑު އެއް ހުރަސް ކަމަށްވުމުން އެ ފަދަ ނުރައްކާތެރިކަމެއް ނައްތާލެވެން އޮތް ހާލަތެއްގައި ނައްތާނުލާނެކަމަށް ބުނެވޭކަށް ނެތެވެ. ބޭނުންކުރެވެން އޮތް ކޮންމެ އުކުޅެއް ބޭނުންކޮއްގެން ނަމަވެސް ރިޔާސީ ރޭހުން ކަޓުވާލުމަކީ ކޮއްފާނެކަމެއް ކަމަށް އިދިކޮޅުންނާއި އާންމުންވެސް ފާހަގަކުރެއެވެ.

މިހާރުވެސް މަޝްރޫޢުތައް އޮތް ތާ ބާއްވާފައި ކުރަމުންދާ އެންމެ ބޮޑު އެއް މަސައްކަތަކީ އެމްއެމްޕީއާރްސީ ހިޔާނާތުގެ މައްސަލައިގައި ބާކީ ތިބި މީހުން ތިބި ތާނގައި ބައްޓާފައި ރައީސް ޔާމީން ޖަލަށްލުމަށް ކުރަމުންދާ މަސައްކަތްތަކެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. އެހެންކަމުން މަރު ކޮމިޝަނުން ކުރި ތުހުމަތުތަކުގެ ފަހަތުގައި އެއްވެސް ޒާތެއްގެ ހެއްކެއް އޮތް ނަމަ އެމަނިކުފާނާއި ދެކޮޅަށް މި މައްސަލަ ހުށައަޅައި ކުރިއަށް ގެންދާނެކަމަކީ ޔަގީންކަމެކެވެ.

މީގެ އިތުރުން މަރު ކޮމިޝަންގެ ކުރީގެ ރައީސް ހުސްނު ސުއޫދު ވަނީ ރައީސް ޔާމީންގެ މައްޗަށް އެއްވެސް ތުހުމަތެއް ނެތްކަމަށް ވިދާޅުވެފައިކަމަށްވުމުން ގިނަ އަދަދެއްގެ މީހުން ބުނަމުންދާގޮތުން، މިހާރު ކޮމިޝަންގެ ރާގު ބަދަލުވެ، ރައީސް ޔާމީންގެ މައްޗަށް ތުހުމަތުތައް އަމާޒު ކުރުމުގެ ފަހަތުގައިވަނީ ސިޔާސީ މަގުސަދެކެވެ. އެހެންކަމުން މަރު ކޮމިޝަންވެސް ސިޔާސީ ކަންކަމުގައި ބައިވެރިވަމުންދިއުމުން ކޮމިޝަންގެ މަސައްކަތްތަކުގެ ތެރޭގައި އެފަދަ ނުފޫޒުތަކެއް ވާކަމާއިމެދު ސުވާލު އުފެދި އެ ކޮމިޝަަންގެ މަސައްކަތްތަކުގެ މިނިވަންކަމާއިމެދުވެސް ސުވާލު އުފެދޭ ހިސާބަށް ގޮސްފިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 78%ވަރަށް ގަޔާވޭ 22%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ވަރަށް ހަމަ ނުޖެހޭ ވަކި އަތަކަށް ބުރަވެ ލިޔެފައިވާ ސިޔާސީ މަންފާ ހޯދުމުގެ ލިޔުމެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: